ރާއްޖޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ރިޔާޝް އާއި އޭނާގެ އަންހެނުން، މަޝްހޫރު އިންފްލުއެންސަރ ސަހާގެ ހަޔާތަކީ ގިނަ ބަޔެއްގެ ލޯތައް އެދިމާލަކަށް ހުއްޓިފައިވާ ހަޔާތެކެވެ. ސަހާ އަކީ އާދައިގެ އާއިލާއަކުން އައިސްފައިވާ ކުއްޖެއް ނަމަވެސް އޭނާގެ ރީތި ސޫރައިގެ ސަބަބުން އޭނާގެ ފަހަތުން އެތައް ބައިވަރު މުއްސަނދިންނެއް މުގޯލި އެޅިއެވެ. އެންމެ ފަހުން ރިޔާޝްއަށް އޭނާ ކާމިޔާބުވުމުން އެކަން ދުރާއިގާތުން ބެލި އެންމެން އެއީ ސިންޑްރެއްލާ ސްޓޯރީއެކޭ ކިޔައިގެން ވާހަކަ ދެއްކިއެވެ.
އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ތާއަބަދު ޕޯސްޓުކުރަމުން ގެންދިޔައީ އެމީހުންގެ މުއްސަނދި ހަޔާތެވެ. ފައިސާއިން ކުރެވެންޏާ ކުރެވޭ ކޮންމެ ކަމެއް އެމީހުން ކުރެއެވެ. އެކަމުގެ އެންމެ އިސް ރޯލެއް ކުޅެނީ ސަހާއެވެ.
ކޮންމެ ހަފުތާއަކު އެއް ދުވަހު ރިސޯޓަކަށް އަގުބޮޑު ކެޔުމެއް ކައިލަން ނުގޮސްފިނަމަ އެއީ މުޖުތަމައުގައި އެމީހުންގެ ދަރަޖަ ވެއްޓޭނޭ ކަމެއް ކަމުގައި ސަހާ ދުއްޓެވެ. އެކަހަލަ ކޮންމެ ދަތުރެއްގައި ސަހާ ދުނިޔޭގެ އެންމެ އަގުބޮޑު ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުމެއް ނުލައިފިއްޔާ އޭނާ ނިކަމެތިވީއެވެ. ސަހާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފިރިމީހާގެ މުއްސަނދި ކަމާއި ހައިބަތު ދުނިޔޭގެ ކުރިމަތީގައި ދެއްކުމަކީ އޭނާގެ ޒިންމާއެކެވެ. އެހެން ކަމުން އޭނާގެ ހަންގަނޑުގައި ޖެހޭ އެއްވެސް އެއްޗަކީ އާދައިގެ ބްރޭންޑަކުން އައިސްފި އެއްޗަކަށް ވެއްޖެނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ.
ރިޔާޝް މުއްސަނދިކަމުން ލާބަ ލިބެނީ ހަމަ އެކަނި ސަހާއަށާއި އޭނާގެ އާއިލާ މީހުންނަކަށް ނޫނެވެ. އެމީހުންގެ އަގުބޮޑު ޕެންޓްހައުސް އެޕާޓްމަންޓުގައި ކޮންމެ ހަފްތާއަކު އެމީހުންގެ އެންމެ ގާތް މީހުންނަށް ޕާޓީއެއް ބާއްވައެވެ. މި ޕާޓީއަށް ދައުވަތު ލިބޭ މީހުންނަކީ ނަސީބުވެރިންނެވެ. ރިޔާޝްމެން އެހެން އުޅެލައިފައި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި އެ ދެމެފިރިންގެ ހަރަދުގައި ދުނިޔެ ބަލައިލަން ގެންދާ މީހުން ހޮވައިލަނީ މި މީހުންގެ ތެރެއިންނެވެ. އެމީހުންގެ ގާތް ރަހުމަތްތެރިންގެ އުފަންދުވަހުގެ މުނާސަބަތުގައި ބޮޑު ހަރަދު ކޮށްފައި ފަސް މިނެޓަށް ހަވާ އަރުވައިލުމަކީ އެހައި ބޮޑުކަމަކަށް ނުވެއެވެ.
އިއްޔެ ސިންގަޕޫރުން، މިއަދު ބޭންކޮކުން އޭގެ އަނެއް ދުވަހު ދުބާއީއަށް ދަތުރުކުރަމުން ދިޔަ މި ދެމަފިރިންގެ ދިރިއުޅުން ހުއްޓުމަކަށް އައީ މެޑިކަލް ޗެކަޕެއްގެ ނަތީޖާއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ އާދަޔާހިލާފު ދިރިއުޅުން އެ ފުށްމިފުށަށް ޖެހުނެވެ.
އެ އަހަރު ފެށުނު ފަހުން ސަހާއަށް އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސްވާން ފެށިއެވެ. އޭނާއަށް ވިސްނުނީ، އެއީ މާލޭގެ މާހައުލު ދޫކޮށް އިންޑޮނޭޝިއާގެ ބާލީގައި އެމީހުން ކުއްޔަށް ނަގައިފައި ހުންނަ ގޭގައި ވަގުތު ހޭދަ ކޮށްލަން ޖެހޭކަމުގެ ނިޝާނެއް ކަމުގައެވެ. ނަމަވެސް އެތާނގައި އެތައް ދުވަހެއް ހޭދަ ކުރުމުންވެސް އޭނާގެ ވަރުބަލިކަމަށް އެއްވެސް ބަދަލެއް ނައެވެ. އޭނާގެ މަންމަ ކައިރީގައި އެ ވާހަކަ ބުނުމުން އެކަމާ އެހާ ބޮޑަށް ކަންބޮޑު ނުވުމަށާއި ބާލީގެ ސްޕާތަކަށް ގޮސްގެން ޓްރީޓްމަންޓު ނަގަން ނަސޭހަތް ދިނެވެ.
ނަމަވެސް ރިޔާޝްއަށް އޭނާގެ ރީތި އަނބިމީހާގެ މޫނުމައްޗަށް އަންނަ ބަދަލު ފެނިފައި ކަންބޮޑުވާން ފެށިއެވެ. ބަލަބަލައި ހުއްޓައި ސަހާގެ މޫނުމަތީގެ ތަންތަންގަނޑު އަނދިރިވާން ފެށިއެވެ. މާލެ އައިސް ފަލާހު ކިޔައިގަނެގެން ހޮސްޕިޓަލަށް ގޮސް ޗެކްކުރިއިރުގައި ކަންތައް ވަރަށް ގޯހެވެ. ސަހާގެ ދެ ކިޑްނީ ވަނީ މަސައްކަތް ކުރުން ހުއްޓި ފެއިލް ވާން ކައިރިވެފައެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެން އޮތީ ކިޑްނީ ޓްރާންސްޕްލާންޓަކަށް ގޮސްގެން ނޫނީ ދާއިމަށް ޑައިލައިސިސް ހަދައިގެންނެވެ.
އެ ދުވަހުން ދުވަހަށް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އެމީހުންގެ މުއްސަނދިކަން ދުނިޔެއަށް ސާބިތުކޮށްދޭން ބޭނުންކުރި ސޯޝަލް މީޑިއާ އެކައުންޓުތައް ބަދަލުވީ ކިޑްނީއެއް ހޯދުމަށް ސަލާން ޖަހާ ޕްލެޓްފޯމުތަކަކަށެވެ. ކިޑްނީއެއް ހޯދުމަށް އާދޭސްކޮށް ޕޯސްޓުތައް ކުރަން ފެށި ހިސާބުން އެމީހުންގެ ޕޭޖަށް ވަންނަ މީހުން މަދުވެ ސުމަކަށް ވެއްޓުނެވެ. ބަލަބަލައި ހުއްޓާ އެމީހުންގެ “ގްލެމަރަސް” ދިރިއުޅުން ހުއްޓުމަކަށް އައެވެ.
ކުޅަނދުރު ހަތައެއްގެ ވަށައިގެން ކުޅަނދުރު އެނބުރޭގޮތަށް، އެމީހުންގެ ވަށައިގެން އެނބުރެމުން ދިޔަ ރަހުމަތްތެރިންގެ މަދުވަމުން ގޮސް އެންމެ ދެތިން މީހުންނަށް ވިއެވެ. ސަހާގެ ލޭގެ ޓައިޕް އަކީ އާންމުންގެ ތެރޭގައި މަދު ޓައިޕަކަށް ވުމުން ކިރިޔާވެސް ދިމާވާ ކިޑްނީއެއް ލިބޭނޭ ކަމުގެ އުންމީދު އޮތީ އާއިލާގެ ތެރެއިންނެވެ.
ނަމަވެސް ރިޔާޝްގެ ހަރަދުގައި އާއިލާއަށް ކޮށްދީފައިވާ ބޮޑެތި ކަންތައްތަކުގެ ބަދަލުގައި އާއިލާ މީހުންގެ ތެރެއިން ސަހާއަށް ކިޑްނީއެއް ހަދިޔާ ކުރާނޭ މީހެއް އަދި ވިއްކާނޭ މީހެއްވެސް ނުވިއެވެ. ގާތް ރަހުމަތްތެރިންގެ ތެރެއިން އެ ވައްތަރުގެ ލޭ ހުންނަކަން އެނގޭ މީހުން ރިޔާޝްމެން ފެނުމުން ލޮލާއިލޯ ހަމަކުރަން ނުކެރިގެން އުޅޭތަން ފެނިގެން ދިޔައެވެ.
ދިރިއުޅުމުގައި ކުރިމަތިވި ބަދުނަސީބުގެ ސަބަބުން ރިޔާޝް ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. ކިތަންމެ މުއްސަނދި ނަމަވެސް އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ ބާރެއް އޭނާގެ ކިބައިގައި ނުވާކަން އެނގުމުން އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ ދެކޭ ގޮތް ގޯސްވެ، ނާކާމިޔާބީގެ ސިއްކަ ނަފުސުގައި ޖަހައިގެން ދިރިއުޅެން އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.
އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ރިޔާޝް އޮފީހުގައި އިންދާ ކުއްލިއަކަށް އައީ ފޯނުކޯލެކެވެ. ނުދަންނަ ނަމްބަރެއް ވީމައި އެ ކޯލު ނަގާކަށް ނުހަދައެވެ. ދެ ފަހަރު އެ ކޯލް އައުމަށް ފަހު ދެން އައީ މެސެޖެކެވެ.
“ތި ބޭނުންވެގެން އުޅޭ ވައްތަރުގެ ކިޑްނީއެއް ލިބިދާނެ ވިއްކާގޮތަށް،” މެސެޖުގައި ލިޔެފައި އޮތް އެތި ފެނުމުން ރިޔާޝް ވަގުތުން އެ ނަންބަރަށް ގުޅިއެވެ.
ފޯނު ނެގީ ފިރިހެނެކެވެ. އޭނާގެ އަޑުން ހީވީ ވަރަށް އަވަސް އަރުވައިލައިފައި ހުރި މީހެއް ހެނެވެ.
“ތީ ކޮން ބޭފުޅެއްތޯ؟” ރިޔާޝްއަށް އެއީ ކާކުކަން އެނގެން ބޭނުންވިއެވެ.
“އަޅުގަނޑަށް ކިޔަނީ މަފާޒް،” އެކޮޅުން ޖަވާބު ދިނެވެ.
“ފުރަތަމަ ޖެހޭނީ ކިޑްނީ ގުޅޭތޯ ޓެސްޓެއް ހަދަން،” ރިޔާޝް ބުންޏެވެ.
“ތި ޓެސްޓުގެ ކަންތައް އަވަސް ކުރެވޭނޭ ގޮތެއް އެބައޮތްތޯ؟” އެކޮޅުން އެކަންތައް ކުރަން ވަރަށް އަވަހަށް ބޭނުންވެފައި ހުރިކަން އެނގުނެވެ.
“ހަމަ މިހާރުވެސް އެކަމާ އުޅެންވީ.”
“ކިޑްނީ ގުޅެންޏާ ވިއްކާނީ ފަސްލައްކަ ރުފިޔާއަށް އިނގޭތޯ،” މަފާޒް އޭނާ ބޭނުންވާވަރު ބުންޏެވެ. ރިޔާޝް އެ އަދަދަށް އެއްވެސް އިންކާރެއް ނެތި އެއްބަސްވިއެވެ.
އެ ދުވަހު ރިޔާޝް މަފާޒުއާއި ހޮސްޕިޓަލުން ދިމާވިއެވެ. މަފާޒް ފެންނަ ފެނުމަށް ހީވަނީ ވަރަށް ނިކަމެތި ހާލުގައި ހުރި މީހެއް ހެންނެވެ. ހިކި އަނަރޫފަވެފައެވެ. ލޯ ވަޅުވަދެފައެވެ. ބޯ ހޭވިފައެވެ. ހީވަނީ މަގުތައް މަތިން ފެންނަ މަސްތުވާ ތަކެތި ބޭނުން ކުރާ ޕާޓޭއެއް ހެންނެވެ.
ނަމަވެސް އޭނާ ރިޔާޝްއާ މުހާތަބުކުރީ ވަރަށް އިހުތިރާމާއެކުގައެވެ. މަފާޒްގެ ކިޑްނީ އަލީޝާއާ ގުޅޭތޯ ހަދަންޖެހޭ ޓެސްޓު ހެދުމުގެ ކަންތައް ނިންމުމަށް ފަހު، ރިޔާޝް އޭނާ ކައިރީގައި އިތުރު އެއްވެސް އެއްޗެއް ބޭނުންތޯ އެހުމުން، އެއްޗެއް ބޭނުމެއް ނޫނޭ ބުންޏެވެ. އޭނާއަށް ވާނުވާ އަންގައިލައްޗޭ ކިޔައިފައި އެތަނުން ނައްޓައިލީއެވެ.
ހަފްތާއެއްގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބުނެވެ. މަފާޒްގެ ކިޑްނީ ސަހާއާ ގުޅެއެވެ. ޓްރާންސްޕްލާންޓަކަށް ދެވިދާނެއެވެ. އެކަމުގެ އުފަލުގައި ރިޔާޝް ބޭނުންވީ ސަހާއާއި މަފާޒް އާ ބައްދަލުކުރުވާށެވެ. އެގެއަށް ކެޔުމަކަށް އަންނަން ދައުވަތު ދޭން މަފާޒުއަށް ގުޅިއެވެ.
“ސޮރީ. މިއުޅެނީ ވަރަށް ބިޒީކޮށް. ބައްދަލު ކުރާކަށް ވަގުތެއް ނެތް. ވީހާ ވެސް އަވަހަށް ދަތުރު ހަމަޖައްސަވާފައި އަޅުގަނޑަށް އަންގައިދެއްވާ،” މަފާޒް ބުންޏެވެ.
“ހާދަ ރޫޑޭ ދޯ؟” މަފާޒް ބުނި އެތި ސަހާ ކައިރީގައި ބުނުމުން އޭނާ ނުރުހިފައި ބުންޏެވެ. އޭރު ސަހާގެ މަންމަވެސް އެމީހުންގެ ކައިރީގައި އިނެވެ.
“އާނ. ހާދަ ގޮތެއް ނެތް މީހެކޭ ތީ. ހިލެޔެއް ނޫންދޯ އޭނާގެ އަތުން ކިޑްނީ މި ހޯދަނީ؟ އޭނާ ބުނި އަގެއް ދީފައެއް ނޫންތަ؟ އެންމެ ރަނގަޅުދޯ އެ ވަރުގެ އަދަދެއް ދޭ މީހާގެ އެދުމަށް އިޖާބަދޭން؟” ސަހާގެ މަންމަ އޭނާއާ އެއްބަސްވިއެވެ.
“އޭނާ ގައިގައި އެހެން އެއްވެސް ބައްޔެއް ހުރިތޯ ޓެސްޓުކުރިންދޯ؟” ސަހާ ރިޔާޒްއާ ދިމާލަށް އެނބުރިފައި ސުވާލުކުރިއެވެ.
“ހުރިހާ ޓެސްޓެއް ކުރިން. އޭނާގެ ސިއްހަތު ރަނގަޅު. އެއްވެސް ބައްޔެއް ނެތް،” ރިޔާޝްއަށް އެ ދެމައިންގެ ވާހަކަ ދާން ފެށިގޮތުން އިނީ ވަރަށް އުނދަގޫ ވެފައެވެ.
“ކީތްކުރާނީ! އެއީ އެމީހުންގެ ވައްތަރު. ޔަގީން މިހާރުވެސް އުޅޭނީ އެއް އައްޑާއިން އަނެއް އައްޑާއަށް ވަދެ އެ ބޯ އެއްޗެއް ބުއިމުގައި ކަން،” ސަހާގެ މަންމަ އެހެން ބުނެފައި ރިޔާޝްއާ ދިމާލަށް އެނބުރުނެވެ. “ކީއްވެގެންތަ ދަރިފުޅު އެ އަގަށް އެއްބަސްވީ؟ ޔަގީން އެ އަގު ލައްކައަކަށް ތިރިކުރެވުނީސްކަން. ޕާޓޭއެއްނު. ފަސްހާހަށް ވެސް ތި ކިޑްނީ ލިބުނީސް.”
އެމީހުންގެ އެ ވާހަކައިގައި ބައިވެރިނުވެ ރިޔާޝް މަޑުމަޑުން އެތަނުން ނިކުމެގެން ދިޔައެވެ. ސަހާމެން ވާހަކަ ދައްކަމުން ދިޔަގޮތުން އެއީ ކިހާ ދުވަހަކު މަޑުކޮށްގެން، ކިހާ އާދޭހެއް ކޮށްގެން ހޯދުނު ކިޑްނީއެއްކަން ހަނދާނުގައި ހުރިހެނެއް ހިޔެއްނުވެއެވެ. ހީވީ އެމީހުންގެ އަތުން ނުހައްގުގައި އެއްޗެއް ޖަހައިގަންނަން އުޅޭ މީހެއްގެ ވާހަކަ ދެއްކި ހެންނެވެ.
ދަތުރުގެ ކަންތައް ހަމަޖެއްސިއިރުވެސް އެމީހުންނާ އެކީގައި ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ގޮތަށް މަފާޒްގެ ޓިކެޓު ނެގީމައިވެސް ސަހާގެ މަންމަ ވަރަށް ނުރުހުން ފާޅުކުރިއެވެ.
“ދެން ވަރަށް ލަދުގަނޭ. ބަލައިބަލަ ލައިގެން އެހެރަ އެއްޗެއް. ތަންކޮޅެއް ދުރު ސީޓެއްގައި ބޭންދޭ ގޮތެއް ނުވާނެތަ؟” އެއާޕޯޓަށް މަފާޒް އައިސް ހުރި އިރުގައި އޭނާ ލައިގެން ހުރި އެއްޗިއްސަށް ފާޑުކިޔައިފައި ސަހާ ގާތުގައި އޭނާގެ މަންމަ ބުންޏެވެ. ސަހާ ވެސް މަފާޒުއަށް ބަލައިލައިފައި ނުފެންނަ ކަމަށް ހެދިއެވެ.
ރިޔާޝްއަށް މަފާޒް ހުރި ގޮތް ކަމުދިޔައެވެ. މަފާޒް ހުރީ ފެންވަރައިގެން އޭނާއަށް ވީވަރަކުން ރީތިވެގެންނެވެ. ބޯވެސް ފުނާއަޅައި ހަންމަތަކޮށްގެންނެވެ. އޭނާ ލައިގެން ހުރި ގޮޅި ޖެހި ގަމީސް އޭނާއަށް ތަންކޮޅެއް ބޮޑު ނަމަވެސް އޭތި ހުރީ ރީއްޗަށް އިސްތިރި ކޮށްފައިކަން އެނގެއެވެ. އޭނާ އާ ދިމާލަށް ސަހާގެ ދެމައިން ބަލާތަން ފެނުނީމައި އެމީހުންނާ ދިމާލަށް ހީލަން މަސައްކަތް ކުރިތަން ފެނުނެވެ. ނަމަވެސް އެމީހުން އޭނާ ނުފެންނަ ކަމަށް ހެދިތަން ފެނުމުން އޭނާ އެހެން ދިމާލަކަށް ބަލަން ފެށިއެވެ.
ލަންކާގައި ކިޑްނީ ނަގަން އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން މަފާޒް ރިޔާޝްއަށް ގޮވައިލިއެވެ.
“ރިޔާޝް. އަޅުގަނޑުގެ ބޭންކަށް މިހާރު ލާރި ޖަމާ ކޮށްދެއްވައިފިންތޯ؟” މަފާޒް އަހައިލިއެވެ.
“އާން. ޗެކް ކޮށްލަބަލަ ލިބިއްޖެތޯ،” މަފާޒް ފޯނުން އެކައުންޓު ޗެކު ކުރުމަށް ފަހު ފޯނު ބޭއްވިއެވެ.
“ޝުކުރިއްޔާ. ލާރި އޮތީ ޖަމާވެފައި. އަޅުގަނޑުގެ އެދުމަކީ މި ކިޑްނީގެ ސަބަބުން ރިޔާޝްގެ އަނބިކަނބަލުންނަށް ފާގަތި މުސްތަގުބަލެއް ލިބުން،” އެހެން ބުނުމަށް ފަހު މަފާޒް ތިޔާޝްއާ ސަލާން ކޮށްލިއެވެ.
ކިޑްނީ ޓްރާންސްޕްލާންޓުގެ ކަންތައް ދިޔައީ ކާމިޔާބުކޮށެވެ. އެތާނގައި ހޭދަކުރަން ޖެހުނު ދުވަހަށް ވުރެން އެންމެ ދުވަހެއްވެސް އިތުރަށް މަފާޒް މަޑެއް ނުކުރެއެވެ. އަދި އިތުރު އެއްވެސް އެއްޗަކަށް ރިޔާޝްގެ ކިބައިންނެއް ނޭދެއެވެ. ޑޮކްޓަރުން އޭނާ ދަތުރުކުރުމަށް އޯކޭ ދިނުމާ އެކުގައި އޭނާ ފުރައިގެން ދިޔައީއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އާ ކިޑްނީއެއް ލިބިގެން އަލުން ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމުގެ ފުރުސަތު ލިބުމާއެކު ސަހާގެ ސޯޝަލް މީޑިއާ ޕޯސްޓުތައް އަލުން ޗާލު ތަންތަނާއި، ކަންކަމުގެ ފޮޓޯލައިގެން ފުރައިލައިފިއެވެ. އެއީ އޭގެ ދުވަސްތަކެއް ކުރިން ދިރިއުޅުމުގެ އުންމީދު ކަނޑައިލަން ޖެހުނު މީހެއް ހެންނެއް ހިޔެއް ނުވެއެވެ. ސަހާގެ ދިރިއުޅުމާ ދުރަށްދިޔަ ރައްޓެހިންތައް އަނެއްކާވެސް އެ އެޕާޓްމަންޓު ފުރައިލަން ފަށައިފިއެވެ. ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމުގެ ނިޔަތުގައި ބޮޑެތި ރިސޯޓުތަކުގައި ހަފްލާތައް އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ބާއްވަން ފަށައިފިއެވެ.
އެ ދިރިއުޅުމަށް ރުޖޫއަވެވުނީ މަފާޒް ކިޔާ އާދައިގެ މީހެއްގެ ކިޑްނީއިން ކަން ހަނދާން ހުރީ ހަމައެކަނި ރިޔާޝްއެވެ. ލަންކާއިން އައި ފަހުން އެތައް ފަހަރަކު މަފާޒްގެ ނަންބަރަށް ގުޅަން ރިޔާޝް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ފޯނު އޮންނަނީ ނިއްވައިލައިފައެވެ. އެވާހަކަ ސަހާ ކައިރީގައި ރިޔާޝް ބުނުމުން އޭނާގެ މޫނުމަތި ބަނަވިއެވެ.
“އަޅެ ބޭބީ ކީއްކުރަންތަ މިހާރު އެމީހާ ތި ހޯދަނީ؟ ޔަގީން މާލެ އަރައިފަ ދެ ދުވަސްތެރޭ އެ ލާރި ބޮޔެ ހުސްކޮށްލީކަން،” ސަހާ ފޫހި ރާގަކަށް ބުންޏެވެ.
“އެއީ ސަހާއަށް ކިޑްނީ ދިން މީހާއެއްނު،” ރިޔާޝް ހަނދާން ކޮށްދިނެވެ.
“ދިނީކީއެއް ނޫންދޯ؟ ގަތީ! ބޮޑު އަގު ދީފައި ގަތީ! އެކަންތައް ބޭބީ އޮޅުވައިނުލައްޗޭ! އޭނާ އެ ބޯ އެއްޗެހި ބޮއެގެން ކިޑްނީ ހަލާކުވިޔަ ނުދޭން ކަންނޭނގެ އެއްނުން މަށަށް އެ ކިޑްނީ ލިބޭގޮތް އެވީ!” ސަހާގެ ރާގު ވަރަށް ހަރުކަށްޓެވެ. އިތުރަކަށް ރިޔާޝް އެވާހަކަ ދައްކައިކަށް ނަހަދައެވެ.
އޭގެ އެތަކެއް ދުވަސް ފަހެވެ. ރަހުމަތްތެރިންނަށްޓަކާ ރިސޯޓެއްގައި ބޭއްވި ބޮޑު ކެއުމެއް ނިންމައިލައިފައި ލޯންޗުގައި މާލޭ އައި ދަތުރުގައި ވަރަށް ޒަމާނަށް ފަހު ރިޔާޝް ފޭސްބުކަށް ވަދެލިއެވެ. އޭގައި ދަންނަ މީހުން ކަމަށް ފޭސްބުކްއިން ދައްކައި މީހުންގެ ތެރޭގައި މަފާޒްގެ ނަން ފެނުނެވެ. ޒަމާންތަކަކަށް ފަހު މަފާޒް ފެނުމުން ފަލާހު އުފަލުން އެ ޕްރޮފައިލްއަށް ފިއްތައިލިއެވެ.
މަފާޒްގެ ޕްރޮފައިލް ފޮޓޮއަކަށް ލައިފައި އޮތް ފޮޓޯގައި މަފާޒް ހުރި ގޮތާ ރިޔާޝް އާއި ދިމާވިއިރުގައި އޭނާ ހުރިގޮތާ ވަރަށް ތަފާތެވެ. އެ ފޮޓޯގައި މަފާޒްގެ ރޫފަ ހެޔޮވެފައި ރީއްޗެވެ. އޭނާ ހުރީ ކުޑަ ކުއްޖަކު އުރައިލައިގެންނެވެ. ކައިރީގައި ބުރުގާ އަޅައިގެން ހުރި އަންހެންކުއްޖެއް ވެސް ހުއްޓެވެ. ހީވާގޮތުން އެއީ މަފާޒްގެ އާއިލާއެވެ.
ފޭސްބުކުގައި މަފާޒް ލައިފައިވާ ފުރަތަމަ ޕޯސްޓު ފެނިފައި ފަލާހުގެ މެޔަށް ތަދުވިއެވެ. އެއީ މަފާޒްގެ ދަރިފުޅުގެ ކަށުނަމާދު ޕޯސްޓެވެ. އޭގައި ލިޔެފައި ވެއެވެ.
“އަޅުގަނޑުމެންގެ ދަރިފުޅު އައިން އިންޑިޔާއަށް ގެންގޮސްގެން ކުރި އޮޕަރޭޝަން ކާމިޔާބެއް ނުވި. ނަމަވެސް އޭނާއަށް ހެޔޮ ސިއްހަތަކަށް އެދި ދުއާ ކޮށްދެވި ހުރިހާ ފަރާތްތަކަށް ޝުކުރިއްޔާ. މައްޔިތާގެ ޢައިބުގައި ކުރެވޭ ކަށުނަމާދަށް ވަޑައިގެންނެވޭނޭ ހުރިހާ ބޭފުޅުން ވަޑައިގަތުން އެދެން.”
އޭގެ ތިރީގައި އޮތް ޕޯސްޓުގައި ލާރި ހަމަޖެހިގެން އިންޑިޔާއަށް ޓްރީޓްމަންޓްއަށް ފުރި ވާހަކައާއި ހެޔޮ ދުއާކޮށް ދިނުމަށް އެދިފައި ޕޯސްޓެއް ވެއެވެ. އޭގެ ތިރީގައި އޮތް ޕޯސްޓުތަކުގައި އެ ކުއްޖާގެ ގޮހޮރުގެ ކެންސަރެއް ހުރިކަން އެނގުނު ވާހަކައާއި، އޮޕަރޭޝަންއަށް ބޭނުންވާ ލާރި ހަމަނުވެގެން ޑޮކްޓަރުގެ ލިޔުންތަކާއި އޮޕަރޭޝަނަށް ލަފާކޮށް އަރާނޭ ވަރު ޖަހައިފައިވާ ލިޔުންތައް ޕޯސްޓުކޮށްފައިވެއެވެ. އެ ހުރިހާ ކަމަކަށް ލަފާކޮށްފައި އޭނާ ޖަހައިފައިވާ އަދަދަކީ ފަސްލައްކަ ރުފިޔާއެވެ. އެހީއަށް އެދިފައިވާ ޕޯސްޓުތައް ތަކުރާރުކޮށް ދޮޅު އަހަރު ވަންދެން ލައިފައި ހުއްޓެވެ. އެއިން އެއްވެސް ޕޯސްޓެއް ދެމީހަކު ފިޔަވައި ޝެއަރ ކޮށްފައެއް ނުވެއެވެ.
އެ ޕޯސްޓުތަކުގެ ފަހަތުގައި އެ ކުއްޖާއާ އެކުގައި އެމީހުން ކުޅެފައި ނަގައިފައިވާ ފޮޓޮއާއި، އެކުއްޖާ ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު ފޮޓޮއާއި އެ ކުއްޖާ ކުރަހާފައި ހުރި އެއްޗެހީގެ ފޮޓޯ ވެސް ލައިފައި ހުއްޓެވެ.
އޭއްޗެހި ފެނިފައި ރިޔާޝްގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާއާ ދިމާވި މީހާއަކީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި މަސައްކަތް ކުރި މީހެއް ކަމާއި އެމީހުން އެ ވިސްނި ގޮތަށް “ޕާޓޭ”އެއް ނޫންކަން އެނގުމުން ރިޔާޝްގެ ހިތުގައި ހަމްދަރުދީ އުފެދި ވޭންއެޅިއެވެ. އޭނާގެ ކައިރީގައި އިން ސަހާގެ ގައިގައި ކޮށްޓައިލައިފައި އެ ކަށުނަމާދު ޕޯސްޓު ދައްކައިލިއެވެ.
“މަފާޒްގެ ދަރިފުޅު. އޭނާ ކިޑްނީ ވިއްކައިލީ މި ކުއްޖާގެ އޮޕަރޭޝަން ކުރަން،” ރިޔާޝްގެ އަޑު ނުކުތީ އަޅައަޅައި ގަންނަމުންނެވެ.
“އޯ. ދެރަދޯ،” އެ ޕޯސްޓަށް ހިނދުކޮޅަކަށް ލޯ ހިންގައިލައިފައި ސަހާ އަނެއްކައިވެސް އޭނާގެ ފޯނުން އެރޭގެ ޕާޓީގެ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓުކުރަމުން ގެންދިޔައެވެ.
އޭގެ އަނެއް ދުވަހު ފަލާހު، އަލީޝާ ވަރިކުރަން އެދި ފޯމު ކޯޓަށް ލިޔެވެ.


ކިޔުންތެރިންގެ ހިޔާލު