އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމަކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމެރީގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވޯޓުލައްވައިފިއެވެ.
އަބްދުﷲ ޝާހިދު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި މެދު ހެންވޭރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ވޯޓުލެއްވުމަށްފަހު އެމަނިކުފާނު ވަނީ މާލޭގައި ވޯޓުލުން ކުރިއަށްދާ އެކި މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ގަލޮޅު މަދަރުސާގައި ހުންނަވައި “ހަވާސާ” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ ވޯޓުލުމާއި ޑިމޮކްރެސީގެ ރޫޙަށް ވަރަށް ފަރިތަ ބައެއް ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ވޯޓުގެ ނަތީޖާ ފާޅުވުމުން ވީހާވެސް ސުލްހަވެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށް ޕާޓީގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، ޕްރައިމެރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ކެންޑިޑޭޓުންވެސް، ކާމިޔާބު ކުރާ ކެންޑިޑޭޓުންގެ ފަހަތަށް އަރުއްވައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަށްޓަކައި އެކުގައި ގަދައަޅައި މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު