މި އަހަރުގެ އަމީރުލްހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސަވައިފި

މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އިސްވެރިއެއް ނުވަތަ އަމީރުލްހައްޖުގެ ގޮތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވާއިރު، ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ސައީދު މިއަދު ހެނދުނު ވަނީ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.

މިނިސްޓަރު ސައީދު ހައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެމިރޭޓްސްގެ މަތިންދާބޯޓެއްގައެވެ. އާންމު އުސޫލުން ކޮންމެ އަހަރަކު ވެސް ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ އިސް ބޭފުޅަކު އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައެވެ. އެގޮތުން މިދިޔަ އަހަރު އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މި އަހަރުގެ ހައްޖުވެރިންގެ ކަންކަމުގައި އިރުޝާދު ދެއްވާ އިސް ޝެއިޚެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިނެވެ. މީގެ އިތުރުން، މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ ފަހު ގްރޫޕް ވެސް މިއަދު ހެނދުނު ވަނީ ސައުދީއަށް ފުރާފައެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ރާއްޖެއަށް ލިބުނު 1،000 ހައްޖު ކޯޓާގައި ދިވެހިން ހައްޖުގެ އަޅުކަން އަދާކުރާނެއެވެ. މި ހުރިހާ ހައްޖުވެރިންނަށް ބޭނުންވާ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

އިނގިރޭސިވިލާތުން ރާއްޖޭގެ ކަންނެލިން ނަގާ ޓެރިފް އުވާލައިފި

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަންނެލީގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް މިއަދު އުވާލައިފިއެވެ.

އިނގިރޭސިވިލާތުން ނިންމި މި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރާތާ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަނީ ވެފައެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިގްތިސާދީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހަށް އޮތް ޑިމާންޑު އިތުރުވެ، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖެއަކީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދޮށީގެ މަސްވެރިކަމުގެ ނަމޫނާ ޤައުމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އާއި އޮޕަރޭޝަނަލް އެޕްރޫވަލް މިއަދު ދީފިއެވެ. މި ހުއްދަ ދީފައިވަނީ 18 މެއި 2026 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރާއި، ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން މޯލްޑިވްސް ޕްރީމިއާ ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ލައިސަންސް ދިނުމާއެކު، އެ ބޭންކަށް ރާއްޖޭގައި ބޭންކިންގ ހިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގާނޫނީ ހުއްދަ މިވަނީ ލިބިފައެވެ.

މޯލްޑިވްސް ޕްރީމިއާ ބޭންކުގެ މެނޭޖްމަންޓުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިޔަފާރި އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރައިން ޖަނާހު ހިމެނިވަޑައިގަންނަވައެވެ.

މި ބޭންކަށް ލައިސަންސް ދިނުމާއެކު، ރާއްޖޭގައި މިހާރު ބޭންކިންގ ހިދުމަތް ދެމުންދާ ބޭންކުތަކުގެ ޖުމްލަ އަދަދު ވަނީ 9 އަކަށް އަރާފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވެ، ވާދަވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ފެނިއްޖެ

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، އެމީހުން ފީނި ހޮހަޅައިގެ ތެރެއިން މިއަދު ފެނިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މި ހަތަރު ފަތުރުވެރިން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވާ ކަމަށެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ އިތުރުން އިޓަލީ ސަރުކާރުން ފޮނުވި ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.

އެމްއެންޑީއެފުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވްކުރި ހޮހަޅައިގެ ތެރެއިންނެވެ. އަދި ކުރިއަށް އޮތް ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހަޅައިން ބޭރަށް ނެރުމުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ ރާވާފައެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ހަށިގަނޑުތައް ހޯދިފައިވަނީ ފުން ކަނޑުތަކަށް ފީނުމަށް ހާއްސަ ތަމްރީނު ލިބިފައިވާ ޑައިވަރުންގެ ޓީމަކުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަށިގަނޑުތައް މައްޗަށް ނެގުމުގެ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހިތާމަވެރި ހާދިސާގެ ތެރެއިން، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. މަހުދީގެ ވަކިވުމާ ގުޅިގެން މެދުކަނޑާލި މި އޮޕަރޭޝަން އަލުން ފަށާފައިވަނީ މިއަދު ހެނދުނެވެ.

ރާޅާ އަޅަން ސާފާރީއަކުން މުދަށް ފޭބި ސްޕެއިންގެ ފަތުރުވެރިއަކު ނިޔާވެއްޖެ

ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން، ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ގެނބިގެން ނިޔާވެފައިވަނީ ސްޕޭންގެ ފަތުރުވެރިއެކެވެ. އޭނާއަކީ އުމުރުން 53 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއަށް އޭނާވަނީ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އެތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި

އީރާނާއި ސޮލީބީ ސަހުޔޫނީންނާ ދެމެދު އޮތް މަސްރަޙު ގޯސްވެ، ސަރަޙައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ދައުލަތުގެ މީޑިއާއިން ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ދުރަށް ފޮނުވަން ފަށައިފިއެވެ. މިއީ މުޅި ޤައުމު ހަނގުރާމައަކަށް ތައްޔާރުކުރުމަށް އެ ޤައުމުން ފަށާފައިވާ “މޮބިލައިޒޭޝަން ކެމްޕޭން” ގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ދައުލަތުގެ ޓީވީން ދައްކާ މި ސެގްމެންޓްތަކުގައި ޓީވީ ޕްރެޒެންޓަރުންނާއި އަސްކަރީ ތަމްރީނުދޭ މީހުން ބައިވެރިވެ، އޭކޭ-47 ގެ ބަޑިތައް ރޫޅައި، އެ ބޭނުންކުރާނެ ގޮތް އަންނަނީ ޢާންމުންނަށް ދަސްކޮށްދެމުންނެވެ. ޚާއްޞަކޮށް، އިރުމަތީ ޖަރުމަނުގައި އުފައްދާފައިވާ އެމްޕީއައި ކޭއެސް މަރުކާގެ ބަޑި ގެންގުޅޭ މަންޒަރުތައް ސްޓޫޑިއޯތަކުގައި ވަނީ ދައްކާފައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުތަކަކީ ސޮލީބީ އެމެރިކާއާއި ޖެނޮސައިޑް ޔަހޫދީ އިސްރާއީލުގެ އުދުވާނުތަކާ ދެކޮޅަށް ޤައުމުގެ ރައްޔިތުން ތައްޔާރުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކެކެވެ. ޓީވީ ޕްރޮގްރާމްތަކުގެ އިތުރުން، އީރާނުގެ އެކި ސިޓީތަކުގައި އާންމުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ޢަމަލީ ގޮތުން ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ވެސް ދަނީ ބާއްވަމުންނެވެ.

މި ޕްރޮގްރާމްތައް ދައްކަން ފެށުމާއެކު، އީރާންގެ ރައްޔިތުންގެ މެދުގައި މިކަމަށް މަގްބޫލުކަން އިތުރު ވެފައި ވެއެވެ. އަދި އީރާނުގައި ރައްޔިތުންގެ ރޫހަކީ ބޭރުން އަރާ ބާރަކަށް އީރާނު މީހުންގެ އަޒުމު ބަލުކޮށް ނުލެވޭނެކަން ދެއްކުމެވެ.

މެދުއިރުމަތީގައި ޚާއްސަ ފާރިސީ ކަނޑު އޮޅީގައި ތިބޭ އަރަބި ގައުމުތަކުން އިސްރާއީލާއާއި އެމެރިކާއާ ބައިަތު ހިފައި އީރާނަށް އައު ބުރަކަށް ހަމަލަ ދިނުމަށް ވިސްނަމުން ދިއުމުން އީރާނުން މިފަދަ ތަމްރީނުތަކެއް ފެށުމަކީ ސަރަޙައްދީ ހަނގުރާމައަކަށް އެ ޤައުމުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަމުގެ ނިޝާނެއް ކލަން އަރަބިންނާއި ޔަހޫދީންނާއި އެމރިކާއަށް ހާމަކޮށް ދެއވެ.

ހިރިމަރަދޫ ރައްޔިތުންނަށް ހިދުމަތްތައް ދޭނީ ހަނިމާދޫ ކައުންސިލުން: އެލްޖީއޭ

ކައުންސިލެއް ނެތް ހދ. ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ދެން ފޯރުކޮށްދޭނީ އެ އަތޮޅު ހަނިމާދޫ ކައުންސިލުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފިއެވެ. އާބާދީ ކުޑަވުމުގެ ސަބަބުން ސަރުކާރުން ވަނީ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައެވެ.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ހިރިމަރަދޫ ކައުންސިލްގައި މިވަގުތު ތިބޭނީ ހަމައެކަނި އިދާރީ މުވައްޒަފުން ކަމަށާއި، ނަމަވެސް އެ މުވައްޒަފުންނާއި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ހަނިމާދޫ ކައުންސިލުން ލިބޭނެ ކަމަށެވެ. “ދަތި ކަމެއް ނެތި، ކުރިން ވެސް ލިބުނު ގޮތަށް ހުރިހާ ހިދުމަތެއް ލިބޭނެ،” އޮފިޝަލް ވިދާޅުވިއެވެ.

ހިރިމަރަދޫ މީހުންނަށް ބޭނުންވާ ހައުސިން ޔުނިޓްތަކާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރުމަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. މި ބަދަލާ ގުޅިގެން މިފަހަރުގެ ކައުންސިލް އިންތިހާބުގައި ހިރިމަރަދުއަށް ކައުންސިލަރުން އިންތިހާބުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ރަށު މީހުން ވޯޓުލާފައިވަނީ ހަނިމާދޫ ކައުންސިލަރުން ހޮވުމަށެވެ.

ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒަކަށް ޔަހޫދީން ޙަމަލާދީ ތިން މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ދީރުލް ބަލާޙުގައި ހުންނަ އަލް އަޤްޞާ މާޓިޔާސް ހޮސްޕިޓަލް ކައިރީގައި ހުރި ކާބޯތަކެތި ބަހާ މަރުކަޒަކަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ދިން ޑްރޯން ޙަމަލާއެއްގައި ތިން މީހުން ޝަހީދުވެއްޖެއެވެ. މީގެ އިތުރުން ޚާން ޔޫނިސްގައި އާންމުން އެއްވެ އުޅުނު ސަރަޙައްދަކަށް ދިން ޙަމަލާއެއްގައި އެކަކު ޝަހީދުވެ ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.

ޔަހޫދީ އަސްކަރިއްޔާގެ ޓޭންކުތަކާއި އުޅަނދުތައް ވަނީ ޚާން ޔޫނިސްގެ އިރުމަތީގައިވާ ބަނީ ސުހައިލާ އަވަށަށް ވަދެގަނެ، ބަޑިންނާއި ޓޭންކަރުން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ޙަރަކާތުގެ ތެރެއިން ޔަހޫދީން ވަނީ އެމީހުންގެ ބާރުގެ ދަށުގައިވާ ސަރަޙައްދު ވަކިކުރާ ރީނދޫ ރޮނގު ހުޅަނގަށް ޖައްސައި، ވެރިވެގަނެފައިވާ ސަރަޙައްދު އިތުރަށް ފުޅާކޮށްފައެވެ.

ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް 870 މީހުން ޝަހީދުކޮށްލާފައިވާއިރު، 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޖުމްލަ 72,600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އެޗްޑީސީގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުގެ މަގާމުން ޔޫސުފް ވަހީދު ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ ސެޕްޓެމްބަރު 2024 ގައެވެ.

އޭނާ މިވަގުތު ހުންނެވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގައެވެ.

އޭނާ ވަނީ މީގެ ކުރިން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.

އޭނާއަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލް ކުރައްވާފައިވާ އަދި ފައިނޭންސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ވެސް ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސްގައި ޢަބްދުﷲ ޝާހިދު ތަޤުރީރު ކުރައްވައިފި

މިހާރު ކުރިއަށްދާ އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އޭ.ޑަބްލިޔު.އެމް.ޔޫ.އެން) ގެ 14 ވަނަ ބައްދަލުވުމުގައި، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަލްފާޟިލް ޢަބްދުﷲ ޝާހިދު ޚާއްޞަ ތަޤުރީރެއް ކުރައްވައިފިއެވެ. ވީޑިއޯ މެސެޖެއްގެ ޒަރީޢާއިން ދެއްވި މި ތަޤުރީރުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި މިހާރު ހުރި ބޮޑެތި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދުނިޔޭގެ މަސްރަޙު އޮތް ނުރައްކާތެރި ޙާލަތާ ގުޅޭގޮތުން މުހިންމު ނުކުތާތަކެއް ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރު ދުނިޔެ ތަޙައްމަލުކުރި ދަތި އުނދަގޫ މަރުޙަލާތަކާއި، އެއަށްފަހު ކުރިމަތިވި ސިޔާސީ އަދި އިޤްތިޞާދީ ލޮޅުންތަކުގެ ތަފްޞީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

ދުނިޔޭގެ މަސްރަޙަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި “އުންމީދުގެ ރިޔާސަތު”

ޢަބްދުﷲ ޝާހިދުގެ ތަޤުރީރުގައި އެންމެ ފުރަތަމަ އަލިއަޅުއްވާލެއްވީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ދުވަސްވަރުގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ދައުރަކީ މުޅި އިންސާނިއްޔަތަށްވެސް ކުރިމަތިވި އެންމެ ދަތި އެއް ދުވަސްވަރެވެ. އެގޮތުން އެމަނިކުފާނުގެ “އުންމީދުގެ ރިޔާސަތު” ނުވަތަ “ޕްރެޒިޑެންސީ އޮފް ހޯޕް” އިއްތިފާގުވީ މުޅި ދުނިޔެ ކޮވިޑް-19 ގެ ނާމާން ވަބާގައި އޮތް ވަގުތަކާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސް، ޞިއްޙީ ނިޒާމުތައް ފުނޑުފުނޑުވެގެން ދިޔަ ދަނޑިވަޅެއްގައި، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް އެމަނިކުފާނު ހަނދާން އާކުރެއްވިއެވެ. ކޮވިޑްގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ ހިންގި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ސަލާމަތީ ނިޒާމަށް އައި ލޮޅުންތަކަކީވެސް އެމަނިކުފާނުގެ ރިޔާސަތުގައި ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެއްވިއެވެ.

މިހާރުގެ ޙާލަތަށް ބައްލަވާލައްވަމުން ޝާހިދު ވިދާޅުވީ، ދުނިޔެ މިއަދު އޮތީ ނުރައްކާތެރި “ހަތަރުއަނގޮޅިއެއްގެ” މަތީގައި ކަމަށެވެ. އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ކަނޑަނޭޅި އޮހެމުންދާ ލޭއޮހޮރުވުންތަކުގެ ސަބަބުން އިންސާނީ ޙައްޤުތައް ގެއްލި، މިލިއަނުން މީހުން ޙާލުގައި ޖެހެމުންދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، އިޤްތިޞާދީ ގޮތުން ކުރިމަތިވަމުންދާ ތަދުމަޑުކަމާއި، މުދަލާއި ޚިދުމަތުގެ އަގު އުފުލުމުގެ ސަބަބުން ނިކަމެތި ޤައުމުތަކަށް ކުރިމަތިވެފައިވާ ބުރަ ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް، އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު ބިރަކީ މޫސުމީ ބަދަލުތައް ކަމަށާއި، މިއީ އެއްވެސް ޤައުމަކަށް އެކަނި ޙައްލުކުރެވޭނެ މައްސަލައެއް ނޫންކަން ޝާހިދު ވިދާޅުވިއެވެ. ދުނިޔޭގެ ލީޑަރުން ގުޅިގެން، ހިތްވަރާއެކު މަސައްކަތް ނުކޮށްފިނަމަ، އަންނަން އޮތް ޖީލުތަކަށް އޮތީ ބިރުވެރި މުސްތަޤުބަލެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ސިޔާސީ މަސްރަޙު ބައިބައިވެފައި އޮތް ނަމަވެސް، އުންމީދު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، މަޝްވަރާގެ އުޞޫލުން ކަންކަން ޙައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، ކުދި ޤައުމުތަކުގެ އަޑު ދުނިޔޭގެ މައިދާނުގައި އިއްވުމަކީ އެމަނިކުފާނު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެއް ކަމަށާއި، އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސް ފަދަ ޕްލެޓްފޯމްތަކަކީ އެ އަޑުތައް އުފުލުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ. މިފަދަ ބައްދަލުވުންތަކުން ދުނިޔޭގެ މައްސަލަތަކަށް އައު ވިސްނުންތަކާއި އީޖާދީ ޙައްލުތައް ހޯދުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި، އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑަށް ބަޔާންކޮށްދެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކުގެ އިސްތިޤުލާލަށް އިޙްތިރާމްކޮށް، ހަމަހަމަކަމާއެކު މުޢާމަލާތް ކުރުމަކީ ދުނިޔޭގައި ސުލްޙަ ގާއިމުކުރުމުގެ ބިންގާ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ ބައިވެރިންނަކީ މުސްތަޤުބަލުގައި މި އުޞޫލުތައް ނަގަހައްޓާނެ ލީޑަރުން ކަމަށްވާތީ، މިހާރުން ފެށިގެން މި ދާއިރާއިން މަޢުލޫމާތާއި ތަޖުރިބާ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ތަޤުރީރުގެ މި ބައިގައި ބޮޑަށް އަލިއަޅުއްވާލެއްވީ ދުނިޔޭގެ ސިޔާސީ އޮއިވަރު ހުރިގޮތާއި، އެކަމުގެ ސަބަބުން އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައްޗަށެވެ.

މޫސުމީ ބަދަލުތަކާއި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ނަމޫނާ

ތަޤުރީރުގެ ދެވަނަ ބައިގައި ޢަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ބިނާކުރެއްވީ މޫސުމީ ބަދަލުތަކާއި، އެކަމުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ގޮންޖެހުންތަކަކީ ދިވެހިރާއްޖެއަށް ދުރުގައި އޮތް ޚިޔާލީ ވާހަކައެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ތަޙައްމަލުކުރަމުންދާ ހިތްދަތި ޙަޤީޤަތެއް ކަމަށެވެ. ރާއްޖޭގެ ރަށްތަކަށް އުދައެރުމާއި، ގިރުމާއި، އަދި މޫސުން ބަދަލުވުމުގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ސީރިއަސްކޮށް ވިސްނަންޖެހޭ ކަންކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ޤައުމެއްގެ ދިރިހުރުމާއި، ސަގާފަތާއި، ތާރީޚު ދެމެހެއްޓުމާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ބޮޑު މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޝާހިދު ވިދާޅުވީ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ “ޝިކާރައަކަށް” ވެގެން، އެހީއަށް އެދި އަތްދިއްކޮށްގެން ހަމައެކަނި ތިބޭނެ ޤައުމެއް ނޫން ކަމަށެވެ. ރާއްޖެއަކީ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި، ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާ ދުނިޔެއަށް ދައްކަމުންދާ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކުދިކުދި ޖަޒީރާތަކުން ދުނިޔެއަށް ދައްކައިދެނީ، ވަސީލަތްތައް މަދު ނަމަވެސް، ހަރުދަނާ ސިޔާސަތުތަކާއި ބައިނަލްއަޤުވާމީ ވަކާލާތުގެ ސަބަބުން ބޮޑެތި ބަދަލުތައް ގެނެވިދާނެކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި އިޤްތިޞާދީ ތަނބެއް ނޫން ކަމަށާއި، އެއީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ދުނިޔެއަށް ހަނދާންކޮށްދޭ “ލިވިންގ އެގްޒިބިޝަނެއް” ނުވަތަ ދިរިހުރި މިސާލެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ފަތުރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ސަފީރެއް ކަމަށެވެ. އެމީހުން އެނބުރި ޤައުމަށް ގޮސް، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ވާހަކަ ދުނިޔެއަށް ކިޔައިދޭ ކަމަށާއި، މިއީ ބައިނަލްއަޤުވާމީ މުޖުތަމަޢާ ރާއްޖެ ގުޅުވައިދޭ މުހިންމު ފާލަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެއިން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ހިފާފައިވާ އަމާޒުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ނަމޫނާއަކަށް ބެލިދާނެ ކަންކަން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކުގެ ދާއިރާއިން ރާއްޖެއިން ކުރާ ވަކާލާތަކީ މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މަސައްކަތެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ޝާހިދުގެ ތަޤުރީރުގައި އިތުރަށް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިއަދުގެ ޒުވާނުންނަކީ ތިމާވެށީގެ މައްސަލަތަކަށް ވަރަށް ބޮޑަށް ހޭލުންތެރި، އަދި އެކަމަށް ޢަމަލީ ޙައްލުތައް ހޯދުމަށް ޝައުޤުވެރިވާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސް ފަދަ ބައްދަލުވުންތަކުގައި، ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭގޮތުން ބަހުސްކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު ވިސްނުން ބަދަލުކުރުމަކީ މުސްތަޤުބަލަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖެއިން ދައްކައިދޭ ހިތްވަރާއި ސާބިތުކަމަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ޒުވާނަކަށްވެސް ލިބޭނެ ހިތްވަރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދު ގޮވާލެއްވީ، މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް “އިންސާފުވެރި” ނިންމުންތަކެއް ނިންމުމަށެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އެކަމުގައި އެންމެ ކުޑަ ދައުރެއް އަދާކުރާ ކުދި ޤައުމުތަކަށް ކަމަށްވާއިރު، ބޮޑެތި އިޤްތިޞާދުތަކުން އެމީހުންގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ތަޖުރިބާއާއި، ރާއްޖެއިން މިކަމުގައި ކުރާ ހިތްވަރުގަދަ މަސައްކަތްޕުޅުތަކަކީ މުޅި ދުނިޔެއަށްވެސް އުންމީދެއް ކަމަށާއި، މި މަސައްކަތުގައި ހުރިހާ އެންމެން އަތްގުޅާލުމަކީ މިއަދުގެ ބޭނުމެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުން ހާމަވެގެން ދިޔައީ، މޫސުމީ ބަދަލުތަކަކީ ހަމައެކަނި ރާއްޖޭގެ މައްސަލައެއް ނޫން ކަމާއި، އެއީ މުޅި ދުނިޔޭގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމެވެ.

ޒުވާނުންގެ ލީޑަރޝިޕާއި މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ މުހިންމުކަން

ތަޤުރީރުގެ ފަހު ބައިގައި ޢަބްދުﷲ ޝާހިދު އަލިއަޅުއްވާލެއްވީ ޒުވާނުންގެ ދައުރާއި، މޮޑެލް ޔުނައިޓެޑް ނޭޝަންސް (އެމް.ޔޫ.އެން) ފަދަ ޙަރަކާތްތަކުން ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާކުރުމަށް ކުރާ ފައިދާތަކުގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ ހަމައެކަނި ދަރިވަރުން އެއްވެލައި، ރަޙުމަތްތެރިކަން އުފައްދާލާ ބައްދަލުވުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މިއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އާ އީޖާދުތަކަށް މަގުފަހިކުރުމަށާއި، އަދި ޤައުމުތަކުގެ މެދުގައި އޮންނަ ސަގާފީ އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަން ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ދުނިޔޭގެ މައްސަލަތަކަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، ޑިޕްލޮމަސީ ނުވަތަ ޚާރިޖީ ގުޅުންތަކުގެ ބޭނުންތެރިކަން ދަސްވެގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޒުވާނުންނަކީ ހަމައެކަނި “މުސްތަޤުބަލުގެ ލީޑަރުން” ނޫން ކަމަށާއި، އެއީ “މިއަދުގެވެސް ބާރު” ކަމަށް ޝާހިދު ވިދާޅުވި ވާހަކަފުޅަކީ ވަރަށް ވަރުގަދަ މެސެޖެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން މިއަދު އިންތިހާއަށް ބޭނުންވެއެވެ. މިއަދުގެ ދުނިޔެއަށް ބޭނުންވަނީ އެކަކު އަނެކަކަށް އަޅާލާ، ޖަވާބުދާރީވާނެ، އަދި ގުޅިގެން މަސައްކަތްކުރާނެ އައު ލީޑަޝިޕެއް ކަމަށާއި، އެ ލީޑަޝިޕް ނެރެދޭނީ މިފަދަ ޕްލެޓްފޯމްތަކުން ތަމްރީނުވާ ޒުވާނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބައިބައިވުމާއި ހަމަނުޖެހުމުގެ ބަދަލުގައި، ޑިޕްލޮމަސީ އިޚްތިޔާރުކުރުމަކީ މިއަދުގެ ޒުވާނުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފަ ކަމަށް ޝާހިދު ނަޞޭޙަތްތެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި އިސްނަގައިގެން ބައިވެރިވި ހުރިހާ ޒުވާނުންނަށް މަރުޙަބާ ދަންނަވަމުން، ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް މިތަނުގައި ތިބި ޒުވާނުންނަކީ ސުލްޙައާއި އުންމީދުގެ މެސެންޖަރުން ކަމަށެވެ. އެމަނިކުފާނު ޒުވާނުންނަށް ހިތްވަރު ދެއްވީ، ދުނިޔޭގެ މައްސަލަތަކުގައި އަޑުއުފުލުމަށް ފަސްނުޖެހުމަށާއި، އިންސާފާއި ހަމަހަމަކަމަށްޓަކައި ވަކާލާތު ކުރުމުގައި ދެމިތިބުމަށެވެ. މުސްތަޤުބަލުގެ ރާޅުތައް ދުނިޔެއާ ބައްދަލުކުރަމުންދާއިރު، ދުނިޔެ ސުލްޙަވެރިކަމާއި އުންމީދުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ޒުވާނުންގެ ކިބައިގައި އޮތް ބާރާއި ޤާބިލުކަން އިޙްސާސްކޮށްދެއްވާފައެވެ.

ޖުމްލަގޮތެއްގައި، ޢަބްދުﷲ ޝާހިދުގެ ތަޤުރީރަކީ ދުނިޔޭގެ ޙާލަތުގެ މައްޗަށް ބިނާކޮށް ދެއްވި ވަރަށް ފުރިހަމަ އަދި މާނަވީ ތަޤުރީރެކެވެ. މޫސުމީ ބަދަލުތަކާއި، ބައިނަލްއަޤުވާމީ ސިޔާސީ ގޮންޖެހުންތަކާއި، ޒުވާނުންގެ ދައުރާ ގުޅޭގޮތުން އެމަނިކުފާނު ދެއްވި މެސެޖުތަކަކީ އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ ބައިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ޒުވާނުން ގުޅިގެން މަސައްކަތްކޮށްފިނަމަ، މިއަދު ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ، މާ އުންމީދީ މުސްތަޤުބަލެއް ބިނާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައެވެ. މި ތަޤުރީރަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ހޯއްދަވާފައިވާ ތަޖުރިބާގެ އަލީގައި، މުޅި ދުނިޔެއަށް ދެއްވި މުހިންމު އިރުޝާދެކެވެ.

ތިން ރައީސުންގެ އިއްތިހާދުގެ މަންދޫބުންގެ ފުރަތަމަ ބައްދަލުވުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފި

ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ މަސައްކަތްތައް ރޭވުމަށްޓަކައި، އެ ބޭފުޅުން ކަނޑައަޅުއްވާފައިވާ މަންދޫބުންގެ ފުރަތަމަ ރަސްމީ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ތިން ރައީސުން ގުޅިގެން ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން އަމަލުކުރާނެ ގޮތުގެ “މަގުޗާޓު” އެކުލަވާލުމެވެ. މިއީ މި ތިން ރައީސުންގެ މެދުގައި މަޝްވަރާކޮށް، އިސްތިރާޖީ ގޮތުން ހަރަކާތްތައް ރާވައި ހިންގުމަށް މިފަދަ ރަސްމީ ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

މި އިއްތިހާދުގައި ތިން ރައީސުން ތަމްސީލުކުރައްވާނެ މަންދޫބުން މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. އެ ބޭފުޅުންނަކީ:

  • ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން: އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން: ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި މުހައްމަދު ރަޝީދު ހުސައިން (ބިގޭ).
  • ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން: ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި އިސްމާއިލް ޒަރިޔަންދު.

މި ކޮމިޓީއަކީ ތިން ރައީސުން އެއްބަސްވެވަޑައިގެންފައިވާ ގޮތަށް، ގައުމީ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އުފެއްދި ކޮމިޓީއެކެވެ. ނަމަވެސް، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން އުފެއްދި ކޯލިޝަނެއް ނޫން ކަމަށް ތިން ރައީސުންވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މާދަމާ ބާއްވާ މި ބައްދަލުވުމާއެކު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސިޔާސީ މުހައްލިލުން ލަފާކުރެއެވެ.

ކައުންސިލްތަކަށް އަލަށް އިންތިޚާބުވި މެންބަރުން ހުވައިކުރައްވައިފި

ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލަރުންނާއި މޭޔަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުވި މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ބާއްވައިފިއެވެ.

މި ރަސްމިއްޔާތުތައް ގިނަ ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ.

އެލްޖީއޭއިން ބުނެފައިވާގޮތުން، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ސިޓީތަކާއި ރަށު ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ.

އޭގެ ތެރެއިން އިންތިޚާބުކޮށްފައިވަނީ، 677 ކައުންސިލަރުންނެވެ. އަދި މިއަދު ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 676 ކައުންސިލަރުންނެވެ. މިއަދު ހުވާނުކުރާ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖެހިގެންދާނެ ކަމަށްވެސް، އެލްޖީއޭއިން ބުނެއެވެ.

މީގެ އިތުރުން، މިފަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އޭގެ ތެރެއިން 673 ޑަބްލިއުޑީސީ މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް، މިއަދު އިގްރާރުގައި ސޮއި ކުރާނީ 662 މެންބަރުންނެވެ.

އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވައި ޑެޕިއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ.

އެޕްރީލް 4 ގައި ބޭއްވި ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފަސް ސިޓީގެ މެއަރުކަން ވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.