ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ، ބަލައި ފާސް ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިރޭ އެ ނޫހުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފައިވާ ކަމަށް އަދަދު ނޫހުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ވަނީ، ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފައެވެ.

އަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން މިރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފައެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ ޑޮކިއުމެންޓްރީގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.

އަަދަދުގެ އޮފީހުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަަރު ފެންނަ ވީޑިއޯ އެ ނޫހުން އާންމުކޮށްފައިވާއިރު، ފޮރެންސިކް ފުލުހުން އެ އޮފީހުގެ ފޮޓޯ ނަގައި، ސިސްޓަމްތައް ބަލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ޝިޢާއުގެ މަރު: ޝާހިލްގެ އަންނައުނާއި އޭނާ ބޭނުންކުރިކަމަށް ބުނާ ވަޅިތައް ކޯޓުގައި ދައްކާލައިފި

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ފ. ނިލަންދޫ، ފިނިފެންމާގޭ ޢަލީ ޝާހިލް ބޭނުންކުރި ކަމަށް ބުނާ އަންނައުނުތަކާއި ވަޅިތައް، އޭނާ ބޭނުންވެގެން މިއަދު ކޯޓުގައި ދައްކާލައިފިއެވެ.

ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ޝިޢާއު މަރައިލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ހ. ޝީރީންވިލާ ގޭގައި ފެނުނީ އޮގަސްޓް 6، 2022ގައެވެ. އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް އޮތީ ސިއްރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، ސިއްރުކޮށްގެން ކުރިއަށް ގެންދާ އެ މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި، މައްސަލައާ ގުޅޭ މާއްދީ ހެކިތައް ގެނެސް، ކޯޓުގައި އެއާ ގުޅޭ ވާހަކަ ދައްކައިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނީ، ކޯޓަށް ގެނެސް ދެއްކީ ޝާހިލް ބޭނުންކުރި ކަމަށް ބުނާ ތިން ވަޅިއަކާއި، އެ ދުވަހު ޝާހިލް ލައިގެން ހުރި ޓީޝާޓާއި ސޯޓު ކަމަށެވެ.

އޭގެ އިތުރުން ބައެއް އެހެނިހެން މާއްދީ ހެކި ދައްކައިފައިވާ ކަމަށްވެސް، ކޯޓުން ބުންޏެވެ.

ކޯޓުން ބުނީ، ޝާހިލަށް ހެކި ދައްކައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނިމުނުއިރު، މައްސަލައިގެ ޚުލާސާ ބަޔާން އިއްވާނެ ވަގުތު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އެހެންވެ، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމަށް، ކޯޓުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި މިމަހުގެ 14ވަނަ ދުވަހު ޝާހިލްގެ މައްޗަށް ވަނީ، ޝިޢާއުގެ މަރުގެ މައްސަލައިގައި އުފުލައިފައިވާ ބައެއް ދައުވާ ސާބިތުވެ، ތިން އަހަރުގެ ހުކުމެއް އިއްވައިފައެވެ.

ޝިޢާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިޢާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިޢާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ބުނެފައިވެއެވެ.

ފެނަކައިގެ އެމްޑީއަކަށް މުޙައްމަދު ޢަފީފް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކޮށްފިއެވެ.

މިއީ މި ސަރުކާރުން ފެނަކައިގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެ މަގާމަށް އައްޔަންކުރެއްވި މުއާޒު މުޙައްމަދު ރަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު 23 ގައި މުޙައްމަދު ނަޖާޙް އެ މަގާމަށް އައްޔަންކުރެއްވިއެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް ހަވަނަ ދުވަހު ނަޖާޙް ވަނީ މަގާމުން ވަކިކޮށްފައެވެ.

ޕީސީބީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢަފީފް އައްޔަންކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

ޢަފީފަކީ ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފަހުން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ. އޭގެ ކުރިން ސްޓެލްކޯ އަދި ފެނަކައިގެ ޗެއާމަންކަމާއި، ވޯކްސް ކޯޕަރޭޝަންގެ އެކްޓިން އެމްޑީކަމާއި، ހައުސިން މިނިސްޓްރީ އާއި ސިޓީސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ. ޢަފީފް ވަނީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައެވެ.

ދެކުނާއި މެދު ރާއްޖެތެރެއަށް ކުރިއަށް އޮތް ފަސް ދުވަހު ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ކުރިއަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، އުތުރުގެ ރަށްރަށަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ބައެއް ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރެ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.

މެޓް އޮފީހުން ބަލާ މިންގަނޑުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދިޔަ އަހަރު ހުޅަނގު މޫސުން ފެށުނީ މެއި ހަތެއްގަ އެވެ. މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އެ މޫސުން ފެށުނީ މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު

ހުޅަނގު މޫސުން ފެށުނުކަން ޔަގީންކުރުމަށް ދެ ގޮތަކަށް ބަލަ އެވެ. އެއީ ވާރޭ ވެހުނު މިންވަރާއި ވައިގެ މިސްރާބު ހުރި ގޮތެވެ.

• މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ ގިނައިން ވާރޭ ވެހި، އެ ހާލަތު ޖެހިޖެހިގެން ދެ ދުވަހަށް ދެމިގެންދިއުން

• ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުމާއި އެ ހާލަތު ޖެހިގެންޖެހިގެން ދެ ދުވަހަށް ދެމިގެން ދިއުން

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދު މީކާއީލަށް

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްކަން އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީ ހަރުގޭގައި މިއަދު “އިތުބާރު” ކެމްޕޭންގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މީކާއީލާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުން ފައްޓަވަމުން މީކާއީލް ދެއްކެވި ވާހަކައިގައި ފާއިތުވެ ދިޔަ ތަނުގައި އެމްޑީޕީ ވަރަށް ހާލުގައި އޮތް ދަނޑިވަޅު އެ ޕާޓީއަށް އެންމެ ބުރަ މަސައްކަތެއް ކޮށްދިން އެއް ގުނަނަކީ މަޖިލިސް މެންބަރުންކަން ފާހަގަކުރެއްވިއެވެ. އަދި، މީގެ ދެ މަހެއްހާ ދުވަސް ކުރިއްސުރެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އޭނާ ހޮވުމަށް މަސައްކަތްކުރައްވާތީ އެ ކަމަށް ޝުކުރުއަދާކުރެއްވިއެވެ.

މީކާއީލް ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭނުގައި ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން 100 އަށްވުރެ ގިނަ ރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕާޓީގެ އާންމު މެންބަރުންގެ ހިޔާލާއި ޝުއޫރު ވަރަށް ބޮޑަށް ޕާލަމެންޓްރީ ގްރޫޕަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އޭނާ އިންތިޚާބުކޮށްދިނުމަށް މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ އާންމު މެންބަރުންގެ ކިބައިން ވެސް މީކާއިލް ވާނީ އެދިވަޑައިގެންފައެވެ.

“ނިމިދިއަ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭނުގައި ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން 100 އަށްވުރެ ގިނަ ރަށަށް ދަތުރު ކުރި. އެހެންކަމާއެކު ޕާޓީގެ އާންމު މެންބަރުންގެ ޚިޔާލާއި ޝުއޫރު ވަރަށް ބޮޑަށް ޕާލަމެންޓްރީ ގްރޫޕަށް އެނގޭ،” މީކާއިލް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މީކާއީލަކީ ޔޫތު ވިންގް ރައީސެއްގެ ގޮތުގައި ހުންނެވި އިރުން ފެށިގެން ޕާޓީއަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

“މަޖިލީހުގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރުގައި މަޖިލިސް މެންބަރުންގެ ގޮތުގައި އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި. އެ މަސައްކަތްތަކުގެ އެންމެ ބޮޑު އެއް ބައިވެރިއެއް އެމްޕީ މީކާއީލް އަކީ،” ނާޒިލް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވަނީ މީކާއީލަށް ތާއީދުކުރައްވާ ވަކިވަކިން ވާހަކަދައްކަވާފައެވެ. މެންބަރުން ފާހަގަކުރެއްވި ގޮތުގައި މީކާއީލަކީ އެމްޑީޕީ އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސްވެރިޔަކަށް އިންތިޚާބުކުރުމަށް އެންމެ އެކަށޭނަ އަދި އެންމެ “އިތުބާރު” ކުރެވޭ ކެންޑިޑޭޓެވެ.

މެމްބަރު މީކާއިލާ އެކު ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަލްހާން ފަހުމީއެވެ.

ނަޝީދުގެ ފެކްޝަނުން ވެސް ވަނީ “ބޮޑި ބަދަލު”ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ވަނީ އިއުލާނުކުރައްވައިފައެވެ.

“ބޮޑު ބަދަލު” މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.

ޒާތީ މައުލޫމާތު ހާމަކުރުން ގޯސް، އެކަން ކުރަން މަޖުބޫރުވީ: ރައީސް

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމަކީ ގޯހެއް ކަމަށާއި، ނަމަވެސް އެއީ މަޖުބޫރީ ހާލާތުގައި ކުރެއްވި ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ އެކި ވާހަކަތައް ފަތުރައި އެކި ތުހުމަތުތައް އިދާރާތަކަށް ރައްދުކޮށްފައެވެ. އެއް ކަމަކަށް ފުލުހުން އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމުގެ ޝަކުވާ ކޮށްފައިވެއެވެ.

އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު އިހުސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކުއްޖާ، ފުލުހުންގެ މެންޓަލް ހެލްތު ސަޕޯޓާ ދެއްކި ބައެއް ވާހަކަތައް ލައިވް ޓީވީގައި ހިއްސާކުރައްވައިފައެވެ. އެއާއެކު ވަރަށް ގިނަ އާންމު ރައްޔިތުންނާއި، ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަައި އިހުސާން އެ ދުވަހު ކަން ކުރެއްވި ގޮތާއި، މީގެ ކުރިން އަންހެން ކުއްޖަކު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކަންކުރި ގޮތާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތާމެދު ނޫސްވެރިއަކު ސުވާލުކުރުމުން، އެ މަނިކުފާނު ވިދާޅުވީ ހާމަކުރި މިންވަރަށް ވެސް އެ ދެ ހާދިސާގައި މައުލޫމާތު ހާމަކުރީ މަޖުބޫރު ވެގެން ކަމަށެވެ.

“އެކަމު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީވާނެ ގޮތްވާންޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ..،” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފުރަތަމަ ވެސް ގޯހެއް ހެދިކަމަށް ނިންމުމުން، އެ މަސައްކަތެއް ކުރަން ހުންނަ އާދައިގެ މުވައްޒަފު، އޭނާ ގޯހެއް ނަހަދާކަމަށްވަންޏާ އިތުރު ޕްރެޝަރަކަށް ދާ ކަމަށެވެ. އަދި އޭނާގެ އާއިލާ ވެސް ނުރައްކަލަކަށް ހުށަހެޅޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

“އެހެންވީމާ އެ ކުއްޖާ ކޭސްގައި އެ ދުވަހު އަސްލުގައި ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް. އެކަމަކު އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް އެ އައި އިލްޒާމްތަކާއި ސޯޝަލް މީޑިއާގައި ޚާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެ ކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީ،”

“އެކަމު އެވެސް އަސްލު ދީގެންވާނެ[މައުލޫމާތެއް ނޫން]. އިންޓަނޭޝަނަލް މިންގަނޑުތަކުގައި ކަމުދާކަމެއް ނޫންއެއީކީ. މި ޕްރޮފެޝަންގައި މަސައްކަތްކުރާ ބޭފުޅުން ވެސް ގަބޫލުކުރާ ކަމެއް ނޫން. އަދި އަޅުގަނޑު ވެސް ގަބޫލެއްނުކުރަން އެ ކަން ގޮތަށް ކުރަންޖެހޭނެ ކަމަކަށް” ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މިފަދަ ބައެއް ހާދިސާތަކުގައި ތަހުގީގީ މުއައްސަސާތަކުން ޒާތީ، މައުލޫމާތުތަކެއް ހާމަކުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއިރު، އެެއީ ކީއްވެކަން ހޯމް މިނިސްޓަރު އިހުސާން ޖަވާބުދާރީވެވަޑައިނުގަންނަވައެވެ.

ހައްސާސް މައްސަލަތަކުގައި ރާއްޖޭގެ ނުސްތަކުން ވެސް ޚަބަރު ގެނައުމުގައި ވަކި މިންގަނޑުތަކަކަށް ތަބާވެއެެވެ.

މިއަދު ވެސް މާފަންނުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ހިސާބުތަކުން އަނެއްކާ މިއަދު ވެސް ކަރަންޓު ކެނޑިއްޖެއެވެ.

އެކިއެކި މައްސަލަތައް ދިމާވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ. އެ ގޮތުން، މި ހަފުތާ ތެރޭގައި ވެސް ކޭބަލް ބުރިވުމުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ގިނައިރުތަކަކަށް ކަރަންޓު ކެނޑުނެވެ.

އޭގެ ފަހުން ރޭ 10:50 އެހާކަންހާއިރު ވަނީ މާލޭގެ މާފަންނުން އިރުކޮޅަކަށް ކަރަންޓު ކެނޑިފައެވެ. އެ މައްސަލަ ހައްލުކުރުމަށް ފަހު، ހަމަ ރޭގެ 11:04 ހާއިރު ވަނީ ކަރަންޓު އަނބުރާ ފޯރުކޮށްދީފައެވެ.

މިއަދު އަނެއްކާ ވެސް 1:38 އެހާކަންހާއިރު ސްޓެލްކޯއިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން މާފަންނުގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކަރަންޓު ކެނޑުނު ސަރަހައްދުގެ ތެރޭގައި މާފަންނު މަދަރުސާ ވެސް ހިމެނެއެވެ.

އާދަމް ޝަރީފާއި ތޯރިގާއި ދިޔާނާ، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފި

ކުރީގެ ބަންޑާރަނައިބު ފާތުމަތު ދިޔާނާ ސައީދާއި، މި ސަރުކާރުގެ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ފޮރިން މިނިސްޓްރީގެ މަގާމުތަކަށް އައްޔަންކުރައްވައިފިއެވެ.

“ހަވާސާ”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ބޭފުޅުން ވެސް އައްޔަންކޮށްފައިވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ. އޭގެ ތެރެއިން އާދަމް ޝަރީފް އައްޔަންކޮށްފައިވަނީ މިނިސްޓަރު ފެންވަރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ތޯރިގާއި އާދަމް ޝަރީފަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު 22 މިނިސްޓަރުންނާއެކު ފުރަތަމަ އެކުލަވައިލެއްވި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އޭގެ ތެރެއިން ތޯރިގް ފުރަތަމަ އައްޔަންކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހު ރައީސް ވަނީ އެ މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައިފައެވެ.

އޭގެ ފަހުން، މި މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް 10 މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގް ވެސް ހިމެނިވަޑައިގަތެވެ. އޭރު ރައީސް އޮފީހުން ވަނީ، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ބުނެފައެވެ.

އެ ބަދަލު ގެނައީ، މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުންނެވެ.

އަލަށް މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ވަނީ، ނޮވެންބަރު 12، 2008އިން މެއި 19، 2009އަށް ބަންޑާރަނައިބުކަން ކުރައްވައިފައެވެ. އޭނާ ވަނީ މެއި 7، 2012 އިން ނޮވެންބަރު 19، 2012 އަށް ޖެންޑާ މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

މިދިޔަ އަހަރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑޮށް، ވަކިކުރި މައްސަލައިގައި ދިޔާނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރަން ފެށި މައްސަލައިގައި އޭނާ ހާޒިރުކުރިއިރު އޭނާގެ ވަކީލަށް ފުރުސަތު ނުދިނުމުން ދިޔާނާ ނުރުހުން ފާޅުކުރެއްވިއެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ 26ގައި އަޒްމިރަލްދާގެ އިތުރުން، އޭރު ތިއްބެވި ދެ ފަނޑިޔާރަކު ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިގަތް ފަހުންނެވެ.

އޭރު ދިޔާނާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި، ރައީސް އޮފީހުގައި ކޮމިޓީއެއް ހަދައިގެން މައްސަލަ ނިންމަންވީ ކަމަށް ވިދާޅުވެ ފާޑުވިދާޅުވިއެވެ.

އެހެންނަމަވެސް، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މިދިޔަ މަހު މި ސަރުކާރުން ކެމްޕޭން ކުރަމުން ދިޔައިރު، ދިޔާނާ ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރައްވައި ވާހަކަދައްކަވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިޔާނާގެ ކުރީގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ޖާބިރުވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭ މައްސަލައިގެ ހުކުމް ކުރުން ބުދަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ބާޠިލުކުރުމަށް ހުށަހެޅި މައްސަލައިގެ ޙުކުމް އިއްވުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މި މަހުގެ ތެރޭގައި ނިންމާލާފައިވާއިރު، މި މައްސަލައިގެ ޙުކުމް އިއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނުއެވެ.

މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމުގެ ވަގުތީ އަމުރަކަށް ޢަލީ ޙުސައިންގެ ފަރާތުން އެދިވަޑައިގަތް ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާހެން ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން މިއަދު ވަނީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކޮށްފައެވެ.

އެ ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރި 4 މެންބަރުންނަކީ:

  • ހުދާ ފަހީމް / ވިލަރެސް، ކ. ތުލުސްދޫ
  • އާއިޝަތު މަލްހާ / ރަސްވެލި، ރ. ރަސްގަތީމް
  • އަލީ ޝިނާން / މއ. ރިހިރާޅު
  • އާއިޝަތު އަލީ / މ. ވާރޭވިލާ

ބޯޑަށް ބޭފުޅުން އައްޔަންކުރެއްވުމާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ، މި ބޭފުޅުންގެ ތަޖުރިބާ އާއި ލީޑާޝިޕްގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ. އަދި އަދި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލްސަމީއު އިމާދާއި އާއިޝަތު ހަމީދު ތިއްބަވައެވެ.

އަދި މިދިޔަ އަހަރު ވަނީ މޯލްޑިވްސް ކޯޕަރޭޝަންގެ ސީއޯއޯގެ މަގާމުގައި ހުރި ސަބީހާ އަހުމަދު، އެ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައެވެ.

ޖަޕާނުން އެންޑީއެމްއޭއަށް 4 މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފި

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާރިސާގެ ވަގުތުތަކުގައި ދެވޭ އިޖާބަ އަވަސްކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ދިވެހިރާއްޖޭގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް 4.3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމި ރުމިކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއެވެ.

ޖަޕާނުގެ “އެކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ ދަށުން ހަދިޔާކުރި މި ތަކެތީގެ ތެރޭގައި ފެންބޮޑުވާ ވަގުތުތަކުގައި ފެން ހިއްކުމަށް ބޭނުންކުރާ ޕަންޕުތަކާއި، އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ޒަމާނީ ސާމާނު ހިމެނެއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެހީގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ދިމާވާ ފެންބޮޑުވުމުގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެގެންދާނެއެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް މި ތަކެތީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ޖަޕާނަކީ ރާއްޖެއަށް ދިމާވާ އެކިއެކި ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށާއި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތް ރަހުމަތްތެރި ގައުމެކެވެ. މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި އެންޑީއެމްއޭއިން ސިފަކުރެއެވެ.

ހޫނުމިން މަތިވާތީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާތީ، ސިއްހީ ގޮތުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެ އޭޖެންސީން އާންމުކޮށްފައިވާ އިރުޝާދުތަކުގައި، ހޫނުގަދަ ދުވަސްތަކުގައި އާންމު ދިރިއުޅުމުގެ އާދަތައް ބަހައްޓަންވީ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ. ހާއްސަކޮށް އިރުގެ އަވިން ރައްކާތެރިވުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

އެގޮތުން އިރުގެ ނުރައްކާތެރި ދޯދިތަކުން ސަލާމަތްވުމަށްޓަކައި، ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށް އެޗްޕީއޭއިން އެދިފައިވާއިރު، ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުއިރުގެ އަވީގައި އުޅޭ މިންވަރު މަދުކުރުމަށް ވަނީ ހާއްސަ އިލްތިމާސެއް ކޮށްފައެވެ. މިގަޑިތަކުގައި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައިވެސް، ހިޔާވާނެ ފަދަ ތަންތަނުގައި މަޑުކުރުމަށާއި، ހަށިގަނޑަށް ފިނިވާނެ ފަދަ ލުއި، އަދި އާދައިގެ ކުލަތަކުގެ ހެދުން ލުމަށް ވަނީ ލަފާދީފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް އެކި ކަހަލަ ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ބޮލުގައި ރިއްސުމާއި އެނބުރުން އެރުން.
  • ވަރުދެރަވުން.
  • ލޮލަށް ގެއްލުންވުން.
  • ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުމާއި ކުދި ރަތް ބިހި ނެގުން.
  • ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުން (މިއީ ހަށިގަނޑުން ފެން މަދުވެފައިވާކަމުގެ ނިޝާނެއް).

މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ހިޔާ ތަނަކަށް ގޮސް، ގިނައިން ފެން ބުއިމަށާއި، އަދި ހާލަތު ގޯސްވާނަމަ ސިއްހީ އެހީތެރިކަން އަވަހަށް ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.

އެޗްޕީއޭއިން ބުނީ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ކަރުނުހިއްކި ނަމަވެސް ގިނަގިނައިން ފެން ބުއިމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް ހަކުރު އެކުލެވޭ ބުއިންތަކާއި ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ބޭރަށް ނިކުންނައިރު ކުޑަ، ތޮފި އަދި އަވިއައިނު ބޭނުންކުރުމަށާއި، އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަނެއް ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހޫނުމިން މަތިވަމުންދާ މިދުވަސްވަރު، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، އަދި ދިގު މުއްދަތަކަށް ބޭސްފަރުވާކުރާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއެން އެދިފައިވެއެވެ، އެޗްޕީއޭއިން ބުނީ އެމީހުންނަކީ ހޫނުގެ އަސަރު އެންމެ އަވަހަށް ކުރާނެ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އިސްކަމެއް ދޭންޖެހޭނެކަމަށެވެ.