ގަސް ކަނޑަންޖެހޭތީ ވިލިމާލޭގައި އަޅާ ޓަވަރުގެ ލޮކޭޝަން ބަދަލުކޮށްފި

މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވިލިމާލޭގައި ބިނާކުރާ ފުލެޓުތަކުގެ ތެރެއިން އެއް ޓަވަރު އަޅާ ތަން ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، މާލެ ސަރަޙައްދުގައި އެކަށީގެންވާ ވަރަށް ޕާކުތަކާއި ހުސްޖާގަ ނެތް ނަމަވެސް، އެތައް ހާސް އާއިލާއަކުން ދަތި ހާލުގައި ދިރިއުޅެމުންދާތީ އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ނަމަވެސް މާލެ ސަރަޙައްދުގެ ބިންތަކަކީ މިހާރުވެސް ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތަކަށް ވުމާއެކު، ފުލެޓު އެޅުމަށް ބޭނުންވާ ބިން ހޯދުމަކީ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ވިލިމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ފުލެޓުގެ މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އެ ސަރަޙައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި މަޝްރޫޢު ކުރިއަށް ގެންދިއުން ކަމަށެވެ.

”ނަމަވެސް 3 ޓަވަރުގެ ތެރެއިން 1 ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަންޖެހޭތީއާއި، ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް މިހާރުވަނީ ނިންމާފައެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ ކަމާ ގުޅުން ހުރި ފަންނީ ފަރާތްތަކުން ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލައި އިހްތިޖާޖުވެސް ކޮށްފައެވެ.

ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ބައިވެރިވާ މައްސަލަ ބަލައިދޭން މީކާއީލް އެދިވަޑައިގެންފި

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިނުގައި ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވާދަވެރި ކެންޑިޑޭޓް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.

ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ބައިވެރިވެވަޑައިގަންނަވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯ އާއި ވީޑިއޯ އިން އެކަން ކަށަވަރުވާ ކަމަށެވެ. ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވާތީ، އެތެރޭގެ އިންތިހާބުތަކުގައި ވަކި އަތަކަށް ޖެހިވަޑައިނުގެން ހުންނަވަން ޖެހޭނެ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

“އޭނާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެކެވެ،” ކަމަށް މީކާއީލް ވިދާޅުވިއެވެ. އެއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، އެ މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވި ގޮތުގައި ޗެއާޕާސަން ހޮވާ އިންތިހާބަކީ އިބުރޭގެ ބެއްލެވުމުގެ ދަށުން ހިންގާ އިންތިހާބަކަށް ވާތީ، ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ހަރަކާތްތެރިވެވަޑައިގަތުމާ މެދު ގިނަ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރެއެވެ.

“ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އިބްރާހީމް ވަހީދު މި ކެމްޕޭނުގެ މުއްދަތަށް އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވުމަށް އަޅުގަނޑު ގޮވާލައި، މި މައްސަލައިގައި ޕާޓީގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް މަނިކުފާނު ކުރިއަށް ގެންދެވުމަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު އެދެމެވެ،” ކަމަށް މީކާއީލް ވިދާޅުވިއެވެ.

ޗެއާޕާސަން ގަޕޯ އަށް އެއްބާރުލުން ނުދެއްވާތީ މި މަހުގެ ކުރީކޮޅު އިބުރޭ މަގާމުން ވަކިކުރި ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވުމުން ފަހުން އެ މަގާމު އިޔާދަކުރިއެވެ. އިބުރޭއާ އެކު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު ވެސް އިޔާދަކުރިއެވެ.

މޭޔަރު އާޒިމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެ އިންސިޑެންޓުގެ މައުލޫމާތު ލިބުމާ އެކު، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ޒުވާން ފިރިހެނަކު އާޒިމަށް ހަމަލާދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި ހެންވޭރު ސަހަރާ ކައިރިން ވަޑައިގަންނަވަނިކޮށެވެ.

ޓީވީތަކުން ލައިވް ކުރަމުން ދިޔަ އެ އެއްވުން ކުރިއަށް ގެންދަނިކޮށް އެ ޒުވާނާ އާޒިމް ކޮއްޕާލުމާ އެކު، އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލައި، ދުރަށް ޖެއްސި އެވެ.

އެ ހަމަލާގެ ތުހުމަތު އާޒިމް ސަރުކާރަށް އަމާޒު ކުރައްވާފައި ވަނިކޮށް، ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ސަރުކާރުގެ ފަރާތުން އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި، މޭޔަރު އާޒިމަށް ހަމަލަދޭން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބެއްލެވި އެވެ. އަދި މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން ރައީސް ކުށްވެރި ކުރައްވާ ކަމަށް ވެސް ބަަޔާނުގައިވެ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން މޭޔަރު އާޒިމަށް ހަމަލަދިން މައްސަލަ އޭނާގެ ފަރާތުން އަދި އެމްޑީޕީންނާއި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް ފުލުހުންނަށް ހުށަހަޅާފައެއް ނެތެވެ.

ނަމަވެސް އާޒިމަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން ފުލުހުން އަމިއްލަ އަށް އިސްނަގައިގެން މައްސަލަ ތަހުގީގު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

3.3 މިލިއަން ރުފިޔާގެ ޑުރަގު އެތެރެކުރުމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށްވާ އުމުރުން 40 އަހަރުގެ ޝިފުލްއާއި 32 އަހަރުގެ ސަޖިބްއެވެ.

ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މަގުމަތީގައި ކަސްޓަމްސްއިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މި ދެ މީހުން ހިފަހައްޓާފައިވަނީ މަސްތުވާތަކެއްޗާއި މަނާ ބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1105 ގުރާމު ހުއްޓެވެ.

ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަސްޓަމުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުުލައިގެންފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، ވަކި މިންވަރަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިހާރު ވަނީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ވާދޫން 2 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް, އެ ތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި ގދ. ވާދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ސަންދަރޯސްގެ، މުޙައްމަދު އަޝްރަފް (30އ) އާއި ގއ. މާމެންދޫ، ހިތްވަރު، އާމިނަތު ޝާޔާ ޝުޖާޢު (18އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ވާދޫ ބަނދަރު ސަރަހައްދުންނެވެ. އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހުންގެ އަތުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އަޝްރަފް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި, އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން މިއަދު ފަށައިފިއެވެ.

މި ކަދުރުތަކަކީ މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރުތަކެކެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ.

ރަށްރަށަށް ކަދުރު ކަނޑައަޅާފައިވަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި މަސައްކަތް މިއަދުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން ކަދުރާ ހަވާލުވާއިރު، އެ ގޭބިސީއެއްގެ އެޑްރެހާއި، ކަރަންޓު މީޓަރުގެ ނަންބަރުގެ އިތުރުން ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެއެވެ.

ސަޢުދީގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން، ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންދާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައިއެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ވެސް އެ ވުޒާރާއިން ދެކެއެވެ.

ހިތަދޫ އުތުރު ޕީއެންސީ ޕްރައިމަރީ ބޮޑު ތަފާތަކުން ސިނާ ކާމިޔާބުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށް ބޭއްވި ޕީއެންސީ ޕްރައިމަރީ ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބުގައި ސިނާއާއި އެކު ދެން ވާދަކުރީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދުއެވެ.

މި އިންތިހާބުގައި މާލޭ ކަލާފާނު ސުކޫލުގައި ބެހެއްޓުނު ވޯޓު ފޮށިންވެސް ސިނާ ވަނީ ތަފާތު ބޮޑުކޮށްފައެވެ.

މިފޮށިން ސިނާއަށް 59 ވޯޓު ލިބުނު އިރު ސައީދަށް ލިބިވަޑައިގެންނެވީ 37 ވޯޓެވެ. އަދި ބާތިލް 7 ވޯޓެވެ.

ހިތަދޫގައި ބެހެއްޓުނު ވޯޓު ފޮށިން ސިނާ އަށް ލިބިފައިވަނީ 167 ވޯޓެވެ. އަދި ސައީދަށް ލިބިވަޑައިގެންނެވީ 149 ވޯޓެވެ. މި ފޮށީގައި ބާތިލް 2 ވޯޓު އޮތް އިރު ސިނާ މި ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ 40 ވޯޓުގެ ތަފާތަކުންނެވެ.

ޖޫން 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގައި ސިނާއާއި އެކު ދެން ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް ސޯބެއެވެ.

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާވެސް މަރުވެއްޖެ

މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާވެސް މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މިމަހުގެ 15 ވަނަ ދުވަހު ވެސް ވަނީ މަރުވެފައެވެ. އޭރު ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. އަދި ބަންދުގައި ހުއްޓައި ނިޔާވި މީހަކަށް ވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެޑްވައިޒަރީއެއް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން އިތުރުވެފައިވުމާ ގުޅިގެން އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅު ގާނޫނު އިތުރަށް ހަރުކަށިކޮށް މަރުގެ އަދަބު ދޭ ގޮތަށް ހެދިކަން ފާހަގަކޮށް އެންސީބީން ނެރުނު “ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ” ގައި ވަނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި އެހެންވެ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށް ގާނޫނަށް ބޯލެނބުން މުހިންމު ކަމަށެވެ.

އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާ ދީފައިވެއެވެ.

އެންސީބީން މި ބަޔާން ނެރެފައި ވާއިރު ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށް ގާނޫނުތައް ހަރުކަށިކަން ހަނދާންކޮށް ދީފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައިމިދިޔަ މަހު އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ވެލާނާ އެއާޕޯޓުން އަތުލައިގަތް ފުރަތަމަ ދެ މީހުންގެ އަތުން 6.7 ކިލޯ ގްރާމްގެ ހަޝިޝް އޮއިލް ފެނިފައި ވާއިރު ދެން ހައްޔަރުކުރި ދެ މީހުންގެ އަތުން 1.83 ކިލޯގެ ހަޝިސް އޮއިލް ވަނީ ފެނިފައިވެއެވެ.

ހަމައެއާއެކު މިދިޔަ މަހު އިންޑިއާ މީހަކު ވައިގެ މަގުން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހާގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާއިރު މި މަހު ވެސް އިންޑިއާގެ ދެ އަންހެނަކު 2.17 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަދި އިންޑިއާގެ އަންހެނަކާއި ފިރިހެނަކު 2.4 ކިލޯގެ ޑްރަގާ އެކު ވެލާނާ އެއާޕޯޓުން ހައްޔަރުކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބޭއިރު، ސީރިއަސް ކުށްތަކަށް އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ވެސް މިހާރު ވަނީ ގާނޫނުގައި ހިމަނައިފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ނައްތާލައި، އެފަދަ ކުށްތައް ހުއްޓުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވެސް މީގެ ކުރިން ހާމަކުރައްވައިފައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

މާލޭގައި 500 ހައުސިން ޔުނިޓް އެޅުމަށް ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި 500 ސޯޝަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ބެއިޖިން ގައި، އޭޕްރީލް 21 އިން 22 އަށް ކުރިއަށްދިޔަ “ތަރޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއަރޑް ޑިވެލޮޕްމަންޓް” ގެ ހަވާސާގައެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ, ހައުސިން، އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަކީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އިންޓަރެސްޓް ނުހިމެނޭ (އިންޓަރެސްޓް-ފްރީ) ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބި، ގިނަ އާއިލާތަކަކަށް ރައްކާތެރި ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެ

މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ދުވަހުގެ ބޮޑު ބައި ޚިދުމަތް ނެތި ހޭދަކުރަން ޖެހުނުތާ ދެ ހަފުތާ ފަހުން، އެ ސަރަހައްދުގެ ޓަވަރުތަކަކުން މިއަދު އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ހިޔާއާއި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބުނެފައެވެ.

އެ ކުންފުނިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން ކަރަންޓު ކެނޑިފައިވަނީ:

  • ހިޔާ ޓަވަރު 5، 6، 7
  • ވިނަރެސް 10
  • އަމާން ދޯދި 12، 13، 14، 15، 16
  • އަމާން އުދަރެސް 5، 6
  • އެމްޕީއެލް ޓަވަރުތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ އެ ދުވަހު 15:30ހާއިރެވެ.

“ހަވާސާ”އަށް މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ.

 

ސްޓެލްކޯއިން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވިފައިވާ ކަމަށް ބުނީ އެ ރޭ 23:30ހާއިރެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

އެހެންވެ، މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އޭރު ވަނީ އިލްތިމާސްކޮށްފައެވެ.

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މި މަހުގެ 13 ވަނަ ދުވަހު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި މިހާރު ވެސް އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން، ކޭބަލްތަކަށް ގެއްލުންވެ މީގެ ކުރިން ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ.

ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.

 

އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލައިފި

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

އޭނާއާއެކު އިތުރު މީހަކު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މާރިޗު މަހު ހައްޔަރު ކޮށްފައެވެ. އެ ދެ މީހުން ވެސް ޝަރުތުތަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެ މައްސަލައިގައި ދޫކޮށްލި އެކަކަކީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ވެސް ހިމެނޭ މީހެކެވެ.

ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް، 143.4 ގުރާމުގެ ބަރުދަން ހުރި، 87 ރަބަރު ޕެކެޓާއެކު ހައްޔަރު ކުރި ދެ މީހުންނަކީ:

  • ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ)
  • ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ)

މި ދެ މީހުން ހައްޔަރު ކުރީ މާރިޗު މަހުގެ 18 ގައެވެ. އެފަހުން ދެ މީހުން ދޫކޮށްލީ އިއްޔެއެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މި ދެ މީހުންގެ ތެރެއިން، ޒަޔާންއަކީ، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު މަހެއް ވަންދެން ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އެކިކަހަލަ ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ގްރޫޕެއްގައި ހިމެނޭ ސިފައިންގެ މީހެކެވެ. ފިރިހެނަކު ރަހީނުކޮށް އޭނާގެ އިނގިލި ވެސް އޭރު ބުރިކޮށްލި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މައްސަލައިގައި ޒަޔާން ސިފައިންގެ ވަޒީފާއިން ސަސްޕެންޑް ވެސް ކުރިއެވެ.

ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަޚަމްތަކަކާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން، އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އެކަން އައި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މަންމައެވެ.

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެ މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގި ކަމުގެ ޒަޚަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެއެވެ.