އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިނުގައި ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވާދަވެރި ކެންޑިޑޭޓް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.
ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ބައިވެރިވެވަޑައިގަންނަވާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ސޯޝަލް މީޑިއާ އިން ފެންނަ ފޮޓޯ އާއި ވީޑިއޯ އިން އެކަން ކަށަވަރުވާ ކަމަށެވެ. ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނަވާ ބޭފުޅަކީ މެންބަރުން އިތުރުކުރުމާއި ކެމްޕެއިންތައް ހިންގުމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ވާތީ، އެތެރޭގެ އިންތިހާބުތަކުގައި ވަކި އަތަކަށް ޖެހިވަޑައިނުގެން ހުންނަވަން ޖެހޭނެ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.
“އޭނާ މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެކެވެ،” ކަމަށް މީކާއީލް ވިދާޅުވިއެވެ. އެއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަނެވި، އެ މެންބަރުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި ޗެއާޕާސަން ހޮވާ އިންތިހާބަކީ އިބުރޭގެ ބެއްލެވުމުގެ ދަށުން ހިންގާ އިންތިހާބަކަށް ވާތީ، ނަޝީދުގެ ކެމްޕެއިނުގައި އިބުރޭ ހަރަކާތްތެރިވެވަޑައިގަތުމާ މެދު ގިނަ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރެއެވެ.
“ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އިބްރާހީމް ވަހީދު މި ކެމްޕޭނުގެ މުއްދަތަށް އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވުމަށް އަޅުގަނޑު ގޮވާލައި، މި މައްސަލައިގައި ޕާޓީގެ އުސޫލުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް މަނިކުފާނު ކުރިއަށް ގެންދެވުމަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު އެދެމެވެ،” ކަމަށް މީކާއީލް ވިދާޅުވިއެވެ.
ޗެއާޕާސަން ގަޕޯ އަށް އެއްބާރުލުން ނުދެއްވާތީ މި މަހުގެ ކުރީކޮޅު އިބުރޭ މަގާމުން ވަކިކުރި ނަމަވެސް، ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވުމުން ފަހުން އެ މަގާމު އިޔާދަކުރިއެވެ. އިބުރޭއާ އެކު، އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފްގެ މަގާމު ވެސް އިޔާދަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު