ކ. ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ކޮންކްރީޓް މަސައްކަތް އެމްޓީސީސީން ފަށައިފި

ކ. ހުރާގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ ކޮންކްރީޓް މަސައްކަތްތައް ފެށިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ސިއްހީ މަރުކަޒު އެޅުމަށް ބޭނުންވާ ސަރަހައްދު ކޮނެ މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 15،650 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާކުރާ ދެ ފަންގިފިލާގެ އިމާރާތެކެވެ. ކޮންމެ ފަންގިފިލާއެއްގައި 7،825 އަކަފޫޓު ހުންނައިރު، މި އިމާރާތް ނިމޭއިރު 16 އެނދުގެ ޖާގަ ހިމެނޭ ސިއްހީ މަރުކަޒަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ބިންގަނޑު އެއްވަރުކުރުމާއި ކޮންކްރީޓް ކުރުމާއި، ރޭނުމާއި ޓައިލްސް ޖެހުމާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމް ގާއިމުކުރުމާއި، އެއާ ކޮންޑިޝަން ކުރުމާއި އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ.

މި ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27.23 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ގާތްގަނޑަކަށް 1،380 މީހުންގެ އާބާދީއެއް އޮންނަ ހުރާގައި މި މަޝްރޫއު ނިމުމުން، ރައްޔިތުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިބްރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށް، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފި

ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފްގެ މަގާމު އަލުން އިޔާދަކޮށް، ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފިއެވެ.

މި ނިންމުންތައް ނިންމާފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމަކަށް ފަހުގައެވެ. އެ ބައްދަލުވުމަށް ފަހު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވީ އިބްރޭ އާއި މައުރޫފް މަގާމުން ވަކިކުރުމަށް ފޮނުއްވި ސިޓީ މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ޣަފޫރާ ދެކޮޅަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އިއުލާން ކުރައްވައިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ނިންމުންތަކަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީ ހިންގުމުގެ ކަންކަމުގައި ބައިވެރިކުރުމަށް މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވުމާ ގުޅިގެން ނިންމި ނިންމުންތަކެކެވެ.

މި މައްސަލަ ފެންމަތިވީ އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދެއްވި މައްސަލައިގައި ޕާޓީގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދުމުންނެވެ. އިބްރޭ މަގާމުން ވަކިކުރީ މިދިޔަ އަންގާރަ ދުވަހު ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެފައިވީ ނަމަވެސް، އިބްރޭ ވަނީ އެ ނިންމުން ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ ހިންގުމަށް ލަފާދޭ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައިފި

އެމްޑީޕީ ހިންގުމަށް ލަފާދިނުމަށް ޓަކައި ހާއްސަ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ހިމެނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

“ހަވާސާ” އަށް އެނގިފައިވާ ގޮތުގައި، މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި މި ނިންމުން ނިންމާފައިވަނީ ޕާޓީގެ ދާއިމީ ޗެއާޕާސަންއަކު އިންތިޚާބު ކުރެވެންދެން، މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ޕާޓީ ހިންގުމުގައި ލަފާ ދިނުމަށެވެ. މި ކޮމެޓީގައި ދެ ރައީސުންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ވަގުތީ ޗެއާޕާސަން މުހައްމަދު އަސްލަމް، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް އަދި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

މި ހުރިހާ ކަމެއް ނިންމާފައިވަނީ ވަގުތީ ޗެއާޕާސަން ގަފޫރު ހުށަހެޅުއްވި ގަރާރަކުންނެވެ. އެ ގަރާރަށް ތާއީދު ކުރެއްވީ އިބްރާހީމް ޝަރީފް (ފިއްޓެ) އެވެ. މިރޭގެ ބައްދަލުވުމަކީ ވަރަށް ކުރު ބައްދަލުވުމެކެވެ. އެއްވެސް ބަހުސަކާ ނުލައި ކުރިއަށްދިޔަ މި ޖަލްސާ ނިންމާލާފައިވަނީ 10 މިނެޓް ވެސް ނުވަނީސް ވޯޓަށް އެހުމަށްފަހުގައެވެ.

ބ.ތުޅާދޫ ހައުސިން ޔުނިޓްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބ.ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހިނގާ އޭޕްރިލްމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

މި ފުރުޞަތު އިތުރުކޮށްފައިވަނީ ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުންނެވެ. ހައުސިންގ ޔުނިޓްތަކަށް އެދި ހުށަހަޅަންޖެހޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޚާއްޞަކޮށްފައިވާ “ހިޔާވެހި ޕޯޓަލް” (https://hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.

ތުޅާދޫ ހައުސިންގ ޔުނިޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި މީގެ ކުރިން ދީފައިވަނީ މިއަދުގެ ނިޔަލަށެވެ. މައްސަލަބޮޑުވެފައިވާ ތުޅާދޫ ހައުސިން ޔުނިޓްތައް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ނަގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުސަތު އަލުން އިތުރުކޮށްފައި މިވަނީ މީގެ ކުރިން ކައުންސިލުން އެ ޔުނިޓްތައް ދޫކުރަން ހުޅުވާލައި ޔުނިޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުވެސް ނެރެ އެކަމާ ގުޅޭ މައްސަލައެއް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދަނިކޮށެވެ.

ޅާދޫގައި ތަރައްޤީކުރި ރޯހައުސްތަކަށް ރައްޔިތުންގެ ތެރެއިން 623 ހަށްވުރެ ގިނަ މީހުން ލާފައިވާއިރު، އެރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށަށް ނިސްބަތްވާ 100 އެއްހާމީހުން ފޯމް ލިއެވެ. މި ރޯހައުސްތައް ނިންމިތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އެތަންތަން އިމާރާތްކުރަން ފަށާފައިވަނީ، 2019 ވަނަ އަހަރެވެ. މި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓް ގުޅިގެން އުފެއްދި ކުންފުންޏަކުންނެވެ.  މަޝްރޫޢުގެ އަގަކީ 79.6 މިލިއަން ރުފިޔާއެވެ.

އެމްޑީޕީ ހިންގުން ފަސް ލީޑަރުންގެ ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން ހުށަހަޅަނީ

ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ އިދިކޮޅު އެމްޑީޕީގެ ހިންގުން، ޕާޓީގެ ފަސް ލީޑަރުން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، އެ ބައްދަލުވުމުގައި ޕާޓީ ހިންގާނެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނެގުމަށް ހުށަހަޅާނެއެވެ. “ހަވާސާ” އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. މީގެ އިތުރުން ކުރީގެ ރައީސުން ގައުމީ މަޖިލީހުގައި ހިމެނުމަށް ވެސް ހުށަހަޅާނެއެވެ. އެއީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނަޝީދަށް ދިނުމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީ ކާމިޔާބު ހޯދި ނަމަވެސް، އެ ކާމިޔާބީގެ ފަހަތުގައި ވަނީ ކޮން ލީޑަރެއް ކަމާ މެދު ޕާޓީ ތެރޭގައި ބަހުސް އުފެދުނެވެ. ކާމިޔާބީގެ އުފަލުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދޭ ކަމަށް ބުނެ މައްސަލަ ގޯސްވެ، ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. އެ ބޭފުޅުން ވަނީ ވަގުތީ ޗެއާޕާސަން ޣަފޫރު މަގާމުން ވަކިކުރަން ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.

ނަމަވެސް ރޭ ޞާލިޙް ވަނީ ޚިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވެސް ވަނީ މައްސަލަ ހައްލުވެފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައި، އެކަމުގައި ފައްޔާޒު ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުން ވަކިކުރި އަޙްމަދު މަޢުރޫފާއި ޗެއާޕާސަންގެ ނައިބު ކަމުން ވަކިކުރި އިބްރާހީމް ވަހީދު (އިބުރޭ)ގެ މަގާމުތައް އަލުން ދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއަދު އެންމެ ހޫނު ގަދައީ ގްރޭޓާ މާލެ ސަރަަހައްދަށް: މެޓް

މިއަދު އެންމެ ހޫނު ގަދައީ މާލެ ސަރަަހައްދަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ ފިނިހޫނު މިނާއި، އިހްސާސްކުރެވޭ ފިނި ހޫނުމިނުގެ މިއަދުގެ ތަފާސްހިސާބަށް ބަލާއިރު، މާލެ ސަރަހައްދުގެ އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ 38.2 ޑިގްރީ ސެލްސިއަސްގައެވެ. މާލެ ސަރަހައްދުގެ އިތުރުން އިހްސާސްކުރެވޭ ހޫނުމިން ދެން އެންމެ މައްޗަށް ގޮސްފައިވަނީ، ހދ ހަނިމާދޫ އާއި ލ.ކައްދޫއެވެ.

ހދ.ހަނިމާދޫގެ އިހްސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީގައި ހުރިއިރު ކައްދޫ ސަރަހައްދުގައި އިހްސާސްކުރެވޭ ހޫނުމިން ހުރީ 35.9 ގައެވެ.

މިއަދު އެންމެ ހޫނު ގަދައީ މާލެ ސަރަަހައްދަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ މިއަދުގެ މޫސުމާ ބެހޭ ރިޕޯޓްގެ ތެރެއިން

މެޓް އޮފީހުން ނެރެފައިވާ ފިނިހޫނު މިނާއި، އިހްސާސްކުރެވޭ ފިނި ހޫނުމިނުގެ މިއަދުގެ ތަފާސްހިސާބަށް ބަލާއިރު، މާލެ ސަރަހައްދުގެ އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ 38.2 ޑިގްރީ ސެލްސިއަސްގައެވެ. މާލެ ސަރަހައްދުގެ އިތުރުން އިހްސާސްކުރެވޭ ހޫނުމިން ދެން އެންމެ މައްޗަށް ގޮސްފައިވަނީ، ހދ ހަނިމާދޫ އާއި ލ.ކައްދޫއެވެ.

ހދ.ހަނިމާދޫގެ އިހްސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީގައި ހުރިއިރު ކައްދޫ ސަރަހައްދުގައި އިހްސާސްކުރެވޭ ހޫނުމިން ހުރީ 35.9 ގައެވެ.

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާ ގުޅޭ މީހުންގެ ބަންދު އިތުރުކޮށްފި

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ހޮސައިން 30، އާއި އެމްޑީ މެހެދި ހަސަން 34، އާއި އެމްޑީ ޝާ އަލަމް 39، އާއި ސާފިފް ހަސަން 38، އާއި ރަސަލް 20، އެވެ.

މިދިޔަ މާޗްމަހު ހައްޔަރުކުރި އެ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖެހިއެވެ.

ނަމަވެސް އެ 15 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމްޑީ ހޮސައިން ފިޔަވައި، ދެން ތިބި މީހުން އިއްޔެއިން ފެށިގެން އިތުރު 15 ދުވަހު ބަންދުގައި ބޭތިއްބުލަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިކަމުގައި އެންމެ އިސްކޮށް އުޅުނު އެމްޑީ ހޮސައިންގެ ބަންދު ވަނީ 30 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ރަހީނުކުރި މީހާ ސަލާމަތްކުރަން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށެވެ.

އެ މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.

ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން ނިއްވާލައިފި

ތިލަފުށީ ވެމްކޯ ސައިޓުގައި ރޭ ރޯވި އަލިފާން އެމްއެންޑީއެފް ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ޙަރަކާތްތެރިވެ މިއަދު ހެނދުނު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ ރޭ 03:43 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާއެކު މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓު  ލިބިފައެއް ނުވެއެވެ.

ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރުގައި ބާއްވަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ ރަސްމީކޮށް އިޢުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވާހަކަދައްކަވަމުންނެވެ. ޒާހިދު ވިދާޅުވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ ޢަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރު ކަމަށާއި، ހުރިހާ ކަމެއް ކުރިއަށް ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކުގައި ކަމަށެވެ.

“މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް، އާދެ މި މަހުގެ 18ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން،” އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޒާހިދު ވިދާޅުވީ މި އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވާ ކަމަށާއި، އެ ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭ ނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް ޒާހިދު ފާހަގަކުރެއްވިއެވެ.

ވަގު ވޯޓެއް ބާތިލުވެ، މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓެއް ބާތިލުކޮށް، ވޯޓުފޮށި އަލުން ގުނުމުން އެ ގޮނޑި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ޔަގީންވެއްޖެއެވެ.

މީދޫ ކައުންސިލް ރައީސްކަމަށް ވާދަކުރި ޕީއެންސީގެ ސުހާ އިބްރާހިމް އާއި އެމްޑީއޭގެ މުހައްމަދު ޝާހިދަށް ކުރިން ލިބުނީ އެއްވަރަށް 392 ވޯޓެވެ. ނަމަވެސް މީދޫ ދެ ނަންބަރު ވޯޓުފޮށީގައި ޕީއެންސީގެ ވޯޓެއް ކަމަށް ކުރިން ގުނި ވޯޓު ކަރުދާހެއްގައި ދެ ފަހަރު ރަނގަޅު ފާހަގަ ޖަހާފައިވާތީ އެ ވޯޓު ބާތިލުކުރިއެވެ. އެއާއެކު ނަތީޖާ އެއްވަރުވެ، ހުކުރު ދުވަހު އެ ފޮށި އަލުން ގުނިއިރު ސުހާއަށް ލިބުނު ވޯޓު 391 އަށް މަދުވެ، ޝާހިދު ވަނީ އެއް ވޯޓުގެ ތަފާތުން ކައުންސިލް ރައީސްގެ މަގާމު ހޯއްދަވައިފައެވެ.

ދ. މީދޫގެ ކައުންސިލްގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ. އެމްޑީޕީން ވަނީ ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. ގިނަ ކައުންސިލް ރައީސުންގެ ގޮނޑި އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީއަށެވެ. ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ސަރުކާރު ވަނީ ބަލިވެފައެވެ. ވޯޓު ދިން މީހުންގެ 68 ޕަސެންޓް ބުނީ ދެ އިންތިހާބު އެއްކުރަން ނުފެންނަ ކަމަށެވެ.

މިފްކޯއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިޔަން ރުފިޔާ ދޫކޮށްފި

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް މުޅި ޖުމްލަ 88.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ މުއްދަތުގައި ޖުމްލަ 5،186 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވެއެވެ. މަހުން މަހަށް ބަލާއިރު ޖެނުއަރީ މަހު 2،454 ޓަނު، ފެބްރުއަރީ މަހު 1،108 ޓަނު، އަދި މާރިޗު މަހު 1،625 ޓަނުގެ މަސް ކިރުވާފައިވެއެވެ.

ފައިސާ ދޫކުރި މިންވަރަށް ބަލާއިރު އެންމެ ގިނައިން ދޫކޮށްފައިވަނީ ޖެނުއަރީ މަހުއެވެ. އެ މަހު 40.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު ފެބްރުއަރީ މަހު 19 މިލިޔަން ރުފިޔާ އަދި މާރިޗު މަހު 29.3 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ކުރިން ހަމައެކަނި ކަޅުބިލަ މަހުގެ މަސްވެރިންނަށް ފައިސާ ދޫކުރި ނަމަވެސް މިހާރު ކަންނެލި ދޯނިފަހަރުތަކަށް ވެސް މިފްކޯއިން ފައިސާ ދޫކުރަން ފަށާފައިވެއެވެ.

މަރާމާތަށް ރަސްފަންނު ވަގުތީގޮތުން ބަންދުކޮށްފި

މަރާމާތުކުރުމުގެ މަސައްކަތައް ރަސްފަންނު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އިއްޔެއިން ފެށިގެން ރަސްފަންނު މަރާމާތުކުރުމަށް ބަންދުކޮށްފައިވާ ކަމަށެވެ.

އެގޮތުން މަރާމާތުގެ މަސައްކަތްތައް ހިނގާ މުއްދަތުގައި، އެ މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ، އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔައަހަރުގެ ފެބްރުއަރީމަހުގައެވެ.

ރަސްފަންނާއި ސަލްޓަންޕާކަކީ މާލޭގައި ދިރިއުޅޭފަރާތްތަކުން ހިތްހަމަޖައްސާލުމަށްޓަކައި ވަރަށް ގިނައިން ގޮސްއުޅޭ ސަރަހައްދުތަކެކެވެ.