ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ އިދިކޮޅު އެމްޑީޕީގެ ހިންގުން، ޕާޓީގެ ފަސް ލީޑަރުން ހިމެނޭ ވަގުތީ ކޮމިޓީއަކާ ހަވާލުކުރަން ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، އެ ބައްދަލުވުމުގައި ޕާޓީ ހިންގާނެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނެގުމަށް ހުށަހަޅާނެއެވެ. “ހަވާސާ” އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. މީގެ އިތުރުން ކުރީގެ ރައީސުން ގައުމީ މަޖިލީހުގައި ހިމެނުމަށް ވެސް ހުށަހަޅާނެއެވެ. އެއީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނަޝީދަށް ދިނުމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީ ކާމިޔާބު ހޯދި ނަމަވެސް، އެ ކާމިޔާބީގެ ފަހަތުގައި ވަނީ ކޮން ލީޑަރެއް ކަމާ މެދު ޕާޓީ ތެރޭގައި ބަހުސް އުފެދުނެވެ. ކާމިޔާބީގެ އުފަލުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދޭ ކަމަށް ބުނެ މައްސަލަ ގޯސްވެ، ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. އެ ބޭފުޅުން ވަނީ ވަގުތީ ޗެއާޕާސަން ޣަފޫރު މަގާމުން ވަކިކުރަން ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.
ނަމަވެސް ރޭ ޞާލިޙް ވަނީ ޚިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވެސް ވަނީ މައްސަލަ ހައްލުވެފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައި، އެކަމުގައި ފައްޔާޒު ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ލީގަލް ޑިރެކްޓަރު ކަމުން ވަކިކުރި އަޙްމަދު މަޢުރޫފާއި ޗެއާޕާސަންގެ ނައިބު ކަމުން ވަކިކުރި އިބްރާހީމް ވަހީދު (އިބުރޭ)ގެ މަގާމުތައް އަލުން ދޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު