ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވަން މިއަދު ބޭއްވި ބައި-އިލެކްޝަން ބޮޑު ތަފާތަކުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.
މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، މީގެ ކުރިން ވިދިވިދިގެން ތިން ދައުރު އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު އަދާކުރައްވާފައިވާ ސޯބެ މިއަދުގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާކަން ކަށަވަރު ކުރެވެ އެވެ.
ސޯބެއާ ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އެވެ.
ނަތީޖާ ލިބުނު ހުރިހާ ފޮށިތަކުން ވެސް ކުރި ހޯއްދަވާފައިވަނީ ސޯދިގެވެ. އެ ފޮށިތަކުގެ ނަތީޖާ އެއްކޮށްލުމުން:
- ސޯދިގަށް ލިބިވަޑައިގަތީ: 804
- ސައީދަށް ލިބިވަޑައިގަތީ: 644
އެމްޑީޕީގެ ކެންޑިޑޭޓ ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު