މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ތިންވަނަ ސީއީއޯ ފަރުހަތު ޝަހީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަރުހަތު އިސްތިއުފާ ދެއްވާފައި މިވަނީ، ދާދިފަހުން މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެ ކުންފުނިން އަގު ބޮޑުކުރީ ސަރުކާރަށް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މަސްދަޅުގެ އަގު ބޮޑުކުރި ދުވަހު މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށް ކުރީގެ އަގަށް އިއާދަކޮށްފައެވެ.
ފަރުހަތު މިފްކޯއާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އޭނާއާ މަގާމު ހަވާލުކުރެވުނީ އޭގެ ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ވިޓަލީ ލިއުބިމޯވް މަގާމުން ވަކިކުރުމަށް ފަހުގައެވެ.
މިފަހުން ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ މަގާމުން ވަކިކުރެވި ނުވަތަ އިސްތިއުފާ ދެއްވައިފައެވެ. އެގޮތުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އާރިފާއި މެނޭޖިންގ ޑިރެކްޓަރު ނަޖާހު ހިމެނޭހެން ހަ މީހަކު މަގާމުން ވަކިކޮށްފައިވެއެވެ. އަދި އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު