އެމެރިކާއާ އީރާނާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި ކުރިމަތިލުން ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި، އެ ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރު ބެލެހެއްޓުމުގެ އައު ނިޒާމެއް އީރާނުން ރަސްމީކޮށް އިފުތިތާހުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ ޕްރެސް ޓީވީން އަންގާރަ ދުވަހު ރިޕޯޓުކޮށްފިއެވެ.
މި ފިޔަވަޅު އައީ، ހުޅަނގުގެ ގައުމުތަކުގެ ދިދަ ޖެހި ބޯޓުފަހަރަށް ކަނޑުއޮޅިން ދަތުރުކުރުމަށް އެމެރިކާ ސިފައިންގެ ހިމާޔަތް ފޯރުކޮށްދޭ “ޕްރޮޖެކްޓް ފްރީޑަމް” ފެށިތާ އެންމެ ދެ ދުވަސް ފަހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އެ އޮޕަރޭޝަން މެދުކަނޑައިލެއްވި ވަގުތުގައެވެ.
އީރާނުގެ އައު ނިޒާމުގެ ދަށުން، ކަނޑުއޮޅިން ދަތުރުކުރަން ބޭނުންވާ ބޯޓުފަހަރަށް އަލަށް އުފެއްދި ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ދަތުރުގެ ގަވާއިދުތައް ހިމެނޭ އީމެއިލް ފޮނުވާނެއެވެ. އީމެއިލްގައި ބުނާ ގޮތަށް ބޯޓުފަހަރުގެ އޮޕަރޭޝަން ބަދަލުކޮށް ހުއްދަ ހޯދައިގެން ނޫނީ ދަތުރެއް ނުކުރެވޭނެއެވެ. ނަމަވެސް ހުއްދައަށް ބޭނުންވާ ޝަރުތުތައް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. އީރާނުގެ ޕާލަމެންޓުގައި ޑްރާފްޓް ކުރެވެމުންދާ ގާނޫނުގެ ދަށުން، އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރު ކަނޑުއޮޅީގައި ދަތުރުކުރުން މަނާކޮށް، އެމެރިކާއާ ގުޅުން ހުރި ބޯޓުފަހަރަށް ހަރުކަށި ލިމިޓްތައް ކަނޑައަޅައި، ދެކޮޅުވެރި ނޫން ގައުމުތަކުގެ ބޯޓުފަހަރުން ޓްރާންސިޓް ފީ ނެގުމަށް ވަނީ ހިމަނައިފައެވެ.
އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރް ގާލީބާފް އެކްސްގައި ވިދާޅުވީ “ހޮރްމޫޒް ކަނޑުއޮޅީގެ އައު ނިޒާމު ވަރުގަދަ ކުރެވެމުންދާ” ކަމަށެވެ. ޓްރަމްޕް ވިދާޅުވީ “ޕާކިސްތާނާއި އެހެން ގައުމުތަކުގެ އެދުމުގެ މަތިން” އެސްކޯޓްތައް ވަގުތީ ގޮތުން ހުއްޓައިލީ ކަމަށާއި، އީރާނުގެ ބަނދަރުތަކުގައި އެމެރިކާ އެޅި ދަތިކުރުންތައް ދެމި އޮންނާނެ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގުޗީ އެކްސްގައި ލިޔުއްވީ ޓްރަމްޕްގެ ޕްރޮޖެކްޓް ފްރީޑަމް “އެއީ ޕްރޮޖެކްޓް ޑެޑްލޮކް” ކަމަށާއި، ވޮޝިންޓަނުން ޕާކިސްތާނު މެދުވެރިކޮށް ކުރެވޭ މަޝްވަރާތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލާއި އެލްއެންޖީގެ ގާތްގަނޑަކަށް ފަސް ބައިކުޅަ އެއް ބައި ދައުރުވާ ހޮރްމޫޒް ކަނޑުއޮޅި، ފެބްރުއަރީ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިން ފަހުން އަމަލީ ގޮތުން ވަނީ ބަންދުވެފައެވެ. މީގެ ސަބަބުން ތެލުގެ އަގު އެތައް އަހަރެއްގެ އެންމެ މަތީ މިންވަރަށް އުފުލި، ފިޒިކަލް ޝޯޓޭޖް ބައެއް ހަފުތާ ތެރޭ ކުރިމަތިވެދާނެ ކަމަށް ޝެވްރޮން ކުންފުނީގެ ސީއީއޯ މައިކް ވާތް ވަނީ އިންޒާރު ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު