ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް، އެއީ ޤައުމުގެ ތަހުޒީބީ ސިފަ: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ޞިއްޙީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމެއްގެ ތަހުޒީބާއި އިންސާނީ އަޚުލާޤު ހުރި މިންވަރު އަންގައިދޭ މުހިންމު ބަހާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓްލޭޑީ ވަނީ މި އަހަރުގެ ދުވަހުގެ ޝިޢާރު ކަމަށްވާ “ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ޙައްލެއް” މި މައުޟޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އެ ޤައުމެއްގެ ހޭލުންތެރިކަމާއި، ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު ބުނެދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިފަދަ ރީތި އާދަތަކަކީ ޅަފަތުގެ ތަރުބިއްޔަތުން ފެށިގެން، މަދަރުސާތަކާއި މުޖުތަމަޢުގެ ތެރެއިން އަށަގަންނުވަންޖެހޭ ކަންކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ފަންނީ އިންސާނީ ޤާބިލުކަމާއި ވަސީލަތްތައް ނެތުމުގެ އިތުރުން، ހަރުދަނާ ޤަވާއިދުތަކެއް ނެތުމަކީ މިކަމަށް އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މިހާރު އެކުލަވާލަމުންދާ އުޞޫލުތަކުގެ ސަބަބުން މި ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެކަމަނާ ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން ބޮޑެތި މާކެޓްތަކަށް އެކްސްޕޯޓް ކުރުމުގައި ހުރަސްތަކެއް ހުރި ނަމަވެސް، އައު ޓެކްނޯލޮޖީއާއެކު ގޭގޭގެ ފެންވަރުގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ‘ވަންގަވް’ ޕޯޓަލް މެދުވެރިކޮށް މިފަދަ ކަންކަމަށް މަގުފަހިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

“ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރޭން ފެށިގެން، މުޅި ޤައުމީ ފެންވަރުގައި އޮންނަން ޖެހޭ ތަހުޒީބީ ސިފައެއް،” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، “ދަނޑުން ސުފުރާއަށް” ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ރަސްމީ އިދާރާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

ޑްރަގް ގެނައި މީހުން ބުނަނީ ރާއްޖެ އައީ ގުރުއަތުން ލިބުނު އިނާމެއްގެ ގޮތުގައި ކަމަށް!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި މީހުން ކަމަށާއި އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ހަވާލުކުރި ތަކެތި ކަމަށް، އޭގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ވަކީލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މިހެން ބުނެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މިދިޔަ މާޗު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ މީހެއް ކަމަށްވާ ދަނޫޝްކާނދަން ބޯޕާލްގެ ވަކީލެވެ.

މި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ދިވެއްސެކެވެ. އޭގެ ތެރެއިން ތިން މީހެއްގެ އަތުން ހަ ކިލޯއަށް ވުރެ ގިނަ ޑްރަގު ފެނިފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.

ބޯޕާލުގެ ބަންދަށް އިތުރު 45 ދުވަސް ދީ ކޯޓުން ނެރުނު އަމުރުގައި ވަކީލާ ހަވާލާދީ ބުނެފައިވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބަޔަކު ބޭނުންކުރި ބައެއް ކަމަށެވެ. ބޯޕާލް އަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ޒުވާނެއް ކަމަށާއި ރާއްޖެ ގެނައީ ނަސީބުވެރިއަކަށް ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ..

އެ ތަކެތި ހަވާލުކުރީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއްގެ ގޮތުގައި ކަމަށާއި އޭނާ ރާއްޖެ ފޮނުވި މީހުންގެ ތަފްސީލާއި ކަން ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ތަހުގީގަށް ކިޔައިދީފައި ވާނެ ކަމަށް ވަކީލު ބުނާ ކަމަށް އަމުރުގައިވެ އެވެ.

އެ ބާވަތުގެ އެހެން ކޭސްތަކެއް ވެސް ހިނގަމުންދާ ކަމަށް ދިފާއީ ވަކީލު ފާހަގަކޮށް ވިދާޅުވެފައި ވަނީ މިއީ ބަޔަކު ރާވައިގެން، މައުސޫމް ކުދިންތަކަކަށް އޮޅުވާލައިގެން އެ ކުދިން ބޭނުންކޮށްގެން ހިންގަމުންދާ އަމަލެއް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ކޯޓުގައި ބުނީ މި ޕެޓާނަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު ކޭސް އެބަ އޮތް ކަމަށާއި ނަމަވެސް ކުށުގެ އަމަލުގައި މި މީހުން ބައިވެރިވުން އޮތް ކަމަށް ބެލެވޭ ގޮތް އެ ހުރިހާ މައްސަލައެއްގައި ވެސް ތަފާތު ކަމަށެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު އެނގޭ ކަމަށް ވެސް އަމުރުގައިވެ އެވެ.

ކުރިން ފުލުހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ދަނޫޝްއާ އެކު ދެން ހައްޔަރުކުރީ 21 އަހަރުގެ ތިރިވިލް މަނިމަރަންގެ އިތުރުން ގދ. ގައްދޫ މީހެއް ކަމަށްވާ، އުމުރުން 28 އަހަރުގެ އަލީ އިރުފާން އެވެ. އެ ތިން މީހުން ހައްޔަރުކުރީ ރާއްޖެ އަށް ޑްރަގް އެތެރެކޮށް ވިއްކައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މީގެ ދެވަނަ ކޭސްގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ 25 އަހަރުގެ ޖައިނަބު ވާޖިދު އަލީ އާއި 21 އަހަރުގެ މުހައްމަދު ނަވާޒް ދަޔަތަރު އެވެ.

 ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން އިތުރުވެފައި ވާތީ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އޭޕްރީލް މަހު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ސަމާލުވާން ވެސް އެދިފަ އެވެ.

 އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާ ދީފަ އެވެ.

މިފްކޯއިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއްގެ ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ.

ކޮންމެ ދުވަހަކު ވެސް އެ ކުންފުންޏަށް މަސް ގަތް އަގުތަކާއި ތަފުސީލުތައް މިފްކޯއިން ހާމަކުރެއެވެ.

މިގޮތުން، އިއްޔެގެ ހިސާބުތަކަށް ބަލާއިރު މިފްކޯގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް ގަތީ 17 ރުފިޔާއަށެވެ. އެކަމަކު، މިއަދު ކަޅުބިލަމަސް ކިލޯއެއް މިފްކޯއަށް ގަނެފައިވަނީ 18.50 ރުފިޔާއަށެވެ.

އެ ބަދަލާ ގުޅިގެން ‘ހަވާސާ’އިން ސުވާލުކުރުމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، އެއީ މިއަދުން ފެށިގެން ގެނައި ބަދަލެއް ނޫން ކަމަށެވެ. މި ދުވަސްވަރު މަސްވެރިކަން ދަށްކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، މާދަމާ ވެސް މަސްވެރިކަމަށް ބަލައި މަސް ގަންނަ އަގަށް ބަދަލު އަތުވެދާނެ ކަމަށެވެ.

އެކަމަކު، މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކަޅުބިލަމަސް މިއަދު ގަތް އަގު މަތިވި ނަމަވެސް، އިއްޔެ އަޅާބަލާއިރު 10 ކިލޯއާއި 15 ކިލޯއިން މަތީގެ ކަންނެލި ގަތް އަގަކަށް ބަދަލެއް ނާދެއެވެ. މި ގޮތުން 10.15 ކިލޯގެ ކަންނެލި ކިލޯއެއް މިފްކޯއަށް ގަތީ 20 ރުފިޔާއަށް ކަމަށްވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަނެފައިވަނީ 25 ރުފިޔާއަށެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު، މަސްވެރިންނަށް މިފްކޯއިން ދޫކުރި ފައިސާ އޭޕްރީލް މަހަށް ވުރެ 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަދުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކާފައެވެ.

ވެމްކޯ މުވައްޒަފުންނަށް ޕެންޟަން ފައިސާ ނުލިބޭތީ ބަލައިދޭން އެދިފި

ސަރުކާރު ކުންފުނި ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާ މައްސަލަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި މިއަދު ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވެމްކޯގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަން ފައިސާ ކަނޑަމުން ދިޔަ ނަމަވެސް، އޮކްޓޯބަރު 16، 2024 އިން ފެށިގެން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރަމުން ނުދާ ކަމަށެވެ.

ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ ޕެންޝަން ފަންޑުތަކަށް ޖަމާނުވަނީ އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށް މިދިޔަ ޖަނަވަރީ މަހު ވެމްކޯއިން ބުނި ބުނުމަށް އިޝާރާތްކުރައްވައި ކުޑޫގެ ސިޓީގައިވަނީ، އެއީ މުވައްޒަފުންގެ އަސާސީ ހައްގުތަކާއި ގާނޫނީ އިމްތިޔާޒުތައް ހިފެހެއްޓުމަށްޓަކައި ދެއްކޭނެ ގާނޫނީ ބަހަނާއެއް ނޫން ކަމަށެވެ.

ގާނޫނުތަކާއި ގަވައިދުތަކުގައިވާ ގޮތުން ޕެންޝަން ލިބުމުގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމާއި ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްދިނުން ގާނޫނުން ލާޒިމުކުރާކަން ކުޑޫ ފާހަގަކުރެއްވިއެވެ.

އޭނާ ލިޔުއްވައިފައިވާ ގޮތުގައި، ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރަމުން ނުދިއުމުގެ ސަބަބުން، ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބެންޖެހޭ އިންވެސްޓްމެންޓް ފައިދާއާއި ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ މަންފާތަކުން މުވައްޒަފުން ދަނީ މަހުރޫމުވަމުންނެވެ.

އެހެންކަމުން، ވެމްކޯއިން މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކޮށްދޭ މައްސަލަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މެދުވެރިކޮށް ބެލުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި، އެ ކުންފުންޏާއި ޕެންޝަން އޮފީހުގެ ވެރިން ޒިންމާދާރުކޮށް، ނުދައްކާ ހުރި ފައިސާ ވީ އެންމެ އަވަހަށް ޖަމާކޮށް ނިންމާނެ ގޮތުގެ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް ވެމްކޯއަށް އެންގުމަށް ވެސް އެ ސިޓީގައި ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުލިބޭ މައްސަލައިގެ އިތުރުން، މުސާރަ ލިބުން ލަސްވާ މައްސަލައެއް ވެސް ފެންމަތިވިއެވެ.

ވެމްކޯގެ މުވައްޒަފަކު ‘ސަން’އަށް އޭރު ބުނީ، މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާތާ ތިން މަސް ދުވަސްވެއްޖެ ކަމަށާއި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެނީ ލަހުން ކަމަށެވެ.

ނަމަވެސް، ބައެއް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބިފައިވާ ކަމަށް ވެސް އެ މުވައްޒަފު އޭރު ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުން މިދިޔަ ޖަނަވަރީ މަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ވެމްކޯ ހިމެނޭހެން ސަރުކާރުގެ ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަން ބޮޑު ތަފާތަކުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، މީގެ ކުރިން ވިދިވިދިގެން ތިން ދައުރު އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު އަދާކުރައްވާފައިވާ ސޯބެ މިއަދުގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާކަން ކަށަވަރު ކުރެވެ އެވެ.

ސޯބެއާ ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ.

ނަތީޖާ ލިބުނު ހުރިހާ ފޮށިތަކުން ވެސް ކުރި ހޯއްދަވާފައިވަނީ ސޯދިގެވެ. އެ ފޮށިތަކުގެ ނަތީޖާ އެއްކޮށްލުމުން:

  • ސޯދިގަށް ލިބިވަޑައިގަތީ: 804
  • ސައީދަށް ލިބިވަޑައިގަތީ: 644

އެމްޑީޕީގެ ކެންޑިޑޭޓ ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ތިމާވެށި ހިމާޔަތް ކުރަން ގްރީން ފަންޑުން އަހަރަކު ހަތް މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވެވި ހިތޯބުގައެވެ.

ރައީސް ވިދާޅުވީ، މިއަދަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެއްޓާ މެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަޒުމު ވަރުގަދަ ކުރަންވީ ދުވަހެއް ކަމަށެވެ.

ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމަށްވާ “އަ ގްލޯބަލް ކޯލް ފޯ ކްލައިމެޓް އެކްޝަން” އަކީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިއާރެކެވެ.

ރައީސް ވިދާޅުވި ގޮތުގައި އިލްމީ ދިރާސާތަކުން ދައްކަނީ ކުރިއަށް އޮތީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދުވަސްތަކެއް ކަމެވެ. އެހެންވެ، ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް އަޅުގަނޑުމެން މިހާރުވެސް މި ދަނީ ތަހައްމަލުކުރަމުން އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ހަގީގަތް. މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަގްވާމީ ގޮތުން އަޅާ ފިޔަވަޅުތަކުން ނަމަވެސް، އަޅުގަނޑުމެންވެސް އިސްނަގައި، ގައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނެ ކަންކަމާމެދު ވިސްނައި، އަމަލުކުރުމަކީ މުހިއްމު ކަމެއް.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ދުޅަހެޔޮކަމާއި ޖުމްލަކޮށް މުޅި ދިރިއުޅުމުގެ ވައްޓަފާޅި ގުޅިފައިވަނީ މާތް ﷲ ގެ ރަހްމަތްފުޅުން ދެއްވާފައިވާ ގުދުރަތީ ވެއްޓަށް ކަމަށެވެ.

ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ، އެންމެ މަގުބޫލު އެއް މަންޒިލަށް ވެފައިވަނީ މި ހިތްގައިމު ގުދުރަތީ ސިފަތަކުގެ ސަބަބުންނާއި ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި، ވަށައިގެންވާ ހުދުކުލައިގެ ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ސާފު ނޫކުލައިގެ މޫދާއި ފަރުތަކުގެ ހިތްގައިމުކަމުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މަގުބޫލު މަންޒިލަކަށް ރާއްޖެ ވެފައިވަނީ ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ވެށީގައި އުޅޭ ވެލާކަހަނބާއި، އެންމަޑި އަދި ފެހުރިހި ފަދަ ދިރުންތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ބަނަވަމުން މިދާ ދުނިޔޭގައި، އެންމެންގެ ތަރައްގީ އާއި ތަހުޒީބާއި ތަމައްދުނު ގުޅިލާމެހިފައިވަނީ، ތަރައްގީގެ އާރުކާޓީއަކަށް ބަލައި، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީގައި ސާބިތުކަމާއެކު ދެމިތިބެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީ އާއި ތިމާވެށީގެ ހުރިހާ މައިދާންތަކެއް އެކުލެވި، ވަށައިޖެހޭނެގޮތަކަށް ގެންދިޔުމަށް ވިސްނުންތައް ބައްޓަންކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

“މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ގައުމުގެ ތަރައްގީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން. މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަޤީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުމުން.” ރައީސް ވިދާޅުވިއެވެ.

“އެހެންކަމުން، މި މަސައްކަތަށް، ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމާފަ. މިއީ، ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ޚަރަދުކުރާނޭ ފައިސާ. މިއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ އަދީ މަތީ ހަރުފަތަކަށް ގެންދެވޭނެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ފައިސާ ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ކަމަށެވެ. މިގޮތުން، މި ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ނިންމައިފައިވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި މޮނިޓަ ކުރުމުގެ މަސައްކަތްތަކަށާއި ކޮންސަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށާއި ތިމާވެށީގެ ދިރާސާތައް ކުރުމަށާއި މައުލޫމާތު އާންމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕުރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުގެ އުއްމީދަކީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫއުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދިޔުން. އަދި މި މަސައްކަތްތަކަކީ، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަގްބަލަށް ލިބިގެންދިޔުން” ރައީސް ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލެވޭ ގަޑި 5އަށް އިތުރުކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފައި ވަނީ 8:00ގައެވެ. އެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން އޮތީ 16:00އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން މައުލޫމާތު ދިން ގޮތުގައި، ވޯޓު ލެވޭ ގަޑި މިހާރު ވަނީ 17:00އަށް އިތުރުކޮށްފައެވެ.

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121އަށް އަރައެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.

އީސީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، 15:00އާ ހަމައަށް ވޯޓުލައިފައި ވަނީ 2055 މީހުން ނުވަތަ 49.87 ޕަސެންޓް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 1,079 އަންހެނުންނާއި 976 ފިރިހެނުންނެވެ. އަދި ވޯޓުނުލާ މީހުންގެ އަދަދު 2،066އަށް އަރައެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ވެރިކަން ކުރާ ޕީއެންސީން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ.

މި ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އެއީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހު ހުކުމް ކުރުމާ ގުޅިގެންނެވެ.

މި ބައި އިލެކްޝަނަށް ޕީއެންސީން ބޭއްވި ޕްރައިމަރީގައި އަޙްމަދު ސަޢީދާ ވާދަކުރައްވައި، ޓިކެޓް ހޯއްދެވީ ސިނާނެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ބައި-އިލެކްޝަނަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ވިދާޅުވެ ޓިކެޓު ދޫކޮށްލައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވަނީ 12 މެންބަރުންނެވެ.

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ތަރައްޤީކުރަމުންދާ ސަރަހައްދު ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުން މިއަދު ބުނީ ތާރުއަޅާތީވެ، މާދަމައިން ފެށިގެން އެ ސަރަހައްދަށް ނުވަދެވޭނޭކަމަށެވެ. އެގޮތުން މިރޭ 12 އިން ފެށިގެން އެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.

ބޮޑުތަކުރުފާނުމަގު މިހާރު ހަދަމުންދާ ސަރަހައްދު ތާރުއެޅުމާ ހަމަޔަށް އައިސްފައިވާއިރު، އެ ސަރަހައްދުގެ އެހެނިހެން މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ވަނީ މުޅިންހެން ނިމިފައެވެ. އޭގެ ތެރޭގައި ކޭބަލް ޖަންގްޝަނާއި، ދުވާރާއި ފެންހޮޅު އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ބޮޑުތަކުރުފާނުމަގު މިހާރު ތަރައްޤީ ކުރަމުންދާ ސަރަހައްދު ނިމުމުން އެ މަގުގެ ޖާގަ ބޮޑުވެގެންދާއިރު، އެ ސަރަހައްދު ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނޭކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144,509,024.16 ރުފިޔާ އަށެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭ ވިޔަފާރި ބަނދަރާ ހިސާބުން ފެށިގެން އެމްއެމްއޭ އާ ހިސާބަށް ތަރައްްޤީ ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ހަ ތަނެއް ބަލައި ފާސްކޮށް ހަތް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.

އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ހަ ތަނަކުން 17 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި އެތައް ބިދޭސީންނެއް އަތުލައިގަނެފައިވާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

އުތުރާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ނެރެފައިވާ މޫސުމީ އެލާޓްގައި ބުނެފައިވަނީ، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާކަމަސެވެ. މީގެ އިތުރުންދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނޭކަމަށްވެސް ވަނީ ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު އެހެނ ްހިސާބުތަކަށް 10 މޭލާއި 20 މޭލު ބާރުމިނުގައި ވައި ޖެހޭނޭކަމަށް ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މާލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

ދެކުނުގެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ކަނޑު މަޑުވިނަމަވެސް، އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނޭކަމަށް ވަނީ ބުނެފައެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ “މިއަހެލި” ނަކަތެވެ. އިހުގެ ނަކަތްތެރިން ބުނާގޮތުގައި މި މޫސުމުގައި ވައިބާރުވާނެއެވެ. ޢާންމުގޮތެއްގައި ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ. ދަތުރުފަތުރުކުރަން ދަތިވާ ވަރަށް ކަނޑުތައް ގަދަވާނެއެވެ. އަދި ޢާންމުގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 20.37 ކިލޯމީޓަރ ބާރުމިނުގައެވެ. މި ނަކަތުގައި ވައި ބާރުވެ، ކަނޑުގަދަވުމުގެ ސަބަބުން މަސްވެރިކަންވެސް ދަށްވާނެއެވެ.

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރާނެ ކަމަށް އިއުލާނުކުރި ލ. ފޮނަދޫ, ހުދުވިލާގެ އިބްރާހީމް މުޙައްމަދު (ވާޑު) އިންތިހާބުގައި ވާދަނުކުރަން ނިންމާ އޭނާގެ ތާއީދު އޮތީ މީކާއީލް އަހްމަދު ނަސީމަށް ކަން ހާމަކޮށްފި އެވެ.

ވާޑު ބުނީ އޭނާ އިންތިހާބުގައި ވާދަނުކުރަން ނިންމާ ފަހަތަށް ޖެހުނީ އެމްޑީޕީގެ ލީޑާޝިޕަކަށް މީކާއީލް ފަދަ ޒުވާނަކު ގެންނަން ފުރުސަތު ފަހިކުރަން ކަމަށެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ބުންޏެވެ.

މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ދަނީ ފޯރީގައި ހިންގަމުންނެވެ. ރައީސް ނަޝީދާއި މީކާއީލް ދަނީ އަތޮޅުތަކަށް ދަތުރުކޮށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންތިހާބުގެ ފޯރިގަދަވީ ރައީސް ސޯލިހްގެ ތާއީދު މީކާއީލަށް އޮތްކަން ހާމަކުރުމުންނެވެ.

އެމްޑީޕީއަށް ޗެއާޕާސަނަކު ހޮވުން އޮތީ އަންނަ ހުކުރު ދުވަހު އެވެ.

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނުނަގަން ނިންމައި އެ ޓަވަރު އެހެން ސަރަހައްދެއްގައި އަޅަން ނިންމީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

“ދަ ޕަލްސް” ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓް ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގަސް އިންދުމާއި ފެހިކުރުމުގެ މަޝްރޫއަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. ބައެއް ފަހަރު، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރަކަށް ގަސް ނަގަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގަސް ނަގަން ޖެހުނަސް، އެއަށް ވުރެ ގިނައިން ގަސް އިންދުމަކީ ސަމާލުކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ބެލިއިރު، އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ގަސްތައް ގިނަކަމުން ގަސްތައް ނުނަގަން ނިންމާފައިވާ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑުމެން ބޭނުން ވިލިމާލެއަކީ އަބަދުވެސް ފެހި ތަނެއްވީމަ، ފެހިކޮށް ބާއްވަން. އަދި އަމުދުން މާލެ ކައިރީގައި އެފަދަ ތަނެއް އޮތުން ވަރަށް މުހިންމު. ޒަމާނުއްސުރެ، އޮތް ރީތި ހިތްގައިމު މާހައުލު އޮންނަން ބޭނުން. އަދި ތަރައްގީ ވެސް އަންނަން ބޭނުން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީ އާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިފައިވާ، އެއް ކަމަކުން، އަނެއް ކަމަކަށް ފައިދާ ކުރާ ގޮތުގައި ދާ ކަމަކަށްވާން އެބަޖެހެއެވެ. ތިމާވެއްޓާއި ތަރައްގީއަކީ އެކުއެކީގައި ވަށާޖެހޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާއިރު، ހޮސްޕިޓަލް އަޅާ ސަރަހައްދުގައި ހުރި ގަސްތަކެއް ވެސް ނަގާނެ ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ގަސްތަކެއް އިންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އެހެން ރަށްރަށުގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދާއިރު، ވަގުތީ ގޮތުން އަންނަ ބަދަލެއްގެ ބަދަލު، އެއަށް ވުރެ މާ ރަނގަޅަށް ފެހި ކުރުމުގެ ތެރެއިން ހާސިލް ކުރުމަކީ ސަރުކާރުގެ ސިޔާސަތު.” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ސްކީމްގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 300 ފްލެޓު އަޅަން ވަނީ ނިންމައިފައެވެ. ވިލިމާލޭގެ ދުވަސްވީ ފުނަ ގަސްތަކެއް އޮންނައިރު، ހައުސިން ޔުނިޓްތައް އަޅަން ނިންމާފައި ވަނީ ގަސްތައް ގިނަ ސަރަހައްދުގައެވެ. ނަމަވެސް ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު އަޅަން ކަނޑައެޅި ތަނުގައި ހުރި ގަސްތައް ނަގަން ޖެހޭތީ އާއި ބައެއް ބޮޑެތި ގަސްތަކުގެ ގޮފިތައް ކަނޑަން ޖެހޭތީ އެ ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅެވެ.