ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން، މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ގއ. ކަނޑުހުޅުދޫ / މުރަކަ، ޝަރަފުﷲ އިސްމާއީލް (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލައިގައި ހުށަހެޅި ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ. އަދި މި ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 3 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުން ‘އަދަދު’ ގެ ނޫސްވެރިޔާ ބޭރުކުރުމުން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ރައީސް މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކުން “އަދަދު” ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ބޭރުކުރުމަށް އެންގެވި އެންގުމާ ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމަކުން ނޫސްވެރިޔަކު ބޭރުކުރުމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަވެރި އަމަލެއް ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ސުވާލުކުރުމުގެ ފުރުސަތު ދޭނެ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަނޑައެޅުއްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިފަދަ އަމަލުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އިތުރުން، ރާއްޖޭގެ ދިމިގްރާތީ ނިޒާމަށް ލިބުނު ބޮޑު އިންޒާރެއް ކަމަށެވެ. މީޑިއާގެ މިނިވަންކަމަކީ ދިމިގްރާތީ މުޖުތަމައެއްގެ މުހިންމު އަސާސެއްކަން ފާހަގަކުރައްވައި، ޝާހިދު ވަނީ މީޑިއާގެ މިނިވަންކަމަށް އިހުތިރާމްކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެއިތުރުން، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒަށް ޝާހިދު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ވަކި ނޫސްވެރިއަކު ބައްދަލުވުމުން ބޭރުކުރުމަށް އެންގުމަކީ ނޫސްވެރިންގެ މެދުގައިވެސް ކަންބޮޑުވުން އުފެދިފައިވާ މައްސަލައެކެވެ.

ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ފާއިތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް ރޯގާގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ކަމަށާއި ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މި އަހަރުގެ އޭޕްރީލް މަހުގެ ގައިން ގަޔަށް އަރާ ބަލިތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗް މަހާ އަޅާ ބަލާއިރު އޭޕްރީލް މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މި ބަލިތައް ފެތުރޭ މިންވަރު ވަނީ ކަންބޮޑުވާ ދަރަޖައަކަށް މައްޗަށް ގޮސްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެގޮތުން މާޗް މަހު އަރިދަފުސް ރޯގާގެ 20،810 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އޭޕްރީލް މަހު މި އަދަދު ވަނީ 24،221 އަށް އިތުރުވެފައެވެ. އެޗްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަރިދަފުސް ރޯގާ އެންމެ ބޮޑަށް އިތުރުވެފައި ވަނީ މާލެ ސަރަހައްދުގެ އިތުރުން ހއ، ށ، ރ، ޅ އަދި އދ. އަތޮޅުގައެވެ.

ހަމައެއާއެކު އިންފްލުއެންޒާއަށް ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި ނިސްބަތް ވެސް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މާޗް މަހު އިންފްލުއެންޒާއަށް ޓެސްޓުކުރި 105 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ 5 ސާމްޕަލެވެ. ނަމަވެސް އޭޕްރީލް މަހު ޓެސްޓުކުރި 171 ސާމްޕަލްގެ ތެރެއިން 62 ސާމްޕަލް ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓުކުރި 1،201 މީހުންގެ ތެރެއިން 171 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް:

  • ކެއްސައި ކިނބިހިއަޅާ އިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން
  • ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން
  • ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން
  • ރޯގާ ޖެހިފައިވާނަމަ މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުން
  • ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން ރޯގާ ޖެހިފައިވާ މީހުންނާ ދުރުހެލިވެ އުޅުން
  • ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާ ވެކްސިން ޖެހުން
  • ރޯގާޖެހި ހުން އަންނަތާ ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  • ހޮސްޕިޓަލަށް ޒިޔާރަތްކުރާ އިރު ބަލިމީހުންނަށް ޒިޔާރަތްކުރުން މަދުކުރުން

ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވި ނަމަވެސް، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުގެ ކޭސްތައް ވަނީ މާޗް މަހާ އަޅާބަލާ އިރު އޭޕްރީލް މަހު ކުޑަތަންކޮޅެއް ދަށްވެފައެވެ. މާޗް މަހު ޑެންގީގެ 643 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އޭޕްރީލް މަހު ރިޕޯޓުކޮށްފައި ވަނީ 601 ކޭހެވެ. ނަމަވެސް މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓުކުރި 60 ކޭހާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ފ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޑެންގީ ހުން ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު، މާޗް މަހު 3،993 ކޭސް ރިޕޯޓުކޮށްފައިވާ އިރު އޭޕްރީލް މަހު މި އަދަދު ވަނީ 4،454 އަށް އިތުރުވެފައެވެ. ބޭރަށް ހިންގުން އެންމެ ބޮޑަށް އިތުރުވެފައި ވަނީ މާލެ ސަރަހައްދާއި، ކ، އއ އަދި ދ. އަތޮޅުގައެވެ.

މީގެ އިތުރުން، ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމަށް ވަނީ އިރުޝާދުދީފައެވެ. ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، މަދިރި އާލާވާ ގޮތަށް ހުންނަ ފެން ހަރުލާ ތަންތަން ނައްތާލުމަކީ ވެސް މުހިއްމު ކަމެކެވެ. ޑެންގީ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުމަށާއި، ހުން މަޑުކުރުމަށް ޕެރަސެޓަމޯލް ބޭނުންކުރުމަށް އެޗްޕީއޭ އިން ލަފާދެއެވެ. ބޭރަށް ހިންގުމުން ރައްކާތެރިވުމަށް، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާކުރުމަށްފަހު ރަނގަޅަށް އަތްދޮވުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމަށް ވަނީ އަންގާފައެވެ.

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.

ސަރުކާރުގެ ފަރާތުން ފޮނުވި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ އިބްރާހިމެވެ.

މި ބިލުގެ މަގްސަދެއް ކަމުގައި ބިލުގައި ވަނީ، މި ބިލު ގާނޫނަކަށް ވުމުން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގައި ޒާތީ މައުލޫމާތު އެއްކުރުމާއި ޕްރޮސެސް ކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކުރެވިގެން ދިޔުން ކަމަށެވެ.

ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސް ކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި އެ ފަރާތްތައް ރެގިއުލޭޓްކުރުމާ ބެހޭ އުސޫލުތައް މި ގާނޫނުގެ ދަށުން ބަޔާން ކުރާނެއެވެ.

މި ބިލާއެކު ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ އިދާރާތަކާއި އެހެނިހެން ކްރޮސްބޯޑާ ފަރާތްތަކަށް ޒާތީ މައުލޫމާތު ޓްރާންސްފާ ކުރުމާ ގުޅޭ އުސޫލުތައް ވެސް ކަނޑައެޅުމުގެ އިތުރުން، ޑޭޓާ ނިސްބަތްވާ ފަރާތްތަކަށް ލިބިގެންވާ ހައްގުތަކާއި އެ ހައްގުތައް ބޭނުން ކުރުމުގެ ހަމަތައް ބަޔާންކޮށް، ޑޭޓާ ބްރީޗެއް މެދުވެރިވެއްޖެ ނަމަ މައުލޫމާތު ޕްރޮސެސްކުރާ ފަރާތްތަކުން އަމަލު ކުރާނެ ގޮތުގެ އުސޫލުތައް ވެސް ބަޔާން ކުރާނެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ނައިފަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (43އ) އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، ޢާއިޝަތު ރިޒްނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 10 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، ނައިފަރުގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކޮށްފައި ކަމަށެވެ.

އަދި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 53 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސުންގެ ޖަލްސާގައި ބައިވެރިވުމަށް ޝާހިދު ޗައިނާއަށް

ޗައިނާގެ ޗަންހައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފުރާ ވަޑައިގެންނަވައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދު އެކްސްގައި މިކަމާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި 12 ރައީސަކު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާކަމަށެވެ. އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި 21 ބޭފުޅަކު އެބަތިއްބެވިއެވެ.

ޢަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ހުންނެވީ އެމަޖިލީހުގެ 76 ވަނަ ސެޝަނުގައެވެ. އެއީ ސެޕްޓެމްބަރު 2021 އިން ފެށިގެން ޖެހިގެން އައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

އދ ގެ އާންމު މަޖިލީހުގައި ޝާހިދުގެ “އުއްމީދުގެ ރިޔާސަތު” ބިނާކުރައްވާފައިވަނީ އަންހެނުން ކުރިއެރުވުމަށާއި، މިންތީގެ ހަމަހަމަކަމުގެ އިތުރުން ޒުވާނުން ބާރުވެރި ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ހާރިޖީ ދާއިރާ ކުރިއެރުވުމަށެވެ.

ޓޫރިޒަމް ވިޔަފާރިތަކަށް އެހީވެވޭނެ ގޮތްތައް އެބަ ބަލާ: ރައީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ސަރުކާރުން ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުން އެކުލަވައިލައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ދަނީ ފަތުރުވެރިކަމަށް ކުރަމުންދާ އަސަރުތައް ވަރަށް ގާތުން ބަލައި ދިރާސާކުރަމުން ކަމަށެވެ.

އަދި މި މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި ދިރާސާތަކުން ހާމަވާ ކަންކަމަށް ބިނާކޮށް، ދާއިރާގެ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަން ތަންފީޒު ކުރައްވާނެ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 110,178 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 150,808 ފަތުރުވެރިންނާ އަޅާބަލާއިރު 27 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ޖުމުލަ 758,753 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ހަތަރު އިންސައްތައިގެ ދަށްވުމެކެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މި ހާލަތުން އަރައިގަނެ، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުމަށް އިދިކޮޅު އެމްޑީޕީން މި މަހުގެ ފަސްވަނަ ދުވަހު ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކުރުން އެމްޖޭއޭއިން ކުށްވެރިކޮށްފި، ގޮވާލީ ދައުވާތައް އަނބުރާ ގެންދިއުމަށް!

އޮންލައިން ނޫސް “އަދަދު” ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިނާއީ ދައުވާތައް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލާފައެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވަނީ ނޫސް އިދާރާތަކާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް، ތަހުގީގު ހިންގައި ދައުވާ އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދައްކައި، އެމީހުންގެ މަސައްކަތްތައް ހުއްޓުވުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.

ނޫސްވެރިންގެ ޖަމިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޕީޖީގެ ސީދާ އަމުރަށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަކީ ބިރުވެރި ސަގާފަތެއްގެ ފެށުމެކެވެ.

“މިއީ އެތައް ބައެއްގެ ގުރުބާނީން ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެޓިކް ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ތަނެއް ފަހަތަށް ގޮސް ހުދުމުހުތާރު ކަމަށް ރާއްޖެ ސޮއްސާލައިގެން ދާނެ ކަމެއް،” އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށް، ނޫހުން ކޮށްފައިވާ ތުހުމަތުތައް ނުފެތުރުމަށް ރައްޔިތުންގެ މައްޗަށް ޝާމިލުވާ ގޮތަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ‘ގެގް އޯޑަރު’ އާ މެދު ވެސް އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނެ އަމުރެކެވެ.

އެ ބަޔާނުގައި ބުނީ މުޅި މައްސަލައަށް ވާހަކަދެއްކުން މަނާކުރެވޭ ގޮތަށް އެފަދަ “ގެގް އޯޑަރު” ނެރުމަކީ ހޮވާލެވޭ ހަބީރުންގެ މަޖިލީހަކުން ނުވަތަ ޖޫރީ ސިސްޓަމް އޮންނަ ގައުމުތަކުގައި އާންމުކޮށް ގެންގުޅޭ އުސޫލެއް ކަމަށެވެ.

އެމްޖޭއޭއިން ބުނީ މީގެ ކުރިން ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަކީ ހަމައެކަނި ހަސްމުން ޝަރީއަތުން ބޭރުގައި ގާނޫނީ ބަހުސްތައް ނުކުރުމަށް ނެރޭ އަމުރުތަކެއް ކަމަށެވެ.

ނަމަވެސް، މިފަހަރު މުޅި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުން އާންމު ރައްޔިތުންނަށް މަނާކުރުމަކީ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

“އަދަދު”ން ގެނެސްދިން “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ފިޔާޒާއި ޙަސަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ އިއްޔެއެވެ.

މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގެ މައްސަލައެވެ.

މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާއެވެ.

ހަމައެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރެއް ވެސް ނެރެފައެވެ.

މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ. “ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު”ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

ހަންޓާ ވައިރަސް: “އިހުސާސްކުރެވުނީ ދުނިޔެމަތީގައިވާ ނަރަކައެއް”

މީގެ ކުރިން އަޑުވެސް ނީވޭ ނުރައްކާތެރި ވައިރަހަކުން ސަލާމަތްވި މީހަކު، އެއީ “ބިރުވެރި ނާމާން ތަޖުރިބާއެއް” ކަމަށް އެ މީހާ ބުނެފިއެވެ.

ގޭގެ ފުރާޅު ސާފުކުރުމަކީ ނުވަތަ ބާވެފައިވާ ކާޕެޓެއް ފޮޅާލުމަކީ އާންމު ދިރިއުޅުމުގައި އަހަރެމެން ކުރާ އާދައިގެ ކަންކަމެވެ. ނަމަވެސް، ކެނެޑާގެ ލޯން ވޯބާޓަންއަށް ދިމާވި ހާދިސާއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމެކެވެ.

މީގެ ތިން އަހަރު ކުރިން، ލޯންއަށް ފުރަތަމަ ފެނުނީ އާދައިގެ ރޯގާއެއް ނުވަތަ ކޮވިޑްގެ އަލާމާތްތަކެކެވެ. ހަށިގަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން މާބޮޑަށް ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވިއެވެ. ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. މުޅި މީހާ ދަލުން ތެމި، ނޭވާލާން އުނދަގޫވެ، އެންމެ ފަހުން ހޮސްޕިޓަލުގައި ލައިފް ސަޕޯޓަށް ލާންޖެހުނެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޭނާއަށް ޖެހިފައިވަނީ ‘ހެންޓަވައިރަސް’ އެވެ. މިއީ މީދަލާއި ކޮއްޔާ ފަދަ ތަކެތީގެ ނަޖިހުގެ ޒަރީއާއިން ފެތުރޭ، ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ފުރާނައަށް ނުރައްކާތެރި ވައިރަހެކެވެ.
ލޯން ފަހުން އެ ތަޖުރިބާ ސިފަކުރީ “ދުނިޔޭގައި ލިބުނު ބޮޑު އަޒާބެއް” ނުވަތަ “ނަރަކައެއްގެ” ގޮތުގައެވެ. އޭނާ ބުނި ގޮތުގައި އެބަލިން ސަލާމަތްވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.
މި ބަލިން ސަލާމަތްވި އެހެން މީހެއް ކަމަށްވާ ޖަރުމަނުގެ ކްރިސްޓިއަން އީޖްއަށް ވެސް ފުރަތަމަ ހީވީ މިއީ އާދައިގެ ރޯގާއެއް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ކިޑްނީ ފެއިލްވެ، ލޭ ވިހަވުމުގެ މައްސަލަ ކުރިމަތިވިއެވެ. އޭނާ އެތައް ދުވަހަކު އައި.ސީ.ޔޫގައި ފަރުވާ ހޯދައި، ޑަޔަލިސިސް ހަދަން ޖެހުނެވެ.
މި ދެ މީހުންގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައީ، ދާދި ފަހުން ‘އެމް.ވީ ހޮންޑިއަސް’ ނަމަކަށް ކިޔާ ޑަޗް ކްރޫޒް ޝިޕެއްގައި މި ވައިރަސް ފެތުރި، ބައެއް މީހުން މަރުވުމާ ގުޅިގެންނެވެ. އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން މިހާރު ދަނީ އެ ބޯޓުން ދަތުރުކުރި މީހުންގެ ހާލަތު ބަލަމުންނެވެ.
އާންމުކޮށް ފެންނަ ވައިރަސްތަކާ ހިލާފަށް، ހެންޓަވައިރަސްއަކީ ގިނަ ބަޔަކަށް އަދިވެސް އާ ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލި ޖެހިފައިވާ މީދަލުގެ ނަޖިސް ހުރި ތަންތަނުން ވައިގެ ތެރެއަށް ބުރާ ކުދިކުދި ޒައްރާތަކަށް އިންސާނުން ނޭވާލުމުންނެވެ. މި ބައްޔަށް އަދި މިހާތަނަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން، ބަލިން ސަލާމަތްވުން ބިނާވެފައި އޮންނަނީ ކިހާ އަވަހަކަށް ހޮސްޕިޓަލުގެ ފަރުވާ ލިބޭތޯ އެވެ.
މި ބަލީގެ ބިރުވެރިކަން ބޮޑުވަނީ ބަލިން ރަނގަޅުވުމަށް ނަގާ ދިގު މުއްދަތުގެ ސަބަބުންނެވެ. ލޯން ބުނި ގޮތުގައި އަލުން ކުރީގެ ހަކަތަ ލިބިގަތުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ނެގިއެވެ. މިއަދުވެސް އޭނާއަށް ދަނީ މި ބަލީގެ ސަބަބުން ހިތުގެ ވިންދު ހުންނަންޖެހޭ މިންވަރަށްވުރެ ބަދަލުވުމުގެ މައްސަލައާ ކުރިމަތިވަމުންނެވެ.
ނަމަވެސް، މިފަދަ ނުރައްކާތެރި ހާލަތަކުން ސަލާމަތްވުމުން، ދިރިއުޅުމާ މެދު އޭނާ ދެކޭގޮތް މުޅިން ބަދަލުވެއްޖެއެވެ.

އި.ސީ.ޔޫގައި ފެންފޮދެއް ވެސް ބޯނުލެވި އެތައް ހަފުތާއެއް ހޭދަކުރަން ޖެހުމުން، މިހާރު އޭނާއަށް ކިތަންމެ ކުޑަ ކަމަކީ ވެސް ވަރަށް އަގުބޮޑު ނިއުމަތެކެވެ. އޭނާ ބުނި ގޮތުގައި، ބަލިން ރަނގަޅުވަމުން އައިއިރު ބޯލި ސާފު ފެންފޮދަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ބުއި އެންމެ މީރު އެއްޗެވެ.

މި ބަލިން ސަލާމަތްވި ދެ މީހުންނަށް ވެސް މި ވައިރަހުގެ ސަބަބުން ލިބުނީ ހަމައެކަނި ހަށިގަނޑުގެ ގެއްލުމެއް ނޫނެވެ. މިއީ އާދައިގެ ދިރިއުޅުން ކިހާ އަވަހަކަށް ބަދަލުވެދާނެކަމުގެ ހަނދާންކޮށްދިނުމެކެވެ. އަދި ދިރިއުޅުމުގެ ކޮންމެ ވަގުތެއްގެ އަގު ވަޒަންކުރަން ދަސްކޮށްދިން ފިލާވަޅެކެވެ.

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި / އެދުރުގެ، މުޙައްމަދު ފައުޒާން (35އ) އާއި ޒާކިރު ހޮސައިން، ބަންގްލަދޭޝް (29އ) އެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައެވެ.

އެގޮތުން ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން، މި މެއި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާކިރު ހޮސައިން 15 ދުވަހަށް އަދި މުޙައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް، ސަރުކާރުގެ އެހީއަށް އެދިއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ، އެ ސިނާއަތް ސަލާމަތްކުރުމަށް ސަރުކާރުގެ އަވަސް އެހީތެރިކަމަށް ފަތުރުވެރިކަމުގެ ބޮޑެތި ޖަމިއްޔާތަކުން އެދިއްޖެއެވެ.

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އާއި މަޓާޓޯ އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ މިދިޔަ މާޗު މަހުން ފެށިގެން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މާޗު އަދި އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 ޕަސަންޓާއި 20 ޕަސަންޓްއާ ދެމެދުގެ އަދަދަކަށް ވަނީ ދަށްވެފައިކަމަށް ބަޔާނުގައި ބުންޏެވެ.

އެ ދެ ޖަމިއްޔާއިން ބުނީ، އެ ހާލަތުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދަނީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. މީގެ ތެރޭގައި ލޯކަލް ގެސްޓް ހައުސްތަކާއި، ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ހިމެނޭއިރު، މާލީ ދަތިތަކުގެ ސަބަބުން ބައެއް ވިޔަފާރިތައް މުޅިން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައިވާކަމަށް ބަޔާނުގައި އެ ދެ ޖަމިއްޔާއިން ބުންޏެވެ.

އެ ދެ ޖަމިއްޔާއިން ސަރުކާރާއި މާލީ އިދާރާތަކަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އިންޓަރެސްޓް ނުހިމެނޭ ގޮތަށް ލޯނު ދެއްކުން ފަސްކޮށްދިނުމާއި (މޮރޮޓޯރިއަމް)، މިހާރު ހުރި ލޯނުތައް އަލުން ތަރުތީބުކޮށްދިނުން ހިމެނެއެވެ. އަދި ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަށާއި، ކޯޓާ ފީ ފަދަ އެކި ބާވަތުގެ ފީތައް މައާފުކޮށްދިނުމަށްވެސް އެ ދެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ތެލުގެ އަގު އުފުލުމާއި އިމާރާތްކުރުމުގެ ސާމާނުގެ އަގު ބޮޑުވުމަކީވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އެހެންކަމުން، ރަހުނަކާ އެކުވިޔަސް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށާއި، ހަރަދުތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަގުތުން ފިޔަވަޅު އަޅަންޖެހޭކަމަށް އެ ދެ ޖަމިއްޔާއިން ބުންޏެވެ.

މި ދަނޑިވަޅަކީ އިގްތިސާދީ ގޮތުން ނާޒުކު ވަގުތަކަށް ވާތީ، ފަތުރުވެރިކަމުގެ ސިނާއަތް ހިމާޔަތްކުރުމަށްޓަކައި ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ސަރުކާރުން “ސަޕޯޓް މެކޭނިޒަމެއް” ތައާރަފްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެ ދެ ޖަމިއްޔާއިން ބުންޏެވެ.