އީޝާއަށް ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން: ވަކީލުން

ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފަށް، އޮންލައިން ނޫސް “އަދަދު”ން ގެނެސްދިން “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގެ ތަހުގީގަށް އީޝާ މިއަދު ވަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވެފައެވެ.

ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ތަހުގީގަށް އީޝާގެ ބަޔާން ނެގިއިރު ފުލުހުން މައިގަނޑު ގޮތެއްގައި ކުރީ އެންމެ ތިން ސުވާލު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ތިން ސުވާލެއްކަން ވިދާޅުނުވި ނަމަވެސް ޝަމީމް ވިދާޅުވީ އެ ތިން ސުވާލަށް ވެސް އީޝާ އިންކާރުކޮށްފައިވާ ކަމަށެވެ.

“ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއްވާ،” ޝަމީމް ވިދާޅުވިއެވެ.

“ދެން އަޅުގަނޑުމެން ދިފާއުގައި ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ!” ޝަމީމް އިތުރަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކަން އެހެންވީ ނަމަވެސް ފުލުހުންގެ ބަޔާނުގައި، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް ވެސް ފުލުހުން ލިޔުނު ކަމަށެވެ. ހަމައެއާއެކު މި ތަހުގީގުގައި އީޝާގެ ބަޔާން ނިމުނީ ކަމަށް ފުލުހުން ބުނި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މިއީ އީޝާ، ފުލުހުންގެ ތަހުގީގަށް ހާޒިރުކުރި ދެވަނަ ފަހަރެވެ. ރޭ، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ފުލުހުންގެ ސުވާލުތަކަށްފަހު ނުކުމެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ޝަމީމް ވަނީ އީޝާއަކީ މި މައްސަލައިގައި ‘ވިކްޓިމް’ ނުވަތަ މައްސަލައިގައި އަނިޔާ ލިބުނު މީހާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ފުލުހުންނަށް ބަޔާން ދިނުމަށްފަހު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މިއަދު ޝަމީމް ވިދާޅުވީ އީޝާއަކީ ‘ވިކްޓިމް’ކަން ތަފްސީލްކޮށްދެއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ.

“އިއްޔެ ވެސް ދަންނަވާފައި ވާނެ އަޅުގަނޑުމެންގެ ކްލަޔަންޓް ވިކްޓިމަށް ވާކަމަށް ގަބޫލުކުރާ ކަމަށް. ޓެކްސްޓް ފޮތް ތަކުގައި ވެސް [ވިކްޓިމްއަކަށް ވާ ގޮތް] ބަޔާންކޮށްފައި އެބަހުރޭ. އަނިޔާކުރާ މީހާ އަނިޔާ ލިބޭ މީހާއަށް ކުރާ މައިގަނޑު ކަންތައްތަކެއް ހުރޭ. ނަފްސާނީ އަނިޔާ ދިނުން. އެކަހެރި ކުރުން. ނަފްސާނީ ގޮތުން ވިޔަސް ފައިސާގެ ގޮތުން ވިޔަސް ޑިޕެންޑެންސީ ކްރިއޭޓްކުރުން، ބިރުދެއްކުން. އިންޒާރުދިނުން. މަގާމުގެ ނުފޫޒު ބޭނުންކުރުން،” ޝަމީމް ވިދާޅުވިއެވެ.

ދިފާއުވުމުގެ ފުރުސަތު ފުލުހުން ނުދިން ނަމަވެސް އެހުރިހާ ކަމެއް ވެސް ތަހުގީގީ މަރުހަލާގައި ކިޔައިދޭން ބޭނުންވާ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ‘ވިކްޓިމް’އަކީ ކާކުކަން ހެއްކާއެކު ސާފުކޮށްދެއްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

“މިހާރު ފުލުހުން ތުހުމަތުކުރަނީ އީޝާއަކީ ޕާޕެޓްރޭޓާ [މައްސަލައިގައި އަނިޔާ ދިން މީހާ] ކަމަށް،” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ބައެއްކަހަލަ ވާހަކަތައް ދެއްކުމަށް ފުރުސަތު ނުލިބުނީ ކާކުގެ ނުފޫޒަކުންތޯ ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑަކަށް ހިޔެއް ނުވޭ އަދި އަމުދުން ސަރުކާރަކުން ފުލުހުންގެ އިދާރާއަކަށް ނުފޫޒެއް ފޯރުވާނެއެކޭ. އަޅުގަނޑުގެ ހިތެއް ނުއެއް ބުނޭ. އެހެންނަމަވެސް ބައެއްކަހަލަ ވާހަކަދައްކަން ފުރުސަތު ނުދެއްވާކަން އަޅުގަނޑަށް ފާހަގަކުރެވޭ. ދެން އެއީ ކާކު ނުފޫޒު ފޯރުވައިގެންތޯ ނުވަތަ ނޫންތޯ އަޅުގަނޑަކަށް ނޭނގޭ،” ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަށް އީރާނުން އައު ގަވާއިދުތަކެއް ތައާރަފުކޮށްފި

އެމެރިކާއާ އީރާނާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ކުރިމަތިލުން ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި، އެ ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރު ބެލެހެއްޓުމުގެ އައު ނިޒާމެއް އީރާނުން ރަސްމީކޮށް އިފުތިތާހުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ ޕްރެސް ޓީވީން އަންގާރަ ދުވަހު ރިޕޯޓުކޮށްފިއެވެ.

މި ފިޔަވަޅު އައީ، ހުޅަނގުގެ ގައުމުތަކުގެ ދިދަ ޖެހި ބޯޓުފަހަރަށް ކަނޑުއޮޅިން ދަތުރުކުރުމަށް އެމެރިކާ ސިފައިންގެ ހިމާޔަތް ފޯރުކޮށްދޭ “ޕްރޮޖެކްޓް ފްރީޑަމް” ފެށިތާ އެންމެ ދެ ދުވަސް ފަހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އެ އޮޕަރޭޝަން މެދުކަނޑައިލެއްވި ވަގުތުގައެވެ.

އީރާނުގެ އައު ނިޒާމުގެ ދަށުން، ކަނޑުއޮޅިން ދަތުރުކުރަން ބޭނުންވާ ބޯޓުފަހަރަށް އަލަށް އުފެއްދި ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ދަތުރުގެ ގަވާއިދުތައް ހިމެނޭ އީމެއިލް ފޮނުވާނެއެވެ. އީމެއިލްގައި ބުނާ ގޮތަށް ބޯޓުފަހަރުގެ އޮޕަރޭޝަން ބަދަލުކޮށް ހުއްދަ ހޯދައިގެން ނޫނީ ދަތުރެއް ނުކުރެވޭނެއެވެ. ނަމަވެސް ހުއްދައަށް ބޭނުންވާ ޝަރުތުތައް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. އީރާނުގެ ޕާލަމެންޓުގައި ޑްރާފްޓް ކުރެވެމުންދާ ގާނޫނުގެ ދަށުން، އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރު ކަނޑުއޮޅީގައި ދަތުރުކުރުން މަނާކޮށް، އެމެރިކާއާ ގުޅުން ހުރި ބޯޓުފަހަރަށް ހަރުކަށި ލިމިޓްތައް ކަނޑައަޅައި، ދެކޮޅުވެރި ނޫން ގައުމުތަކުގެ ބޯޓުފަހަރުން ޓްރާންސިޓް ފީ ނެގުމަށް ވަނީ ހިމަނައިފައެވެ.

އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރް ގާލީބާފް އެކްސްގައި ވިދާޅުވީ “ހޮރްމޫޒް ކަނޑުއޮޅީގެ އައު ނިޒާމު ވަރުގަދަ ކުރެވެމުންދާ” ކަމަށެވެ. ޓްރަމްޕް ވިދާޅުވީ “ޕާކިސްތާނާއި އެހެން ގައުމުތަކުގެ އެދުމުގެ މަތިން” އެސްކޯޓްތައް ވަގުތީ ގޮތުން ހުއްޓައިލީ ކަމަށާއި، އީރާނުގެ ބަނދަރުތަކުގައި އެމެރިކާ އެޅި ދަތިކުރުންތައް ދެމި އޮންނާނެ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގުޗީ އެކްސްގައި ލިޔުއްވީ ޓްރަމްޕްގެ ޕްރޮޖެކްޓް ފްރީޑަމް “އެއީ ޕްރޮޖެކްޓް ޑެޑްލޮކް” ކަމަށާއި، ވޮޝިންޓަނުން ޕާކިސްތާނު މެދުވެރިކޮށް ކުރެވޭ މަޝްވަރާތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލާއި އެލްއެންޖީގެ ގާތްގަނޑަކަށް ފަސް ބައިކުޅަ އެއް ބައި ދައުރުވާ ހޮރްމޫޒް ކަނޑުއޮޅި، ފެބްރުއަރީ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން އަމަލީ ގޮތުން ވަނީ ބަންދުވެފައެވެ. މީގެ ސަބަބުން ތެލުގެ އަގު އެތައް އަހަރެއްގެ އެންމެ މަތީ މިންވަރަށް އުފުލި، ފިޒިކަލް ޝޯޓޭޖް ބައެއް ހަފުތާ ތެރޭ ކުރިމަތިވެދާނެ ކަމަށް ޝެވްރޮން ކުންފުނީގެ ސީއީއޯ މައިކް ވާތް ވަނީ އިންޒާރު ދެއްވައިފައެވެ.

“ޑޮކްޓަރުން ވިދާޅުވި ގޮތަށް، ފަސް އަހަރު ފަހުން ހާލު ރަނގަޅުވެއްޖެ”

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައަށް ފަސް އަހަރުވެފައިވާއިރު، އެ މަނިކުފާނަށް އޭރު ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތަށް، މިހާރު ހާލު ރަނގަޅުވެފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ މެއި 6، 2021ގައެވެ. އެއީ އެ މަނިކުފާނުގެ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ބޮން ގޮއްވައިލާފައިވަނީ ނަޝީދު، ސައިކަލާ އަރައިހަމަވި ތަނާއެވެ. އެ ހަމަލާގައި ނަޝީދަށް ބޮޑެތި އަނިޔާތައް ލިބުނެވެ.

އެގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ވަރަށް ނުރައްކާތެރި ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވީއިރު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

‘އެކްސް’ގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައިވަނީ، އެ މަނިކުފާނަށް ދިން ހަމަލައަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ފަސް އަހަރުތެރޭ އެ މަނިކުފާނުގެ ހާލުކޮޅު އެއްކޮށް ރަނގަޅުވާނެ ކަމަށާއި، ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، އެ މަނިކުފާނުގެ ކަނާތު އަތުގެ ތިން އިނގިއްޔަކަށް ފަހުން ވެސް ސަމާލުވާން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.

“ޑޮކްޓަރުން ލަފާކުރެއްވި ގޮތް ރަނގަޅު، އަވަސް ޝިފާއެއް މިންވަރުކުރެއްވީތީ މާތް الله އަށް ޝުކުރު ދަންނަވަން،” ނަޝީދުގެ ޕޯސްޓުގައިވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ދެން ދައުވާ އުފުލި މީހުންގެ ތެރޭގައި ހއ. ހޯރަފުށި، އަލަނާސިގެ ތަސްލީމާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދުގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ ހިމެނެއެވެ.

އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ އިއްވައިފައެވެ.

ތަސްލީމަކީ ބޮން ގޮއްވައިލުމުގައި އެންމެ އިސް ދައުރެއް އަދައިކުރި މީހާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް ތަސްލީމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތެއް ނުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމަށް ޚަރަދު ކުރި މީހުންނާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަކަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށް، އެ އިދާރާއިން ބުނެފައިވެއެވެ.

އެޗްޑީސީއާއި އެމްއައިބީން ސަލާހުއްދީން ސްކޫލުގައި ޝޭޑް ސްޓްރަކްޗާއެއް ގާއިމުކޮށްދެނީ

ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި މިއަދު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދުއެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީއެވެ.

އެޗްޑީސީން ވިދާޅުވީ، މި އެމްއޯޔޫގެ މަގްސަދަކީ، އެ ކޯޕަރޭޝަން އަދި އެމްއައިބީގެ ސީއެސްއާރުގެ ދަށުން، ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައިގޮސް ތިބޭއިރު ހިޔާވާނެ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުން ކަމަށެވެ.

ދެ އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުމުން، އެކަމަށް ބޭނުންވާ މެޓީރިއަލް ހޯދައި ސްޓްރަކްޗާ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއައިބީގެ ފަރާތުން ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. މި ޝޭޑް ސްޓްރަކްޗާ ގާއިމުކުރެވުމާއެކު، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެޗްޑީސީގެ އަމާޒަކީ، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ މަޝްރޫއުތަކެއް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުމެވެ.

ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ރައީސްގެ ދެކަނބަލުން މާލެއަށް ވަޑައިގެންފި

ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އެނބުރި މާލެއަށް ވަޑައިގެންފިއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އެ ގައުމަށް ފުރާވަޑައިގަތީ، މިދިޔަ އާދިއްތަ ދުވަހެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ، އެ ގައުމުގެ ރައީސާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ލަންކާގެ ފޮރިން މިނިސްޓަރު އެމްޕީ ވިޖިތަ ހޭރަތާ ހިމެނޭހެން އެގައުމުގެ އިސްވެރިންނާއި ރައީސް ބައްދަލުކުރެއްވިއިރު، އެކި ދާއިރާތަކުން ސްރީލަންކާއާއި ރާއްޖެއާ ދެމެދު މުހިންމު ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އޭގެއިތުރަށް، ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް އެ ދަތުރުފުޅުގެ ތެރެއިން ތައާރަފުކޮށްފައިވާއިރު، މިފްކޯގެ ‘ފަސްމީރު’ ބްރޭންޑު ވެސް ވަނީ ލަންކާއަށް ތައާރަފުކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، ރާއްޖެ-ސްރީލަންކާ ވިޔަފާރި މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސްރީލަންކާގައި އުޅޭ ދިވެހީންނާ ވެސް އެ މަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ, ސްރީލަންކާގެ ރައީސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ވަނީ، ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައިވާކަން ވެސް އިއުލާންކޮށްފައެވެ.

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށް

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި މައްސަލަ ސާބިތުވެ، ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އަންހެނަކީ، މަރްޔަމް ރިޔާސާ، މާލެ / ގ. ސައުތުބްރީޒް އެވެ.

މަރްޔަމް ރިޔާސާގެ މައްޗަށް ދައުލަތުން މި ކޭސްގައި ދެ ދައުވާއެއް އުފުލިއެވެ. އެއީ، ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއަކާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެކެވެ.

މި ދެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން އާއްމުކޮށް ހުޅުވައި ނުލައެވެ. އެހެންކަމުން ކޭސްގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ރިޔާސާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއަށްވެސް އޭނާވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ދެ މައްސަލައިން ކުރެ ކޮންމެ މައްސަލައެއްގައިވެސް އިއްވާފައިވަނީ ތިން އަހަރުގެ ހުކުމެކެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މަރްޔަމް ރިޔާސާއަކީ، މަކަރާއި ހީލަތުގެ މައްސަލައެއްގައި ކުރިން ހޯދަން އިއުލާން ކުރި މީހެކެވެ. އޭނާ ހޯދަން އިއުލާންކޮށްފައިވަނީ ފިލައިގެން އުޅޭތީ ކަމަށް ކުރީގެ ރެކޯޑްތަކުން ދައްކައެވެ.

އީޝާ ބޭނުންވަނީ ތަހުގީގުގައި ހުރިހާ ތަފްސީލެއް ކިޔައިދޭން

އޮންލައިން ނޫސް “އަދަދު”ން ގެނެސްދިން “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފް ބޭނުންވަނީ ހުރިހާ ތަފްސީލެއް ކިޔައިދޭން ކަމަށް އޭނާގެ ފަރާތުން މިރޭ ހާމަކޮށްފިއެވެ.

އަދަދު ނޫހުން ގެނެސްދިން “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި ސުވާލުކުރުމަށް، އީޝާ ރޭ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ރޭ 21:00 ހާއިރު އީޝާ ވަނީ ހާޒިރުވެފައެވެ.

ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އީޝާ ނިންމާފައިވާ ކަމަށެވެ. އަދި، ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު މީޑިއާތަކަށް ތަފްސީލުކޮށް އެ މައުލޫމާތު ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު، އަޅުގަނޑުމެން ތަފްސީލުކޮށް ކިޔައިދޭނަން،” ޝަމީމް ވިދާޅުވިއެވެ.

“ވަޒީފާގެ މާހައުލުމުގައި މިކަންކަން ވުމަކީ ވަރަށް އާއްމުކަމެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް ހުއްޓެން. މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން!” އީޝާއަކީ އެ މައްސަލައިގައި ‘ވިކްޓިމް’ އެއްކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށް ވީ ގޮތާއި، އެ ހުރިހާ ތަފްސީލުތަކެއް ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ބޭނުންވާ މިންވަރަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“އަޅުގަނޑު ގަބޫލުކުރަން، ފުލުހުން އެފަދަ ވާހަކައެއް ވިދާޅެއް ނުވާނެ އެކަން ސާފުނުކުރައްވައެއް،” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އީޝާގެ ފަރާތުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭން ހުރީ ތައްޔާރަށެވެ. އެގޮތުން ފޯނު ކޯލުތަކާއި، މެސެޖުތަކާއި އެހެން ހުރިހާ ތަފްސީލުތަކާއެކު ކިޔައިދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ވަރަށް ތަފްސީލުކޮށް އީޝާގެ މައްޗަށް ކުރާ ތުހުމަތުތައް ކިޔައިދެއްވައިފައެވެ.

“…ފުލުހުން ތުހުމަތުކުރަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާއާ ހަވާލާދީ، 411އާއި 413އާ. ދެން 411އަކީ މީހަކު ޒިނޭކުރިކަމުގެ ތުހުމަތު. 413އަކީ ތިމާގެ މީހަކާ ޒިނޭކުރި ކަމުގެ ތުހުމަތު. ދެން އަޅުގަނޑުމެން މި ފާހަގަކުރީ ކުޑަކޮށް އޮޅުމެއް އެބައުޅޭ ނޫންހޭ؟ ދެން ފުލުހުން އެކަން ރަނގަޅު ކޮށްދެއްވި. 413 ވަނަ މާއްދާގެ ތުހުމަތެއް މިހާރަކު ނެތް. 411 ވަނަ މާއްދާގެ ތުހުމަތެއް އޮތް ކަމަށް މިހާރު ފުލުހުން މި ވިދާޅުވަނީ،” ޝަމީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި އީޝާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓި އަމުރުގައި އޮންނަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާ ހަވާލާ ދީފައި ކަމަށެވެ. ނަމަވެސް ފަހުން އިއްވި ތުހުމަތުގައި 30 ވަނަ މާއްދާއެއް ހިމަނާފައެއް ނުވާއިރު މިހާރު އޮތީ 612 ވަނަ މާއްދާ އެކަންޏެވެ.

“އޭގެ މާނައަކީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރާ ބެހޭ ގޮތުން އެބަ ސުވާލު އުފެދެއޭ. އެ ތުހުމަތެއް މިހާރަކު ނެތޭ. މިހާރު އޮތީ މުޅިން އެހެން ތުހުމަތެއް،” ޝަމީމް ވިދާޅުވިއެވެ.

މި ޓީމުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މުޙައްމަދު ފަރީދު ވެސް މަސައްކަތް ކުރައްވައެވެ. އޭނާ މިރޭ ވިދާޅުވި ގޮތުގައި ފުލުހުންނަށް ‘އައިޝާ’ ޑޮކިއުމަންޓްރީގައި އެ ވާހަކަ ކިޔައިދޭ އަންހެން މީހާއަކީ އީޝާކަން އެނގުނު ގޮތުގެ ހެއްކެއް ފުލުހުންނަށް ލިބިފައިވެއެވެ.

“އަޅުގަނޑުމެން ވެސް ސުވާލު އުފެއްދިން. އީޝާކަން އެނގުނީ ކިހިނެއްތޯ؟ ނޫނީ މައްސަލަ ރައްދުވާ އަނެއް ފަރާތުން އެކަހަލަ ވާހަކައެއް ދެއްކީމަތޯ އީޝާ ހާޒިރުކުރެވިގެން މިއުޅެނީ؟ ދެން ވިދާޅުވި އެކަމާ ގުޅޭ ގޮތުން އެބޭފުޅުންނަށް ހެއްކެއް ލިބިފައި އޮތް ކަމަށް. ދެން އެއީ ކޮން ގޮތަކަށް ލިބުނު ހެއްކެއް ކަމެއް، ކޮން ބާވަތެއްގެ ހެއްކެއް ކަމެއް ވިދާޅެއް ނުވޭ،” އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާތީ ޕާސްޕޯޓުތައް ހިފެހެއްޓީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ “ކްރިއޭޓޯލް” އާންމުކޮށް، ޓެސްޓްކުރުމުގެ މަރުޙަލާ ފަށައިފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އުފައްދާފައިވާ، ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ޕްލެޓްފޯމް “ކްރިއޭޓޯލް” ޢާންމުކޮށް ޓެސްޓްކުރުމުގެ މަރުޙަލާ ފަށައި މިއަދު ހުޅުވާލައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ފުރުސަތަކީ އެ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކުރުމުގެ ކުރިން، ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތުވެރިންނަށް އެ ޕްލެޓްފޯމް ތަޖުރިބާކޮށްލުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.

“ކްރިއޭޓޯލް” އަކީ ދިވެހި އަދި ބައިނަލްއަޤްވާމީ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ބްރޭންޑްތަކުގެ އިތުރުން މުޅި ދުނިޔޭގެ އޯޑިއަންސާ ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ޚާއްސަ ‘މާކެޓް ޕްލޭސް’އެކެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ އެ ޕްލެޓްފޯމްގެ ޒަރިއްޔާއިން، ރާއްޖޭގެ އަސްލު ތަޖުރިބާތައް ދައްކުވައިދޭ ކޮންޓެންޓް ދައްކާލުމަށާއި، އޭގެ ލައިސަންސް ދޫކުރުމުގެ އިތުރުން، އެއިން މާލީ މަންފާ ހޯދުމުގެ މަގު ކްރިއޭޓަރުންނަށް ފަހިވެގެންދާނެ ކަމަށް ބުނެފައެވެ.

ވޭތުވެދިޔަ މަހުގެ ތެރޭގައި “ކްރިއޭޓޯލް” ވަނީ ޓެސްޓްކުރުމަށާއި، ވަކި ޚާއްސަ ކްރިއޭޓަރުންތަކަކަށް ހުޅުވާލައިގެން ބޭނުން ކުރަން ފަށައިފައެވެ. އެ މުއްދަތުގައި ބޭނުންކުރި ފަރާތްތަކުން ލިބުނު ޚިޔާލުތަކަށް ބިނާކޮށް، ވީއެމްސީއިން ވަނީ ޕްލެޓްފޯމަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.

އޭގެ ތެރޭގައި ކޮންޓެންޓް އަޕްލޯޑް ކުރުމުގެ ނިޒާމު ފަސޭހަކުރުމާއި، ސައިޓްގައި ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ހޯދޭނެ ގޮތް ހެދުމުގެ އިތުރުން، ޖުމުލަ ގޮތެއްގައި ޕްލެޓްފޯމް ބޭނުންކުރުމުގައި ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ވީއެމްސީއިން ވަނީ އެ ޕްލެޓްފޯމް އެންމެހާ ފަރާތްތަކަށް ހުޅުވާލުމުގެ ކުރިން ބާއްވާ “ޕަބްލިކް ބީޓާ” މަރުޙަލާގައި ބައިވެރިވުމަށް ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި، ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ މަސްލަހަތުވެރިންނަށް ދައުވަތު އަރުވާފައެވެ. އެ މަރުޙަލާގައި ލިބޭ ޚިޔާލުތަކަކީ ޕްލެޓްފޯމް އިތުރަށް ތަރައްގީކޮށް ފުރިހަމަކުރުމަށް ލިބޭނެ މުހިންމު ބާރެއް ކަމަށް ވީއެމްސީއިން ބުންޏެވެ.

ކްރިއޭޓޯލް ބައްޓަންވަމުންދަނީ އެ ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއެކު. މި ބީޓާ މަރުޙަލާގެ ސަބަބުން، ޕްލެޓްފޯމްގެ ފީޗާތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކްރިއޭޓަރުންނަށް ލިބިގެންދާއިރު، މީގެ ސަބަބުން ޕްލެޓްފޯމް އިތުރަށް ފުރިހަމަކުރުމަށް އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ. ކޮންޓެންޓް އުފައްދާ ފަރާތްތަކާއި އެ ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ޕްލެޓްފޯމް ބިނާކުރުމުގައި، ދާއިރާގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމަށް އަޅުގަނޑުމެން ހިތްވަރުދެން،ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ

ވިޒިޓް މޯލްޑިވްސްއިން ބުނީ އެ ޕްލެޓްފޯމްގައި މިހާރު ވެސް ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމާއި، އާންމު ދިރިއުޅުން ދައްކުވައިދޭ ތަފާތު ވިޝުއަލް ކޮންޓެންޓްތައް ހިމަނާފައިވާ ކަމަށެވެ.

އެ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ރާއްޖެއާ ބެހޭ ވާހަކަތައް މުޅި ދުނިޔެއަށް ތިލަކޮށްދޭ މަރުކަޒީ ވަސީލަތެއްގެ ގޮތުގައި ކަމަށާއި އޭގެ ބޭނުމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށްދާން ބޭނުންވާ ދިވެހި ކްރިއޭޓަރުންނަށާއި ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖެއާ ގުޅޭ ކޮންޓެންޓް އުފައްދާ ބޭރުގެ ކްރިއޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވީއެމްސީއިން ވަނީ ބުނެފައެވެ.

ބީޓާ ޓެސްޓިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ކްރިއޭޓަރުންނާއި މަސްލަހަތުވެރިންނަށް “ކްރިއޭޓޯލް” އަށް ޒިޔާރަތްކޮށް، ޕްރޮފެޝަނަލް ނުވަތަ ބިޒްނަސް ކްރިޑެންޝަލް ބޭނުންކޮށްގެން ލޮގިންވެ، ޕްލެޓްފޯމްގެ ފީޗާތައް ބޭނުންކޮށްލެވޭނެ ކަމަށް ވީއެމްސީއިން ބުނެއެވެ. އަދި އެންމެ ފުރަތަމަ ރަޖިސްޓާކުރާ 30 ފަރާތަށް ހުޅުވާލެފިވައިވާ ފުރުސަތުގައި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ކޮންޓެންޓް އަޕްލޯޑް ކުރުމާއި، ސައިޓްގައި ނެވިގޭޓް ކުރުމާއި، މާކެޓްޕްލޭސްގެ މަސައްކަތްތައް ޓެސްޓްކޮށް، ލިބޭ ތަޖުރިބާގެ މައްޗަށް ބިނާކޮށް ޚިޔާލު ފާޅުކުރުމަށް ވީއެމްސީއިން ވަނީ އެދިފައެވެ.

އެ ޚިޔާލުތަކަކީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކުރުމުގެ ކުރިން ގެންނަންޖެހޭ އިތުރު ކުރިއެރުންތައް ގެނައުމަށް ލިބޭނެ މުހިންމު އެހީތެރިކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ރައީސް ނުވަތަ ޗެއާޕަސަންގެ މަގާމު، އަނެއްކާވެސް އަހްމަދު ނާސިފް ދީދީ (ޑީޑީ)  އަނެއްކާ ވެސް ދިފާއު ކުރައްވައިފި އެވެ.

ވެމްކޯގެ ޗެއާމަންކަން ވެސް ކުރައްވާ ޑީޑީ، އެ މަގާމަށް އިންތިހާބު ކުރީ ތިންވަނަ ދައުރަކަށެވެ.

މި ފަހަރުގެ އިންތިހާބަކީ ބިލިއާޑް އާއިލާގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިންތިހާބެކެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ 128 ފަރުދީ މެންބަރުންގެ ތެރެއިން 115 މީހުން ވޯޓުލާފައިވާއި ވެއެވެ.

އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ޑީޑީއާ ވާދަކުރެއްވީ އިސްމާއިލް ރަޒީން އެވެ. އެމްބީއޭގެ އޮފިޝަލް ވިދާޅުވީ ޑީޑީ މަގާމު ދިފާއު ކުރެއްވީ 90  ޕަސަންޓަށް ވުރެ ގިނަ ވޯޓާ އެކު ކަމަށެވެ.

ވައިސް ޗެއާޕަސަންގެ މަގާމަށް ހަސަން ޝަފްރާޒް އަދި އަހްމަދު ޒިޔާއު ސައީދާ ވާދަކޮށް ކުރި ހޯއްދެވީ އަހްމަދު މާހިދެވެ. ހަޒާންދާރުގެ މަގާމަށް ނަވާޒް ތައުފީގާ ވާދަކޮށް އިންތިހާބުވީ ފާތިމަތު ރައުފާ މުހައްމަދު ހާފިޒް އެވެ.

އެސޯސިއޭޝަންގެ އާ އެކްސްކޯގެ އަންހެން މެންބަރަކަށް ފާތިމަތު އަރަފާ އާމިރުއާ ވާދަކޮށް ކާމިޔާބު ކުރީ ފަގީހާ އިބްރާހިމެވެ. އަދި ފިރިހެން ދެ މެންބަރުންގެ ގޮތުގައި ހޮވިފައިވަނީ އަލީ ޝާވިން އާއި ޔޫސުފް ޒުބައިރު އެވެ.

މިފްކޯގެ ފަސްމީރު އުފެއްދުންތައް ކޮލަމްބޯގައި ދައްކާލައިފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިފްކޯގެ ފަސްމީރު ބްރޭންޑުގެ ‘ވެލިއު އެޑަޑް’ އުފެއްދުންތައް ސްރީލަންކާގެ ކޮލަމްބޯގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މި ހަފްލާގައި، ރާއްޖޭގެ ސަގާފީ ‘މާލާފަތް’ ދައްކާލުން އޮތެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ސަގާފީ ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. މި ހަފްލާގައި މިފްކޯއިން ވަނީ އެ ކުންފުނީގެ އާ އުފެއްދުންތައް ލަންކާގެ ވިޔަފާރިވެރިންނަށާއި ކަމާގުޅޭ ފަރާތްތަކަށް ތައާރަފްކޮށްފައެވެ.

މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، އެއިން ތައްޔާރުކުރާ ތަފާތު އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ނެރުމަށް ސަރުކާރުން ދަނީ ބާރުއަޅަމުންނެވެ. މިފްކޯގެ ފަސްމީރު ރޭންޖަކީ މި އަމާޒަށް ވާސިލްވުމަށްޓަކައި އެކުލަވާލާފައިވާ މުހިންމު ބްރޭންޑެކެވެ.

މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުމާ ގުޅިގެން، މަސްވެރިކަމާއި، ވިޔަފާރި އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދެ ގައުމުގެ ސަރުކާރުންވެސް ވަނީ މިއީ އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި ތައާރަފްކުރުމާއެކު، އަވަށްޓެރި ގައުމުތަކުގެ ބާޒާރުގައި ދިވެހި އުފެއްދުންތަކަށް އޮތް ފުރުސަތުތައް ފުޅާވެގެންދާނެއެވެ. އަދި މިއީ ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގެ އެކްސްޕޯޓް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.

މާލޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލެ، ބޮޑުތަކުރުފާނު މަގު، ޓޯ ޔާޑު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިރޭ މާލެ، ބޮޑުތަކުރުފާނު މަގު، ޓޯ ޔާޑު ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓްގައި، ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

އިތުރު ތަފްސީލެއް ނެތި ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް ލަމްއާން ހަމަޖައްސައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ލަމްއާން މިއަދު އައްޔަންކޮށްފިއެވެ.

ޕީއެންސީން މިއަދު ވަނީ ލަމްއާން އެ މަގާމަށް ހަމަޖައްސާފައިވާކަން ރަސްމީކޮށް ހާމަކޮށްފައެވެ. ލަމްއާން އަކީ މިހާރުވެސް ސަރުކާރުގެ މުހިންމު މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އޭނާ މިހާރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރު އަދި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ލަމްއާން ވަނީ މީގެ ކުރިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ޕީއެންސީގެ އިދާރީ ހިންގުމަށް މި ބަދަލު ގެނެސްފައިވަނީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެ ޕާޓީގެ އެތެރޭގެ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިންނެވެ. މިގޮތުން، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި މުއާޒް ހަލީމް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މުއާޒްގެ އިސްތިއުފާއާ ގުޅިގެން، ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިހާރު އައްޔަންކޮށްފައިވަނީ މޫސާ ފަތުހީ އާދަމް އެވެ. ފަތުހީ އަކީ މީގެކުރިން ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ހިންގަވާ ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، ޕާޓީގެ އިސް މަގާމުތަކަށް ތަޖުރިބާކާރު ބޭފުޅުން އަންނަނީ އައްޔަންކުރަމުންނެވެ.