އާރްޑީސީގެ ހެވީ ވެހިކަލްތައް އަންނަ ހަފުތާގައި ރަށްތަކަށް ފޮނުވަން ފަށަނީ

މަޝްރޫޢުތައް އަވަސްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގެނައި ހެވީ ވެހިކަލްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޗައިނާގެ ކުންފުންޏެއް މެދުވެރިކޮށް 230 ހެވީ ވެހިކަލް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވިދާޅުވީ އުޅަނދުތައް އަތޮޅުތަކަށް ފޮނުވުމަށްޓަކައި މިހާރު ކުރިއަށްދަނީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަންނަ ހަފުތާއާއި އޭގެ ޖެހިގެން އަންނަ ހަފުތާގެ ތެރޭގައި ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށް ނަޒީމް ވިދާޅުވިއެވެ. ފުރަތަމަ ބުރުގައި 20 ރަށަކަށް ހެވީ ވެހިކަލް ފޮނުވުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އުޅަނދުތަކުގެ ތެރޭގައި ތާރު އަޅައިގެން މަގު ހެދުމަށް ބޭނުންވާ ހަތަރު ތާރު ޕްލާންޓެއް ހިމެނެއެވެ. އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ ތިން ޕްލާންޓެވެ. ނަޒީމް ވިދާޅުވީ އުޅަނދުތައް ފޮނުވާ ރަށްރަށުގައި ކުރިއަށްދާ އެހެނިހެން މަޝްރޫޢުތަކަށް ވެސް ބޭނުންޖެހިއްޖެ ހާލަތެއްގައި މި ތަކެތި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި މި އުޅަނދުތައް ބޭނުންކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ގުޅިފަޅުގެ ޔުޓިލިޓީ ހިދުމަތްތައް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާއި އާރްޑީސީއާ ހަވާލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑު: ޚުޠުބާ

ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވާކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “ޙުރުމަތްތެރިވެގެންވާ މައްސަރުތައް” މި މައުޟޫޢަށެވެ. އިސްލާމީ އުންމަތުގެ ދީނީ ޝިޢާރުތައް ދިރުވައި އާލާކުރުމުގެ ގޮތުން އިއްވި މި ޚުޠުބާގައި، މާތް ﷲގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، އަހަރުގެ ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްޞަކުރައްވައި މާތްކުރައްވާފައިވާކަން ފާހަގަކުރިއެވެ.
މީގެ މައިގަނޑު ބޭނުމަކީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށް މަގުފަހިކޮށްދިނުމާއި، މާތް ﷲ ގެ ޝިޢާރުތައް މަތިވެރިކޮށް އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއެޅުންކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ އީމާންތެރިކަން އާކޮށް، ޢަމަލުތައް އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަހެވެ. އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެއްކަން ކީރިތި ޤުރުއާނުގެ ސޫރަތުއްތައުބާގެ 36 ވަނަ އާޔަތުން ސާބިތުވެއެވެ. މި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ބަސްފުޅެއް ޚުޠުބާގައި ގެނެސްދީފައިވެއެވެ.

އެކަލޭގެފާނު ވިދާޅުވެފައިވަނީ، “ފާފަތަކަށް އަރައިގަތުމުން ތިބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވުމަށް، މާތް ﷲ އަންގަވައިފައިވަނީ އަހަރުގެ ބާރަ މަސްދުވަހުގައެވެ. ފަހެ މީގެ ތެރެއިން ހަތަރު މަސް ޚާއްޞަކުރައްވައި ހުރުމަތްތެރިކުރައްވައި މަތިވެރިކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރެއްވިއެވެ.” މިފަދައިންނެވެ.

މީގެ އިތުރުން، ޙައްޖަތުލްވަދާޢުގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ އަލީގައި، އެ ހަތަރު މަހަކީ ކޮބައިކަން ޚުޠުބާގައި ތަފްޞީލުކޮށްދީފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “ހަމަކަށަވަރުން، މާތް ﷲ، އުޑުތަކާއި ބިން ހެއްދެވި ދުވަހެކޭ އެއްގޮތަށް އަހަރުގެ މަސްތައް ވަނީ އިޢާދަވެފައެވެ. އަހަރަކީ، ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސްކަމުގައިވާ، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހެވެ. އަދި ޖުމާދަލްއާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ، މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަހެވެ.”

ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެ މީހުން ހިތުހުރި ގޮތަކަށް މި މައްސަރުތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، އިސްލާމްދީން އައިސް އެކަންކަން ރަނގަޅު މަގަށް އަޅުވައި، އެ މައްސަރުތަކުގެ ހަގީގީ މާތްކަން އުންމަތަށް ސާފުކޮށްދެއްވިކަން މިއަދުގެ ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައް ކުރުންކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. ކޮންމެ ވަގުތެއްގައިވެސް ފާފަކުރުމަކީ ކޯފާ ޙައްޤުވާ ކަމަކަށްވީ ނަމަވެސް، މި ޚާއްޞަ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވެއެވެ. ސަބަބަކީ، އެއީ މާތް ﷲ އަށް އުރެދުމުގެ އިތުރުން، އެކަލާނގެ މަތިވެރިކުރައްވާފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އިހާނެތިކޮށް ހިތުން ކަމުގައި ވާތީއެވެ. މިކަމުގެ ސީރިއަސްކަން ހާމަކޮށްދިނުމުގެ ގޮތުން، އިމާމުއްޝާފިޢީ ފަދަ ބޮޑެތި ޢިލްމުވެރިންގެ އަރިހުގައި މި މައްސަރުތަކުގައި މީހަކު މެރުމުން ދޭންޖެހޭ މަރުގެ ދިޔަ ބޮޑުކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އޭގެ ތެރޭގައި ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ތަސްބީޙައާއި ތަޙުމީދާއި ތަކުބީރު ކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުން ހިމެނެއެވެ. މީގެ އިތުރުން، ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، އަނިޔާ ލިބިފައިވާ މީހުންނަށް ނަޞްރުދިނުމާއި، ނިކަމެތިންނަށް އެހީތެރިވުން ފަދަ ޢަމަލީ ހެޔޮކަންތައްތައް ކުރުމަށް ބާރުއަޅާފައިވެއެވެ.

ހަމައެހެންމެ، ހިތުގެ އަޅުކަންތައްތަކަށްވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލިއެވެ. އޭގެ ތެރޭގައި މާތް ﷲ އަށް އިޚުލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، ފުރިހަމައަށް އީމާންވުން ހިމެނެއެވެ. ހަމައެއާއެކު، ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލަޢުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ވަރަށް ބޮޑަށް އިންޒާރުދީފައިވެއެވެ.

ޚުޠުބާ ނިންމާލަމުން، މުސްލިމުންނަށް ގޮވާލާފައިވަނީ ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މާތް ﷲ އަށް ތަޤުވާވެރިވުމަށެވެ. ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައްޔާއި އަހަރުގެ އެހެނިހެން މަސްތަކުގައިވެސް ކިޔަމަންތެރިކަމުގެ ޢަމަލުތައްކޮށް، ތެދުމަގުގައި ސާބިތުވެ ތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ކިބައިން ޞައްޙަކޮށް ސާބިތުވެފައިވާ ސުންނަތުގައި ހިފެހެއްޓުމަށާއި، ދީނަށް އަލަށް ގެނެސްފައިވާ ކޮންމެ ބިދުޢައަކުން ދުރުހެލިވުމަށް އަންގާފައިވެއެވެ.

ޑައިމޯފިން ޓްރެފިކްކުރި މީހަކު 12 އަހަރާއި 6 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32އ)ގެ މައްޗަށެވެ. އޭނާ 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ 2026 އޭޕްރީލް 7 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 އޮގަސްޓް 19 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހުއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އަހަރު ވެސް ހައްޖުވެރިން ފުރާނީ މައްކާ ރޫޓް އިންތިޒާމުތަކުގެ ތެރެއިން

މި އަހަރު ވެސް ދިވެހި ހައްޖުވެރިން ފުރާނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މައްކާ ރޫޓްގެ ތައްޔާރީތަކަށް އަންނަ ހަފުތާގައި ސައުދީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. މައްކާ ރޫޓް އިނީޝިއޭޓިވަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރުމެވެ. އެހެންކަމުން ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވެއެވެ.

މައްކާ ރޫޓްގައި ރާއްޖެ ހިމަނައިދިނުމަށް ސައުދީ ސަރުކާރު އަރިހުގައި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދުނީ މި އަހަރުގެ މާރިޗު މަހުގައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެއީ ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހުގައެވެ. އެ އިންތިޒާމުތައް ދާއިމީކޮށް ރާއްޖެއަށް ހަމަޖައްސައިދޭން ސައުދީން ނިންމީ މިދިޔަ ނޮވެމްބަރު 11 ގައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަކީލާ ހަވާލާދީ ދައުލަތުގެ މީޑިއާއިން އިއްޔެ ރިޕޯޓުކުރި ގޮތުގައި ހައްޖުގެ ހުރިހާ އިންތިޒާމެއް މިހާރު ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އޮންނާނީ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ރިޕޯޓުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ހައްޖުގައި ރާއްޖެއަށް މައްކާ ރޫޓްގެ ފަސޭހަތައް ލިބުނު ކަމަށާއި، އެ ތަޖުރިބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަސްޓަމްސާއި އިމިގްރޭޝަނާއި ހައްޖު ކޯޕަރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުން ސައުދީ ސަރުކާރުން ފާހަގަކުރި ކަމަށެވެ. މައްކާ ރޫޓް އިނީޝިއޭޓިވަކީ 2018 އިން ފެށިގެން ސައުދީ ވިޝަން 2030 ގެ ދަށުން ތަންފީޒު ކުރަމުން އަންނަ އިނީޝިއޭޓިވެކެވެ.

ސީލައިފް އަންމަޓީގެ މައްޗަށް އުފުލި 42 ދައުވާ ސާބިތެއް ނުވި

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢާ ގުޅިގެން މަކަރާއި ޙީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ސީލައިފް ގްލޯބަލްގެ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ މައްޗަށް ދައުލަތުން އުފުލި 42 ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ޙުކުމް އިއްވީ، އަންމަޓީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކަކީ މަދަނީ ޠަބީޢަތުގެ ދައުވާތަކެއް ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، އަންމަޓީގެ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަންނަވައެވެ. މި 42 ދައުވާ ސާބިތުވި ނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އޮތެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، އަންމަޓީގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށެވެ. ޕީޖީ އޮފީހުން ފާހަގަކުރާ ގޮތުގައި، ކްރިމިނަލް ކޯޓުން މިއީ މަދަނީ މައްސަލައެއް ކަމަށް ނިންމީ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ނުކޮށް، ޚިޔާނާތްތެރިވުމުގެ ކުށަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެންނެވެ. އެހެންކަމުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް ޕީޖީ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލްއާ ދެމެދު 13 މާރިޗު 2014 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރި ނަމަވެސް، ޢަމަލީ މަސައްކަތް ފުރިހަމަ ނުކޮށް 280 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެ ގޮތުގައި ޖުމްލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވެއެވެ. މަސައްކަތް ކުރިއަށް ނުދިއުމުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީން ވަނީ އެ އެއްބަސްވުން ބާޠިލުކޮށްފައެވެ. ތަޙުޤީޤު މަރުޙަލާގައި އަންމަޓީ ސްރީލަންކާއަށް ފިލައިގެން ގޮސް އުޅެނިކޮށް، 2019 ގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ހައްޔަރުކޮށް 2021 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެ ގެނެސްފައިވެއެވެ.

އައު ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ގައި ބާއްވަ

ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭއިން ބުނީ އެ ތާރީޚު ކަނޑައަޅާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން، އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިއާޔަތްކޮށް ކަމަށެވެ. މިހާރު ތިބި ކައުންސިލަރުން ހުވާކޮށްފައިވަނީ 17 މެއި 2021 ގައެވެ.

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލާފައިވެއެވެ. އޭގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލާފައިވެއެވެ.

ކައުންސިލަރުންނާ ޚިލާފަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވައެއް ނުކުރާނެއެވެ. އެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން އިޤުރާރުގައި ސޮއިކުރާނެ ކަމަށް އެލްޖީއޭއިން ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިޢުލާނުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަން އަންގައިފި!

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ ކުންފުނިތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.

ޕީސީބީން ނެރުނު ސާކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މިދިޔަ މާރިޗު 30 ގައި ވެސް އެ ބޯޑުން އަންގާފައިވާނެއެވެ. އެއާ އެކު، އިތުރު ބޮޑެތި ފިޔަވަޅުތައް އަޅަން މިއަދު ނެރުނު ސާކިއުލާގައި ޕީސީބީން ވަނީ އެންގިފައެވެ.

ޕީސީބީން އެންގި ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުމާއި، މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން ހިމެނެއެވެ. އޭގެ އިތުރުން ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލައި، އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުމަށް ވެސް ޕީސީބީން ވަނީ އެންގިފައެވެ. ހަމައެހެންމެ ތަމްރީނު ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ތަމްރީނުތަކުގައި ބައިވެރިވުމާއި، ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ އެހެން ބައެއް އިދާރާތަކުން ވެސް ވަނީ ރަސްމީ މަސައްކަތުގެ ވަގުތު ކުޑަކުރުމާއި އިތުރުގަޑީގެ މަސައްކަތް ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.

ގެއްލުނު މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފި

މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި “އުދަރެސް” ބޯޓުން ގެއްލުނު ދިވެހި މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފި އެވެ.

އެ ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ. އެ އުޅަނދުގައި 13 މީހަކު ދަތުުރުކުރިއިރު އޭގެ ތެރެއިން ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރެއިން ފެށިގެން އައީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް “ހަވާސާ” އަށް މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން ދިޔަ އިސްމާއިލް އަފީފު ފެނިފައިވާ ކަމަށާއި އެ މީހާ ފެނުނީ ކަނޑުމަތިން ކަމަށެވެ. އުމުރުން ދުވަސްވީ އެ މީހާ ފެނުނީ ދިރިހުއްޓާ ކަމަށް ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފެނުނީ އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އަދި އެ މީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ރޭގައި މީޑިއާތަކަށް ބުނީ ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފައި ކަމަށެވެ. އަދި ދިވެއްސަކު ގެއްލިފައިވާއިރު ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ފުލުހުން ބުންޏެވެ.

“އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ސަލާމަތް ކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ވެސް ރަނގަޅެވެ،” ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

“އުދަރެސް” ބޯޓު، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 1:25 ހާއިރު އެވެ.

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ، އިތުރު ދެ ދޯނީގައިވެސް ދެންމެ އަލިފާން ރޯވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ 09:15 އެހައިކަންހާއިރު ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލުމަށް އެސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފީއަލީ ކައުންސިލުން ބުނީ އެރަށަށް ތެޔޮ އުފުލާ ބޯޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ފިހިގެން ފަރުވާއަށް އެރަށު މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގައި ރަށު ބަދަރގައި އަޅާފައި އޮތް އާންމުންގެ މަސްވެރިކަން ކުރާ 2 ދޯންޏެއްގައި ވެސް ރޯވެ އަދަމުންދާ ކަމަށާއި އަދި ފަރުމަސްވެރިކަން ކުރާ އެއް ދޯނީގައި ވެސް ރޯވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އަލްޖަޒީރާގެ ނޫސްވެރިއަކު ޣައްޒާގައި ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި އަލްޖަޒީރާގެ ފަލަސްތީނުގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ދިން ހަމަލާ އަމާޒުވީ އަލްޖަޒީރާ މުބާޝަރުގެ ނޫސްވެރިޔާ މުހައްމަދު ވިޝާހް އިން ވެހިކަލަކަށެވެ. އޭގައި އެހެން ބަޔަކުވެސް ތިއްބެެވެ.

އަލްޖަޒީރާ ނޫހުން ބުނީ އޭނާ ޝަަހީދުކޮށްލާފައި ޣައްޒާ ސިޓީގެ މައި މަގުގައި ކާރު ދުއްވާފައި ދަނިކޮށް ކަމަށެވެ.

ވިޝާހް މަރާއެކު އެކު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ނޫސްވެރިންގެ އަދަދު ވަނީ 262 އަށް އަރައިފައެވެ.

އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް އަމަލު ކުރާތާ މިހާރު ހަ މަސް ދުވަސް ވެފައިވާއިރު، އިސްރާއިލުން އެ ހަނގުރާމައާ ހިލާފު އަމަލުތައް ފުރަތަމަ ދުވަހުން ފެށިގެންވެސް ދަނީ ހިންގަމުންނެވެ. މިގޮތުން މިހާރު އާއްމުކޮށް ހަމަލާތައް އަމާޒުކުރަމުން ދަނީ ހަނގުރާމަ ކަވަރު ކުރަމުން އަންނަ ވިޝާހް ފަދަ ނޫސްވެރިންނަށެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސްރާއީލުން ސިފައިން ވަނީ 2،000 އަށް ވުރެ ގިނަ ފަހަރު، އެއްބަސްވުމާއި ހިލާފުވެފައި ވެއެވެ.

އަހަރުގެ މިހާތަނަށް 684،908 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ 0.7 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ވަނީ، 689،634 ފަތުރުވެރިން ޒިިޔާރަތްކޮށްފައެވެ.

ޓޫރިސްޓުން ޒިޔާރަތްކުރި ނިސްބަތް މިއަހަރުގެ ތެރޭގައި އެންމެ ދަށަށް ގޮސްފައިވަނީ މިދިޔަ މާޗްމަހުގެ ތެރޭގައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން އަންނަ ފްލައިޓްތައް ހުއްޓި ދަތުރުތަކަށް ބުރޫއެރުމެވެ. މާޗްމަސް ފެށުނުއިރު މެދުއިރުމަތިން ރާއްޖެއަށް އުދުހުންތައް ބައްވަމުން އައި ބޮޑެތި ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް ހުއްޓާލިއިރު، މެދުއިރުމަތިން ރާއްޖެއަށް އުދުހުންތައް ބާއްވަމުން އައިސްފައިވަނީ ވަރަށް މަދު ފްލައިޓްތަކެކެވެ. ނަމަވެސް މިހާރު އިއްތިހާދު، ޤަތަރު އަދި އެމިރޭޓްސްއިން ރާއްޖެއަށް ކޮންމެވެސް ވަރަކަށް ދަތުރުތައް ވަނީ ފަށާފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިން

– ޖެނުއަރީ: 227،403 ފަތުރުވެރިން

– ފެބުރުއަރީ: 254،556

– މާޗް: 166،616

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލް ތެރޭގައި ހިމެނެނީ މިހާރުވެސް އާއްމުކޮށް އެންމެގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާއިން 100،185 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރަޝިއާއިން ވަނީ، 84،739 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އިނގިރޭސިވިލާތުން 65،105 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މި މުއްދަތުގެ ތެރޭގައި އިޓަލީން 59،396 އަދި ޖަރުމަނުވިލާތުން 46،245 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފިޔަވައި އަހަރުގެ މިހާތަނަށް އެންމެގިނަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ އައްޑޫސިޓީ ގަން އެއާޕޯޓުންނާއި މާފަރު އެއާޕޯޓުންނެވެ.

– ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް: 665،691 ފަތުރުވެރިން

– ގަން އިންޓަރނޭޝަނަލް އެއާޕޯޓް: 2،813

– މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް: 2،620

– ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް: 1،630

– ވިލާ އިންޓަރނޭޝަނަލް އެއާޕޯޓް: 1،234 ފަތުރުވެރިން

– ދާލު އެއާޕޯޓް: 568 ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ވައިގެ މަގުން 670،102 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު ބިޒްނަސް އެރައިވަލް އުޅެނީ، 4،455 ގައެވެ. އަދި ކުރޫޒް ލައިނާއިން ރާއްޖެއަށް ޒިޔާަރތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ، 10،351 ގައެވެ.

ތެޔޮ މަސްދަޅު ވިއްކާ އަދަދު މިފްކޯއިން ކޮންޓްރޯލުކޮށްފި

ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށްފަހު، ހެޔޮކޮށްފައިވާ ދަނޑިވަޅެއްގައި މިފްކޯއިން ތެޔޮ މަސްދަޅު ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފިއެވެ.

“ހަވާސާ” އަށް އެނގިފައިވާ ގޮތުގައި، މިފްކޯއިން މިހާރު ވަނީ ތެޔޮ މަސްދަޅު ވިއްކާ އަދަދު ލިމިޓުކޮށްފައެވެ. މި ބަދަލާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް މިވަގުތު ދޫކުރަމުންދަނީ އެންމެ ގިނަވެގެން އެއް ކޭހެވެ.

ނަމަވެސް، މިފްކޯގެ އެހެނިހެން އުފެއްދުންތައް އެއްވެސް ކޮންޓްރޯލެއް ނެތި ކުރިއެކޭވެސް އެއްގޮތަށް ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެެވެ. ތެޔޮ މަސްދަޅު ވިއްކާ މިންވަރު ލިމިޓުކޮށްފައިވަނީ، ސްޓޮކް ދަށްވުމުގެ ސަބަބުންނެވެ.

މީގެ ދެ ދުވަސް ކުރިން މިފްކޯއިން ވަނީ ތެޔޮ މަސްދަޅު ވިއްކާ އަގު ވެސް ބޮޑުކޮށްފައެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން އާންމުންގެ ޝަކުވާތައް އިތުރުވުމުން، އެ ނިންމުން ބަދަލުކޮށް، އަލުން ކުރީގެ އަގަށް ވަނީ ތިރިކޮށްފައެވެ.