މިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި އެއާޕޯޓު ގާއިމްކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް، މިއަދު އެއްކޮށް ނިންމާލާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިލަންދުއަށް ވަޑައިގެން، އެ ރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވިއެވެ. އޭރު ރައީސް ވަނީ، އަށް މަސްދުވަހުގެ ތެރޭގައި ބިން ހިއްކައި، ދެ އަހަރާއި ބައިގެ ތެރޭގައި އެ ރަށުގައި އެއާޕޯޓު އަޅައި ހުޅުވުމަށް ވައުދުވަޑައިގެންފައެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނާޝިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިލަންދޫގައި އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 25.90 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލާފައި ވާކަމަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ.

ނާޝިދު ވިދާޅުވީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ކަނޑައެޅިފައިވާ ތާވަލަށްވުރެ ކުރިން އެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި އެއީ، މި ސަރުކާރަކީ ރައްޔިތުންނަށް ވާ ވަޢުދުތައް ފުއްދައި، ހަލުވި ދުވެލީގައި ނަތީޖާ ނެރެދޭނެ ސަރުކާރެއްކަމުގެ ސާފު ހެއްކެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް މިލަންދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށަށް ކޮންމެހެން އެއާޕޯޓެއް މުހިންމު ކަމަށް ވިދާޅުވެފައެވެ.

އެ ރަށުގައި އެއާޕޯޓު އެޅުމަށްޓަކައި ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށާއި، އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނީ ބަނދަރުގެ މަސައްކަތާ ވެސް އެކުގައި ކަމަށް އެ މަނިކުފާނު އޭރު ވަނީ ވިދާޅުވެފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކާ ގިނަވެގެން 30 މިނެޓު ދުރުގައި އެއާޕޯޓެއް އޮންނަކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ވަކި މީހަކަށް ރިޔާސީ ރޭސް ފަހިކޮށްދޭނެ ޗެއާޕާސަންއެއް އާންމު މެންބަރުން ބޭނުންނުވޭ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ރިޔާސީ ރޭސް ފަހިކޮށްދޭން މަސައްކަތް ކުރައްވާ ޗެއާޕާސަންއެއް ޕާޓީގެ އާންމު މެންބަރުން ބޭނުންނުވާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިފައިވާ ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އަންނަ ޖޫން މަހުގެ 12ގައި ޗެއާޕާސަނަކު ހޮވުމަށް އިންތިޚާބު ބާއްވަން މަސައްކަތްކުރާއިރު، އެ މަގާމަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ މީކާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އޭގެ ތެރެއިން ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ގުޅިވަޑައިގެންނެވެ. އެއީ، ފައްޔާޒަށް ރިޔާސީ ޓިކެޓް ދެއްވަން ނަޝީދު ތާއިދުކުރައްވައި، ދެ ބޭފުޅުން ވެސް ނިޒާމީ ބަދަލެއް ގެންނަން ކެމްޕޭން ކުރައްވަމުންނެވެ.

މީކާއީލް ފައްޓަވައިފައިވާ ‘އިތުބާރު’ ކެމްޕޭނާ ގުޅޭ ގޮތުން އޭނާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ކެމްޕޭނުން ރަށްރަށަށް ކުރާ ފުރަތަމަ ދަތުރުތައް މިދިޔަ ހަފުތާގައި އަރިއަތޮޅުން ފަށައިފައިވާ ކަމަށެވެ. އެއީ ވަރަށް ކާމިޔާބު، ތާއިދު ލިބުނު ދަތުރެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންގެ މައިގަނޑު ތިން ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވުނު ކަމަށެވެ.

މީކާއީލް ވިދާޅުވީ އޭގެ ތެރެއިން ފުރަތަމަ ކަމަކީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ކަންތައްތައްވީ ގޮތުން މެންބަރުން ހިތުގައި ޖެހިފައި ތިބުން ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރަކަށް ވާދަކުރެއްވި އެ އިންތިޚާބު ނާކާމިޔާބުވީ ޕާޓީގެ ތެރޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޞާލިޙްގެ ސަރުކާރާއެކު އެމްޑީޕީއަށް ލިބުނު ދެވަނަ ވެރިކަމުގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނަގަން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. ނަމަވެސް އެކަމަށް އެއްބާރުލުން ނުލިބުމުންނާއި ރިޔާސީ ޓިކެޓް ގެއްލުމުން ޕާޓީގައި ނަޝީދުގެ ފެކްޝަނަކާއި ޞާލިޙްގެ ފެކްޝަނެއް އުފެދުނެވެ.

އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ޕާޓީން ވަކިވެ، އަމިއްލަ ޕާޓީއަށް އުފެއްދިއެވެ. އެ ދުވަސްވަރު ނަޝީދު ވަނީ ޞާލިޙާއި އެ މަނިކުފާނުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރައްވައި، އެމްޑީޕީ ވެސް ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ.

އެ އަހަރު ރިޔާސީ އިންތިޚާބުން ޞާލިޙް ނާކާމިޔާބުވުމުން، އޭގެ މައިގަނޑު ސަބަބަކީ ޕާޓީ ބައިބައިވުން ކަމަށް ގިނަ ބަޔަކު ދެކުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ނަޝީދު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މީކާއީލް މިއަދު ވިދާޅުވީ، 2023ގައި އެގޮތަށް ކަންތައްތައްވުމުން، 2028ގެ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށް އާންމު މެންބަރުން ގަބޫލުކުރާ ކަމަށެވެ.

އެހެންވެ، ޕާޓީގެ ތެރޭގައި ފިތުނަ އުފެދޭނެ އަދި ޕާޓީގެ ލީޑަރުންގެ މެދުގައި އިތުރު ޚިލާފުތައް އުފެދޭނެ އެއްވެސް ކަމަކަށް ޖާގަ ދޭކަށް ޕާޓީގެ އާންމު މެންބަރުން ބޭނުންނުވާކަން، ކެމްޕޭން ދަތުރުން ސާފުވި ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ދަތުރުން ފާހަގަވި ތިން ވަނަ ކަމެއްގެ ގޮތުގައި މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ރޭސް ވަކި ކެންޑިޑޭޓަކަށް ފަހިކޮށްދޭނެ މީހަކު ޗެއާޕާސަން ކަމަށް ގެންނަން އާންމު މެންބަރުން ބޭނުންނުވާ ކަމަށެވެ.

ނޭދޭ ސަބަބަކީ މި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި، ހުރިހާ ބޭފުޅުންނަށް ވެސް ފުރުސަތު އޮންނާނެ، ހުރިހާ ބޭފުޅުންނަށް ވެސް ޖާގަ އޮންނާނޭ ގޮތަކަށް މި ޕާޓީ ބައްޓަން ކުރެވޭނީ ވަކި ކޮޅެއް ނުނަގާ ހުރި، ވަކި މީހެއްގެ، މީހެއްގެ ގޮތުގައި ނެތް މީހެއް ކަމަށްވާތީވެ. މި ޕާޓީގެ މެންބަރުން މި ޕާޓީގެ ޗެއާޕާސަން ކަމަށް ނިއުޓްރަލް މީހަކު ގެންނަން ބޭނުންވާކަން އަޅުގަނޑުމެންނަށް ސާފުވަމުން އެބަދޭ

ނަޝީދުގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި އެގޮތަށް ވިދާޅުވުމަށް ފަހު މީކާއީލް ވަނީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ޓައިމްލައިން ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅޭ ގޮތުން ވެސް ޚިޔާލު ފާޅުކުރައްވައިފައެވެ.

އެއީ ”ވާދަވެރި ޓީމުން” ހުށަހެޅި މައްސަލައެއް ކަމަށް ވިދާޅުވެ މީކާއީލް ވަނީ ކޯޓަށް އެފަދަ މައްސަލައެއް ވެއްދުމަކީ އެޕްޑީޕީގެ އަސްލު ސިފަތަކާ ވަރަށް އިދިކީލި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެގޮތުން، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަކީ ވޯޓުން، އިންސާފުން ކަންކަން ނިންމާ އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެ ކަންކަން ނިންމުމުގެ ފުރުސަތު ހުޅުވާލަދޭ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

“އެހެންކަމުން އަޅުގަނޑު ހަމަ ވަރަށް ހިތާމަކުރަން ޕާޓީގެ އެތެރޭގެ މަސްލަހަތު ނަގާލައި، އަޅުގަނޑުމެންގެ ވާދަވެރި ޓީމުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި ޕާޓީގެ ތެެރެއިން ނިންމެން ހުރި ގިނަ ކަންކަން ވެސް ކޯޓު މެދުވެރިކޮށް ނިންމަން މަސައްކަތް ކުރަމުންދާތީ،” މީކާއީލް ވިދާޅުވިއެވެ.

އޭނާ ވަނީ، ޗެއާޕާސަން އިންތިޚާބު ކުރިއަށްދާންވާނީ މިހާރު އެކުލަވާލައިފައިވާ އުސޫލުތަކާއި ޓައިމްލައިނާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

އެންސްޕާގެ އާ ސީއީއޯއަކަށް ޝިރުނާ އައްޔަނުކުރައްވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް، ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ އާމިނަތު ޝިރުނާ މިއަދު އައްޔަނުކުރައްވައިފިއެވެ.

މި މަގާމަށް ޝިރުނާ އައްޔަނުކުރައްވާފައި މިވަނީ، މި ސަރުކާރުގައި އެންސްޕާގެ ސީއީއޯގެ މަގާމުގައި ފުރަތަމަ ހުންނެވި ހީނާ ވަލީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. ހީނާ ވަލީދު ވަޒީރުކަމުގެ ހުވާކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.

އެހެންކަމުން، އެ ދުވަހުން ފެށިގެން އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމު އޮތީ ހުސްކޮށެވެ.

އެންސްޕާއަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ އިދާރާއަކަށް ވުމާއެކު، އެ އިދާރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ތަޖުރިބާކާރު ބޭފުޅަކު އެ މަގާމަށް އައްޔަނުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު، 13 ޑިސެންބަރު 2023 ގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރައްވާފައި އޮތީ މޯލްޑިވިއަން ބްލަޑް ސާވިސަސް ނުވަތަ ތެލެސީމިއާ ސެންޓަރުގެ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއެވެ. ނަމަވެސް، އެ ދުވަސްވަރު ތެލެސީމިއާ ސެންޓަރުގެ ހިންގުމުގައި ބައެއް މައްސަލަތައް ދިމާވެ، އެ ކަންކަން ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން އާންމުންނާއި ބަލިމީހުންގެ އާއިލާތަކުގެ ފަރާތުން ޝިރުނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ޚާއްސަކޮށް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ކަންކަމުގައި ދަތިތަކެއް ކުރިމަތިވިކަން އޭރު ފާހަގަކުރެވުނެވެ. މި ފާޑުކިޔުންތަކާއެކު، ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް ގޮވާލައި، ބައެއް އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެއަށް ފަހު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކެއްގެ ތެރެއިން، ހެލްތު މިނިސްޓްރީގެ ދަށުން ތެލެސީމިއާ ސެންޓަރު ނެގުމާ ގުޅިގެން، ޝިރުނާގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް އައެވެ. އޭގެ ފަހުން އޭނާ ހަވާލުވެ ހުންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށީގެ އިތުރުން ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއާއެވެ. މި އިދާރާތަކަކީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމާއި، ބަލިތަކުން މީހުން ސަލާމަތްކުރުމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަނަށް ވުމާއެކު، ޝިރުނާ ވަނީ މި ދާއިރާތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. ޚާއްސަކޮށް އާންމު ސިއްހަތު ކުރިއެރުވުމަށް އެޗްޕީއޭއިން ހިންގާ ޕްރޮގްރާމްތަކާއި، ދަމަނަވެށިން ދޭ ވެކްސިން ދިނުމުގެ ޚިދުމަތްތައް ވިލަރެސްކުރުމުގައި އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ.

ޝިރުނާއަކީ ސިއްހީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، އޭނާއަކީ ނަރުހެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ބަލިމީހުންނަށް ސީދާ ފަރުވާ ދިނުމުގައާއި، ހޮސްޕިޓަލްތަކުގެ އެކި ޑިޕާޓްމަންޓްތަކުގައި އޭނާ ވަނީ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މީގެ އިތުރުން، ތައުލީމީ ގޮތުން ބަލާއިރު، ޝިރުނާ ވަނީ ހެލްތު ދާއިރާއިން ދެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

އެންސްޕާއަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހިންގުމުގެ މައިގަނޑު އިދާރާއެވެ. އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެކަނިވެރި މައިންނަށް ދެވޭ މާލީ އިނާޔަތްތައް ދޫކުރުމުގެ ކަންކަން ބަލަހައްޓަނީ އެންސްޕާއިންނެވެ. މީގެ އިތުރުން، ދަރިމައިވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އައިވީއެފް ފަރުވާ ދިނުމަށް ސަރުކާރުން ގާއިމުކޮށްފައިވާ ޚާއްސަ ފަންޑު މެނޭޖުކުރުމަކީވެސް އެންސްޕާގެ ޒިންމާއެކެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު މުހިންމު 7 އެއްބަސްވުމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ކޮލަމްބޯގައި ބޭއްވުނު މި ބައްދަލުވުމުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކައާއެކު ރައީސް މުޢިއްޒު ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަވައްޓެރި ގުޅުން އާ ހަރުފަތަކަށް ގެންގޮސް، ކުރިމަގަށް އަމާޒުކުރެވޭ ބަދަހި ޕާޓްނަޝިޕެއްގެ ފެށުން ކަމަށެވެ.

ރާއްޖެއާއި ސްރީ ލަންކާއާއި ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައިއެވެ.

“ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައި. އެގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުން، އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ،” ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ދޭ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ދެ ގައުމުންވެސް މަސައްކަތްކުރާނެ ކަމަށެވެ.

މިގޮތުން ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކުރުމުގެ ފުރުސަތުތަކާއި، ރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ތައާރަފްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަތީ ތައުލީމާއި ފަންނީ ތަމްރީނު ދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަކީ ދެ ގައުމުގެވެސް އިސްކަމެއް ދޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި ސޮއިކުރި ހަތް ފަހުމުނާމާ:

• ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
• އަރުޝީފު ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
• މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި ހުނަރު ތަރައްޤީކުރުން
• ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
• ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
• ދިފާޢީ ދާއިރާގެ ތަޢުލީމާއި، ތަމްރީނާއި، ދިރާސާކުރުމުގެ އެއްބަސްވުން އާކުރުން
• ޔުނިވަރސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުން

“އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް އަމަލީ ގޮތުން ފައިދާކުރާނެ މަގުތައް ފަހިކޮށްދިނުން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ވަނީ ސްރީލަންކާ ސަރުކާރުންނާއި ރައްޔިތުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ 2025 ޖުލައި 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.

އެދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ސާވް ކުރާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ސާވިސް ދޭން ފަށަން ރާވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައުލޫމާތު އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.

މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ. އެ ކުންފުނިން ވަނީ ސައްހަކަން ކަށަވަރު ނުކުރެވޭ މިފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ސީއެމްޑީއޭ ވަގުތީ ގޮތުން ހިންގެވުމަށް ޑެޕިޔުޓީ ސީއީއޯއަށް

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ވަގުތީ ގޮތުން ހިންގެވުމަށް، އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލު ކުރައްވައިފިއެވެ.

ސީއެމްޑީއޭގެ ސީއިއޯގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން މަނިކް ވަނީ އޭޕްރިލް 30 ވަނަ ދުވަހު، މަގާމުން ރިޓަޔާ ކުރައްވަައިފައެވެ.

ސީއެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވި، ހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު ދަށުން އައު ސީއީއޯއެއް އައްޔަން ކުރެވެދެން ސީއެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން ހިންގަވަމުން ގެންދަވާނީ ޑެޕިއުޓީ ސީއީއޯ ފާތިމަތު ކަމަށެވެ.

ފާތިމައަކީ އެ އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯގެ ހައިސިއްޔަތުން، އެ އޮތޯރިޓީގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާކުރުމުގައި ސީއީއޯއަށށް އެހީތެރިވެދީ، ބޯޑުން ފާސްކޮށްފައިވާ ޕްލޭންތައް ތަންފީޒުކުރުމާއި މޮނީޓަރުކުރުމުގެ އިތުރުން ޕޮލިސީގެ ކަންކަމުގައި މަޝްވަރާކުރުން ކުރިއަށް ގެންދިއުމުގެ ގޮތުން ސްޓޭކްހޯލްޑަރުންނާއެކު (ދިވެހި ސަރުކާރުވެސް ހިމެނޭ ގޮތުން) ދާއިމީ ގޮތެއްގައި ބައްދަލުވުންތައް ވިލަރެސްކުރުމާއި، މި ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން ދިރާސާތައް ކުރާ ފަރާތެވެ.

މީގެ އިތުރުން އޭނާއަކީ ސީއީއޯ ހަވާލުކުރައްވާ މަސައްކަތްތައް ކުރުމާއި، އެ ބޭފުޅާ ހާޒިރުވެ ނެތް ހާލަތުގައި އެ އޮތޯރިޓީގެ ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާކުރައްވާ ބޭފުޅާވެސް މެއެވެ.

ފާތުމަތަކީ 2011 ވަނަ އަހަރުން ފެށިގެން ސީއެމްޑީއޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

މާލޭގަ ރަށްވެހިވިތާ އެއް އަހަރު ނުވިޔަސް ގޯއްޗާއި ފުލެޓަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގައި އަމަލުކުރަމުންދާ އުސޫލަށް ބަދަލުގެނެސް، މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ހާމަކުރި ގޮތުގައި، މާލެއަށް ރަށްވެހިކަން ބަދަލުކުރި މީހުންގެ ތެރެއިން ކުރިން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލެވެނީ މާލޭގައި ރަށްވެހިވިތާ އަހަރެއްވީ މީހުންނަށް އެކަނި ކަމަށް އޮތް އޮތުން މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު، މާލޭގައި ރަށްވެހިވެފައިވާތާ އެއް އަހަރަށްވުރެ ކުރު މުއްދަތެއް ވެފައިވާ ފަރާތްތަކަށް ވެސް މިހާރު ފޯމު ހުށަހެޅޭނެއެވެ.

ނަމަވެސް، މި ފުރުސަތު ލިބިގެންދާނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓެގަރީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ބަދަލާ ގުޅިގެން ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކަށް އެޕްލައިކުރާ ފޯމަށް ވެސް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ.

މީގެ ބޭނުމަކީ މާލޭގައި ގިނަ ދުވަހު ދިރިއުޅެ، ނަމަވެސް ރަށްވެހިކަން ބަދަލުކުރިތާ ކުރު މުއްދަތެއް ވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ފުރުސަތުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންސާފުވެރި ފުރުސަތެއް ހޯދައިދިނުމެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަޙްރޫމް ނުކޮށް، އެންމެންނަށް އަމާން ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

މާލޭގައި ރަށްވެހިވިތާ އަހަރެއް ނުވިޔަސް ގޯއްޗާއި ފުލެޓަށް ލެވޭ ގޮތަށް ހެދިއިރު، ގޯއްޗާއި ފުލެޓަށް އެދި މި މަހުގެ ނިޔަލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.

އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ ވެރިކަމުން މީހުން ބޭލުން: ރައީސް ނަޝީދު

އެމަނިކުފާނަކީ ވެރިކަމުން މީހުން ބާލަން ދަންނަ ބޭފުޅެއް ކަމަށާ ހަޔާތުގައި މިހާތަނަށް ގިނަ ވެރިންތަކެއް ވެރިކަމުން ބާލާފައިވާނެ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީ ޗެއާޕާސަން ކެންޕެއިންގެ ތެރެއިން ދ.ކުޑަހުވަދޫގައި ރޭ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ އާއްމު މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، އެ މެންބަރު ވަނީ، އެ އިންތިޚާބު ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވިޔަސް 2028 ވަނަ އަހަރުގެ ވެރިކަން އެމްޑީޕީއަށް ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރައްވާނަންތޯ ސުވާލުކޮށްފައެވެ. އަދި ކިހާ ވަރަކަށް މަސައްކަތއ ކުރައްވާނަންތޯ ވެސް ވަނީ އަހާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ 2028 ގެ ވެރިކަން އެމްޑީޕީއަށް ހޯއްދަވައިދެއްވަން 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

”24 ގަޑިއިރު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އަޅުގަނޑަށް ޙަޔާތުގައި ކުރަން އެނގޭ ކަމަކީ މީހުން ވެރިކަމުން ބޭލުން. ރައީސް މައުމޫން 30 އަހަރު ވެރިކަމުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ރައީސް ޔާމީން ހުރިހާ ބާރުތަކަކާއެކުގައި އިންނެވި. އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ. ދެން ތިބޭފުޅުން އެބަ އަޅުގަނޑުގެ މައްޗަށް ތުހުމަތުކުރޭ އަޅުގަނޑުމެންގެ އަމިއްލަ ވެރިކަމެއްވެސް ބަދަލުކުރި ކަމަށް. މިހާރު މިއޮތީ ރައީސް މުޢިއްޒުގެ ވެރިކަން. މިވެރިކަން އަޅުގަނޑުމެންނަށް ބަދަލުކުރެވެންޖެހޭނެ. އެ ބަދަލުކުރުމަށް އަޅުގަނޑާ އެއްވަރަށް މަސައްކަތްލުރާ އެކަކުވެސް ނުހުންނަ ވަރަށް އަޅުގަނޑު މަސައްކަތް ކުރާނަން.“

ނަޝީދު މިހެން ވިދާޅުވެފައުވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30އަހަރުގެ ވެރިކަން ނިމި އައީ ނަޝީދުގެ ވެރިކަމެވެ. އެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން އެމަނިކުފާނުވަނީ އިސްތިއުފާ ދެއްވާފައެވެ.

އެފަހުން ރައީސް ޔާމީންގެ ވެރިކަމަށްފަހުވެސް އައީ އެމްޑީޕީގެ ރައީސް ޞާލިޙްގެ ވެރިކަމެކެވެ. އެ ވެރިކަން ނިމިގެން ދިޔައިރު އެމްޑީޕީ އޮތީ ބައިބައިވެފައެވެ. އެމްޑީޕީއަށް ދެވަނަ ދައުރެއް ނުލިބި، ރައީސް މުޢިއްޒަށް ވެރިކަން ލިބުނީ، ރައީސް ނަޝީދު އިދިކޮޅުގައި އިސްވެ ހުންނަވައި ކުރެއްވި ކުރެއްވި މަސައްކަތުން ކަމަށް އޭރު އެމްޑީޕީން ތުހުމަތު ކުރިއެވެ.

ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގް ޒޯނެއް ގާއިމްކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އިތުރު ޕާކިންގް ޒޯނެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފިއެވެ.

އެޗްޑީސީން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

މި ޕާކިންގް ޒޯން އެޗްޑީސީން ގާއިމުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ކައިރީގައި ހުރި ޕޮލިސް ސްޓޭޝަން ކައިރީގައެވެ. އަދި މި ޕާކިންގް ޒޯންގެ ސަބަބުން ސެންޓްރާލް ޕާކަށް ސައިކަލުތަކުގައި ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެޗްޑީސީން މިހާރު ގެންދަނީ އެ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީން ދަނީ ހުޅުމާލެ އަކީ ހިތް ފަސޭހަ، އަމާން ރައްކާތެރި ތަނެކަށް ހެދުމުގެ ގޮތުން ގިނަ މަސައްކަތެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ.

އެމްޓީސީސީގެ ޑީއެމްޑީ އަކަށް މުބީން އައްޔަނުކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަނުކޮށްފިއެވެ.

މުބީން މި މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދު އެވެ. އަދި އެމްޓީސީސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނީގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓަކުންނެވެ.

މުބީން އަކީ ކުރިން ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިދިޔަ އަހަރު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެމްޓީސީސީގެ ޑީއެމްޑީގެ މަގާމު ކުރިން އަދާކުރައްވަމުން ގެންދިއައީ، އަހުމަދު ޝަރީފް އަބްދުލް ރަހްމާން ޔޫސުފް އެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހު ސަރުކާރުން ހިންގާ ކުންފުނިތަކުގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް ގެނެސްފާވާއިރު، ވަޒީރުންގެ މަޖިލީހުން 10 ވަޒީރަކު ވެސް އިސްތިއުފާ ދީފާވެއެވެ.

ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއި އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހުރިއްޔާ މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް 3 ކެންޑިޑޭޓުން

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ނަމާއި އެ ކެނޑިޑޭޓުންގެ ނަންބަރު އިއުލާންކޮށްފިއެވެ.

އެމްޑީޕީން މި އިއުލާން ނެރެފައިވަނީ، މިއަދު އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

މި އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި އެ ޕާޓީން މައުލޫމާތު ދޭ ގޮތުގައި ޖުމްލަ 3 ކެނޑިޑޭޓަކު ވަނީ ވާދަކުރުމަށް ހުށަހަޅައި، ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ކުރިމަތިލުމަށް ޝަރުތު ފުރިހަމަވެފައެވެ.

އެގޮތުން، މި އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަކީ:

ކެންޑިޑޭޓު ނަންބަރ: 1- މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ/މާލެ

ކެންޑިޑޭޓް ނަންބަރ 2- އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ/ލ.ފޮނަދޫ

ކެންޑިޑޭޓް ނަންބަރ 3- މީކާއީލު އަޙްމަދު ނަސީމް ގ.ބަރޯސާ/މާލެ

މި އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ މަޖިލިސް މެންބަރު، އަލްހާން ފަހުމީ ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ގަބޫލު ކުރައްވާތީ އަލްހާން ވަނީ އޭނާ ވާދަ ކުރަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައެވެ.

އިންތިޚާބުގައި ދެން ވާދަކުރާ ވާޑު އަކީ ފޮނަދޫ ކައުންސިލް ރައީސް ކަމަށްވެސް މި ހިނގަމުންދާ ދައުރުގައި ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް ކާމިޔާބީއެއް ނުލިބުނެވެ.