ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ވަގުތީ ގޮތުން ހިންގެވުމަށް، އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަބްދުﷲ ކަމާލުއްދީންއާ ހަވާލު ކުރައްވައިފިއެވެ.
ސީއެމްޑީއޭގެ ސީއިއޯގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން މަނިކް ވަނީ އޭޕްރިލް 30 ވަނަ ދުވަހު، މަގާމުން ރިޓަޔާ ކުރައްވަައިފައެވެ.
ސީއެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވި، ހިރާއްޖޭގެ މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު ދަށުން އައު ސީއީއޯއެއް އައްޔަން ކުރެވެދެން ސީއެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން ހިންގަވަމުން ގެންދަވާނީ ޑެޕިއުޓީ ސީއީއޯ ފާތިމަތު ކަމަށެވެ.
ފާތިމައަކީ އެ އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯގެ ހައިސިއްޔަތުން، އެ އޮތޯރިޓީގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާކުރުމުގައި ސީއީއޯއަށށް އެހީތެރިވެދީ، ބޯޑުން ފާސްކޮށްފައިވާ ޕްލޭންތައް ތަންފީޒުކުރުމާއި މޮނީޓަރުކުރުމުގެ އިތުރުން ޕޮލިސީގެ ކަންކަމުގައި މަޝްވަރާކުރުން ކުރިއަށް ގެންދިއުމުގެ ގޮތުން ސްޓޭކްހޯލްޑަރުންނާއެކު (ދިވެހި ސަރުކާރުވެސް ހިމެނޭ ގޮތުން) ދާއިމީ ގޮތެއްގައި ބައްދަލުވުންތައް ވިލަރެސްކުރުމާއި، މި ބައްދަލުވުންތަކަށް ތައްޔާރުވުމުގެ ގޮތުން ދިރާސާތައް ކުރާ ފަރާތެވެ.
މީގެ އިތުރުން އޭނާއަކީ ސީއީއޯ ހަވާލުކުރައްވާ މަސައްކަތްތައް ކުރުމާއި، އެ ބޭފުޅާ ހާޒިރުވެ ނެތް ހާލަތުގައި އެ އޮތޯރިޓީގެ ހިންގުމުގެ ހުރިހާ ޒިންމާއެއް އަދާކުރައްވާ ބޭފުޅާވެސް މެއެވެ.
ފާތުމަތަކީ 2011 ވަނަ އަހަރުން ފެށިގެން ސީއެމްޑީއޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު