އީރާނުގެ ހަމަލާތައް އެމެރިކާއަށް ހުއްޓުވާކަށް ދެން ލާހިކެއްނޫން- އަޒީޒީ

އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުން ވަރުގަދަ އިންޒާރެއް މިއަދު ދީފިއެވެ.

އީރާންގެ ގާނޫނު ހަދާ މަޖިލިހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަންގެ ވެރިޔާ އިބްރާހިމް އަޒީޒީ ވިދާޅުވީ “އަހަރުމެން ތިޔަ މީހުންނަށް އިންޒާރު” ދީފައިވާނެ ކަމަށެވެ.

“އަހަރެމެން ތިޔަބައިމީހުންނަށް އިންޒާރު ދިނީމު!” އޭނާ “އެކްސް”ގައި ލިޔުއްވިއެވެ.

“މިހާރު ތިޔަބައިމީހުން ތިޔަ ހިނގައިގަތީ، އޭގެ ނިމުން ތިޔަބައިމީހުންގެ ބާރުގެ ދަށުގައި ދެން ނެތް މަގަކުންނެވެ،”

މި އިންޒާރަށް ފަހުގައި، އީރާންގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ އިރު، މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ރައްޔިތުންނަށް ހިތްވަރުދީ، އީރާންގައި އޮތް ވެރިކަން ނިމުމަކަށް ގެނައުމަށް ތެދުވުމަށް ގޮވާލައިފައެވެ.

ޓްރަމްޕް އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުން އަންނާތީއެވެ. މިއީ އެމެރިކާ އާއި އެހެނިހެން ގައުމުތަކަށް އޮތް ނުރައްކަލެއް ކަމަށް ޓްރަމްޕް ދަނީ ބުނަމުންނެވެ. ޓްރަމްޕް ބުނެފައިވަނީ އީރާންގެ ރައްޔިތުންނަށް އެހީވުމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ. އަދި ކުރިއަށް ހުރި ވަގުތުތަކުގައި އީރާންގެ އެކި ހިސާބުތަކަށް ބޮމުގެ ހަމަލާތައްދީ ތަންތަން ސުންނާފަތި ކުރަމުންދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުގައި، އީރާނަށް ހަމަލާ ދެނީ އެމެރިކާގެ ރައްޔިތުންގެ ހިމާޔަތުގައެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިރާނުން ވަރުގަދަ ހަމަލާތަކެއް

އިސްރާއީލުން އީރާނަށް ހަމަލާ ދެމުން އަންނައިރު, އީރާނުގެ އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފިއެވެ.

އީރާނުގެ ނޫހަކުން ވަނީ، ހަތަރު ގައުމެއްގައި ހުރި އެމެރިކާގެ ވައިގެ މަރުކަޒުތަކަށް އަމާޒުކޮށް އެ ގައުމުން ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ގަތަރާއި ކުވޭތާއީ ޔޫއޭއީގައި ބަހްރޭން ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަލްޖަޒީރާއިން ވަނީ، ސައުދީ އަރަބިއްޔާއިން ވެސް ގޮވުންތަކުގެ އަޑުތައް އިވޭ ކަމަށް ރިޕޯޓުކޮށްފައެވެ.

އެ ހަމަލާތަކާ ގުޅިގެން ގަތަރުން ވަނީ ފޯނުތަކަށް އެލާޓެއް ނެރެ، ގޭގައި ވިޔަސް އެހެން ތަނެއްގައި ވިޔަސް، އަސްކަރީ މަރުކަޒުތަކާ ދުރުގައި ހުރިހާ ރައްޔިތުން ތިބުމަށް ލަފާދީފައެވެ.

ގޮވުންތަކެއްގެ އަޑު ޔުނައިޓެޑް އެރެބް އެމިރޭޓްސް ވެރިރަށް އަބޫ ދާބީއަށްވެސް ވަނީ އިިވިފައެވެ.

އިސްރާއީލުން ފުރަތަމަ އީރާނަށް ހަމަލާދީފައިވާއިރު، ރައްދުގައި ވަރުގަދަ ހަމަލާ ދޭނެ ކަމަށް މީގެ ކުރިން ވެސް އީރާނުން ބުނެފައިވެއެވެ.

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ޗެމްޕިއަން ޕީއެސްޖީއާ ޗެލްސީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް ޗެލްސީ ކުޅެން ޖެހިއްޖެ އެވެ.

ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވާފައިވަނީ އިއްޔެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފުރުސަތު ހޯދާފައިވީ ނަމަވެސް އިނގިރޭސި ދެ ޓީމު ދެވަނަ ބުރުގައި ކުޅެން ޖެހިފައެއް ނުވެއެވެ.

ދެވަނަ ބުރުގެ މެޗުތަކުގެ ތެރެއިން ދެން އެންމެ ވާދަވެރި މެޗުތަކަކަށް ވެގެންދާނީ ރެއާލް މެޑްރިޑް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުގެ އިތުރުން ބާސެލޯނާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗާއި އެތްލެޓިކޯ މެޑްރިޑް އާއި ޓޮޓްނަމް ހޮޓްސްޕަރގެ މެޗެވެ. މީގެ އިތުރުން ބަޔާ ލެވަކޫސަން އާއި އާސެނަލްގެ މެޗުގެ އިތުރުން ގަކަތަސަރާއީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުވެސް ފާހަގަކޮށްލެވެއެވެ.

ޗެލްސީ އާއި ޕީއެސްޖީ މި މުބާރާތުގެ ދެވަނަ ބުރުގައި ބައްދަލުކުރާއިރު މިދިޔަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޗެލްސީ އިން ހޯދާފައިވަނީ ޕީއެސްޖީ ބަލިކުރުމަށްފަހުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގު އޮންނާނީ އަންނަ މާޗް މަހުގެ 10 އަދި 11 ގަ އެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗް 17 އަދި 18 ގަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާ ގައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް;
ޕީއެސްޖީ – ޗެލްސީ
ގަލަތަސަރާއީ – ލިވަޕޫލް
ރެއާލް މެޑްރިޑް – މެންޗެސްޓަރ ސިޓީ
އެޓްލާންޓާ – ބެޔާން މިއުނިކް
ނިއުކާސަލް ޔުނައިޓެޑް – ބާސެލޯނާ
އެތްލެޓިކޯ މެޑްރިޑް – ޓޮޓްނަމް
ބޯޑޯ/ގްލިމްޓް – ސްޕޯޓިން
ބެޔާ ލެވަކޫސަން – އާސެނަލް

މީހެއްގެ އެކައުންޓުން ފައިސާނެގި މީހާ ކޯޓުގައި އެދުނީ ރަށަށް ފޮނުވައިދޭން

މީހެއްގެ ބޭންކް އެކައުންޓެއް ހެކުކޮށް ގިނަ އަދަދަކަށް ފައިސާ ނެގި މައްސަލައިގައި ބަންދުކޮށްފައިވާ، ގއ. ގެމަނަފުށި، ރަންކޮކާގެ، ނަދީފް މުޙައްމަދުގެ ބަންދަށް ލުޔެއްދީ، އޭނާ ރަށަށް ފޮނުވައިދިނުމަށް އޭނާ ކޯޓުގައި އެދެފިއެވެ.

އުމުރުން 36 އަހަރުގެ އެ މީހާ ހައްޔަރުކުރީ ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި, އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެ މީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައެއްގެ ތަހުގީގުގެ ތެރެއިން, ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހެވެ.

އޭނާގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ބަންދަށް ޖެހީ 30 ދުވަހެވެ. އަދި އިތުރު 30 ދުވަހުގެ މުއްދަތެއް އޭނާގެ ބަންދަށް އިތުރު ކުރީ މިއަދެވެ. މިއަދު ޖެހި ބަންދުގެ މުއްދަތު ހަމަވާނީ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

މިއަދުގެ ބަންދު ރިޕޯޓުގައިވާ ގޮތުން އޭނާ ވަނީ ރަށަށް ދާން ޓިކެޓު ވެސް ނަގައިފައެވެ. ޝަރުތާއެކު ދޫކޮށްލައި ދިނުމަށް އޭނާ ވަނީ ކޯޓުގައި މިއަދު އެދިފައެވެ.

އެކައުންޓު ހެކުކުރިކަމަށް ބުނާ މީހާގެ ބަންދަށް 10 ދުވަސްއިތުރަށް ވިދާޅުވުމަށް

ނަދީފުގެ ބަންދު ދަމަހައްޓަން ނިންމި ކަމަށް ކުރިން އާންމުކުރި ކޯޓު އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި ގެއްލުންވި މީހާގެ ބަޔާނާއި، ފުލުހުންގެ ފަރާތުން ބޭންކާއެކު ކޮށްފައިވާ މުއާމަލާތްތަކާއި އޭނާގެ ހަރަކާތްތައް ފެންނަ ސްނެޕްޝޮޓުތަކާއި ދެ ހެކިވެރިއެއްގެ ބަޔާން ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި އައްޑޫ ހިތަދޫ، ދާގަނޑުކެކުރިގެ، ޝާފިޢު ޝިހާބު، 33 އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ނަދީފް ވަނީ 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ކަމަށެވެ. އަދި, 4,900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު އެ ފައިސާތައް ނަގާފައިވާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން, ނަދީފަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ މައްސަލަ އެންޓި ސްކޭމް ސެންޓަރުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިނިސްޓަރު އިހުސާނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފައްޔާޒު ގޮވާލައިފި

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވީޑިއޯއެއް އާއްމު ނުކުރެވޭނެ ކަމަށާއި، އެކަށީގެންވާ ސަބަބެއް އޮތްނަމަ އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައިފި

އިހުސާނުގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގިކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި ސީސީޓީވީ ފުޓޭޖަކާއެކު، މިނިސްޓަރު ރޭ ދަންވަރު ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ދިވެހި ދައުލަތް “ޑިކްޓޭޓާޝިޕަކަށް” ވައްޓާލަމުންދާއިރު، މިހާރު މިއީ އެއްވެސް އަޚުލާގަކާއި ގާނޫނުތަކަށް ތަބާވުމެއް ނެތް ނާގާބިލް ދައުލަތެއް ކަމަށެވެ.

އެ އަނިޔާއާއި ކޮރަޕްޝަންގެ ސީރިއަސްކަމުގެ މައްޗަށް، ރައްޔިތުންނަށް ޖާސޫސް ކުރައްވަން ހޯމް މިނިސްޓަރު އުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ކުރައްވައިގެން އެކަން ކުރެއްވުމަކީ ގަބޫލު ކުރަން ދަތި ކަމެެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ގައުމުގެ މިހާރުގެ މިސްރާބު ހުރި ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މަގުމަތީގައި ހަރުކޮށްފައި ހުންނަ ކޮންމެ ކެމެރާއަކާއި ޑޭޓާތައް ބޭނުންކޮށްގެން މީހުން ކޮންޓްރޯލްކޮށް، އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ބޭނުން ކުރާ “ބިގް ބްރަދާ” ސްޓޭޓެއް ބޭނުން ނުވާ ކަމަށެވެ.

ފައްޔާޒުގެ އެ ޕޯސްޓަށް ރައްދު ދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، “ޑިމޮކްރެޓިކް ޗެމްޕިއަން” ގެ ލީޑަރުން ކަމަށް ބުނާ ބަޔަކު، އޭނާގެ އަނބިމީހާއާއި އަންހެން ދަރިފުޅު އޭނާގެ އާއިލާ ގޭގެ ކުރިމަތިން މަގުމަތީގައި ހިނގާފައި ދިޔަ މަންޒަރު ރެކޯޑް ކުރަމުންދިޔަ ކަމަށެވެ.

އަދި އެއީ އެގޭގެ އަމިއްލަ ސީސީޓީވީ ކެމެރާއިން ސާފުކޮށް މޮނިޓާ ކުރާ ސަރަހައްދެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުގެ އެއްވެސް ވަސީލަތެއް ނުހިމެނޭ ފުޓޭޖެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތުހުމަތު ކުރާ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެގޮތަށް ޕޯސްޓް ނުކުރެވޭނެ ކަމަށް ވިދާޅުވެ ފައްޔާޒު ނުރުހުން ފާޅުކުރެއްވިއެވެ. އަދި ފަހަރެއްގައި އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އެ މިނިސްޓްރީން ފުލުހުންގެ މައްޗަށް އިތުބާރު ނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވީޑިއޯއިން ފެންނަނީ، މާލޭގެ މަގެއް މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ދާ މަންޒަރެވެ. އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެ މީހަކީ، ބޮޑީ ގާޑެކެވެ.

ޗާގޮސް މައްސަލައިގައި ރާއްޖެއާއެކު އޮތް ގުޅުން މޮރިޝަސްއިން ކަނޑާލައިފި

ޗާގޮސްގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ނިންމުން ބަދަލުކުރުމާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ގުޅުން މެދުކަނޑާލައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މޮރިޝަސްގެ ކެބިނެޓުންނެވެ. ކެބިނެޓުގެ މިގޮތަށް ނިންމެވީ، ޗާގޯސް ޖަޒީރާ ސަރަޙައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތާއި އެ ޤައުމުގެ ސަރަޙައްދީ އިންޓެގްރިޓީ ބަލައިނުގަނެ، މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު ވެވުނު އެއްބަސްވުމާ މެދު ދިވެހި ސަރުކާރުން މިހާރު ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ޗާގޮސް ސަރަހައްދު ނިސްބަތްވަނީ ރާއްޖެއަށް ކަމަށް މި ސަރުކާރުން ދަނީ ހަރުއަޑުން ގޮވަމުންނެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރަމުންނެވެ.

ދާދިފަހުން އިނގިރޭސި ޕާލަމަންޓުގަައިވަނީ މި މައްސަލައިގައި ވާހަކަދައްކާފައެވެ. އަދި ރާއްޖެއިން ވަރަށް އަވަހަށް މި މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށައަޅާނެކަމަށްވެސް ވެއެވެ.

 

ވަރުބަލިކަމެއް ނެތި އެމްޑީޕީގެ ސިޔާސަތުތަކާއެކު ރާއްޖޭގެ އެކިކަންކޮޅުތަކަށް ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއެކު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ އާންމު ދިވެހި ރައްޔިތުންނާއެކު ހޭދަކުރާ ވަގުތުތަކާއި އެމްޑީޕީގެ ސިޔާސަތުތަކާއެކު ސަރުކާރު ޒިންމާދާރުކުރަން ކުރައްވާ މަސައްކަތްޕުޅެވެ.

އެމްޑީޕީގެ ރައީސްކަމުގެ އިތުރުން ޝާހިދަކީ މިހާރު އެ ޕާޓީގެ ބޮޑެތި ބޮޑެތި ޒިންމާތަކެއް އަދާކުރައްވަމުން އަންނަ ހަރުދަނާ ލީޑަރެކެވެ. އެކަން މިހާރު ކުރިއަށްގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަވެއެވެ.

އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ޝާހިދު– ފޮޓޯ: އަޙްމަދު އަޙްނަފް

އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޑޯޓުޑޯ ހަރަކާތެވެ. މި ސަރުކާރުގެ ފޫނުބެދޭ ސިޔާސަތުތަކާއި އިހުމާލުތަކުގެ ވާހަކަތައް އަޑުއެހުމަށް ޝާހިދުގެ ލީޑަޝިޕާއެކު އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްގެންދަވާ ޑޯޓުޑޯ ހަރަކާތް ވަރަށްވެސް ކާމިޔާބެވެ.

“އެންމެ ބޮޑަށް ފާހަގަވާ ކަމަކީ އެމްޑީޕީން މިހާތަނަށް ގެންގުޅުނު ސިޔާސަތުތަކާއެކު އޭގެ ސަބަބުން އާންމު ދިވެހި ރައްޔިތުންނަށް ލިބެމުންދިޔަ ފައިދާ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ވަމުންދާ އިހުމާލުތަކާއެކު އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމު ދިވެހި ރައްޔިތުންނަށް، ޑޯޓުޑޯ ހަރަކާތުން އެންމެ ބޮޑަށް އަޑުއިވެނީ އެ ރައްޔިތުންނަށް މި ސަރުކާރުން ވަމުންދާ އިހުމާލު، އަދި އެމްޑީޕީގެ ކާމިޔާބު ލާމަރުކަޒީ އުސޫލުގެ މުހިންމުކަން” މި ދަތުރުގައި ހަރަކާތްތެރިވި އެމްޑީޕީގެ އިސްވެރިން “ހަވާސާ” އާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ޝާހިދު– ފޮޓޯ: މަރިޔަމް ނާޖިލާ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާރު ވަނީ އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ ގައިވެސް ކެމްޕެއިންގެ ހަރަކާތްތައް ފަށާފައެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާ މިދަތުރުފުޅުގައި ޒިޔާރަތްކުރައްވާ ދެ ސިޓީގެ ވެސް ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތުގެ އިތުރުން ޖަގަހަ ހުޅުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކުރިއަށްގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ޝާހިދު– ފޮޓޯ: އަޙްމަދު އަޙްނަފް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ލޯންޗުކުރުމަށް ފަހު އެމްޑީޕީން އަންނަނީ އަތޮޅުތެރޭގެ އެކި ރާށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ. އޭގެ އިތުރުން ކެނޑިޑޭޓުންނާއި ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.

ކުށަށް އިއުތިރާފުވުމާއެކު ޝަމްއާނު ނެޓުވޯކުގައި ހިމެނޭ އިބްރާހީމަށް ޖަލު ހުކުމެއް

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ދައުވާ އުފުލާފައިވާ އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދުގެ މައްޗަށް 11 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އިބްރާހީމް އަހުމަދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ، ފޭރުމުގެ ދައުވާ، އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އިބްރާހިމް ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން، އޭނާގެ އިއުތިރާފުން މި ކުށްތައް ސާބިތުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޯޓުން އިއްވި އަދަބުތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާއެކު ދެ މަހުގެ ޖަލު ހުކުމަކާއި 62،400 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ވަނީ ނިންމާފައެވެ.

ފޭރުމުގެ ދައުވާއިން ހަތް މަހުގެ ޖަލު ހުކުމަކާއި 130،800 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައިވާއިރު، ފައިސާ ހޯދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމަށްވެސް އަމުރުކޮށްފައިވެއެވެ.

މީގެއިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއާ ގުޅިގެން ދެ މަހުގެ ޖަލު ހުކުމަކާއި 62،400 ރުފިޔާގެ ޖޫރިމަނާގެ އިތުރުން ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދިނުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

މި އެއްބަސްވުމާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް ކުށް ސާބިތުވިނަމަ، އިބްރާހީމްގެ މައްޗަށް ފަސް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތެވެ

ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިދިޔަ ޖެނުއަރީ މަހު ހުށަހެޅުއްވި އެ ބިލް ދިރާސާކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް ކޮމިޓީ ރިޕޯޓް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.

މެންބަރުން ވިދާޅުވީ މިއީ ވަރަށް ރަނގަޅު އިސްލާހެއް ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިއީ މުހިންމު ބިލެއް ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަށް މަޖިލިސް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި 72 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އެ ބިލާ ދެކޮޅަށް އެއް މެންބަރުން ވަނީ ވޯޓުދީފައެވެ.

ކޮމިޓީން އެ ބިލް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ. ކޮމިޓީ މަރުހަލާގައި މި ބިލަށް ހިޔާލު ހޯދުމަށް ހުށަހަޅައި ބަންޑާރަ ނައިބާއި އީސީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު މުހިންމު މަޝްވަރާތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމިގެން ދިޔައިރުގައި 120 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެބުރު ނިމުނުއިރު 180 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވިއެވެ.

އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބު ބާއްވަން ވާނީ، ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހުކުރުން ކަމަށް އެ ބިލްގައިވެއެވެ.

އެ ބިލްގައި ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. މި މުއްދަތު ހަމަވުމުން މަޖިލީސް އުވުނީ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމެވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު އެއް ވަނަ ދުވަސްކަމަށް ކަނޑައަޅަންވެސް އިސްލާހުގައިވެއެވެ.

މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޑރ. ވަހީދު އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.

ވަޅޯ މަރުހަބާއެއް، ސަރުކާރުގެ އިންތިޒާމުތަކަށް ސުމެއް

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ހޯދީ ސަރަހައްދީ ބޮޑު ކާމިޔާބީއެކެވެ. މުޅި ދެކުނު އޭޝިއާ ފަތަހަކުރުމަށްފަހު ސަރަހައްދީ ފުޓްސަލް ތަށި ރާއްޖެއަށް ހޯދައިދިނީ އަމިއްލަ ފަސްގަނޑުގައި އިންޑޯއެއް ނެތިއެވެ. އެކަން މުޅި ދެކުނު އޭޝިއާއިން ވެސް ފާހަގަކުރެއެވެ.

ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑާއެކު ޓީމު އެނބުރި ރާއްޖެ އައުމުން ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާމެދު އާންމުންގެ ބޮޑެތި ނުރުހުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް މުޅި އިވެންޓު އިންތިޒާމުކުރި ކުޅިވަރު ވުޒާރާއިން މި އިވެންޓު އިންތިޒާމުކުރީ އާންމުން އުންމީދުކުރި ފެންވަރަށްވުރެ މާ ބޮޑަށްވެސް ދަށްކޮށެވެ.

ޓީމު ރާއްޖެއައި ގަޑި، މީހުން އެއްކުރުމަށް އެކަށީގެންވާ “ޕީއާރު” ނުޖެއްސޭ

ކުޅިވަރު ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ އެއާޕޯޓުގެ ވީއައިޕީން ކުޅުންތެރިންގެ އާއިލާއާ ބައްދަލުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެއްވެސް މީޑިއާއަކަށް އިންޓަވިއު ނެގުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ވީއައިޕީ ލައުންޖަށް 21:00 ގައި ކުޅުންތެރިން އައުމާއެކު އެމްޓީސީސީ ބަހުގައި ސޯޝަލް ސެންޓަރަށް ގޮސް މަޖީދީމަގުން ލޮރީއަށް އަރައިގެން އާޓިފިޝަލް ބީޗަށް އަންނަ ގޮތަށެވެ.

މުޅި ޓީމަށްވެސް އެންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނީ ލޮރީ ބުރުގައެވެ. މަގުމަތިން މީހުންގެ ފަރާތުން ފިނި ތަރުހީބެއް ލިބުނުުއިރު، ގިނަ ފަހަރު ހީވީ ބުރު ޖަހާލަން ދާ ލޮރީއެއް ހެނެވެ. ނުވަތަ މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުން އަރުވަން ފުލުހުން ގެންގުޅޭ ލޮރީއެއް ހެނެވެ. ލޮރީގެ ކުރިމަތީގައި ނަން ބޯޑެއް ހަރުކޮށްފައިހުރި ނަމަވެސް އިތުރު މާ ބޮޑު ޒީނަތްތެރިކަމެއް ފެންނަން ނެތެވެ.

“އަހަރެމެންނަށް ކުރީބައިގަ މިކަން އިންތިޒާމުކޮށްފައި އޮތްކަން އެނގުނު ނަމަ ދާނަން، މިނިސްޓްރީން ވެސް ބުނީ އާޓިފިޝަލް ބީޗަށް ދާން. އިންތިޒާމު ހަމަ ސުމެއް، ރޭގަނޑު 10 ޖަހާއިރު އިވެންޓު އާޓިފިޝަލް ބީޗުގަ ރޭވިއިރު މިކަން އިންތިޒާމުކުރި ބަޔަކަށް އަނެއް ދުވަހަކީ ސުކޫލު ދުވަހެއްކަން ނޭނގެނީބާ ހިތައްއެރި، އެމީހުންނަށް (ސަރުކާރާއި ކުޅިވަރު ވުޒާރާ) އަށް ރަނގަޅު ވަގުތަކާ ދިމާކޮށް ދަތުރުގެ ކަންކަން ހަމަޖެއްސި ނަމަ މިވަރު ވާކަށް ނުޖެހޭނެ” ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ދިވެއްސެއް ލިޔެފައިވެއެވެ.

މަރުހަބާކިއުމުގެ ގޮތުން ކުރިއަށްގެންދިޔަ އިވެންޓުގެ ތެރެއިން– ފޮޓޯ: ކުޅިވަރު ވުޒާރާ

ރައީސް ވަޑައިނުގަންނަވާނެ ކަން ފަހުވަގުތު އެނގުން 

އާޓިފިޝަލް ބީޗަށް ރައީސް ވަޑައިގަންނަވާނެ ކަމަށް އޮތީ 22:00 ގައެވެ. ނަމަވެސް އިވެންޓު ފެށެން ވަގުތު ކުޑަތަންވިއިރު ވެސް ރައީސް ވަޑައިނުގަންނަވާނެ ކަން ވުޒާރާއިން މީޑިއާތަކަށް ނާންގައެވެ. ޔަގީނުންވެސް ރައީސް މި އިވެންޓަށް ވަޑައިގަތުމަކީ މުހިންމު ކަމެކެވެ. އެއީ ސަރަހައްދީ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާތީއެވެ.

ނަމަވެސް ފަހުވަގުތު ރައީސް ވަޑައިނުގަންނަވާނެ ކަން އެނގުމާއެކު ކުޅުންތެރިންނާ އާއިލާގެ ފޮޓޯ ސެޝަންތަކެއް ކުރިއަށްގެންދިޔައީ އެވެ. ކުޅުންތެރިންގެ މޫނުމަތިންވެސް އެކަން ދެއްކިއެވެ. އެ އެންމެންވެސް ތިބީ އެ ރަސްމިއްޔާތުގެ ތެރެއިން ފުޓްސަލް އިންޑޯގެ އަލިމަގެއް ފެންނާނެކަމުގައެވެ.

މުޅި އާޓިފިޝަލް ބީޗުގައި ގިނައިން ތިބީ ޗެމްޕިއަންކަން ހޯދި ޓީމު ކުޅުންތެރިންގެ އާއިލާތަކާއި މަދު ސަޕޯޓަރުންތަކެއްގެ އިތުރުން ބިދޭސީންނެވެ.

މިއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތައްޓާއެކު އެނބުރި އައުމުން ކިޔާފައިވާ މަރުހަބާއަށްވުރެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް މަދު ވަރެކެވެ.

ކޮންމެއަކަސް މި އިވެންޓުން ސަރުކާރު ފެއިލްވެއްޖެއެވެ. ދެން އެބުނާ ފުޓްސަލް އިންޑޯއެއްގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު އާންމުން ވިސްނާނެއެވެ. މި ދަނޑިވަޅުގައި އެކަން ނުކުރާނެތޯ ނުވަތަ ވާނެތޯ ސަރުކާރުން އަންގަންޖެހެއެވެ.

 

 

ޝޫޓިން މުބާރާތުން އީޝާއަށް ގައުމީ ރެކޯޑެއް

މިހާރު ކުރިއަށްދާ ގައުމީ ޝޫޓީން މުބާރާތުގައި އަިއޝަތު އީޝާ ގައުމީ ރެކޯޑެއް ހަދައިފިއެވެ.

ސޯސަލް ސެންޓަރުގައި ކުރިއަށްދާ ގައުމީ ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައި އީޝާ ގައުމީ ރެކޯޑު ހަދާފައިވަނީ އަންހެނުންގެ ޕްރޮފެޝަނަލް އެއާ ރައިފަލް ކެޓަގަރީންނެވެ.

އަންހެނުންގެ އެއާ ރައިފަލް ކެޓަގަރީން ގައުމީ ރެކޯޑު ހެދި އީޝާ – ފޮޓޯ: ތެއްތިރީސް އެމްވީ

އީޝާ މި ރެކޯޑު ހަދާފައިވަނީ ޖުމްލަ 609.6ގެ ސްކޯއެއް ހޯދައިގެންނެވެ.

މި ރެކޯޑު ކުރިން އޮތީ ޝަރަފިއްޔާ އަބްދުލް ރަހްމާންގެ އަތުގައެވެ. އޭނާ މި ރެކޯޑު ހަދާފައިވަނީ 2022 ވަނަ އަހަރު ޗައިނާގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްގައި 605.9ގެ ސްކޯއެއް ހޯދައިގެންނެވެ.

ނެޝަނަލް ޝޫޓިންގ ސްޕޯރޓްސް 2025 އަކީ ދިވެހިރާއްޖޭގައި ޝޫޓިންގ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާން އެތްލީޓުން ތަމްރީނުކޮށް ކުރިއެރުވުމަށް ބާއްވާ ޤައުމީ މުބާރާތެކެވެ.

އަންހެނުންގެ އެއާ ރައިފަލް ކެޓަގަރީން ގައުމީ ރެކޯޑު ހެދި އީޝާ – ފޮޓޯ: ތެއްތިރީސް އެމްވީ

މި މުބާރާތުގައި ހަތަރު ކެޓެގަރީއެއްގައި ޝޫޓަރުން ވާދަކުރާނެއެވެ. އެއީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާއި ކުރިން ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮފެޝަނަލް ކެޓެގަރީ އާއި، 12 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އޯޕަން ކެޓެގަރީ އާއި، 16 އަހަރާއި 21 އަހަރާ ދެމެދަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޖޫނިއަރ ކެޓެގަރީގެ އިތުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ޔޫތު ކެޓެގަރީއެވެ.

މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފަވާއިރު، އެ މުބާރާތް ވެގެންގޮސްފައިވަނީ ބޮޑު ތަރުހީބެއް ލިބުނު މުބާރާތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި 400 ވަރަކަށް ޝޫޓަރުން ބައިވެރިވި ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ މުބާރާތުން ފުރުސަތުދީފައިވަނީ 370 އެތުލީޓުންނަށެވެ.