ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ރިޑަންޑަންސީ ޕެކޭޖު ތަކަކަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
މި ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދީފައިވާ އިރުޝާދާ އެއްގޮތަށް، އެޗްޑީސީގެ ބޯޑުން ފާސްކުރި އާ އޮނިގަނޑެއްގެ ދަށުން ނިންމި ނިންމުމެކެވެ.
އެޗްޑީސީން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދެ ގޮތަކަށް ފުރުސަތު އޮންނާނެއެވެ. އެއީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމާއި މިއްލައަށް އެދިގެން ރިޓަޔާކުރުމެވެ.
އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް އުސޫލުގެ ތެރެއިން މާލީ އިނާޔަތް ނުވަތަ ސެވަރެންސް ޕެކޭޖެއް ލިބޭނެއެވެ. ހަމައެހެންމެ ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށް ބަލައި، އެއްފަހަރާ ލިބޭ މާލީ އިނާޔަތަކާއެކު ރިޓަޔާކުރުމުގެ ފުރުސަތު ޝަރުތުހަމަވާ މުވައްޒަފުންނަށް ލިބޭނެއެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި ޕެކޭޖުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިތަކާއި ޝަރުތުތައް ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް އޮޅުންފިލުވޭނެއެވެ
މި ފިޔަވަޅު އަޅަން މަޖުބޫރުވީ، ގިނަ ދުވަސްތަކެއް ވަންދެން ފައިދާގައި ހިންގި އެޗްޑީސީއަށް 2024 ވަނަ އަހަރު 109 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.
ސަރުކާރުން މިހާރު އަންނަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ފެނަކައިންވެސް ވަނީ މިފަދަ ޕެކޭޖު ތައާރަފްކޮށް މުވައްޒަފުން މަދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު