ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓެއް ބާތިލުކޮށް، ވޯޓުފޮށި އަލުން ގުނުމުން އެ ގޮނޑި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ޔަގީންވެއްޖެއެވެ.
މީދޫ ކައުންސިލް ރައީސްކަމަށް ވާދަކުރި ޕީއެންސީގެ ސުހާ އިބްރާހިމް އާއި އެމްޑީއޭގެ މުހައްމަދު ޝާހިދަށް ކުރިން ލިބުނީ އެއްވަރަށް 392 ވޯޓެވެ. ނަމަވެސް މީދޫ ދެ ނަންބަރު ވޯޓުފޮށީގައި ޕީއެންސީގެ ވޯޓެއް ކަމަށް ކުރިން ގުނި ވޯޓު ކަރުދާހެއްގައި ދެ ފަހަރު ރަނގަޅު ފާހަގަ ޖަހާފައިވާތީ އެ ވޯޓު ބާތިލުކުރިއެވެ. އެއާއެކު ނަތީޖާ އެއްވަރުވެ، ހުކުރު ދުވަހު އެ ފޮށި އަލުން ގުނިއިރު ސުހާއަށް ލިބުނު ވޯޓު 391 އަށް މަދުވެ، ޝާހިދު ވަނީ އެއް ވޯޓުގެ ތަފާތުން ކައުންސިލް ރައީސްގެ މަގާމު ހޯއްދަވައިފައެވެ.
ދ. މީދޫގެ ކައުންސިލްގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކުރީ ޕީއެންސީންނެވެ. އެމްޑީޕީން ވަނީ ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. ގިނަ ކައުންސިލް ރައީސުންގެ ގޮނޑި އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީއަށެވެ. ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ސަރުކާރު ވަނީ ބަލިވެފައެވެ. ވޯޓު ދިން މީހުންގެ 68 ޕަސެންޓް ބުނީ ދެ އިންތިހާބު އެއްކުރަން ނުފެންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު