ދުންފަތުގެ ޑިއުޓީ ކުޑަކުރަން އެބަ ވިސްނަން: އިޙްސާން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިޙްސާން ވިދާޅުވީ ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމީ، ވޭޕް މަނާކުރުމާއެކު ވޭޕްކުރަމުން ދިޔަ މީހުން ކުއްލިއަކަށް ދުންފަތަށް ބަދަލުވެދާނެ ކަމަށް ލަފާކޮށްފައި ކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ޑިއުޓީ ބޮޑުކުރާ ކަމަށް، އިޙްސާން ވިދާޅުވިއެވެ.

“އެހެން ނަމަވެސް އޭރު އަށް ރުފިޔާއަށް އަޅުގަނޑުމެން މި ބަދަލުކުރި ކުރުމަކީ ޓޮބޭކޯ ކޮންޓްރޯލްކުރުމަށް ވުރެ ބޮޑަށް ވޭޕް މަނާކުރުމުން، ވޭޕް ބޭނުންކުރަމުން ދިޔަ ހުރިހާ އެންމެން ދުންފަތް ބޭނުންކުރުމުގެ ތެރެއަށް ވަދެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް އޭރު ލިބިފައި ހުރި ހުރިހާ ދިރާސާތަކަކުން ވެސް، އަދި އެކަމުގެ ތަޖުރިބާކާރު މާހިރުން އަޅުގަނޑުމެންނަށް ދެއްވި ލަފާގައި ވެސް ފާހަގަވުމާ ގުޅިގެން،” އިޙްސާން ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވީ، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއްގެ ގޮތުގައެވެ.

އިޙްސާން ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލްކުރެވިގެން ދާނެ ފަދަ ގޮތަކަށް، ދިރާސާތަކާ އެއްގޮތަށް ޑިއުޓީ ރޭޓަށް ބަދަލު ގެނެސް ހިފެހެއްޓުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށްފަހު، ދުންފަތުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ރާއްޖެއަށް ލަފާ ދީފައިވާ ކަމަށް، އިޙްސާން ވިދާޅުވިއެވެ.

“މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. އަދި ކަމާބެހޭ ހުރިހާ އިދާރާތަކާއި އަދި މިކަމުގައި ޑިޒިޝަން ނެގުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މި މަޝްވަރާތައް ކުރާނަން. ކޮށްފައި އަޅުގަނޑުމެން އެ ރޭޓަށް ދާން އެންމެންނަށް އެއްބަސްވެވޭ ކަމަށް ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،” އޭނާ ވިދާޅުވިއެވެ.

ދުންފަތުން ނަގާ ޑިއުޓީ ރޭޓަށް ބަދަލު ގެންނައިރު، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާއި ފަންނީ މާހިރުން ދޭ ލަފައާއި އިރުޝާދަށް ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

އީދު ބަންދުގައި ޝެޑިއުލްގެ ބޭރުން މޯލްޑިވިއަންއިން 200 ދަތުރު ކުރި!

މިދިޔަ އީދު ބަންދުގައި ޕްލޭން ކުރި ވަރަށް ވުރެ، އެތެރޭގެ ދަތުރުތައް 21 ޕަސެންޓު އިތުރުވި ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.

މި ފަހަރު އީދަށް ހަފުތާއެއް ލިބުނުއިރު، ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރިއެވެ. ޚާއްސަކޮށް، އަތޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމުން އެ ރަށްތަކަށް ދަތުރުކުރި މީހުން ގިނައެވެ.

‘ހަވާސާ’އިން ސުވާލުކުރުމުން މޯލްޑިވިއަންއިން މިއަދު ބުނީ، ތާވާލުކުރި ވަރަށް ވުރެ އިތުރަށް 200އަށް ވުރެ ގިނަ އެތެރޭގެ ދަތުރުތައް އީދު ބަންދުގައި ކޮށްފައިވާ ކަމަށެވެ. އެއީ، ޕްލޭންކުރި ވަރަށް ވުރެ، 21 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އީދު ބަންދާ ދިމާކޮށް އާންމުކޮށް ވެސް ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރަށް ބޮޑުވެއެވެ.

މިދިޔަ ހަފުތާގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ކަމާ ގުޅޭ ތަފުސީލުތަކެއް ދެއްވިއެވެ. އޭރު ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެ ދުވަސްވަރަށް ލޯޑު ބޮޑުވާތީ މޯލްޑިވިއަންއިން ދުރާލާ ތައްޔާރުވިއެވެ. މިގޮތުން، ދަތުރުތައް އިތުރުކޮށް، އީދު ބަންދުގައި މޯލްޑިވިއަންއިން 64،000 ސީޓު ވިއްކާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭރު މުންދު ވަނީ ވިދާޅުވެފައެވެ.

ފްލައިޓްގެ އިތުރުން ގިނަ ބަޔަކު ވަނީ އީދު ބަންދާ ދިމާކޮށް ލޯންޗް ފަހަރާއި ބޯޓްތަކުގައި ވެސް އަތޮޅުތެރެއަށް ދަތުރުތައް ކޮށްފައެވެ. ކަން ދިމާކުރި ގޮތުން މިދިޔަ އީދު ބަންދުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން އެހާ ރަނގަޅު ދުވަސްވަރަކަށް ވެސް ނޫނެވެ.

މަޖިލީހުގެ އާ ނާއިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް މިއަދު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް އޭނާގެ ޕާޓީ ޕީއެންސީން މަޖިލީހަށް ހުށަހެޅި މައްސަލަ، މިއަދުގެ ޖަލްސާގައި ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ވަނީ މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އޭނާގެ މައްޗަށް ޕީއެންސީން ކުރި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ނާއިބު ރައީސް، ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުން އެކަންޏެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

އެ ޖަލްސާއަކީ މަޖިލީހަށް އާ ނާއިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން ހަމަޖެއްސި ޖަލްސާއެކެވެ. ނަމަވެސް މިއަދު 1:00 ގައި ބާއްވަން އޮތް މަޖިލިސް ޖަލްސާ ނޯންނާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންނަށް އަންގައިފައެވެ.

އެއާއެކު މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާއަކީ އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާއެކެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ނާޒިމް އެ ތުހުމަތުތައް ދޮގުކުރައްވައި އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 59 މެންބަރުން ހާޒިރުވެ ތިއްބެވި ކަމަށެވެ.

އެއަށް ފަހު މިއަދުގެ ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަމުން އެންމެ ފުރަތަމަ ކަމަކަށް ރިޔާސަތުން މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން އާއްމު ކޮމިޓީއަށް އައި ބަދަލުގެ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްގެ ބަދަލުގައި އެ ކޮމިޓީއަށް އެމްޑީޕީގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ހަމަޖެއްސެވިކަން އިއުލާން ކުރެއްވިއެވެ.

އެއަށްފަހު ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ.

ނާޒިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ 73 މެންބަރުން ސޮޔާއެކު މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެއެވެ. މަޖިލީހުގެ ގަވައިދުގައި ބުނަނީ އެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން، ދެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި އެ މައްސަލައާ ބެހޭގޮތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވާނެ ކަމަށެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީން މަޖިލީހަށް ފޮނުވި ގަރާރުގައި، ނާޒިމް ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުމެވެ.

ނާޒިމުގެ އިތުބާރު ނެތް ކަމަށް އެ ގަރާރުގައި ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށެވެ.

ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލުކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާން ހަމަޖައްސާފައި އޮތީ، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައި އޮތް ގޮތަށް، އެ މައްސަލައަށް މެންބަރުން ވާހަކަ ދެއްކުމުގެކުރިން، ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނިޓްގެ ފުރުސަތެއް ދިނުމަށް ކަނޑައަޅައި، މައްސަަލަޔާ ބެހޭގޮތުން ވާހަކަ ދެއްކެވުމަށް ކޮންމެ މެންބަރަތަށް ތިން މިނިޓްގެ އެއްފުރުސަތު ދީގެން ޖުމްލަ އެއްގަޑިއިރަށެވެ.

ނަމަވެސް އެ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ނާޒިމް މިއަދު މަޖިލީހަށް ވަޑައެއްނުގަންނަވައެވެ.

ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ، މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެންބަރުކަމުން ނާޒިމް ވަކިކުރިއެވެ. އަދި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ، ވަޓްސްއެޕް ގުރޫޕުން ވެސް ބޭރުކުރިއެވެ.

ފުލެޓުތަކުގެ ވެރިން ވީހާވެސް އަވަހަށް، މާލެއަށް ރަޖިސްޓްރީވާން ހުށަހަޅަން ފަހި ޔޫނިއަނުން އިލްތިމާސްކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގެ ވެރިން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ކުރަން ޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށްކޮށް ނިންމުމަށް، އެ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަނުން އިލްތިމާސްކޮށްފިއެވެ.

ފަހި ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވޭ މައްސަލަ މީގެ ކުރިން އޮތީ ބޮޑުވެފައެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ، ފަހި ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވެނީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަޖިސްޓްރީ ހައްދައިދިނުމަށް ސިޓީ ކައުންސިލަށް އަންގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން، މި މަހުގެ ހަވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލްވަނީ އެ މައްސަލައާ ގުޅޭ ގޮތުން މިދިޔަ އޮގަސްޓް މަހު ކައުންސިލާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ކަރުދާހެއް ހުށަނާޅައި، ރަށްވެހިކަން ރަޖިސްޓްރީކުރުމަށްޓަކައި، ސިޓީ ކައުންސިލަށް ފުލެޓުވެރިން ހުށަހަޅަންޖެހޭ ލިޔެކިއުންތައް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފަހި ފުލެޓުތަކުގެ ވެރިން މާލޭގައި ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އެ ޔޫނިއަނުން ބުނީ، އެފްޑީސީގެ ފުލެޓުތައް ލިބިފައިވާ ރައްޔިތުން މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެކަމަށް ޚާއްސަކުރެވިފައިވާ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެގޮތް އެފްޑީސީން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ސިޓީ ހޯދުމަށް ޕޯޓަލްއަށް ހުށަހަޅާ ފަރާތްތަކަށް އެފްޑީސީގެ ފަރާތުން ސިޓީ ދޫކުރަން ފަށާފައިވާކަން ޔޫނިއަނުން ފާހަގަކުރިއެވެ.

“ވީމާ 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުން ވާންއޮތް އެންމެ އަވަހަށް އެފްޑީސީގެ ޕޯޓަލްއަށް ހުށަހަޅައިގެން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ބޭނުންވާ ސިޓީ އެފްޑީސީއިން ހޯއްދެވުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.” އެ ޔޫނިއަނުން އިލްތިމާސްކޮށްފައިވެއެވެ.

ފަހި ޔޫނިއަނުން ވަނީ އެ ފުލެޓުތައް ލިބިފައިވާ މީހުންނަކީ މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައިނުވާ މީހުންނަށް ވުމުން، އެ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި، މާލޭ ސިޓީ ކައުންސިލުން އެ މީހުންނަށް އިތުރު ތަކުލީފެއް ނުޖައްސައި ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓާ ކޮށްދިނުމަށް އެ ޔޫނިއަނުން ވަނީ ގޮވާލައިފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 4،000 ފުލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އެހާ ހިސާބުން ފެށިގެން ގިނަ ބަޔަކު ވަނީ އެ ފުލެޓުތަކަށް ބަދަލުވާން ފަށައިފައެވެ.

ކޮމަންވެލްތާއެކު އޮތް ގުޅުން ވަރުގަދަކުރަން ރާއްޖެއިން މަސައްކަތް ކުރާނެ: އިރުތިޝާމް

ކޮމަންވެލްތާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު، މާލްބަރާ ހައުސްއަށް ކުރެއްވި ޒިޔާރަތުގައި، އިރުތިޝާމް ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އެކު ބައްދަލުވުމެއް ބާއްވައިފައެވެ.

މިނިސްޓަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ރާއްޖެއިން ދައްކުވައިދޭ އިސްނެގުމަށް ތައުރީފު ކުރައްވާފައެވެ. ރާއްޖެއަކީ ކޮމަންވެލްތުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މާލްބަރާ ހައުސްއިން އިރުތިޝާމަށް މަރުހަބާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިރުތިޝާމްއާއެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އާ އުސްމިންތަކަކަށް ވާސިލުވާނެކަމަށް އުންމީދު ކުރައްވާކަމަށް ޝާލީ ބޮޗްލޭ ވިދާޅުވިއެވެ.

ދިވެހިންނަށް މުހިންމު ހުނަރުތަކާއި ރީތި އާދަކާދަތައް ސްކައުޓުން ވަނީ އުންގަނައިދީފި: ރައީސް

ދިވެހިންނަށް މުހިންމު އެތަކައް ހުނަރުތަކާއި، ރީތި އާދަކާދަތައް ސްކައުޓުން ވަނީ އުންގަނައިދީފައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ ސްކައުޓުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ސްކައުޓް ހިދުމަށް ފެށުމަށްޓަކައި އިސްނެގި ލީޑަރުންނާއި، މިދިޔަ 70 އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ދުވަހުގެ މަރުހަބާ ދަންނަވާ ކަމަށެވެ.

“ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި، ރީތި އާދަތަކެއް ސްކައުޓް ހަރަކާތުންވަނީ އުންގަނައިދީފައި. ހަރުދަނާ ދަރިންތަކެއް ގައުމަށް ވަނީ ބިނާކޮށްދީފައި. ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ގައުމުތަކާ ރާއްޖެއާ އޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށްވެސް ސްކައުޓް ވަނީ ވެފައި” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ އަދި ގައުމު ފަހުރުވެރިވާ ހިދުމަތެއް ކަމަށެވެ. ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެ ބޮޑު ވޮލަންޓިއަރީ ހަރަކާތަކީވެސް ސްކައުޓްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި އަންނަމުންދާ ތަރައްގީއާއެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، ސްކައުޓުން އިތުރުކޮށް، ގައުމީ ހިދުމަތުގައި ސްކައުޓުގެ ދައުރު ފުޅާކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާއަށް އަނިޔާއެއް ނުވޭ: ފުލުހުން

އިމާރާތެެއްގެ ދެވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާއަށް އަނިޔާވެފައިނުވާ ކަމަށާއި، އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ބުނެފައިވަނީ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކަމަށް އިއްޔެ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި އެ ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށެވެ.

ބޭރުފުށުން ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާ، އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ކްރޮސްރޯޑްސްގައި ބާއްވަން ނިންމައިފި

“ވޯލްޑް ޓްރެވަލް އެވޯޑްސް” (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއީ ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، މި އެވޯޑް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މިއަހަރުގެ ސެޕްޓެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަފުލާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާވެސް ދިމާވާ ގޮތަށް ބާއްވާ ހަރަކާތެކެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައްވެސް ހޮވުމަށް ވަނީ ތާވަލުކޮށްފައެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ން ފުރައިގެން ލޯންޗެއްގައި 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ، ރާއްޖޭގެ ފާހަގަކޮށްލެވޭ އިންޓަގްރޭޓެޑް މަންޒިލެކެވެ. އެތަނުގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނޭހެން ތަފާތު ތިން ރިސޯޓަކާއި، ދުނިޔޭގެ ފެންވަރުގެ ކާބޯތަކެއްޗާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލިބެން ހުރެއެވެ.

ޑަބްލިޔުޓީއޭގެ ފައުންޑާ ގްރަހަމް ކޫކް ވިދާޅުވީ، ކްރޮސްރޯޑްސް އަކީ ދަތުރުފަތުރުގެ ދާއިރާގެ ކުރިމަގު ދައްކުވައިދޭ، އާ އުފެއްދުންތެރިކަމުން ފުރިގެންވާ މަންޒިލެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވީ، އެ އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް މަގުފަހިވާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބު މިހާރުވެސް ދަމަހައްޓަމުން އަންނަ ރާއްޖޭގައި އެފަދަ ހަފުލާއެއް ބޭއްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދަމުންދާ ބޮޑު ކުރިއެރުމެއްކަމަށް ކްރޮސްރޯޑްސްގެ ޖެނެރަލް މެނޭޖާ އެލެކްސެންޑާ ޓްރެގާ ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ.

އެ ޕާޓީ އިން ބުނީ އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ހުކުރު ދުވަހުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެ ކަމަށެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.

އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގަ އެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

މި އިންތިޚާބު ގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެމްޑީޕީ އިން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ މާލޭގައި ވޯޓުފޮށިތައް ބަހައްޓާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ވޮލަންޓިއަރކޮށް، އިލެކްޝަން ކޮމިޓީއަށް މި މަސައްކަތް ކޮށްދިނުމަށްއެދޭ ޕަޓީގެ މެންބަރުން ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 30 މެއި 2026 ގެ 14:00 ގެކުރިން ހުށަހެޅުމަށެވެ.

މި މެންބަރުން ވާންވާނީ ކެންޕޭންގަ އަމަލީގޮތުން ނޫޅޭ މެންބަރުން ކަމަށާއި، މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ މަރުކަޒުތައް ކަނޑައަޅާނީ އިންތިޚާބާއި ބެހޭ ކޮމިޓީން ކަމަށް ވަނީ ބުނެފަ އެވެ.

12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކޮމްޕްލެއިންސް ކޮމިޓީ އިންތިޚާބާއިބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިޚާބާއި ބެހޭ ކޮމިޓީ އިން ވަނީ  އިންތިހާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި އިއުލާންވެސް ކޮށްފަ އެވެ.

މި މަގާމަށް ވާދަކުރައްވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ކުޑަކުއްޖަކު ވެއްޓި މާލެ ގެނެސް ފަރުވާ ފަށައިފި

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތެއްގެ ދެވަނަ ފަންގިފިލައިން ތުއްތު ކުއްޖަކު ވެއްޓި، އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 29 މެއި 2026 ވަނަ ދުވަހުއެވެ. މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފުލުހުން އަންނަނީ މިކަމާ ގުޅޭ ތަހުގީގުތައް ކުރަމުންނެވެ.

މި ހާދިސާގައި ވެއްޓުނު ކުއްޖާގެ ހާލަތާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ކުއްޖާއަށް “ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ” ކަމަށެވެ.

ނަމަވެސް، ކުއްޖާގެ ހާލަތު އިތުރަށް ޔަގީންކުރުމަށްޓަކައި އާއިލާއިން ބޭނުންވެގެން އިތުރު ޓެސްޓުތަކެއް ހެދުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ.

މި ހާދިސާ ހިނގި ވަގުތާއި، ވެއްޓުނު ކުއްޖާގެ އުމުރާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ފުވައްމުލަކުގެ ”ޑުރަގު ކެފޭ”އެއް ކަމަށް ތުހުމަތުވާ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުވާ ތަނެއް ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ.

ފުލުހުން މިއަދު ބުނީ، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ، ފުނާޑު، ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ކަމަށް ތުހުމަތުވާ ބައި ކަމަށެވެ. އެގޮތުން އެއީ، ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަނެއް ކަމަށް އެ މުއައްސަސާއިން ތުހުމަތުކުރެއެވެ.

ފުލުހުން ބުނީ އެ އަމުރު ނެރެފައިވަނީ ބުދަ ދުވަހުން ފެށިގެން 85 ދުވަހަށް ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެ މުއައްސަސާއިން ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމަށް ބުނެފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، އެ މައްސަލަ ހައްލުކުރުމަށް ގާނޫނުވަނީ އިސްލާހުކޮށްފައެވެ. އެގޮތުން ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 821 މައްސަަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭގައި ވެސް ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން ފުލުހުން ފާހަގަކޮށް، މީގެ ކުރިން ބަލައިފާސްކޮށް، އެ ތަންތަނުން ބައެއް މީހުން ހައްޔަރުވެސްކޮށްފައިވެއެވެ.