މީގެ ކުރިން އަޑުވެސް ނީވޭ ނުރައްކާތެރި ވައިރަހަކުން ސަލާމަތްވި މީހަކު، އެއީ “ބިރުވެރި ނާމާން ތަޖުރިބާއެއް” ކަމަށް އެ މީހާ ބުނެފިއެވެ.
ގޭގެ ފުރާޅު ސާފުކުރުމަކީ ނުވަތަ ބާވެފައިވާ ކާޕެޓެއް ފޮޅާލުމަކީ އާންމު ދިރިއުޅުމުގައި އަހަރެމެން ކުރާ އާދައިގެ ކަންކަމެވެ. ނަމަވެސް، ކެނެޑާގެ ލޯން ވޯބާޓަންއަށް ދިމާވި ހާދިސާއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމެކެވެ.
މީގެ ތިން އަހަރު ކުރިން، ލޯންއަށް ފުރަތަމަ ފެނުނީ އާދައިގެ ރޯގާއެއް ނުވަތަ ކޮވިޑްގެ އަލާމާތްތަކެކެވެ. ހަށިގަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން މާބޮޑަށް ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވިއެވެ. ނަމަވެސް، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. މުޅި މީހާ ދަލުން ތެމި، ނޭވާލާން އުނދަގޫވެ، އެންމެ ފަހުން ހޮސްޕިޓަލުގައި ލައިފް ސަޕޯޓަށް ލާންޖެހުނެވެ. ޑޮކްޓަރުން ބުނި ގޮތުގައި އޭނާއަށް ޖެހިފައިވަނީ ‘ހެންޓަވައިރަސް’ އެވެ. މިއީ މީދަލާއި ކޮއްޔާ ފަދަ ތަކެތީގެ ނަޖިހުގެ ޒަރީއާއިން ފެތުރޭ، ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ފުރާނައަށް ނުރައްކާތެރި ވައިރަހެކެވެ.
ލޯން ފަހުން އެ ތަޖުރިބާ ސިފަކުރީ “ދުނިޔޭގައި ލިބުނު ބޮޑު އަޒާބެއް” ނުވަތަ “ނަރަކައެއްގެ” ގޮތުގައެވެ. އޭނާ ބުނި ގޮތުގައި އެބަލިން ސަލާމަތްވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.
މި ބަލިން ސަލާމަތްވި އެހެން މީހެއް ކަމަށްވާ ޖަރުމަނުގެ ކްރިސްޓިއަން އީޖްއަށް ވެސް ފުރަތަމަ ހީވީ މިއީ އާދައިގެ ރޯގާއެއް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ކިޑްނީ ފެއިލްވެ، ލޭ ވިހަވުމުގެ މައްސަލަ ކުރިމަތިވިއެވެ. އޭނާ އެތައް ދުވަހަކު އައި.ސީ.ޔޫގައި ފަރުވާ ހޯދައި، ޑަޔަލިސިސް ހަދަން ޖެހުނެވެ.
މި ދެ މީހުންގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައީ، ދާދި ފަހުން ‘އެމް.ވީ ހޮންޑިއަސް’ ނަމަކަށް ކިޔާ ޑަޗް ކްރޫޒް ޝިޕެއްގައި މި ވައިރަސް ފެތުރި، ބައެއް މީހުން މަރުވުމާ ގުޅިގެންނެވެ. އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން މިހާރު ދަނީ އެ ބޯޓުން ދަތުރުކުރި މީހުންގެ ހާލަތު ބަލަމުންނެވެ.
އާންމުކޮށް ފެންނަ ވައިރަސްތަކާ ހިލާފަށް، ހެންޓަވައިރަސްއަކީ ގިނަ ބަޔަކަށް އަދިވެސް އާ ބައްޔެކެވެ. މި ބަލި އާންމުކޮށް ފެތުރެނީ ބަލި ޖެހިފައިވާ މީދަލުގެ ނަޖިސް ހުރި ތަންތަނުން ވައިގެ ތެރެއަށް ބުރާ ކުދިކުދި ޒައްރާތަކަށް އިންސާނުން ނޭވާލުމުންނެވެ. މި ބައްޔަށް އަދި މިހާތަނަށް ހާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން، ބަލިން ސަލާމަތްވުން ބިނާވެފައި އޮންނަނީ ކިހާ އަވަހަކަށް ހޮސްޕިޓަލުގެ ފަރުވާ ލިބޭތޯ އެވެ.
މި ބަލީގެ ބިރުވެރިކަން ބޮޑުވަނީ ބަލިން ރަނގަޅުވުމަށް ނަގާ ދިގު މުއްދަތުގެ ސަބަބުންނެވެ. ލޯން ބުނި ގޮތުގައި އަލުން ކުރީގެ ހަކަތަ ލިބިގަތުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ނެގިއެވެ. މިއަދުވެސް އޭނާއަށް ދަނީ މި ބަލީގެ ސަބަބުން ހިތުގެ ވިންދު ހުންނަންޖެހޭ މިންވަރަށްވުރެ ބަދަލުވުމުގެ މައްސަލައާ ކުރިމަތިވަމުންނެވެ.
ނަމަވެސް، މިފަދަ ނުރައްކާތެރި ހާލަތަކުން ސަލާމަތްވުމުން، ދިރިއުޅުމާ މެދު އޭނާ ދެކޭގޮތް މުޅިން ބަދަލުވެއްޖެއެވެ.
އި.ސީ.ޔޫގައި ފެންފޮދެއް ވެސް ބޯނުލެވި އެތައް ހަފުތާއެއް ހޭދަކުރަން ޖެހުމުން، މިހާރު އޭނާއަށް ކިތަންމެ ކުޑަ ކަމަކީ ވެސް ވަރަށް އަގުބޮޑު ނިއުމަތެކެވެ. އޭނާ ބުނި ގޮތުގައި، ބަލިން ރަނގަޅުވަމުން އައިއިރު ބޯލި ސާފު ފެންފޮދަކީ އޭނާގެ މުޅި ހަޔާތުގައި ވެސް ބުއި އެންމެ މީރު އެއްޗެވެ.
މި ބަލިން ސަލާމަތްވި ދެ މީހުންނަށް ވެސް މި ވައިރަހުގެ ސަބަބުން ލިބުނީ ހަމައެކަނި ހަށިގަނޑުގެ ގެއްލުމެއް ނޫނެވެ. މިއީ އާދައިގެ ދިރިއުޅުން ކިހާ އަވަހަކަށް ބަދަލުވެދާނެކަމުގެ ހަނދާންކޮށްދިނުމެކެވެ. އަދި ދިރިއުޅުމުގެ ކޮންމެ ވަގުތެއްގެ އަގު ވަޒަންކުރަން ދަސްކޮށްދިން ފިލާވަޅެކެވެ.


ކިޔުންތެރިންގެ ހިޔާލު