Advertisement

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރި ހަރަދަށް، ދެ އަހަރުގެ ކުލި ކަނޑާލައިފި

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރި ހަރަދަށް، ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފްލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓުތަކުގެ ޖުމުލަ ކުލިން 220،000 ރުފިޔާ މައާފުކޮށްދިނުމަށް ނިންމާފައިވާކަން އެޗްޑީސީން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ.

Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި، މިމަހުގެ 26 ގައި ފުލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިމަހުގެ 23 ގެ ނިޔަލަށް ދެ ލައްކަ ރުފިޔާގެ ތެރެއިން ޑިސްކައުންޓުން ނުދެވިވާ އަދަދާއި ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

އެ ސިޓީގައި ވަނީ، ރައީސްގެ ވައުދުފުޅު އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި އަންނަ ބުދަ ދުވަހުން ފެށިގެން ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ދޭން ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުން މިހާތަނަށް ނުދެވިވާ ފުލެޓުގެ ކުލީގެ ގޮތުގައި (މެނޭޖްމަންޓު ފީ ނުހިމަނައި) ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރެވިގެންދާނެ ކަމަށް ސިޓީގައިވެއެވެ.

ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރުމަށްފަހު ބާކީވާ ނަމަ، ނުވަތަ ފްލެޓުގެ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްލާ ބައި (މަހަކު 5300 ރުފިޔާގެ ރޭޓުން) ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް އަންނަ ބުދަ ދުވަހުން ފެށިގެން މެނޭޖްމަންޓު ފީ ގަވާއިދުން ދައްކަން ޖެހޭނެ ކަމަށް ސިޓީގައިވެއެވެ.

ކުލި ދެއްކުން މެދުކަނޑާލެވޭ މުއްދަތު (ރެންޓް ފްރީ ޕީރިއަޑް) އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަންނަ މަހުގެ އެކެއްވާ ބުދަ ދުވަހުން ފެށިގެން 2028 ވަނަ އަަހަރުގެ މާޗް 1 ގެ ނިޔަލަށެވެ. އެއީ ދެ އަހަރުގެ މުއްދަތަކަށެވެ.

ސިޓީގައި ވަނީ، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުދީ ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކައި ހަލާސްކުރެވެންދެން، މެނޭޖްމަންޓު ފީ ނުހިމަނައި ފްލެޓުގެ މަހު ކުއްޔަކީ 5300 ރުފިޔާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ބަދަލާ ގުޅިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެންކަމުން މި މަސް ނިމުމުން، މި މަހުގެ ނިޔަވަލަށްވާ ބެލެންސް އަދަދަށް ބަލައި، އޭގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށް ވެސް ސިޓީގައިވެއެވެ.

އެ މުއްދަތަށްފަހު ވެސް ހިޔާ ފުލެޓުގެ ކުލި އިތުރަށް ބޮޑުނުވާނެ ގޮތަށް އެގްރިމަންޓުތައް ބަދަލުކޮށްދެއްވާނެ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 18 ގައި ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް