މ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނިން ހަވާލުވެފައިވަނީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި، ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއެވެ. މީގެ ކުރިން މި ރަށްތަކަށް އެ ހިދުމަތް ދެމުން ގޮސްފައިވަނީ ފެނަކައިންނެވެ.
އެރަށްތަކުގެ ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމާއި ބެހޭ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަފީފް ހުސެއިންނެވެ.
ސްޓެލްކޯއިން ވިދާޅުވީ، ފެނަކައިން ކުރިން ހިދުމަތް ދެމުން އައި އެ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ ނިޒާމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށެވެ.
މި ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯއާއި ހަވާލުކޮށްފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ވެސް ސްޓެލްކޯ އިން ވަނީ ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު