މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ފުވައްމުލައް ސިޓީގެ ބަންޑާރަކިޅީ ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ބަންޑާރަކިޅީގެ ހަލާކުވެފައިވާ ފާލަމުގެ ބައެއް ފޮޓޯތައް ފުވައްމުލައް ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާއިރު ފާލަމުގައި ހުރި ހަޓް ވަނީ ވެއްޓިފައެވެ. ކައުންސިލުން ބުނީ ހަޓް ވެއްޓިފައިވަނީ ރޭ ކުރި ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުންކަމަށެވެ. ރޭ އެރި ވަޔާއެކު ހަޓް ހިފެހެއްޓުމަށް ޖަހާފައިވާ ލަކުޑި ތަނބުތައް ވަނީ ބިންދައިގެންގޮސްފައެވެ. މީގެ އިތުރުން ހަޓް ވެއްޓުމުގެ ސަބަބުން ފާލަމަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހަޓްގެ ބޮޑުބައި ވެއްޓިފައި އޮތީ ކިޅީގެ ތެރެއަށެވެ.
ރޭ ކުރި ވިއްސާރާގައި ފުވައްމުލައް ސިޓީއަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން ގެއްލުން ލިބުނު ގޭބިސީތަކަށް އެހީވުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، މަގުތަކަށް ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މަޢުލޫމާތު “އަފުންސިޓީ” ޕޯޓަލް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.
ބަންޑާރަކިޅިއަކީ ފުވައްމުލައްސިޓީގެ އެންމެ މަގްބޫލް ތަނެވެ. އެ ސިޓީއަށް ޒިޔާރަތްކުރާ ގިނަބަޔަކު އެތަނަށް ޒިޔާރަތްކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ސަރައްދަކަށް ފޯރާފައިވާއިރު، ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ކެތި ނަކަތެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނޭކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު