ހުޅުމާލޭ ފޭސް 2 ޗާންދަލިޔާ އިމާރާތުން މީހަކު ފުންމާލައިފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރުން މީހަކު ވެއްޓިއްޖެއެވެ.

ފުލުުން ބުނީ މީހަކު ވެއްޓުނީ ވިނަރެސް ޓަވަރު އަށަކުން ކަމަށެވެ. އެ މީހާ ވެއްޓުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބުންޏެވެ.

ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. ވެއްޓިފައި ވަނީ ފިރިހެނެކެވެ.

އެ މީހަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.

އިތުރު މަޢުލޫމާތު އަންނަނީ…..

އެކްސިޑެންޓްވި ސައިކަލަކީ ރައްޓެއްސަކު ދުވަހު ކުއްޔަށް ނަގައިދިން ސައިކަލެއް!

މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި، މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ތޭރަ މުޙައްމަދު ޢަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، ދުއްވި ކަމަށް ބެލެވޭ ސައިކަލަކީ އޭނާގެ ރައްޓެއްސަކު ދުވަހު ކުއްޔަށް ނަގައިދިން ސައިކަލެއްކަން އެނގިއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އެރޭ 8:10 ހާއިރު ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީގައިވާ ޒިބްރާ ކްރޮސްގައެވެ. މިއެކްސިޑެންޓް ހިނގީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރަމުން ދިޔަ މީހެއްގެ ގައިގައި ޖެހި، ކޮންޓްރޯލުން ނެއްޓި ކައިރިން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. އެކްސިޑެންޓުވި ސައިކަލުގައި އަލްސަންގެ އިތުރުން 16 އަހަރުގެ އިތުރު ކުއްޖަކު ވެސް އިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓުވި ސައިކަލަކީ އަލްސަންގެ ރައްޓެއްސަކު ދުވަހު ކުއްޔަށް ނަގައިގެން އޭނާއާ ހަވާލުކުރި އެއްޗެކެވެ. މިކަމުގެ އެންމެ ހިތާމަވެރި އެއް ކަމަކީ، އަލްސަން ސައިކަލެއް ދުއްވާ ކަމެއް ނުވަތަ، އޭނާއަށް ސައިކަލު ދުއްވަން އެނގޭ ކަމެއް ވެސް އޭނާގެ އާއިލާއަށް އެނގިފައި ނުވުމެވެ. އުމުރުން 17 އަހަރުގެ އަލްސަނަށް ލައިސަންސް ލިބިފައި ނުވާއިރު، އޭނާ ސައިކަލު ދުއްވިކަން އާއިލާއަށް ވެސް ވެގެން ދިޔައީ ބޮޑު ހައިރާންކަމަކަށެވެ.

މި ހާދިސާއިން ސައިކަލު ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ޒިންމާގެ މުހިންމުކަން ވަރަށް ބޮޑަށް ފެންނަން އެބައޮތެވެ. ޚާއްސަކޮށް ދުވަހު ކުއްޔަށް ސައިކަލު ދޫކުރުމުގައި، ސައިކަލު ހަވާލުކުރެވޭ ފަރާތުގެ ލައިސަންސް އޮތްތޯ ޔަގީންކުރުމަކީ މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. ލައިސަންސް ނެތް ކުޑަކުދިންނާއި ޒުވާނުންގެ އަތްމައްޗަށް ސައިކަލުތައް އެރުމަކީ މުޅި މުޖުތަމައުއަށް ކުރިމަތިވާ ނުރައްކަލެކެވެ.

ފުލުހުން ވަނީ މި އެކްސިޑެންޓުގެ ފުރިހަމަ ތަހްގީގެއް ކުރިއަށް ދާކަން ކަށަވަރުކޮށްދީފައެވެ. އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުން ކަމަށްވާ ސައިކަލުގައި އިން 16 އަހަރުގެ ކުއްޖާ އާއި މަގު ހުރަސް ކުރި 40 އަހަރުގެ މީހާގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ. މަގު ހުރަސް ކުރި މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނެއެވެ.

ފުލުހުން އަދިވެސް ދަނީ ސައިކަލު ދުއްވަން އިނީ ކާކުކަން ކަށަވަރު ކުރުމަށްޓަކައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހިތާމަވެރި ހާދިސާގައި ޒުވާން އުމުރުގައި އަލްސަން ނިޔާވުމަކީ އޭނާގެ އާއިލާއަށާއި ރައްޓެހިންނަށް ލިބުނު ފުން ހިތާމައެކެވެ. އަދި މިފަދަ ހާދިސާތަކުން އިބުރަތް ހާސިލުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދަރިންގެ ޚަރަދު ނުދައްކާ މީހެއްގެ ވަނަވަރު ފެމިލީ ކޯޓުން އާންމުކޮށްފި

ދަރިންގެ ސާބިތު ޚަރަދު ނުދައްކައި ދަރަނިވެރިވެފައިވާ ފަރާތެއްގެ މަޢުލޫމާތާއި ފޮޓޯ، ފެމިލީ ކޯޓުން މީސް މީޑިއާގައި އާންމުކޮށްފި އެވެ.

 

ފެމިލީ ކޯޓުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ދަރަނިވެރިވެފައިވަނީ މާލެ ދަފްތަރު ނަންބަރު ރސ 2758، އަޙްމަދް ޢަލީ، އައިޑީ ކާޑު ނަންބަރު 075549 A އެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޔަކީ، ޤަޞިއްޔަ ނަންބަރު 92/Fm-C/2025 ދަރިންގެ ޚަރަދުގެ ފައިސާ ނުދެއްކުމެވެ.

މި މައްސަލަ ސާބިތުވުމާ ގުޅިގެން، ކޯޓުގެ އަމުރަށް ތަބާނުވެ، ދަރިންގެ ޚަރަދު ދެއްކުމަށް އެއްވެސް އިޖާބައެއް ދީފައި ނުވާތީ، ފެމިލީ ކޯޓުން ވަނީ އަޙްމަދް ޢަލީގެ މަޢުލޫމާތާއި އޭނާގެ ފޮޓޯވެސް މީސް މީޑިއާގައި ޝާއިޢުކޮށްފައެވެ. މިފަދަ ފިޔަވަޅެއް އެޅިފައިވަނީ، ދަރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކޯޓުގެ އަމުރަށް ބޯލެނބުމަށް ދަރަނިވެރިންނަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ދަރިންގެ ހައްޤުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަރުވާކުޑަކޮށް، ކޯޓުގެ އަމުރުތަކަށް އިޙްތިރާމް ނުކުރާ ފަރާތްތަކާމެދު މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ، މުޖުތަމަޢުގައި ޒިންމާދާރުކަން އިތުރުކުރުމަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

55 މިލިއަން ރުފިޔާގެ ރަން އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފި

ސްރީ ލަންކާއަށް އެތެރެކުރާން އުޅުނު 1.1 ބިލިއަން ރުޕީސްގެ ރަން އަތުލައިގަނެފިއެވެ.

 

ސްރީލަންކާއަށް އެތެރެކުރަން މަސައްކަތް ކުރަނިކޮށް އެގައުމުގެ ކަސްޓަމްސް އިން އިއްޔެ އަތުލައިގަނެފައިވާ ރަނުގެ ބަރުދަނުގައި 35 ކިލޯ ހުރި އިރު އޮފިޝަލުން ވަނީ އޭގެ އަގު 1.1 ބިލިއަން ރުޕީސް (55 މިލިއަން ރުފިޔާ) އަށް އަރާކަމަށް ބުނެފައެވެ.

ދައުލަތުގެ އާމްދަނީ 20.1 ބިލިއަނަށް އަރައިފި

ޖުލައި މަހުގެ 10 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.

ރިޕޯތުން ދައްކާގޮތުން ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. އެންމެ ބޮޑު އާމްދަނީއެއް އިތުރުވެފައިވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިލިބިފައިވާ އަމްދަނީ އަށެވެ. އެގޮތުން އޭޑީސީ އާމްދަނީ 52.5 އިންސައްތަ ވަނީ އިތުރުވެފައެވެ.

ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލުތަކާއި އަދި ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު އިތުރުވުމާ ގުޅިގެން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 96.5 އިންސައްތަވަނީ އިތުރުވެފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ.

އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 928 މިލިޔަން ރުފިޔާ ވަނީ ލިބިފައިވާއިރު މި އަދަދކީވެސް ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު54.4 އިންސައްތަ އިތުރު އަދަދެކެވެ. ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 940 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މި އަދަދަކީ 53.3 އިންސައްތައިގެ އިތުރު ވުމެކެވެ.

އެ މިނިސްޓަރީގެ ނިމިދިޔަ ހަފްތާގެ ވީކްލީ ފިޒިކަލް ރިޕޯޓުން ދައްކާގޮތުން އާމްދަނީގެ އިތުރުވުމާއެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 54.4 އިންސައްތަވަނީ އިތުރުވެ 1.1 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

ފަލަސްޠީނުގެ ކުޑަކުދިން ބަނޑަށްޖެހި މަރުވަނީ

އިޒުރޭލުން ފަލަސްޠީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ކާއެތިކޮޅަކަށް ދަތިވެ، ފަލަސްޠީނުގެ ރައްޔިތުން އުޅެމުންދަނީ ތަދުމަޑުކަމުގެ ޙާލަތެއްގައެވެ. ފަލަސްޠީނުގެ ކަންކަން ބެލެހެއްޓުމަށް އ.ދ އިން ކަނޑައަޅާފައިވާ އެޖެންސީ “ޔޫ.އެން.އާރް.ޑަބްލިޔު.އޭ” އިން ހާމަކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ ކުޑަކުދިން ކުރެ ކޮންމެ 10 ކުއްޖަކުން 1 ކުއްޖަކު ވަނީ ބަނޑަށް ޖެހިގެން އަނަރޫފަވެފައެވެ. މިފަހަކުން ޣައްޒާގައި ބަނޑަށް ޖެހި 65 ކުޑަކުދިން ނިޔާވެފައިވާ އިރު، މިހާރުވެސް އިތުރު 650،000 ކުޑަކުދިން ބަނޑަށް ޖެހި މަރުވުމުގެ ބިރަށް ހުށަހެޅިފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިޔާ އޮފީހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) ގެ އިސްވެރިޔާ ފިލިޕް ލަޒަރިނީ ވިދާޅުވި ފަދައިން، ފަލަސްޠީނުގެ ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުން މަރުވުމާއި، ޢަސްކަރީ ޙަމަލާތަކުގެ ސަބަބުން މަރުވުމާ ދެމެދުގައެވެ. މިދެކަމުން ސަލާމަތްވާނޭ ގޮތެއް ފަލަސްޠީނުގެ ރައްޔިތުންނަކަށް ނެތެވެ. އ.ދ ގެ އެހީގައި ފޯރުކޮށްދޭ ކާއެތަކެތި ބަލައި ދާ ފަރާތްތަކަށް ވެސް އިޒްރޭލުން ޙަމަލާ ދީ، ޝަހީދު ކުރަމުން ގެންދެއެވެ.

އިއްޔެގެ ވަޤުތުތަކުގައި ވެސް، އިޒުރޭލުން ވަނީ ފަލަސްޠީނުގެ 61 މީހަކު ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި “ޝާޠިއު ރެފިޔުޖީ ކޭމްޕު” ގައި ޝަހީދުކޮށްލެވުނު 23 މީހަކު ހިމެނެއެވެ. އިޒުރޭލުގެ ޢުދުވާނީ ޙަމަލާ ގޯސް ވަމުން ދާތީ، މިކަމުގެ މަޝުވަރާ ކުރުމަށް ގާތްގަނޑަކަށް 30 ޤައުމުގެ ވެރީން ކޮލޮމްބިޔާގެ ވެރިރަށް ބޮގޯޓާގައި އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ނޭޝަނަލް ސާވިސްގެ ފުރަތަމަ ބުރުގެ ތަމްރީނުތަކަށް މީހުން ހޮވުމުގެ މަސައްކަތް ފަށައިފި

ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފަށައިފިއެވެ.

ނޭޝަނަލް ސާވިސްގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމް އިއުލާނުކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ޕްރޮގްރާމުގެ ސަބަބުން ތަމްރީން ލިބިފައި ތިބި، އަހުލާގު ރަނގަޅު، ގައުމަށް ފައިދާ ހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައިީސް އޮފީހުން މިއަދު ބުނީ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ އިއްޔެ ފަށައިފައިވާ ކަމަށެވެ.

ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. އެ މަރުހަލާގައި ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓުތަކާއި، އެޕްޓިޓިއުޑް ޓެސްޓުގެ އިތުރުން ފިޓްނަސް ޓެސްޓުތައް ވެސް ފުރިހަމަކުރަން ޖެހޭނެއެވެ. އެ މަރުހަލާއަށްފަހު ތަމްރީނުގެ ފުރަތަމަ ބުރަށް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ.

ޑިފެންސް މިނިސްޓްރީން މިމަހުގެ އަށްވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕްރޮގްރާމުގެ ދަށުން ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ ޒުވާނުންގެ ތެރެއިން ޖިސްމާނީ އަދި ސިއްހީ ދުޅަހެޔޮކަން ހުރި ހުރިހާ ފަރާތަކަށް ވެސް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ހިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދެމުން ގެންދާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްޓްރީ ކަމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކޮށްފި

ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

މި ދެންނެވި 922 މުވައްޒަފުން ޢައްޔަނު ކުރައްވާފައިވާ އެކި ގިންތިތައް

– ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން

– ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން

– ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން

– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން

– ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން

– ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން

– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން

– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން

– ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން

– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން

– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން

– އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން

ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެއެވެ.

މާލެއިން ޒުވާނަކު ގެންލިގެން ހޯދަން ފަށައިފި


މާލެއިން 30 އަހަރުގެ ފިރިހެނަކު ގެންލިގެން ހޯދަން ފަށައިފިއެވެ.

 

ގެލއްިގެން ހޯދަމުންދަނީ، ގ. ގަރނެޓް އުމުރުން 30 އަހަރުގެ ޙަސަން ޔާމީންއެވެ. އެނާ ގެއްލިގެން ހޯދަން ފަށާފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ޚަބަރެއްނުވުމުންނެވެ. އެނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހު 20:30 އެހާއިރުއެވެ.

ފުލުހުން ވަނީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ޝިޔާމްއާއި ޒާރާ ވަރިވެއްޖެ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ޝިޔާމް މުހައްމަދު، އެމަނިކުފާނުގެ ހަގު އަނބިކަނބަލުން ކަމަދޫ ޒާރާ ވަރިކުރައްވައިފިއެވެ.

ޝިޔާމްގެ އަރިސް ބޭފުޅެއް ކަމުގައިވާ ނ.ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވަނީ ޝިޔާމް، ޒާރާ ވަރިކުރައްވައިފިކަން ފޭސްބުކުގައި ކުރެއްވި ޕޯސްޓްއެއްގައެވެ.

https://www.facebook.com/share/p/1Es2N3NZUs/

2024 ވަނަ އަހަރު ކަމަދޫ އަޟްހާ ޢީދު ކުޅިވަރުތަކުން މަޝްހޫރުކަން ހޯދި ޒާރާއާ ޝިޔާމް ކައިވެނި ކުރެއްވީ މިދިޔަ އަހަރުއެވެ. މިއީ ފަހުގެ ތާރިހެއްގައި ރާއްޖޭގައި ކައިވެންޏަކަށް މިހާބޮޑު ސަމާލުކަމެއް ލިބުނު ފުރަތަމަ ފަހަރެވެ.

ފީނަން ގޮސް އުޅެނިކޮށް ނިޔާވި ލޫތުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފީނަން ގޮސް އުޅެނިކޮށް މާމިގިލިން ގެއްލުނު އުމުރުން 15 އަހަރުގެ ލޫޠު ބިން އަޙްމަދު ނިޔާވި ޚަބަރު އަޑުއެއްސެވީ ހިތާމައާއެކުކަމަށް ވިދާޅުވެ ލޫތުގެ އާއިލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަކުއްޖަކު ނިޔާވުމަކީ ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ކަމެއްކަމަށެވެ.

ރޭ އދ.މާމިގިލީގައި ހިނގި އެ ހާދިސާގައި ނިޔާވި ލޫޠު ބިން އަޙްމަދަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުއާކުރެއްވުމާއެކު އެ އާއިލާއަށް މި ހިތްދަތި ވަގުތު ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

މި މަހުގެ 14 ވަނަ ދުވަަހުގެ މެންދުރު ވަގުތެއްގައި އދ.މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން ކުއްޖަކު ގެއްލިފައިވާ މައްސަލަ ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރީ އިއްޔެއެވެ.

ރޭ އިރާކޮޅު ހޯދަމުން އައި 15 އަހަރުގެ ކުއްޖާ ފެނުނީ އޭނާ ހޯދުމަށް ފީނަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރުންނަށެވެ. އަދި އޭނާގެ ހަށިގަނޑު ވަގުތުން މާމިގިލީ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ހަށިގަނޑު އެތަނަށް ގެންދިޔައިރުވެސް އޭނާ އޮތީ ނިޔާވެފައިކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކޮއްލައިފި

އިސްރާއީލުގެ ވައިގެ ހަމަލާތަކެއް ފަލަސްތީނުގެ ޣައްޒާ އަށް އަމާޒުވެއްޖެ. މި ހަމަލާތަކުގައި12 މީހުން ޝަހީދުވެ އަދި އެތައް ބައިވަރުބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، އިއްޔެ ޣައްޒާގެ އެކި ހިސާބުތަކުން މަދުވެގެން 78 ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައެވެ.

ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ ޖުމްލަ އަދަދު 58,386 އަށް އަރާފައިވާ ކަމަށާއި، 139,077 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނެއެވެ.

މި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ގޮވާލަމުންދާ އިރު، ގިނަ ގައުމުތަކެއްގެ ދީނީ އިލްމުވެރިންނާއި ޑިޕްލޮމެޓުން އިއްޔެ ޓައިބާގައި އެއްވެ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. ނަމަވެސް މި ބައްދަލުވުމުގެ ގަޑިއިރުތަކެއް ފަހުން ޣައްޒާގެ ހުޅަނގު އައްސޭރީގެ ބުރުގާ އަވަށުގައި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވަޒަންވެރިން ވަނީ ފަލަސްތީނުގެ ބިންތަކާއި އުޅަނދުތަކުގައި ރޯކޮށްލާފައެވެ.