އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލައިފި

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

އޭނާއާއެކު އިތުރު މީހަކު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މާރިޗު މަހު ހައްޔަރު ކޮށްފައެވެ. އެ ދެ މީހުން ވެސް ޝަރުތުތަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ދޫކޮށްލި އެކަކަކީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ވެސް ހިމެނޭ މީހެކެވެ.

ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް، 143.4 ގުރާމުގެ ބަރުދަން ހުރި، 87 ރަބަރު ޕެކެޓާއެކު ހައްޔަރު ކުރި ދެ މީހުންނަކީ:

  • ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ)
  • ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ)

މި ދެ މީހުން ހައްޔަރު ކުރީ މާރިޗު މަހުގެ 18 ގައެވެ. އެފަހުން ދެ މީހުން ދޫކޮށްލީ އިއްޔެއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މި ދެ މީހުންގެ ތެރެއިން، ޒަޔާންއަކީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މަހެއް ވަންދެން ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އެކިކަހަލަ ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ގްރޫޕެއްގައި ހިމެނޭ ސިފައިންގެ މީހެކެވެ. ފިރިހެނަކު ރަހީނުކޮށް އޭނާގެ އިނގިލި ވެސް އޭރު ބުރިކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މައްސަލައިގައި ޒަޔާން ސިފައިންގެ ވަޒީފާއިން ސަސްޕެންޑް ވެސް ކުރިއެވެ.

ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަޚަމްތަކަކާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން، އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އެކަން އައި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މަންމައެވެ.

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެ މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގި ކަމުގެ ޒަޚަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެއެވެ.

ފުރިޖު ހަލާކުވެގެން ބަހައްޓާފައި ހުރި ލޭ، ތެލަސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅިއްޖެ

ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލަ ޖެހުމުން, އެހެން އަލަމާރިއަކަށް ބަދަލުކުރުމަށް ފަހު ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް، ކުދިންތަކެއްގެ ގަޔަށް ‘އޮޅިގެން’ އެެޅުނު މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އަންނަނީ ކުނިވެފައިވާ ލޭ ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް އަޅާފައިވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން ‘ހަވާސާ’އިން ސުވާލުކުރުމުން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ، ޕޭޝެންޓުންގެ ގަޔަށް އެޅުނީ ކުނިވެފައިވާ ލެއެއް ނޫން ކަމަށެވެ.

އެ ލެއަކީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ، ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލަ ޖެހިގެން، ހަމަ އެ ރޭ އެހެން އަލަމާރިއަކަށް ބަދަކުކުރުމަށް ފަހު، ޓެސްޓުނުކޮށް ހުއްޓާ އެޅުނު ތިން ޕެކެޓް ކަމަށް އޭނާ ވިދާޅުވިއެވެ.

“ކުނިވެފައި ހުރި ލެއެއް ނޫން. އަލަމާރީގައި ލޭ ރައްކާކޮށްފައި ހުއްޓާ އަލަމާރި މައްސަލަ ޖެހުނީ 19 ދުވަހުގެ ރޭ. މައްސަލަ ޖެހިގެން މެސެޖު ލިބުމުން ހަމަ އެ ރޭ އޭގެ ރަނގަޅު އަލަމާރިއަށް ބަދަލުކުރީ. ދެން ވަކި ގޮތެއް ނުނިންމާ ހުއްޓާ ނަރުސް ކުދިންނަށް އެޅުނީ،” އެމްބީއެސްގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވިއެވެ.

އޭނާ ވަނީ މި ހާދިސާ ހިނގި ގޮތް އެމްބީއެސްއިން މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރު ދޭން ނިންމައިފި

ދިވެހި ސަރުކާރަށް ންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އިޤްތިޞާދީ އަދި މާލީ އެހީތެރިކަމުގެ ދަށުން، ރާއްޖެއަށް 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، “ސާކް ޤައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު” ގެ ދަށުން މި ފައިސާ ދޫކުރުމަށް ނިންމާފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ.

މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ އެހީތެރިކަމެކެވެ.

މި އޮނިގަނޑުގެ ދަށުން މީގެ ކުރިން އޮކްޓޫބަރު 2024 ގައި ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

އަދި 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.

ދެހާސްބާރަވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ފެށުނީއްސުރެ، ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކުގެ މުއްދަތު ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.

އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އިންޑިއާގެ “ނެއިބަހުޑް ފަސްޓް” ސިޔާސަތާއި “މަހާސާގަރު” ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ގާތް އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ގައުމުން ވަނީ ދީފައެވެ.

ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުމާއި ލޭޒާ ޓްރީޓްމެންޓު ހެދުން ހުއްދައެއް ނޫން: ޚުތުބާ

ސެލޫންތަކަށް ގޮސް ހިލޭ މީހުންނަށް ޢައުރަ ކަޝްފުކޮށްގެން ވެކްސް ކުރުމާއި ލޭޒާ ޓްރީޓްމެންޓް ހެދުން ހުއްދަވެގެން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ސާފުތާހިރުކަމާއި ޒީނަތްތެރިކަމުގެ މައްޗަށް މިއަދު ކީ ހުކުރު ޚުތުބާގައި ވަނީ މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން ކަމަށާއި އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންކަމާއި ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންކަން ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ވަނީ މުސްލިމުންގެ ހަށިގަނޑާއި ފޭރާމާއި، އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫން ކަމަށާއި އެއީ ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމަށް ބުނެފައެވެ. މާތްﷲ އިންސާނާ އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަަމަށާއި އެ ސާފުކަން ދެމެހެއްޓުމަށްޓަކައި މާތް ނަބިއްޔާ “ފިޠުރަތުގެ ސުންނަތްތައް” އުނގަންނައިދެއްވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ އަދުގެ ޒަމާނީ ވަސީލަތްތަކާ އެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން ފެންނަކަން ފާހަގަކޮށްފައެވެ. އަދި، އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ ސެލޫންތަކަށް ގޮސް “ވެކްސް”ކުރުމަށް ނުވަތަ “ލޭޒާ ޓުރީޓްމެންޓު”ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުން ކަމަށާއި އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ އެ ކަންކަން ހުއްދައެއް ނުވާނެ ކަމަށާއި ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެން ކަމަށް ބުނެފައެވެ.

މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވެއެވެ. ވީމާ ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާށެވެ.ހުކުރު ޚުތުބާ

ހުކުތު ޚުތުބާގައި ވަނީ އިސްލާމް ދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީން ކަމަށެވެ. ނަމަވެސް، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަންނަ ކަމަށާއި ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުން ކަމަށާއި ޢިއްފަތްތެރިވެ އަބުރުވެރިވުން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ބުރުގާ އަޅައިގެން ތިބޭއިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެއް ކަމަށާއި މިއީ އަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި މަންޒަރެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ޚުތުބާގައި ވަނީ ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ޢައުރަ ހާމަނުކުރުމަށް ފިރިހެނުންނަށް ވެސް ހަނދާންކޮށްދީފައެވެ. ޢައުރަ ނިވައި ނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫނަ ކަމަށާއި ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށާއި ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އެހެންވެ، އަނބިދަރީން އެފަދަ ކަންކަމަށް އަރައިގަންނަނީ އެ ކަމުގެ ޙުކުމް ނޭނގުމުން ނުވަތަ ފަރުވާކުޑަވުމުގެ ސަބަބުން ކަމަށާއި ހަރުކަށިކަމާއި ރުޅިވެރިކަން ދޫކޮށް، ލޯތްބާއި ކުލުނާއި ހިކުމަތްތެރިކަމާ އެކު އަނބިދަރީންނަށް ނަސޭހަތްދީ، އަތުގައި ހިފައިގެން ސުވަރުގެއަށް ގެންދިއުމަށް ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ޚުތުބާގައި ވަނީ ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ ޢިއްފަތްތެރިކޮށްދޭނޭ ކަމެއް ކަމަށާއި އެންމެ ރީތި ހެދުން ލާންވީ ހަފުލާތަކަށް ދާން ނޫން ކަމަށާއި އެންމެ މީރުވަސްދުވާ ސެންޓާއި އަތަރު ބޭނުންކުރާންވީ ތިބާގެ އަމިއްލަ ގޭގައި ޙަލާލު ބައިވެރިޔާގެ ކުރިމަތީގައި ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެެވެ.

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި ފައިސާއަކީ ސާކް ގައުމުތަކުގެ ކަރަންސީ ސުވޮޕް އިންތިޒާމުގެ ދަށުން 2024ވަނަ އަހަރުގެ އޮކްޓޫބަރު މަހު ނެގި ފައިސާ ކަމަށެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓަށް އެހީވުމަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާރު ވަނީ ދައްކާފައެވެ.

މި ލޯނު ދެއްކިކަން ހާމަކުރިއިރު، މި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން މި ހަފުތާގެ ތެރޭ ރިޕޯޓުކޮށްފައެވެ. އިންޑިއާ ސަރުކާރުން ވެސް ނުވަތަ ދިވެހި ސަރުކާރުން ވެސް އެ ކަމުގައި ވަކި އެއްޗެއް އޭރު ނުބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، 30 ބިލިއަން އިންޑިއަން ރުޕީސް ބޭނުންކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި 30 ބިލިއަން ރުޕީސްގެ މި އެހީގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން ވަރުގަދަވެގެންދާނެއެވެ. ހާއްސަކޮށް މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް މިއީ މުހިންމު އެހީއެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ސަރުކާރުން ދެމުންގެންދާ މި އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، މިއީ އިންޑިއާގެ “ނެއިބަހުޑް ފަސްޓް” ސިޔާސަތުގެ ދަށުން ރާއްޖެއަށް ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުން: 47 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ 47 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓިންގ އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓިސީސީ)ން ބުނެފިއެވެ.

އެމްޓިސިސީން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިހާރު އެ މަޝްރޫގެ 5 ވަނަ ފިޔަވެހީގެ ދަށުން ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވާކަމެއް ކަމަށެވެ.

އެގޮތުން ހާސިލް ކޮށްފައިވާ ކަންތައްތަކަށް ބަލާލާއިރު، ފެން ލިބޭނެ ނިޒާމް ގާއިމްކުރުން، ފެން ހިންދާ ނިޒާމު ގާއިމްކުރުން، އަދި ސެޓްލްމަންޓް ޓޭންކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމު އިތުރަށް ކުރިއެރުވުމާއި، ޕޭވްމެންޓު ޖެހުމާއި، ކޭބަލް ޖަންކްޝަންގެ މަސައްކަތްތަކާއި، ވާރޭފެން ހިންދާ ނިޒާމު ގާއިމްކުރުން މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި ސަބް ބޭސް ތައްޔާރުކުރުމާއި، އޭބީސީ އެޅުމާއި، ކޯރު އެޅުމުގެ މަސައްކަތް ފެށުން ހިމެނޭ ކަމަށެވެ.

ހަމަމިއާއެކު 2 ވަނަ، 3 ވަނަ، އަދި 4 ސެގްމަންޓްގައި ޝީޓް ޕައިލިންގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށްދާއިރު، މިހާތަނަށް ޖުމްލަ 243 މީޓަރުގެ މަސައްކަތް ނުވަތަ 47 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މަގު ހެދުމުގެ މުޅި މަޝްރޫއުގެ ތެރެއިން ޖުމްލަ 803 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން އަމާޒުހިފާފައި ވަނީ މި މަހުގެ ނިޔަލަށް ބާސެލޯއިން ފަށައިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް މަސައްކަތް ނިންމުމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެއްގައެވެ. އަދި އެއީ އެ މަޝްރޫއުގެ ފޭސް 1ގެ ސެގްމަންޓް 2 އިން 5އާ ހަމައަށް އޮންނަ ސަރަހައްދެވެ.

އެލްޖީއޭގެ ރައީސްކަމަށް މިނިސްޓަރު ޒަމީރު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކޮށްފިއެވެ.

އެ އޮތޯރިޓީން ވަނީ ޒަމީރު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ކިޔައިފައެވެ.

ލޯކަލް ކައުންސިލްތަކާ ބެހޭ މިނިސްޓްރީ އުވާލުމަށްފަހު، ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވިއިރު، މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރެވެ.

މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރިއިރު ފުރަތަމަ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. އެއަށްފަހު މިހާރު ހުންނެވީ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލެވެ.

ކައުންސިލްތަކާ ގާތުން މަސައްކަތްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްކަންދެއްވާ ކަމެއްކަމަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހުރިހާ ރަށަކަށް ރައީސް ދަތުރުފުޅު ވެސް ކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާ ރައީސްވަނީ ބައްދަލު ވެސް ކުރައްވައިފައެވެ.

ބިމާއި ފްލެޓަށް އެދި ވިހި ހާހަށްވުރެ ގިނަ ފޯމް ހުށަހަޅައިފި:މިނިސްޓަރ މުއްތަލިބް

ސަރުކށާރުން ހުޅުވާލާފައިވާ ފްލެޓާއިބިމަށް އެދި ވިހި ހާހަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އަދުގެ ސަރުކާރުން ހުޅުވާލާފައިވާ ފްލެޓާއި ގޯއްޗަށް އެދި 20 ހާހަށްވުރެ ގިނަ ފޯމް ސަބްމިޓްކޮށްފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، 20 ހާހަށްވުރެ ގިނަ ފޯމް ހުށަހެޅިއިރު ހުށަހެޅުމުގެ މަރުހަލާގައިވެސް 16 ހާހަށްވުރެ ގިނަ ފޯމް އެބައޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމަށް އެދި 36 ހާހަށްވުރެ ގިނަ ފޯމް ލިބޭނޭކަމަށް އަންދާޒާކުރެވޭކަމަށެވެ. ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމަށް އެދުމުގެ ސުންގަނޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އަންނަ މެއިމަހުގެ 31 ވަނަ ދުވަހެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުމާލެ އަދި ވިލިމާލޭގައި އެޅުމަށް ނިންމައިފައިވާ ސޯޝަލް ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ ތެރެއިން ބީޔޫސީޖީ އާ ހަވާލުކޮށްގެން 1،190 ހައުސިންޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި 364 ހައުސިން ޔުނިޓު އެޅުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އިތުރު ހައުސިން ޔުނައިޓްތައް އިމާރާތް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މޮޑަލްގެ ދަށުން އެކަނިވެސް ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.

ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި ހަރުކަށި އަދަބު ދިނުމަށް މަޝްވަރާ އެބަކުރަން: އިހުސާން

ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާ ގާނޫނަށް ބަދަލުގެނެސްގެން އެކަން ކުރައްވާނެ ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ، ބުލީ ކުރުމާއި، އިޖްތިމާޢީ މިންގަނޑާ ޚިލާފަށް މުޖުތަމަޢުގައި ހިންގާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން  މިނިސްޓްރީ ތެރެއިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވުއެވެ.

”ޚާއްސަކޮށް ބުލީގެ ކަންކަން. ސްކޫލް ތެރޭގައިއާއު މުޖުތަމަޢު ތެރޭގައި ކުރަމުންދާ ދިޔުން، މިކަމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިތީ، ޚާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ، މިހާރު އޭޖީ އޮފީހާއެކު އެބަ މަސައްކަތްތަކެއް ކުރަން.“ ވަޒީރު އިހްސާން

”ބުލީގެ ޝިކާރައަކަށްވެ ބައެއް މީހުންގެ ފުރާނަ ދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި މިހާރު މިވަނީ ކަންކަން ގޮސްފައި. މިފަދަ ކަންކަމުގައި ހަރުކަށި ޖިނާޢީ ފިޔަވަޅު އެޅޭކަމުގައި ވާނަމަ، ހަރުކަށި ޖިނާޢީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން. އެއީ އަޅުގަނޑުމެންގެ މިވަގުތުގެ ސްޓޭންޑަކީ.“ އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، ބުލީ ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ހައްލު ހޯދާނެ ކަމަށާ، އަދި އެކަން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށެވެ.

ބުލީގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ސުކޫލުތަކާ ކޮލެޖުތަކުގައިވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭއިރު، އޭގެ ސަބަބުން ކުދިން ކިޔެވުން މަތިން ފޫހިވެ ކިޔަވާން ނުގޮސް، ނަފްސާނީ މައްސަލަތައް ދިމާވެއެވެ.

މީގެ އިތުރުން ސައިބާ ބުލީގެ މައްސަލައަކީވެސް މިހާރު ބޮޑުވެފައިވާ މައްސަލައަކަށްވާއިރު އެފަދަ ކަންކަން ނުކުރަން ފުލުހުން އަބަދާ އަބަދު އިލްތިމާސް ކިރެއެވެ.

އަޝްފާން، އިމިގްރޭޝަނުން ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް ބަދަލުކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ވަނީ، އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައި ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، އޭނާގެ މަސައްކަތާއި ނަޒާހާތްތެރިކަން ފާހަގަކޮށްފައެވެ.

އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރިލް މަހެވެ. އެހާތަނަށް އޭނާ ވަނީ އެ މުއައްސަސާއަށް 18 އަހަރުގެ ޚިދުމަތް ކުރައްވައިފައިކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ.

އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއަށް ބަދަލުކުރިއިރު، އޭނާ ވަނީ މީގެ ކުރިން ގައުމީ ފުޓްބޯޅަށް ޓީމަށް ކުޅުއްވާފައެވެ. އަދި އޭނާގެ ކޮއްކޮ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއެކު މުބާރާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން، 2008ގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އަޝްފާނާއި އަޝްފާގް ހިމެނުނެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާގެ އެކި މަގާމުތައް ވެސް އަޝްފާން ވަނީ ފުރުއްވާފައެވެ.

މި ސަރުކާރުގައި އިމިގްރޭޝަނަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އިމިގްރޭޝަންގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޒުވާނެއްކަމަށްވާ މުޙައްމަދު ޝަމްއާން ވަހީދު ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރުމަށް ފަހު ވަކިކުރުން ހިމެނެއެވެ.

ޝަމްއާން އެ މަގާމަށް އައްޔަންކުރީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ، ނޮވެންބަރު 19، 2023ގައެވެ. ނަމަވެސް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރިއެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް އަމުރުކުރިއެވެ.

އެހެންނަމަވެސް މިދިޔަ ޑިސެންބަރު މަހު ޝަމްއާން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

އަޝްފާންގެ މަގާމަށް ބަދަލު ގެނެސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަށް ފަހު މި ސަރުކާރުން ބަދަލުތައް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިނިސްޓްރީތަކުގެ އަދަދުތައް ވަނީ 20އިން 15އަށް މަދުކޮށްފައެވެ.

މި ސަރުކާރުގައި ސިޔާސީ މުވައްޒަފުން ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭނުންފުޅުވަނީ ސިޔާސީ މުވައްޒަފުން ވީ އެންމެ މަދުކުރަން ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ އިއުލާން ބާތިލްކޮށްދޭން އެދިއްޖެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާ ގުޅޭގޮތުން ކޮށްފައިވާ އިއުލާނާއި އިންތިޚާބުގެ ޓައިމްލައިނަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ނިންމުންތަކެއް ކަމަށް ބުނެ އެ އިއުލާން ބާތިލްކުރަން އެދިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް އަހުމަދު އަބްދުالله އަފީފް، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައެވެ.

އަހުމަދު އަބްދުالله އަފީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 12 ޖޫން 2026 ގައި ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ނިންމައި އިއްޔެވކޮށްފައިވާ އިއުލާނަކީ އޭނާ އިރުޝާދު ދެއްވާފައިވާ ގޮތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން ޗެއާޕާސަންގެ އިންތިޚާބުގެ ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސާ ކަމަށްވާއިރު، އޭނާއަށް ނާންގައި ޕާޓީގެ އެއްވެސް ގުނަވަނަކުން މިފަދަ ނިންމުމެއް ނިންމުމަކީ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

 

މި ސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އިންތިޚާބާ ބެހޭ ކޮމިޓީން އެކުލަވާލި ޓައިމްލައިނަކީ ހަމައެކަނި ދިން ލަފައެއް ކަމަށާއި، އެކަމުގައި ގޮތެއް ނިންމަންވާނީ ޕާޓީގެ ލީޑަރުންނާއި ޗެއާޕާސަނާ މަޝްވަރާކުރުމަށްފަހު ކަމަށް އަފީފް ވަނީ ކުރިންވެސް އަންގަވާފައެވެ.

ޚާއްޞަކޮށް ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މަޞްލަޙަތު ގެއްލިދާނެ ފަދަ ނިންމުމެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެ މެންބަރުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކޮށްފައިވާކަން ތުހުމަތު ކުރައްވައި، އޭނާ ވިދާޅުވީ ވަކިކޮށްފައިވާ މެންބަރުންނަށް އަލުން ޕާޓީއަށް ވަނުމުގެ ފުރުޞަތު ނުދީ އިންތިޚާބު ކުރިއަށް ގެންދިއުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިޚާބީ ޙައްޤުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

އެހެންކަމުން، މިހާރު އިޢުލާންކޮށްފައިވާ ޓައިމްލައިނަކީ އަސާސީ ގަވާއިދާ ޚިލާފަށް ބަޔަކު ނިންމާފައިވާ ނިންމުމަކަށްވާތީ، އެ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއްކަން އިއުލާންކޮށްދިނުމަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ފެން ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދެނީ

މިދިޔަ އަހަރުގެ ނިޔަލަށް ޖޫރިމަނާ އަރައިފައިވާ ފެން ބިލުތައް ދެއްކުމުން، އެ ބިލުތަކަށް އަރައިފައިވާ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން މިއަދު ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ، ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، މިދިޔަ އަހަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭނެ ކަމަށެވެ. އެގޮތުން، ޖޫރިމަނާ މާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކުރުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެއިތުރުން، ޖޫރިމަނާ އަރައިފައިވާ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައި ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެގޮތުން މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ޖޫރިމަނާ މާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ޚަލާސްކުރުމުންކަން ކުންފުނިން ފާހަގަކުރިއެވެ.

އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ [email protected] އަށް އީ-މެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް ބުނެފައެވެ.

“ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ.” އެމްޑަބްލިއުއެސްސީގެ ބަޔާނުގައިވެއެވެ.އެކި ސަރުކާރުތަކުގައި ޖޫރިމަނާތައް މާފު ކުރަމުން ދިޔުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. މި ސަރުކާރުންވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކަށް ނުދައްކާ ހުރި ކުލީގެ ޖޫރިމަނާތަކާއި ހިޔާ ފްލެޓުތަކުން ކުލި ނުދައްކައިގެން އަރައިފައިވާ ޖޫރިމަނާތައް މާފުކޮށް، މާލެހިޔާއާއި ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މާފުކުރުމަށް ވެސް ނިންމައިފައެވެ.