10،000 ހައުސިންގ ޔުނިޓް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތްމިދަނީ ކުރިއަށް- މިނިސްޓަރ މުއްތަލިބް

ހައުސިންގ ޔުނިޓް އެޅުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މުއްތަލިބް މިހެން ވިދާޅުވެފައިވަނީ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވެފައިވަނީ އެ މަޝްރޫއުތަކުގެ ތެރެއިން ކުރީގެ ސަރުކާރުގައި ހިޔާ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، ފަހުން އެ ފުރުސަތު ގެއްލުނު ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށާއި ގުޅީފަޅުގައި އެޅުމަށް ހަމަޖެހިފައިވާ 4،000 ހައުސިންގ ޔުނިޓްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުން ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން ދިނުމަށްފަހު، މިހާރުގެ ސަރުކާރުން އެ ލިސްޓުން ނަންތައް އުނިކުރީ އިންސާފުވެރި ގޮތެއްގައި ނޫން ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުއަކީ ވީއައިއޭގެ އައު ޓަރމިނަލް މަޝްރޫއު- ރައީސް

ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންތިގާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްކަމަށާ، އެދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވެފައިވާނެ ފަދައިން، އައު ޓަރމިނަލްގެ މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއަރޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާ، ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. މި އެއަރޕޯޓަކީ ދިވެހި އިގްތިސާދުގެ އެންމެ މުހިންމު އެސެޓް ކަމަށާ، އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހަމަ މިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ސަރަޙައްދީ އެއަރޕޯޓްތަކާއި، ތަރައްގީ ކުރެވެމުންދާ އެއަރޕޯޓްތަކުގެ މަޝްރޫއުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ކުރިއަށް އޮތީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބާ ކަމުގައި ފާހަގަކުރައްވައި، ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާ ކަމަކީ، ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ، ހަމަޖެހުން ގާއިމުވެފައި އޮތް ގައުމަކަށް ވުން ކަމަށާއި، ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމައެއް ދިވެހި ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހަގީގަތް ގުޅިފައިވަނީ މުޖުތަމަޢުގެ ގުޅިލާމެހުމާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އިސްރާއީލަށް ތާއީދު ކުރާ މީހުންނަށް އޮތީ މަރުގެ އަދަބު

”ޒަޔަނިޒަމް” އަށް ތާޢިދުކުރުމަކީ މަރުގެ އަދަބު ލިބޭނެ ކުށެއް އަދި އިސްރާއީލަކީ ޣައިރު ޤާނޫނީ ދައުލަތެއް ކަމަށް އުތުރު ކޮރެއާއިން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

މިބަދަލާއެކު އުތުރުކޮރެއާގެ އެއްވެސް ރައްޔިތަކު އިސްރާއީލް ދައުލަތަށް އެއްވެސް ސިފައެއްގަ ތާޢީދުކުރާކަން ހާމަވެއްޖެނަމަ އެމީހަކަށް މަރުގެ އަދަބު ލިބޭނެކަމަށް ވަނީ ހާމަކޮށްފައެވެ.

 

ފަލަސްތީނުގައި 48 ގަޑިއިރު ތެރޭ 130 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި: ގިނައީ ކުޑަކުދިން

ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފާއިތުވެދިޔަ 48 ގަޑިއިރު ތެރޭގައި 130 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާތަކުގެ ސަބަބުން މިހާރު ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ 59،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މި ހަމަލާތަކުގައި ޝަހީދުވި ގިނަ ބަޔަކީ، ކާބޯތަކެއްޗާއި ބޯފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ޣައްޒާގައި، އިންސާނީ އެހީ ދޭ ކޭމްޕްތަކަށް ގޮސް، އެހީ ހޯދައިގެން އެނބުރި އަންނަނިކޮށް ދެވުނު ހަމަލާތަކުގައި ޝަހީދުވި މީހުން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އިންސާނިއްޔަތާ ޚިލާފު ނުރައްކާތެރި ޖަރީމާއެއް ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ސިފަކޮށްފައެވެ.

ޣައްޒާގައި ހިނގަމުންދާ މި ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ނެތި ބިކަވެފައިވާއިރު، ބޭސްފަރުވާއާއި ކާބޯތަކެތީގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ވަނީ މި ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

އެޑިންބަރގް ޔުނިވާސިޓީގެ ދަރިވަރުން ފަލަސްތީން މިނިވަން ކުރުމަށް އެ ޔުނިވާސިޓީގެ ގްރެޖުވޭޝަންގައި ގޮވާލައިފި

އިނގެރޭސި ވިލާތުގެ އެޑިންބަރގް ޔުނިވާސިޓީގެ ދަރިވަރުން ފަލަސްތީން މިނިވަން ކުރުމަށް އެ ޔުނިވާސިޓީގެ ގްރެޖުވޭޝަންގައި ގޮވާލައިފިއެވެ.

ފަލަސްތީން މިނިވަން ކުރުމަށް އެ ޔުނިވާސިޓީގެ ގްރެޖުވޭޝަންގައި ގޮވާލައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެޑިންބަރގް ޔުނިވާސިޓީގެ ގްރެޖުވޭޝަން ހަފްލާގެ ތެރޭގައެވެ.

އެ ޔުނިވާސިޓީގެ ދަރިވަރުން އަޑުއުފުލަން ފެށުމުން ޖްރެޖުވޭޝަން ހަފްލާ ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާ ލާފައެވެ. ހަފްލާ ތެރޭގައި އަޑުއުފުލި ދަރިވަރުން ގޮވާލަމުން ގެންދިޔައީ ފަލަސްތީން މިނިވަން ކުރުމަށެވެ. އަދި ފަލަސްތީނުގައި ހިންގާ ގަތުލުއާމަށް ފަންޑުކުރުން ހުއްޓާލުމަށެވެ.

އިސްރާއިލްއަށް ފަންޑުކުރާ ކުންފުންޔެއް ކަމައްވާ ބްލެކްރޮކް އަކީ އެޑިންބަރގް ޔުނިވާސިޓީގެ 58 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޔެކެވެ.

މިރޭވެސް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ނުރައްކާތެރި އެކްސިޑެންޓެއްގައި ފުރާނައެއް ގެއްލުނުތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އަނެއްކާވެސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން، ހަތަރު ލޭނު ހިމެނޭ ސަރަހައްދުގައި ވޭނަކާއި ސައިކަލަކާ ޖެހި އެކްސިޑެންޓުވިކަމުގެ ރިޕޯޓު މިރޭ 10:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ، ވޭން އޯވަޓޭކްކުރަން އުޅުމުގެ ތެރެއިން ސައިކަލުގައި ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ “އަހާ” ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފްލެޓްގެ އެގްރީމެންޓާ ގުޅޭގޮތުން ބަންޑާރަނައިބުގެ ލަފާ ހޯދުމަށް ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަލާ ލިބި އަންނަ ހަފްތާގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކުރަން ފެށޭނެ ކަމަށެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ނިމިފައިވާ ފްލެޓްތައް ދޭނެ މީހުންގެ ލިސްޓެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.

ނުމިހުރި ފްލެޓްތައް ނިންމުމުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

ހުރިހާ ފްލެޓެއް ނިންމައި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެންމެންނަށް ފްލެޓް ހަވާލުކޮށް ނިމޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޣައްޒާގައި ފެން ހޯދަން ގޮސްތިބި ކުޑަކުދިންތަކެއް ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގެ ފެން ޑިސްޓްރިބިއުޝަން ޕޮއިންޓަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަކުދިންތަކެއް ޝަހީދުވެފައިވާ ކަމަށް ސިއްހީ އޮފިޝަލުން ބުނެފިއެވެ.

މި ހަމަލާގައި އަނިޔާވެރި، ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޝަހީދުކޮށްލީ ހަ ކުޑަކުދިން ހިމެނޭ ގޮތަށް ނުވަ މީހުންނެވެ.

ގަތުލުއާންމު ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ އިރު، ޣައްޒާގައި ހިންގާ ގަތުލުއާންމު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެންމެ ފަހުގެ މަޝްވަރާތަކަށް އުންމީދުތައް ބޮޑުވި ނަމަވެސް އިސްރާއީލާއި ފަލަސްތީނުގެ މިނިވަން އެއްބަސްވުމަކަށް ހުރަސް އަޅާ ކަމަށް ބުނެ، އެއް ބަޔަކު، އަނެއް ބަޔަކަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އިއްޔެއަކީ ވަރަށް އަނިޔާވެރި ދުވަހެކެވެ. ޣައްޒާ އިން އިއްޔެ އެކަނި ވެސް 139 މީހުން ޝަހީދުކޮށްލިއެވެ. އަދި މިއަދުގެ މިހާތަނަށް ފަލަސްތީނުގެ 47 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އޮކްޓޯބަރު 7، 2023 ގެ ފަހުން މިހާތަނަށް އައިއިރު ޣައްޒާ އިން 58،026 މީހުން ޝަހީދުކޮށްލައި 138،520 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އަދި ޣައްޒާގެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

މި އަދަދަކީ އިސްރާއީލުން މެދުތެރޭ ޣައްޒާގެ ފެން ބެހުމުގެ ތަނުގައި އިސްރާއީލުގެ ހަމަލާގެ ޝިކާރަ އަކަށްވި ފަލަސްތީނުގެ ނުވަ ރައްޔިތުން ޝަހީދުވުމުގެ ކުރިން އާންމު ކުރި އަދަދެއް ކަމަށްވެއެވެ.

މި ހަމަލާގެ ހަލަބޮލި މަންޒަރުން ފެންނަ ވީޑިއޯއިން ފެން އުފުލާ އުޅަނދުތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުވެފައިވާ މަންޒަރު ފެނެއެވެ.

އދ. މާމިގިލި ކައިރިއަށް ފީނަންގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. މާމިގިލި ކައިރިއަށް ފީނަން ގޮސްއުޅުނު 15 އަހަރުގެ ކުއްޖާ ނިޔާވެފަައި އޮއްވާ ފެނިއްޖެއެވެ.

މާމިގިލީގައި ހުރި މީހަކު ‘’ހަވާސާ’’ އަށް މަޢުލޫމާތު ދިންގޮތުގައި އެ ކުއްޖާގެ ހަށިގަނޑު މޫދު އަޑިން ނަގާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށްވެސް ބުންޏެވެ.

ނަމަވެސް މިކަން އަދި ރަސްމީ އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ. ނަމަވެސް ފުލުހުން ބުނީ އެކުއްޖާ މާމިގިލި ބޭރު މޫދުން ވަނީ ފެނިފައި ކަމަށެވެ. އަދި ކުއްޖާ ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ފަނަރަ އަހަރުގެ ކުއްޖަކު ގެއްލިއްޖެ

އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ އެވެ.

ފުލުހުން ބުނީ މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދީންގެ ތެރެއިން އެއް ކުއްޖަކު ގެއްލިގެން އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 7:00 ގަ އެވެ.

ގެއްލިގެން ހޯދަމުން ދަނީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ޔަހޫދީންގެ ހިޔަޅު ރޭވުން ދޯހާގެ ވާހަކަތަކުން ހާމަވެއްޖެ

ޣައްޒާގެ ބިންތައް ހިފައި ނަސްލު ސާފުކޮށްލުމަށް ޔަހޫދީން ގެންގުޅޭ ހިޔަޅު ރޭވުންތައް ދޯހާގެ މަޝްވަރާތަކުގައި ހާމަވެއްޖެއެވެ. އެމެރިކާގެ ރުހުމާއެކު، ޔަހޫދީން ވަނީ ޣައްޒާގެ ސަރަހައްދު އަލުން ކުރަހާފައިވާ ޗާޓެއް މަޝްވަރާތަކަށް ހުށަހަޅާފައެވެ. ހަމާސް އިން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.

ޔަހޫދީން ހުށަހަޅާފައިވާ ހުށަހެޅުންތަކުން ހާމަވި ކަންތައްތަކުގެ ތެރޭގައި:

ޣައްޒާގެ ބިމުގެ ގާތްގަނޑަކަށް 40 ޕަސެންޓް އިޒްރޭލަށް ނެގުން ހިމެނެއެވެ. މިހާރުވެސް ޣައްޒާގައި ޔަހޫދީންނާއި ފަލަސްޠީނު މީހުން ދެބަޔަށް ވަކިކޮށްފައިވާ ބައިގައި ޔަހޫދީން ދަނޑުވެރިކަން ކުރަމުން ދަނީ ހިފާފައިވާ ޣައްޒާގެ ބިންތަކުގައެވެ. އެއީ 40 ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ޔަހޫދީން އަލަށް ހިފަން ހުށަހަޅާ ބިންތަކުގެ ސަބަބުން 700،000 އަށްވުރެ ގިނަ ފަލަސްތީނު މީހުންގެ ގެދޮރު ގެއްލޭނެއެވެ.

ޔަހޫދީން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި:

ރަފާ ސިޓީ އެއްކޮށް އިޒްރޭލުގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުން އަދި؛ ބައިތު ލާހިޔާ، އުއްމުއްނަސްރު، ބައިތު ހަނޫން އަދި ޚުޒާޢާ ޓައުންގެ ބޮޑެތި ސަރަހައްދުތައް ޔަހޫދީންނަށް ލިބުން؛

ޝުޖާޢިއްޔާ، އައްތުއްފާޙާ، އަދި އައްޒައިތޫންގެ އަވަށްތަކާއި އިންވެގެންވާ ތަންތަން ޔަހޫދީންނަށް ދިނުން ހިމެނެއެވެ.

މި ހުށަހެޅުންތަކާމެދު ކަން ބޮޑުވުންތައް ފާޅުކުރާ ފަރާތްތަކުން ބުނެފައި ވަނީ އިޒްރޭލުން މަސައްކަތް ކުރަނީ ޣައްޒާއިން މީހުން މިސްރުގެ ސީނާއާ އާ ދިމާއަށް ނޫނީ ކަނޑުގެ އައްސޭރިއާ ދިމާއަށް ފައްސާލައި މަޑުމަޑުން މުޅި ސަރަހައްދުން އެއްކޮށް ނަސްލު ސާފުކޮށްލާށެވެ.

ފުރަތަމަ ކުއާޓަރުގައި 1.7 ބިލިޔަން ރުފިޔާ ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިއްޖެ

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިޔަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 879,898,237 ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 594,514,301 ރުފިޔާއާ އަޅާބަލާއިރު 48 ޕަސެންޓުގެ އިތުރުވުމެކެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 885,816,410 ރުފިޔާއެވެ. މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 606,720,188 ރުފިޔާއާ އަޅާބަލާއިރު 46 ޕަސެންޓުގެ އިތުރުވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މި ދެ ބާވަތުގެ ފީގެ ގޮތުގައި ލިބުނު ޖުމުލަ އާމްދަނީއަކީ ދައުލަތަށް މި މުއްދަތުގައި ލިބުނު ޖުމުލަ އާމްދަނީގެ 10.6 ޕަސެންޓެވެ.

ޑިޕާޗަރ ޓެކުހަކީ 1 ޖަނަވަރީ 2022 އިން ފެށިގެން ރާއްޖޭގެ އެއަރޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފެށި ޓެކުހެކެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ.