ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންތިގާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްކަމަށާ، އެދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވެފައިވާނެ ފަދައިން، އައު ޓަރމިނަލްގެ މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއަރޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާ، ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. މި އެއަރޕޯޓަކީ ދިވެހި އިގްތިސާދުގެ އެންމެ މުހިންމު އެސެޓް ކަމަށާ، އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ހަމަ މިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ސަރަޙައްދީ އެއަރޕޯޓްތަކާއި، ތަރައްގީ ކުރެވެމުންދާ އެއަރޕޯޓްތަކުގެ މަޝްރޫއުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ކުރިއަށް އޮތީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބާ ކަމުގައި ފާހަގަކުރައްވައި، ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާ ކަމަކީ، ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ، ހަމަޖެހުން ގާއިމުވެފައި އޮތް ގައުމަކަށް ވުން ކަމަށާއި، ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމައެއް ދިވެހި ގައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހަގީގަތް ގުޅިފައިވަނީ މުޖުތަމަޢުގެ ގުޅިލާމެހުމާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު