Advertisement
މެޑަމް ސާޖިދާ މުޙައްމަދު- ފޮޓޯ/ ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް، އެއީ ޤައުމުގެ ތަހުޒީބީ ސިފަ: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ޞިއްޙީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމެއްގެ ތަހުޒީބާއި އިންސާނީ އަޚުލާޤު ހުރި މިންވަރު އަންގައިދޭ މުހިންމު ބަހާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓްލޭޑީ ވަނީ މި އަހަރުގެ ދުވަހުގެ ޝިޢާރު ކަމަށްވާ “ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ޙައްލެއް” މި މައުޟޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

Advertisement

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އެ ޤައުމެއްގެ ހޭލުންތެރިކަމާއި، ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު ބުނެދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިފަދަ ރީތި އާދަތަކަކީ ޅަފަތުގެ ތަރުބިއްޔަތުން ފެށިގެން، މަދަރުސާތަކާއި މުޖުތަމަޢުގެ ތެރެއިން އަށަގަންނުވަންޖެހޭ ކަންކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ފަންނީ އިންސާނީ ޤާބިލުކަމާއި ވަސީލަތްތައް ނެތުމުގެ އިތުރުން، ހަރުދަނާ ޤަވާއިދުތަކެއް ނެތުމަކީ މިކަމަށް އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މިހާރު އެކުލަވާލަމުންދާ އުޞޫލުތަކުގެ ސަބަބުން މި ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެކަމަނާ ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން ބޮޑެތި މާކެޓްތަކަށް އެކްސްޕޯޓް ކުރުމުގައި ހުރަސްތަކެއް ހުރި ނަމަވެސް، އައު ޓެކްނޯލޮޖީއާއެކު ގޭގޭގެ ފެންވަރުގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ‘ވަންގަވް’ ޕޯޓަލް މެދުވެރިކޮށް މިފަދަ ކަންކަމަށް މަގުފަހިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

“ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރޭން ފެށިގެން، މުޅި ޤައުމީ ފެންވަރުގައި އޮންނަން ޖެހޭ ތަހުޒީބީ ސިފައެއް،” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، “ދަނޑުން ސުފުރާއަށް” ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ރަސްމީ އިދާރާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ