އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުން އަވަސްކުރަން މަޝްވަރާކުރައްވައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔުޝް ގޯޔަލްއާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި އަދި ޚާއްސަ ގުޅުން ދެމެހެއްޓުމާއި، މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވުނީ، ދެ ގައުމުގެ ދެމެދުގައި ވުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަސައްކަތްތައް ހަލުވިކޮށް، އެކަން ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭގޮތުން ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައިވާ އިންވެސްޓްމަންޓް އެއްބަސްވުން ނުވަތަ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ބައްދަލުވުމުގައި އިގްތިސާދީ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް ޓަކައި، ވިޔަފާރިއާއި ފައިސާގެ މުއާމަލާތްތައް ހަމަޖެއްސުމުގެ ނިޒާމު އިތުރަށް ތަރައްގީކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ނުވަތަ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުނު ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު އިރުތިޝާމް އާއި އިންޑިއާގެ ކޮމާސް މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ފުޅާކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަކީ ދެ ގައުމުގެ އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އަދި މިކަންކަން ހާސިލުކުރުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި ބާރުއެޅުއްވިއެވެ.

މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން އިންޑިއާ އެކު ބާއްވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ގަވާއިދާ ހިލާފަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން އަތުލައިގަނެފި

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، މާލޭ ސަރަހައްދުގައި ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ގަވާއިދާ ހިލާފަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އިއްޔެ ރޭ ހިންގި މި އޮޕަރޭޝަންގައި، މާލޭ ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓެއްގެ އިތުރުން ވޭނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. މި ފާސްކުރުންތަކުން 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ބޭނުންކުރި ވޭން ފުލުހުން ޓޯކޮށްފައިވާއިރު، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހައިވޭ ޓްރެފިކް ލައިޓު ކައިރިން ސައިކަލެއް ކަހައިލައި މީހަކު ޕިކަޕެއް ދަށުވެ މަރުވެއްޖެ

ބުރިޖު ހައިވޭގެ ޓްރެފިކް ލައިޓު ކައިރިން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓު ލައިޓު ކައިރީގައެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރުއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންކަމަށް ފުލުުހުން ބުންޏެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ މަރުވެފައެވެ.

ނަމަވެސް މަރުވި މީހާއަަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުވަތަ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފޭކް ސްލިޕް ބޭނުންކޮށްގެން 9000 ރ. ގެ ތަކެތި ގަތް މީހަކު ހައްޔަރުކޮށްފި

ފޭކް ސްލިޕް ހުށަހަޅައިގެން 9،000 އެއްހާ ރުފިޔާގެ ވިޔަފާރި ކުރި މާލެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސްކޭމް މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، މިއަދު އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ހަތަރު ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެ އަމުރުގައި ވިދާޅުވީ އޭނާ ފޭކް ސްލިޕް ހުށަހަޅައިގެން 9،000 އެއްހާ ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް މައްސަލަ ބަލަމުންދާ ފުލުހުގެ އޮފިސަރު ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ސްލިޕް ތަކަކީ އޭނާގެ ރައްޓެއްސެއް ފޮނުވި ސްލިޕްތަކެއް ކަމަށް އޭނާ ބުނެފައިވާއިރު، ފިހާރައިން ގަތް އެއްޗެއްސަކީވެސް އެ މީހާ ބުނެގެން ގަތް އެއްޗެހި ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައި ވެއެވެ.

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރަމުންދާ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ.

ހައްޖުވެރިންނަަށް ހައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަނީ

އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ހައްޖުވެރިންނަަށް ގާއްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފިއެވެ.

އެގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ކުރިއަށްދިޔަ ހައްޖުވެރިންގެ ފުރަތަމަ ތަމްރީން ބައްދަލުވުމުގެ ތެރެއިން، ވުޒާރާއިން ވަނީ ފޮތް ހަދިޔާކޮށްފައެވެ.

އެ ވުޒާރާއިން ވިދާޅުވީ، މީގެ ތެރޭގައި މި ފަހުން ތަރުޖަމާކޮށް ނިންމާފައިވާ ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ހައްޖާއި އުމްރާގެ އަޅުކަން’ އަދާކުރާނެ ގޮތާއި، އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން’ މި ފޮތް ހިމެނޭ ކަމަށެވެ.

މި ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިހް އަބްދުލްގާދިރު މުހައްމަދުއެވެ. އަދި މުރާޖައާކޮށްދެއްވީ ވަޒީރު ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިއަހަރުން ފެށިގެން މި ފޮތާއި، ހައްޖާއި ޢުމްރާއާއި ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ހައްޖުވެރިންނަށް ފޯރުކޮށްދިނުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.

ހިމަބިހި ޖެހިފައިވާ ދެ މީހަކު މާލެ ސަރަހައްދުން ފެނިއްޖެ

ހިމަބިހި ނުވަތަ މީސަލްސްއަށް ޕޮޒިޓިވްވެފައިވާ ދެ މީހުން މާލެ ސަރަހައްދުން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ މީހުން އެ ބައްޔަށް ޕޮޒިޓިވްވީ މިއަދު ކަމަށެވެ.

އެޗްޕީއޭއިން ބުނީ، އާއްމު އުސޫލުގެ ދަށުން ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކްލޯސް ކޮންޓެކްޓުން ހޯދައި އެ މީހުންނަށް ވެކްސިން ދިނުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިއަހަރު މިހާތަނަށް ރާއްޖޭން ހިމަބިހީގެ ޖުމްލަ ފަސް ކޭސް ފެނިފައިވާ އިރު، އޭގެ ތެރޭގައި ރާއްޖޭން ބޭރުން ބަލި ޖެހިގެން އައި ދެ މީހުން ވެސް ހިމެނޭ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވަށްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރު ދުވަސްވަރެއް ކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަ ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސް ކޮށްފައެވެ.

މިމަހު އެއްކޮށް މޫސުން ގޯސްވާނެ؛ މިޑް-ބްރޭކާއި ޢީދުގައިވެސް ވިއްސާރަވާނެ: މެޓް

މެއި މަހަކީ ރާއްޖެއަށް މޫސުން އެންމެ ގޯސް މަސް ކަމަށާ، މި މަސް ނިމެންދެންވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

ކުރިއަށް އޮތް ހަފްތާއަށްފަހު، މިމަހު 24ގައި ސްކޫލް މިޑް-ބްރޭކް ފެށޭއިރު، ބަރަކާތްތެރި އަޟުޙާ ޢީދުވެސް އޮތީ އެ ބަންދުގެ ތެރޭގައެވެ. ޢީދު ވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ.

ވުމާއެކު، އެ ހަފްތާ ވެގެންދާނީ ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރުފަތުކުރާ ކުރާނެ ހަފްތާއެއް ކަމަށް ލަފާކުރެވެއެވެ.

ނަމަވެސް، މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން، އެ ހަފްތާވެސް ވާނީ މޫސުން ގޯސް ހަފްތާއަކަށެވެ.

އެގޮތުން، ”ހަވާސާ“ އަށް މަޢުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، މެއި މަހަކީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން އަންނަ މަސް ކަމަށް ވުމުން، މުޅި މި މަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ކުރާނެއެވެ.

”ދޭތެރެއިން ވިއްސާރަ އަލިވެ ކަނޑު ކުޑަކޮށް މަޑުވި ނަމަވެސް، މަސް އެއްކޮށްވެސް ވިއްސާރަ ވާނެ. އެހެންވީމާ އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިމަހުގައި ބޮޑު ކަމެއް ނުރޭވުން“ މެޓް އޮފީހުން ބުންޏެވެ.

މެއި މަސް ފެށިގެން އައީވެސް ވިއްސާރައާއެކުގައެވެ. މެޓް އޮފީހުން ބުނެފައިވާގޮތުން މިމަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ވަނީ ފެށިފައެވެ. އޭގެ ފަހުން މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރަން ފަށާފައިވާއިރު، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ހުޅަނގު މޫސުން ފެށުނީއްސުރެ ކަނޑުތައް ގަދަވެ، ދެކުނަށާއި މެދުރާއްޖެ ތެރެއަށް ވިއްސާރަ ކުރަމުން އަންނައިރު، މިއަދު 3:30 އާ ހަމައަށްވެސް މެޓް އޮފީހުން ވަނީ، ބ އަތޮޅުން އައްޑު އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރާނެ ކަމަށް މެޓުން ބުނެއެވެ.

މީގެއިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ވައިޖެހޭނީ، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުނެފައިވެއެވެ.

އަދި ހުރިހާ ހިސާބުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

މި ހިނގާ މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، މެއި 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ކަމަށެވެ.

މިގޮތަށް ހަމަޖެއްސެވުމުގެ މައިގަނޑު މަޤްޞަދަކީ، ޢީދު ބަންދުގައި މުވައްޒަފުންނަށް އެމީހުންގެ ޢާއިލާތަކާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، މެދުނުކެނޑި ބަންދު ދުވަސްތަކެއް މުވައްޒަފުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމެވެ.

މި ނިންމެވުމާއެކު، ސަރުކާރުގެ މުވައްޒަފުންނަށް ޢީދު ބަންދުގެ ގޮތުގައި ދިގު ޗުއްޓީއެއް ލިބިގެން ދާނެއެވެ. ރައީސް އޮފީހުގެ އިޢުލާނުގައިވާ ގޮތުން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން އަލުން ހުޅުވޭނީ 2026 މެއި 31 ވާ އާދީއްތަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ މިއީ ދިވެހި ސަރުކާރުން ރައްޔިތުންގެ އިޖުތިމާޢީ އަދި ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ ނިންމެވުމެއް ކަމަށެވެ.

މަށި މާލި ޕެރޭޑުގައި މީހުންގެ ފޮޓޯ އާއި ނަން ބޭނުންކުރުން މަނާކޮށްފި

ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށި މަށި މާލި ޕެރޭޑްގައި މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށްފި އެވެ.

ކުޅުދުއްފުށި މަށި މާލި ޕެރޭޑަކީ ކޮންމެ އަހަރަކު ވެސް ބޮޑު އީދާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތުގައި ގައުމުގެ ބޮޑެތި މައްސަލަތަކާއި ސިޔާސީ ކަންކަމަށް ހަޖޫޖަހަ އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އީދުގެ ދެ ވަނަ ދުވަހު އޮންނަ ޕެރޭޑުގައި ބައިވެރިވާ ފަރާތްތަކުން ސަމާލުވާންވީ ކަންކަން ފާހަގަކޮށްފަ އެވެ.

އެގޮތުން އިސްލާމްދީނާ ފުށު ނާރާ ގޮތަށް މާލި ތައްޔާރު ކުރުމާއި، އާއްމު އިޖުތިމާއީ މިންގަނޑަށް ބެލުމާއި، މީހުންގެ ނަމާ ފޮޓޯ ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން މާއްޔަށް ޒިންމާވާން ޖެހޭނީ މާލި ތައްޔާރު ކުރާ ފަރާތުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ގައުމުގެ ހާލަތާ މެދު ހިޔާލުފާޅުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ފާހަގަވެފައިވާ ކުޅުދުއްފުށި މަށި މާލި ޕެރޭޑަށް ކޮންމެ އަހަރަކު ވެސް ބޮޑު ސަމާލުކަމެއް ލިބެ އެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް ސިޔާސީ ވެރިންނަށް ނިސްބަތްކޮށް މަށި މާލި ޕެރޭޑުގައި އެކި ކަހަލަ މާލިތައް ހަދައި ދައްކާލާފައިވެ އެވެ.

އިންތިޚާބުން ބަލިވި އަލައިކާއަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމުގެ މަޤާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވި، އާޝިޔަތު އަލައިކާއަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.

“ހަވާސާ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ އެ މަގާމަށް މިހާރު ވަނީ އައްޔަންކުރައްވާފައެވެ. ނަމަވެސް އަދި ސަރުކާރުގެ ރަސްމީ ބަހެއް ނުލިބެއެވެ.

މިދިޔަ މަހު އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި އަލައިކާ އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާގެ މެދުގައެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިޚާބުގައި އަލައިކާ ބަލިކޮށް، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރީޝާއެވެ.

އިންތިޚާބުން ބަލިވުމާ ގުޅިގެން އަލައިކާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މި ދަތުރަކީ ހަމައެކަނި މަޤާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫން ކަމަށެވެ. އެއީ ގިނަ އާއިލާތަކެއްގެ ޙައްޤުގައި، އަދި ހަމަހަމަ ފުރުޞަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލައިކާއަށް ސަރުކާރުގެ މަތީ ފަންތީގެ މަގާއް މި ދެއްވީ، ދާދިފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުތަކާއި ފެންނަނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަ ދަނޑިވަޅެއްގައެވެ.

މި ބަދަލުތަކުގެ ތެރެއިން ބައެއް ވަޒީރުން އިސްތިއުފާ ދެއްވައި، ސަރުކާރުގެ ވުޒާރާތަކުގެ އަދަދު މަދުކޮށް، ބައެއް ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކޮށް އާ ބޭފުޅުން ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އިންތިޚާބަށްފަހު ރައީސް ވިދާޅުވަނީ، މެރިޓް އުސޫލުން ނޫން ގޮތަކަށް ސަރުކާރުގެ ވަޒީފާތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށެވެ.

އަދަދުގެ ދެ ނޫސްވެރިން މިނިވަން ކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި

ނޫސްވެރިންގެ ޒިންމާ އަދާކޮށްގެން ޖަލަށް ހުކުމް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އަދަދުގެ ޝަހްޒާން މުހައްމަދާއި ލީވާން އަލީ ނަސީރް ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ގޮވާލައްވައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ޝަހްޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ.

ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއަދު މިއީ ރާއްޖޭގެ ނޫސްވެރިކަމުގައި އަނދިރި ދުވަހެއް ކަމަށާއި ވަޒީފާގެ ޒިންމާ އަދާކޮށްގެން ނޫސްވެރިން ޖަލަށް ލައިގެން ނުވާނެ ކަމަށެވެ.

“މިއީ މިނިވަން ނޫސްވެރިކަމަށް ލިބުނު ބޮޑު ދެރައެއް. މިއީ ބާރުވެރި ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ އެންމެންނަށް ބޮޑު އިންޒާރެއް،” އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ޝަހުޒާން އާއި ލީވާންގެ މައްސަލަ ވެސް ގުޅިފައި ވަނީ އަދަދުން ނެރުނު “އައިޝާ” ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ކުރާ ސީރިއަސް ތުހުމަތުތަކާ އެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް “ގޭގް އޯޑަރެއް” ނެރިފަ އެވެ.

އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލައިފި

‘އަދަދު’ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ.

ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ.

‘ހަވާސާ’ އަށް މައުލޫމާތު ދެއްވައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ވެސް ހައްޔަރުކުރީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކުރަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.