މި ސަރުކާރަކީ ތާރީޚު ނުދެކޭފަދަ ނާގާބިލު ސަރުކާރެއް: ޕީޖީ ލީޑަރ ނާޒިލް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބުދެއްވަމުން، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މި ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފެނިފައިނުވާ ފަދަ ނާގާބިލު ސަރުކާރެއް ކަމަށް ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނާޒިލް ތުހުމަތުކުރެއްވި ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެގޮތުން އާސަންދައިގެ ޚިދުމަތުގެ ފެންވަރު ދަށަށް ގޮސް ރައްޔިތުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެފައިވާ ކަމަށާއި، ބޯހިޔާވަހިކަމުގެ ދާއިރާއަށް ކަނޑައެޅި 2.86 ބިލިއަންގެ ބަޖެޓަށް ވީނުވީއެއް ނޭނގި ހުސްވެފައިވާއިރު އެ ބަޖެޓުން ބޯހިޔާވަހިކަމެއް ލިބުނު ރައްޔިތަކު ފެންނަން ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ނާޒިލް ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތް މިންވަރަށް އުފުލެމުންދާ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ކުރީ ސަރުކާރުން ރައްކާކޮށްފައި ހުރި ރިޒާވް ހޭދަކޮށް ހުސްކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ބާއްވާ ކުލަގަދަ ރަސްމިއްޔާތުތަކަށް ކުރާ ބޮޑެތި ޚަރަދުތައް ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އިސްރާފު ބޮޑު ގޮތަކަށް ރަސްމިއްޔާތު ބާއްވާ ސަރުކާރު ކަމަށް ނާޒިލް ސިފަކުރެއްވިއެވެ.

ޚާރިޖީ ދާއިރާއާ ގުޅޭ ގޮތުން ނާޒިލް ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، ރާއްޖޭގެ އަގުވެއްޓި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުރުހުން އަމާޒުވަމުންދާ ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް ވެސް ވަކިކޮށްފި

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް މަގާމުން ވަކިކޮށްފިއެވެ.

އިތުރު ތަފުސީލް އަންނަނީ..

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރުގެ މަގާމުން އައިޝަތު ޝިހާމް ވަކިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ކަމުގެ މަގާމުން ޑރ. އައިޝަތު ޝިހާމް ވަކިކުރައްވައިފިއެވެ.

ތަފްސީލް އަންނަނީ…..

ދިފާއީ ވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

ދިފާއީ ވަޒީރު މުހައްމަދު ޣައްސަން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިތުރު ތަފްސީލް އަންނަނީ….

ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަން ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ސިނާނުގެ ގޮނޑި ގެއްލުނީ އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނެއް ހުކުމާ އެއްގޮތަށް ނުދެއްކުމުގެ ސަބަބުންނެވެ. މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު، ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ސިނާނުގެ ދަރަނި ސާބިތުވާ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

އީސީން ނެރުނު އިއުލާނުގައިވާ ގޮތުން ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ ޖޫން ހަ ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޖޫން އަށް ވަނަ ދުވަހު ކަމަށް ވެސް އެ އިއުލާނުގައިވެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މި މަހުގެ 29 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފޯމު ބަލައިގަންނާނީ އީސީގެ އީމެއިލް މެދުވެރިކޮށް ކަމަށާއި، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިވާ ނަމަ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.

މި ގޮނޑިއަށް ވާދަކުރުމަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ، އެއީ އުފާވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ވެރިކަން ކުރާ ޕީއެންސީއަށް މި މަޖިލީހުގައި 75 ގޮނޑީގެ ސުޕަމެޖޯރިޓީ ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީގައި މިހާރު ތިއްބެވީ 12 މެންބަރުންނެވެ.

ފޮރިން މިނިސްޓަރު ހަލީލް މަގާމުން ވަކިކޮށްފި

ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް, މަގާމުން ވަކި ކުރައްވައިފިއެވެ.

“ހަވާސާ” އަށް އެނގިފައިވާގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހަލީލް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އެކަން މިނިސްޓްރީގެ މުވައްޒަފުންނަށް އެންގެވުމަށް ފަހު ހަލީލް ދެންމެ ވަނީ މިނިސްޓްރީން ނުކުމެވަޑައިގެންފައެވެ.

ހަލީލް އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ, 2024 ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

މި ސަރުކާރު އައި ފަހުން ރާއްޖޭގެ ހާރިޖީ ދާއިރާއަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެ, ބައެއް ގައުމުތަކާ އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި ބޭރު ދުނިޔެއިން ރާއްޖެއަށް ޒަމާނުންސުރެ ލިބެމުން އައި ހިލޭ އެހީތައް ވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެއާއެކު ހާރިޖީ ދާއިރާ ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވަކި ކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން އިސްތިއުފާ ދެއްވައިފައިވެއެވެ.

އިއްޔެ ވަނީ ރައީސް މުއިއްޒާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ, އަލީ އާރިފް, ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.

ކާބޯތަކެއްޗާއި އިމާރާތްކުރުމުގެ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން އައުކޮށްފި

ކާބޯތަކެތީގެ މުހިންމު ބާވަތްތަކާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ 2026-27 ވަނަ އަހަރަށް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ނެރުނު ނޮޓިފިކޭޝަނުގައިވާ ގޮތުން، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ދޭދޭ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ ބާވަތްތަކުގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޮދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި މި ބާވަތްތައް އެކްސްޕޯޓްކުރުމުގައި އިންޑިއާއިން އަޅާފާނެ އެއްވެސް ހުރަހަކުން ނުވަތަ މަނާކުރުމަކުން މި ތަކެތި އިސްތިސްނާވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. އާންމު އުސޫލުން ބަލާއިރު މީގެ ތެރެއިން ބައެއް ބާވަތްތަކަކީ އިންޑިއާއިން ބޭރުކުރުން މަނާކޮށްފައިވާ ނުވަތަ ވަކި ހުދޫދުތަކެއް ކަނޑައަޅާފައިވާ ތަކެއްޗެވެ.

މި އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ މިންވަރުތަކަށް ބަލާއިރު، 448,913,750 ކުކުޅުބިސް، 22,589 ޓަނުގެ އަލުވި، 37,537 ޓަނުގެ ފިޔާ، 230,429 ޓަނުގެ ހަނޑޫ، 114,621 ޓަނުގެ ގޮދަން ފުށް، 67,719 ޓަނުގެ ހަކުރު، 350 ޓަނުގެ މުގު، 1,300,000 ޓަނުގެ ހިލަ އަދި 1,300,000 ޓަނުގެ ހިލަވެލި ހިމެނެއެވެ. ޑީޖީއެފްޓީން ބުނެފައިވާ ގޮތުގައި ހިލައާއި ހިލަވެލި އެކްސްޕޯޓްކުރުމުގައި، ފޯރުކޮށްދޭ ފަރާތްތަކުން ބޭނުންވާ ހުއްދަތައް ހޯދާފައިވާކަން ކެޕެކްސިލް އިން ކަށަވަރުކުރަންޖެހޭނެއެވެ. އަދި އެކްސްޕޯޓްކުރާ ވެއްޔަކީ ގޮނޑުދޮށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ނަގާފައިވާ އެއްޗެއް ނޫންކަން ވެސް ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި މާރިޗު މަހުގެ އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި މާރިޗު މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 27,420,050 ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 23,591,401 ރުފިޔާއާ އަޅާބަލާއިރު 16.2 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 45,329,119 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 34,852,418 ރުފިޔާއެވެ.

މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި މިހާރު ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19,527.90 ރުފިޔާއެވެ. ކުރިން ނިޞާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 11,191.95 ރުފިޔާއެވެ.

މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ޒަކާތް ދައްކަންޖެހޭ މިންވަރު ވެސް އެ ވެބްސައިޓުން ބަލައިލެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ބޮޑުތަކުރުފާނު މަގު ހެދުން: ސެގްމެންޓް ފަހެއްގެ ކީ ވޯލް ޖެހުމަށް ތައްޔާރުވަނީ

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ސެގްމެންޓް 5 ގެ ކީ ވޯލް ޖެހުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ސެގްމެންޓް 5 ގެ ކީ ވޯލް ޖެހުމަށް ތައްޔާރުވަމުން އަންނައިރު، ކާބް ސްޓޯން ޖެހުމާއި ފެން ހިންދާ ޓޭންކުތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ހަފްތާގެ ތެރޭގައި ފެން ހިންދާ ކާނުތައް ހެދުމާއި ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން އެމްޑަބްލިއުއެސްސީއާ ގުޅިގެން ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ހެންވޭރު ޓާމިނަލުން އިއްޒުއްދީން ޖެޓީއާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ ޢަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އެޅުމާއި ސަބްބޭސް ތައްޔާރުކުރުމާއި ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ވެސް ޤާއިމުކުރެވޭނެއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް އަންނަ ޖުލައިގެ ނިޔަލަށް ނިންމުމަކީ އެމްޓީސީސީގެ އަމާޒެވެ.

ތެލުގެ އަގު އުފުލުމާ ގުޅިގެން މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓުގެ އަގު ބޮޑުކޮށްފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ގައުމީ އެއާލައިން މޯލްޑިވިއަނުން ބޭރުގެ ފަތުރުވެރިންނަށް ވިއްކާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު ބޮޑުކޮށްފިއެވެ.

ސަން އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓުގެ އަގު ބޮޑުކޮށްފައިވާތާ ދެ ދުވަސް ވެއްޖެއެވެ. އެތެރޭގެ އެންމެ ދިގު އުދުހުންތައް ކަމަށްވާ ވީއައިއޭ އިން އައްޑޫ ސިޓީ ގަމަށާއި ފުވައްމުލަކަށް ކުރާ ދަތުރުތަކަށް ކޮޅަކަށް 33 ޑޮލަރު (510.18 ރުފިޔާ) ވަނީ އިތުރުކޮށްފައެވެ. ނަމަވެސް ދިވެހިންނަށް ޓިކެޓު ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މި ބަދަލު ގެނެސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުވުމާ ގުޅިގެންނެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އީރާނުގެ ބަނދަރުތަކުން ދަތުރުކުރުން ބަންދުކުރާނެ ކަމަށް އެމެރިކާއިން އިއުލާނުކުރުމުން ތެލުގެ އަގު އިތުރަށް ވަނީ އުފުލިފައެވެ. ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ގާތްގަނޑަކަށް އަށް ޕަސެންޓް މައްޗަށް ގޮސް 102 ޑޮލަރަށް އުފުލުނުއިރު، އެމެރިކާގެ ބެންޗްމާކް ޑަބްލިއުޓީއައި ކްރޫޑް ފީފާއެއް ނުވަ ޕަސެންޓް މައްޗަށް ގޮސް 105 ޑޮލަރަށް ވަނީ އުފުލިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގައެވެ.

އަލީ އާރިފް އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާރިފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ވެސް މެ އެވެ.

އިތުރު ތަފްސީލް އަންނަނީ…

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށާއި، އެ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.