ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާ ގާނޫނަށް ބަދަލުގެނެސްގެން އެކަން ކުރައްވާނެ ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ، ބުލީ ކުރުމާއި، އިޖްތިމާޢީ މިންގަނޑާ ޚިލާފަށް މުޖުތަމަޢުގައި ހިންގާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން މިނިސްޓްރީ ތެރެއިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވުއެވެ.
”ޚާއްސަކޮށް ބުލީގެ ކަންކަން. ސްކޫލް ތެރޭގައިއާއު މުޖުތަމަޢު ތެރޭގައި ކުރަމުންދާ ދިޔުން، މިކަމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިތީ، ޚާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ، މިހާރު އޭޖީ އޮފީހާއެކު އެބަ މަސައްކަތްތަކެއް ކުރަން.“ ވަޒީރު އިހްސާން
”ބުލީގެ ޝިކާރައަކަށްވެ ބައެއް މީހުންގެ ފުރާނަ ދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި މިހާރު މިވަނީ ކަންކަން ގޮސްފައި. މިފަދަ ކަންކަމުގައި ހަރުކަށި ޖިނާޢީ ފިޔަވަޅު އެޅޭކަމުގައި ވާނަމަ، ހަރުކަށި ޖިނާޢީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން. އެއީ އަޅުގަނޑުމެންގެ މިވަގުތުގެ ސްޓޭންޑަކީ.“ އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ، ބުލީ ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ހައްލު ހޯދާނެ ކަމަށާ، އަދި އެކަން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށެވެ.
ބުލީގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ސުކޫލުތަކާ ކޮލެޖުތަކުގައިވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭއިރު، އޭގެ ސަބަބުން ކުދިން ކިޔެވުން މަތިން ފޫހިވެ ކިޔަވާން ނުގޮސް، ނަފްސާނީ މައްސަލަތައް ދިމާވެއެވެ.
މީގެ އިތުރުން ސައިބާ ބުލީގެ މައްސަލައަކީވެސް މިހާރު ބޮޑުވެފައިވާ މައްސަލައަކަށްވާއިރު އެފަދަ ކަންކަން ނުކުރަން ފުލުހުން އަބަދާ އަބަދު އިލްތިމާސް ކިރެއެވެ.


ކިޔުންތެރިންގެ ހިޔާލު