Advertisement
ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ޒިންމާދާރުކުރުވުމަށާއި އިސްލާމްދީނަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށްގެން ފެށީ ޚާއްސަ ޕްރޮގްރާމްގެ ތެރެއިން.. ފޮޓޯ/ ފެނަކަ

ފެނަކައިގެ މުވައްޒަފުން ޒިންމާދާރުކުރުވަން ދީނީ ޕްރޮގްރާމެއް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ޒިންމާދާރުކުރުވުމަށާއި އިސްލާމްދީނަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

“އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް” މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި ޖަމިއްޔަތުއް ސަލަފްގެ އުޔޫން އިންސްޓިޓިއުޓް ގުޅިގެން ހިންގާ ހަރަކާތެކެވެ.

Advertisement

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކުންފުނީގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ އިރުޝާދުތައް ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ސުލޫކު އިސްލާމީ އުސޫލުތަކުގެ ތެރެއިން ހަރުދަނާ ކުރުމަށެވެ.

ފެނަކައިން ހާމަކުރި ގޮތުގައި މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ވަކި ގިންތިއެއް އިސްތިސްނާވުމެއް ނެތި ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފުޅާ ހަރަކާތެކެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ޙަސަން “ސަން” އަށް ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ވަޒީފާ އަދާކުރުމުގައި މުވައްޒަފުން އަދާކުރަންޖެހޭ ޒިންމާއަކީ ދީނީ ގޮތުން ކިހާވަރެއްގެ ކަމެއް ކަމާ މެދު ހޭލުންތެރިކުރުވުން ކަމަށެވެ.

“ފެނަކަ އަކީ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކުންފުންޏަކަށް ވާތީ އެ މުވައްޒަފުންނަކީ ޒިންމާދާރު ބަޔަކަށް ހަދަން އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށް މި ގެންދަނީ. ކާޑު ޖަހާލާފަ އެއްބަޔަކު މަސައްކަތުގެ މާހައުލުން ބޭރުގައި އަނެއް ބަޔަކު މަސައްކަތް ކުރާއިރު، މިކަހަލަ ކަންކަން ހުރީމަ މިފަދަ ޕްރޮގްރާމެއް ހިންގަނީ،” އަފީފް ވިދާޅުވިއެވެ.

އަފީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާ ކުންފުންޏާ ހަވާލުވިއިރު ބައެއް މުވައްޒަފުން ކާޑު ޖަހާލުމަށްފަހު މަސައްކަތެއް ނުކޮށް ގޭގައި ތިބޭކަން ވަނީ ފާހަގަކުރެވިފައެވެ. އެއްބަޔަކު އަށް ގަޑިއިރު މަސައްކަތް ކުރާއިރު އަނެއް ބަޔަކު މަސައްކަތެއް ނުކޮށް ހަމަ މުސާރަ ނެގުމަކީ އިންސާފެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުން ތަމްރީން ކުރުމުގެ އިތުރުން، ކުންފުނި “ރައިޓްސައިޒް” ކުރުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް ފެނަކައިން ބުނެއެވެ.

އަމިއްލައަށް އެދިގެން ވަކިވާން ހުށަހަޅާފައިވާ މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ މަރުހަލާ އަންނަ ޖުލައި މަހު ނިމޭނެ ކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަށް މަދުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު އަފީފް ވިދާޅުވިއެވެ.

މިހާރު 8,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ފެނަކައިން ހާމަކުރި ގޮތުގައި، ބައެއް ރަށްރަށުގެ ބްރާންޗްތަކުން ވެސް ކުންފުނި ރައިޓްސައިޒް ކުރުމަށް އަމިއްލައަށް އެދެމުންދެއެވެ.

މިއީ ކުރާނެ މަސައްކަތެއް ނެތި ތިބޭ މުވައްޒަފުން ގިނަވުމުން، ހަގީގަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދޭތީއެވެ. މި އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމައި، އަންނަ އަހަރުގެ ބަޖެޓް ކަނޑައަޅާނީ ކުޑަ ބަޖެޓެއްގެ ގޮތުގައި ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

މ. އަތޮޅުގެ ހަތް ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ

އައު މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި