Advertisement

މީކާއިލް ހޮވަންޖެހެނީ ޕާޓީގެ މުސްތަގުބަލަށް، މިއީ ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން: ސޯލިހް

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހޮވަންޖެހެނީ ޕާޓީގެ މުސްތަގުބަލަށްޓަކައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

Advertisement

އެ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ، ސިޔާސީ ހަޔާތުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި އެމްޑީޕީގައި ހޭދަކުރެއްވި 21 އަހަރުގެ އަލީގައި، ޕާޓީގެ މުސްތަގުބަލު އާ ޖީލަކާ ހަވާލުކުރުމަކީ މިވަގުތު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއަށް ކޮށްދެއްވި ބުރަ މަސައްކަތްތައް ބަލައިގަންނަ ކަން ފާހަގަކުރައްވަމުން، ސޯލިހް ވިދާޅުވީ މިއީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން ކަމަށެވެ.

ރައީސް ނަޝީދާއި މީކާއިލްގެ މެދުގައި އޮތް ވާދަވެރިކަމާ ގުޅޭގޮތުން ސޯލިހް ވިދާޅުވީ، އެއީ ޕާޓީގެ ދިރުން ހުރިކަމުގެ ހެއްކެއް ކަމަށެވެ.

“އެމްޑީޕީ 21 އަހަރަށް ދެމިގެންދިޔަ އެއް ސަބަބަކީ ކިތަންމެ ސީނިއާ ބޭފުޅަކު ވާދަކުރެއްވި ނަމަވެސް އެ ބޭފުޅަކާ ވާދަކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އޮތީމާ. މިއީ މި ޕާޓީއާ ދޭތެރޭގައި އަޅުގަނޑު ފަހުރުވެރިވާ އަނެއް ކަމަކީ،” ސޯލިހް ވިދާޅުވިއެވެ.

ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އެމްޑީޕީން ގައުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާކަން ފާހަގަކުރައްވަމުން، ފެހި ގާނޫނުއަސާސީ ވުޖޫދުކުރުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އާސަންދަ އަދި ހިލޭ ޑިގްރީ ފަދަ މުހިންމު ސިޔާސަތުތައް ތައާރަފްކުރުމުގައި އެމްޑީޕީން އަދާކުރި ދައުރަށް ސޯލިހް އަލިއަޅުއްވާލެއްވިއެވެ. އަދި މިހާތަނަށް ޕާޓީން ދެ ރައީސުންނާއި މަޖިލީހުގެ ތިން ރައީސުން އުފައްދާފައިވާކަން ވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރައީސް ސޯލިހް ހާމަކުރެއްވި ގޮތުގައި، އެމަނިކުފާނާއި ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގެން މިދިޔަ ހުކުރު ދުވަހު ވަނީ “ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް” ގެ ނަމުގައި އާ އިއްތިހާދެއް އުފައްދަވާފައެވެ. އެހެންކަމުން ސީނިއާ ލީޑަރުންގެ މިހާރުގެ އަމާޒަކަށް ވާންވީ ޕާޓީގެ އެތެރޭގެ މަގާމުތަކަށް ވާދަކުރުމުގެ ބަދަލުގައި، ގައުމީ ބޮޑެތި މައްސަލަތައް ހައްލުކޮށް ސަރުކާރު ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ކުރަންވީ ކަމަކީ މި ސަރުކާރު ބަދަލުކުރުމަށް މިހާރުން މިހާރަށް ކުރަންވީ ކަންތައް ކުރުން. ޕާޓީގެ ލީޑަޝިޕަށް އާ ބަޔަކު ގެނެސް އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާ އާއި އިހްސާސްތަކާއި ކުރެވުނު ދަތިތަކާއެކުގައި ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެކުގައި ކަންތައްތައް ކުރަންވީ،” ސޯލިހް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އެއްވެސް ބަދުބަހެއް ވިދާޅުވާން ބޭނުންފުޅުނުވާކަން ތަކުރާރުކުރައްވަމުން ސޯލިހް ވިދާޅުވީ، މިއީ އާ ފްރަންޓާ ގުޅިވަޑައިގެން ގައުމު އިސްލާހުކުރުމުގެ މަސައްކަތުގައި ނަޝީދު އުޅުއްވަންވީ ވަގުތު ކަމަށެވެ. އަދި މިއަދު މީކާއިލްއަށް ތާއީދުކޮށް ކެމްޕެއިނަށް ނުކުމެ ހުރި ނަމަވެސް، މާދަމާ ރައީސް ނަޝީދާ އެކު ގައުމީ މަސައްކަތުގައި އިށީންނަވާނެ ކަމުގެ ޔަގީންކަން ސޯލިހް ދެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް