ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ރާމިޒް އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ރާމިޒް މިއަދު އަވަހާރަވެއްޖެއެވެ.

ރާމިޒް އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.

ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި މައްޔިތާއަށް ޒިޔާރަތްކުރުން މިއަދުގެ 11:00 އިން ފެށީގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.

ރާމިޒް އަވަހާރަވުމުން، ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސްގެ ތައުޒިޔާ މެސެޖުގައިވަނީ ރާމިޒު، މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ.

މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެ މަނިކުފާނު ވަނީ ދުއާދަންނަވާފައެވެ.

ރާމިޒް މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު، އޭނާގެ ޖިމްނާސްޓިކްސް ހުނަރަށް ފާހަގަކޮށްލެވުނެވެ. އަދި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް ފަހު، ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުކަން ކުރެއްވިއެވެ.

ނާޒިމް ސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް ރޭގެ ވަގުތެއްގައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މިހާރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އިތުރު ތަފްސީލު އަންނަނީ….

ސަބްސިޑީ ބަޖެޓުގެ 50 ޕަސެންޓް ހަރަދުކޮށްފި

ދައުލަތުގެ ބަޖެޓުން ސަބްސިޑީތަކަށް މިއަހަރަށް ކަނޑައަޅާފައިވާ 50 ޕަސެންޓް ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތް މިއަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ވަނީ 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފިނޭންސުން ބުނީ މިއީ މިދިޔަ އަހަރަށް ވުރެ 400 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ސަބްސިޑީސްތަކަށްވަނީ 2.8 ބިލިއަން ރުފިޔާ ހިމަނައިފައެވެ. ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަނީ ފިއުލް ސަބްސިޑީ، ޓްރާންސްޕޯޓް ސަބްސިޑީ އަދި ކުންޏާއި ނަރުދަމާގެ ހިދުމަތުން ދޭ ސަބްސިޑީ އަށެވެ.

އެ ސަބްސިޑީސްތައް ފިޔަވައި ދެން ހުންނަ ސަބްސިޑީސްތަކަށް ބަޖެޓުގައި ހިމަނާފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެހެނިހެން ސަބްސިޑީތަކަށް ހޭދަކޮށްފައިވަނީ 246 މިލިއަން ރުފިޔާކަމަށް ފިނޭންސުން ބުންޏެވެ.

މިއަހަރު ސަރުކާރުން އެހެން އިތުރު ބޭނުންތަކަށް ދޭ ސަބްސިޑީތަކަށް ބޮޑު ހޭދައެއް ކުރަން ނިންމާފައިވެއެވެ. އެގޮތުން މެޑިކަލް ބޭނުންތަކަށް އެންސްޕާ މެދުވެރިކޮށް 77 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އާސަންދަ ސްކީމަށް ވަނީ 629 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ރާއްޖެއަށް ހަންޓާވައިރަސްގެ ރިސްކު ވަރަށް ކުޑަ: އެޗްޕީއޭ

ރާއްޖެއަށް ހަންޓާވައިރަސްގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުންދިޔަ “އެމްވީ ހޮންޑިއަސް” ކްރޫޒް ޝިޕްގައި ހަންޓާވައިރަސް ފެތުރި، މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ހަތަރު މީހަކު ވަނީ ފަރުވާއަށް އުޅަނދުން ބާލާފައެވެ. މި ހާދިސާއާ ގުޅިގެން، އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކަށް އެނބުރި ދިޔަ ފަސިންޖަރުން ހޯދައި، ބަލި ފެތުރުން ހުއްޓުވުމުގެ ބޮޑު މަސައްކަތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރަމުންނެވެ.

ހަންޓާވައިރަސް އާންމުގޮތެއްގައި ފެތުރެނީ މީދާ ފަދަ ސޫފީގެ ނަޖިހުން ތަޣައްޔަރުވެފައިވާ ވައިގެ ޒަރީއާއިންނެވެ. ނަމަވެސް މި ކްރޫޒް ޝިޕުން ފެނިފައިވަނީ އިންސާނުންގެ މެދުގައި ގައިގޯޅިވުމުން ފެތުރޭ “އެންޑީސް” ސްޓްރެއިންއެވެ.

މި ބަލީގެ ވާހަކަ ފެތުރިދާނެ ކަމުގެ ބިރު އޮތްއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަމާލުކަން ވަނީ މިކަމަށް ލިބިފައެވެ.

އެ ބައްޔާ ގުޅިގެން އެޗްޕީއޭއިން މިރޭ ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ އެކަން މޮނިޓާކުރަމުން ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހަމައެއާއެކު ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ހަންޓާވައިރަސްގެ ނުރައްކާ އާންމުންނަށް ކުޑަކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ޑަބްލިއުއެޗްއޯގެ ޑރ. މާރިއާ ވެން ކާކޯވް ވިދާޅުވި ގޮތުގައި، މިއީ އާލަމީ ވަބާއެއްގެ ފެށުމެއް ނޫނެވެ. އަދި މިއީ ކޯވިޑް ނުވަތަ އިންފްލުއެންޒާ ފަދަ ބައްޔެއް ނޫން ކަމަށާއި، މި ބަލި ފެތުރޭ ގޮތް މުޅިން ތަފާތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަންޓާވައިރަސް ޖެހުމުން އިންސާނުންގެ ކިބައިން އޭގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލިޖެހޭތާ އެއް ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތެއްގައެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ އާންމު ރޯގާގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެކެވެ. މީގެ ތެރޭގައި ގަދައަށް ހުން އައުން، ވަރުބަލިވުން، މަސްތަކުގައި ގަދައަށް ރިއްސުން (ޚާއްޞަކޮށް ފަލަމަސްގަނޑު، އުނަގަނޑު އަދި ބުރަކަށީގައި)، ބޮލުގައި ރިއްސުން، އަދި ބަނޑުގެ މައްސަލަތައް (މޭނުބައިކުރުން، ބޭރަށް ހިންގުން) ހިމެނެއެވެ.

މި އަލާމާތްތައް ފެންނަން ފެށުމަށްފަހު، ވަރަށް އަވަހަށް ނޭވާލާ ނިޒާމުގެ ބޮޑެތި މައްސަލަތަކަށް ބަދަލުވެއެވެ. މީގެ ތެރޭގައި ކެއްސުން، ނޭވާ ކުރުވުން އަދި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ހިމެނެއެވެ.

އަހަރުގެ މިހާތަނަށް 8 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު އަށް ލައްކައަށްވުރެ މައްޗަށް އަރާފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.4 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 813,510 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 878,492 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 202,214 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހު މި އަދަދު ވަނީ 216,544 އަށް އުފުލިފައެވެ. އަދި މާޗް މަހު 216,309 ފަތުރުވެރިން އަދި އޭޕްރީލް މަހު 207,707 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 125,682 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މާކެޓް ހިއްސާގެ 15.5 އިންސައްތައެވެ. ދެވަނައިގައި 107,368 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 73,493 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނުވިލާތް އަދި އިންޑިއާއަކީވެސް ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ.

ރާއްޖެއައި ފަތުރުވެރިންގެ ޓޮޕް މާކެޓުތައް:
* ޗައިނާ: 125،682 ފަތުރުވެރިން
* ރަޝިއާ: 107،368 ފަތުރުވެރިން
* އިނގިރޭސިވިލާތް: 73،493 ފަތުރުވެރިން
* އިޓަލީވިލާތް: 66،333 ފަތުރުވެރިން
* ޖަރުމަނުވިލާތް: 54،483 ފަތުރުވެރިން

ފަތުރުވެރިންގެ އިތުރުން، ވިޔަފާރި ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނާއި ކްރޫޒް ލައިނާތަކުގައި އަންނަ ފަސިންޖަރުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 6,407 މީހުން ވިޔަފާރި ވިސާގައި ޒިޔާރަތްކޮށްފައިވާއިރު، 8,263 މީހުން ކްރޫޒް ފަސިންޖަރުންގެ ގޮތުގައި ވަނީ ރާއްޖެއަށް އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް 6,972 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ފަތުރުވެރިންގެ ތަފާސްހިސާބު:
* ރިސޯޓް: 567،371 ފަތުރުވެރިން
* ގެސްޓްހައުސް: 202،815 ފަތުރުވެރިން
* ހޮޓެލް: 21،682 ފަތުރުވެރިން
* ސަފާރީ: 18،225 ފަތުރުވެރިން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ ޖުމްލަ 807,016 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން، މާފަރު އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ފަތުރުވެރިން ވަނީ އެތެރެވެފައެވެ. މިހާރު ފަތުރުވެރިން އަންނަ ދުވެލީގައި ކުރިއަށްދާނަމަ، އަހަރު ނިމޭއިރު 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެފައިވަނީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ގިނަ ބަޔަކު ރާއްޖެ އަންނަނީ މެދުއިރުމަތީގެ ރޫޓްތަކުންނެވެ. އެކަމަކު، އެ ރޫޓްތަކުން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެ ގޮންޖެހުން ރާއްޖެއަށް ވަނީ ބޮޑުވެފައެވެ.

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށްވި ނަމަވެސް ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަަން އިސްކުރުމުގެ މުހިންމުކަން: ރައީސް

ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަަން އިސްކުރުމުގެ މުހިންމުކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމުގެ އިތުރުން ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް ވެސް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ގައުމެއް ބިނާކުރުމުގެ މުހިންމުކަން ކަމަށެވެ.

“ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ ދަރީން. އަޅުގަނޑުމެންގެ އާއިލީ މެންބަރުން. އެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ އަދި މަސްއޫލިއްޔަތު،” ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށާއި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ފަށައިފައެވެ.

މީގެ އިތުރުން މާލޭގައި ހުރި ތެލެސީމިއާ ސެންޓަރުގެ އިމާރާތް ބާވެ، ޖާގަ ކުޑަވުމުން ހިދުމަތް ދިނުމަށް ދަތިވުމުގެ ސަބަބުން އެކަން ހައްލުކުރުމަށް ހުޅުމާލެ އޮރެޖެންޖު ހިޔާއަށް އެ ސެންޓަރު މިދިޔަ އަހަރު ސަރުކާރުންވަނީ ބަދަލުކޮށްފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން މީހަކު ހައްޔަރުކޮށްފި

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދެވެ.

މި މައްސަލައަކީ ކުޑަކުއްޖަކާ ގުޅޭ ނާޒުކު މައްސަލައަކަށްވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި ރަށާއި އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން ސަރުކާރުގެ އިދާރާތައް ގުޅިގެން މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ރުފިޔާގެ އަގު ހިފަހައްޓަން ތިން ބިލިއަން ރުފިޔާ އެމްއެމްއޭށް ވައްދައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، މާކެޓުގައި ދައުރުވަމުންދިޔަ ތިން ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދައިފިއެވެ.

މިއީ ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު މަތިވަމުންދާތީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން އަޅަން ފަށައިފައިވާ ފިޔަވަޅުތަކެވެ. ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ މަދުކުރުމަށް، އޯއެމްއޯ ގެ ދަށުން ރިވާސް ރީޕަޗޭސް އޮޕަރޭޝަންސް އެމްއެމްއޭއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެއީ ސަރުކާރުން އެކި ދުވަސްވަރު މަތިން މިގޮތަށް ޗާފުކޮށްފައިވާ ފައިސާގެ އަދަދުކަމަށް ތަފާސްހިސާބުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިގްތިސާދުގައި ދައުރުވި ފައިސާ ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އިގްތިސާދުގައި ގާތްގަނޑަކަށް 72 ބިލިއަން ރުފިޔާ ދައުރުވިކަމަށް އެމްއެމްއޭއިން ބުންޏެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭ، އެމްއެމްއޭއިން ވަނީ މަނީ އެކްސްޗޭންޖް ގާނޫނަށް ބަދަލު ގެނެސް، ޓޫރިޒަމް ދާއިރާއިން ވަންނަ ޑޮލަރުގެ ބައެއް ރާއްޖޭގެ ބޭންކްތަކުގައި މާރު ކުރަން މަޖުބޫރުކޮށްފައެވެ، އެ ބަދަލު ގެނައީ ބޭރު ފައިސާގެ ރިޒާވް އިތުރުކޮށް، އެކްސްޗޭންޖް ރޭޓަށް އަންނަ ޕްރެޝާ ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އެ ބަދަލާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވާއިރު، ސަރުކާރުން ދައްކަން ޖެހުނު ސުކޫކަށްވާ ފައިސާވެސް މިދިޔަ މަހުގެ ތެރޭގައިވަނީ ދައްކައި ހަލާސްކޮށްފައެވެ.

ފަވަރަ މެދުވެރިކޮށް 51 ބިލިއަން ރުފިޔާގެ މުއާމަލާތް މިދިޔަ އަހަރުކުރި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ “ފަވަރަ” ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް މިދިޔަ އަހަރު 51 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ފަވަރަ ތައާރަފުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕޭމަންޓް ސިސްޓަމަކެވެ.

އެމްއެމްއޭއިން މިހާރު އާންމުކޮށްފައިވާ އެ އިދާރާގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ 123 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭއިން ބުނީ 2024 ވަނަ އަހަރު ފަވަރަ މެދުވެރިކޮށް ހިންގީ 24 ބިލިއަން ރުފިޔާގެ މުއާމަލާތް ކަމަށާއި އެއީ 7.8 މިލިއަން ޓްރާންސެކްޝަން ކަމަށެވެ.

ފައްޔާޒް ފަހަތަށް ޖެހި، ނަޝީދު ރިޔާސީ ޓިކެޓް ހޯދުމަށް މަސައްކަތް ފެށުން ގާތް

ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ކަންކަން މިވަނީ ވަރަށް ޝައުޤުވެރި މިސްރާބަކަށް އެނބުރިފައެވެ. ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ފޯރި މިހާރުން ފެށިގެން ގަދަވާން ފަށައިފިއެވެ. މިގޮތުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނިކުންނަވަން ނިންމަވާފައިކަން އިޢުލާންކުރައްވާފައެވެ.

މި އިޢުލާނާއެކު ސިޔާސީ މަސްރަޙުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފައްޔާޒް އިސްމާޢީލަށް ތާޢީދުކުރައްވާކަން ހާމަކުރެއްވުމާ ގުޅިގެންނެވެ. މިއީ މީގެ ކުރިން ސިޔާސީ ގޮތުން ދެބަސްވުންތަކެއް އުފެދިފައިވާ ދެ ބޭފުޅުން ކަމަށްވުމާއެކު، މިކަމުގެ ފަހަތުގައިވާ ސިޔާސީ މަޤްޞަދުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މި ދެބޭފުޅުން ގުޅިވަޑައިގެން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އެމްޑީޕީގެ މުސްތަޤުބަލާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމުގައި ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

މި ރިޕޯޓުގައި އަލިއަޅުވާލާނީ ފައްޔާޒް އިސްމާޢީލްގެ ރިޔާސީ ކެމްޕެއިނާއި، ރައީސް ނަޝީދުގެ ތާޢީދާއި، އަދި ޕާޓީގެ އެތެރޭގައި އޮތް ތާޢީދުގެ މިންވަރަށް ބަލައި، ކުރިއަށް އޮތް ތަނުގައި މި ސިޔާސީ ކުޅިގަނޑު އެނބުރިގެންދާނެ ގޮތުގެ މައްޗަށެވެ. ޚާއްޞަކޮށް ފައްޔާޒަށް އޮތް ތާޢީދު ކުޑަވުމުގެ ސަބަބުން އޭނާ ފަހަތަށް ޖެހިވަޑައިގެން، ރައީސް ނަޝީދު ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް އޮތް ފުރުޞަތުތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދެވޭނެއެވެ.

ފައްޔާޒާއި ނަޝީދުގެ ސިޔާސީ އެއްބަސްވުމާއި ބޮޑު ބަދަލު
ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އުފެއްދެވުމަށްފަހު، އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެން ފައްޔާޒާއެކު މަސައްކަތް ފެއްޓެވުމަކީ ދިވެހި ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭނެ ކަމެކެވެ. ރައީސް ނަޝީދު ވަނީ ފައްޔާޒް އިސްމާޢީލަށް 2028 ގެ ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމަށް ތާޢީދުކުރައްވާކަން ފާޅުގައި އިޢުލާންކުރައްވާފައެވެ. މީގެ ބަދަލެއްގެ ގޮތުން ފައްޔާޒް އިސްމާޢީލް ގެންދަވަނީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންކަމަށް ގެނައުމަށް ތާޢީދުކުރައްވައި ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ.

ދާދި ފަހުން މި ދެބޭފުޅުން ގުޅިވަޑައިގެން ފައްޓަވާފައިވާ ބޮޑު ބަދަލު ކެމްޕެއިންގެ ތެރެއިން މިކަން ވަރަށް ސާފުކޮށް ވަނީ ފެނިގެން ގޮސްފައެވެ. މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ޤާނޫނުއަސާސީއަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމެވެ. އެގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަޤާމު ވަކިކުރުމަށް މި ކެމްޕެއިންގެ ތެރެއިން ވަނީ ހުށަހަޅާފައެވެ. މިއީ ސީދާ ރައީސް ނަޝީދުގެ ސިޔާސީ ވިސްނުންފުޅާ ގުޅިފައިވާ ކަމެކެވެ.

މާޒީއަށް ބަލާއިރު، ރައީސް ނަޝީދާއި ފައްޔާޒް އިސްމާޢީލަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތަކެއް ގެންގުޅުއްވި ދެ ބޭފުޅުންނެވެ. 2021 އަދި 2022 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީގެ އެތެރޭގައި އުފެދުނު ބޮޑެތި ކޯޅުންތަކުގެ ތެރޭގައި، ރައީސް ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފައްޔާޒް ޗެއަރޕާސަން ކަމަށް ވާދަކުރެއްވި އިންތިޚާބުގައި، ރައީސް ނަޝީދު ތާޢީދުކުރެއްވީ ފައްޔާޒާ ވާދަކުރެއްވި އިމްތިޔާޒް ފަހުމީއަށެވެ.

އެހެންނަމަވެސް، ސިޔާސީ މައިދާނަކީ ދާއިމީ ދުޝްމަނުންނާއި ދާއިމީ އެކުވެރިން ނުތިބޭނެ ތަނެއްކަން ސާބިތުކޮށްދެމުން، މިއަދު މި ދެބޭފުޅުން މިވަނީ އެއް ގަލަކަށް އަރާފައެވެ. ފައްޔާޒް އިސްމާޢީލް އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމުން 2025 ވަނަ އަހަރުގެ ފަހުކޮޅު އިސްތިޢުފާ ދެއްވީ ސީދާ ރިޔާސީ ޕްރައިމަރީއަށް އަމާޒު ހިއްޕެވުމުގެ ގޮތުންނެވެ. އެ ހުސްވި ޖާގައަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވުމާއެކު، މި ދެބޭފުޅުންގެ މެދުގައި އޮތް ސިޔާސީ އެއްބަސްވުން ވަނީ އިތުރަށް ހާމަވެފައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބައްޓަންކުރެވިފައިވާ ގޮތުން، ޕާޓީގެ ޗެއަރޕާސަނަކީ ޕާޓީގެ އެތެރޭގެ ހިންގުމާއި، ގޮފިތަކާއި، އަދި އިދާރީ ހުރިހާ ކަމެއްގެ އެންމެ އިސް ފަރާތެވެ. ރައީސް ނަޝީދު ޗެއަރޕާސަންކަމަށް ވަޑައިގެން، ފައްޔާޒް ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމުން، ޕާޓީގެ އެތެރޭގެ ކޮންޓްރޯލް ނަޝީދުގެ އަތްޕުޅުގައި އޮންނާނެއެވެ. ނަމަވެސް މިއީ ހަމައެކަނި ފެންނަން އޮތް މަންޒަރެވެ. މިކަމުގެ އަޑީގައިވާ ޙަޤީޤީ ސިޔާސީ މަޤްޞަދުތައް މާ ފުޅާވެފައި ފުންކަމަށް ބެލެވެއެވެ.

ނަޝީދުގެ ޒަމާންވީ އަމާޒު: ބަރުލަމާނީ ނިޒާމާއި ބޮޑުވަޒީރުކަން
ރައީސް ނަޝީދަކީ އަބަދުވެސް ބޮޑު ވަޒީރުކަން ކުރައްވާ ހިތްވާ ބޭފުޅެއްކަމާއި، އަދި ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވާ ބޭފުޅެއްކަން އެއީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ އެނގޭނެ ޙަޤީޤަތެކެވެ. އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދެވި އެއް ކަމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި އެމަނިކުފާނު ވަނީ ތަފާތު އެކި ފަހަރުމަތިން މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތަކުގައި ޢަމަލުކުރަމުންދާ ނިޒާމަކަށް ވާއިރު، ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެފަދަ ކުޑަ އާބާދީއެއް އޮންނަ ޤައުމަކަށް އެންމެ އެކަށީގެންވަނީވެސް މި ނިޒާމެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ އެންމެހާ ބާރުތައް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިންތިޚާބުކުރެވޭ ބޮޑުވަޒީރެއްގެ އަތްޕުޅުގައެވެ. ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސަކީ ހަމައެކަނި ރަމްޒީ މަޤާމެއް ފުރުއްވާ ބޭފުޅަކަށް ވެގެންދާނެއެވެ.

ބޮޑު ބަދަލު ކެމްޕެއިންގެ ތެރެއިން އެބޭފުޅުން ހުށަހަޅުއްވާފައިވާ ދައުލަތުގެ އެންމެ އިސްވެރިޔާއާއި ސަރުކާރުގެ އެންމެ އިސްވެރިޔާ ވަކިކުރުމުގެ ވިސްނުމަކީ ސީދާ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެވެ. ފައްޔާޒް ރިޔާސީ ޓިކެޓަށް ނެރުއްވުމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ، ފައްޔާޒަކީ ރައީސް ނަޝީދުގެ މި ތަޞައްވުރާ އެއްގޮތަށް މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފައިވާ ބޭފުޅަކަށް ވުމެވެ.

ފައްޔާޒް ވެރިކަމަށް ވަޑައިގެންފިނަމަ، ޤާނޫނުއަސާސީއަށް ބަދަލުގެނެސް، ސަރުކާރު ހިންގުމުގެ ބާރު ބޮޑުވަޒީރަކަށް ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ބެލެވެއެވެ. އަދި އެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންނަވާނީ ރައީސް ނަޝީދުކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައީސް ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހެއްގެ ތެރެއިން ބޮޑުވަޒީރުކަމަށް ވަޑައިގެން، ސީދާ ރައްޔިތުންގެ މަންދޫބުންގެ ކުރިމަތީގައި ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް ސަރުކާރު ހިންގަވާށެވެ.

ރައީސް ނަޝީދުގެ މި ވިސްނުންފުޅަކީ ވަރަށް ދުރު ރާސްތާއަކަށް އަމާޒުކުރެވިގެން ރޭވިފައިވާ ވިސްނުންފުޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެމަނިކުފާނަށް އޮތް ތާޢީދާއި ލޯބި ބޭނުންކުރައްވައިގެން، އެމްޑީޕީގެ އާންމު މެމްބަރުން ލައްވައި މި ނިޒާމީ ބަދަލަށް ރުހުން ހޯއްދެވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެހެންކަމުން ފައްޔާޒަށް ތާޢީދުކުރެއްވުމަކީ، އެމަނިކުފާނުގެ އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއަށް ނެރުއްވުމަށްޓަކައި އަޅުއްވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ފައްޔާޒްގެ ތާޢީދު ކުޑަވުމާއި ކުރީގެ ނައިބު ރައީސްގެ މަޤްބޫލުކަން
ފައްޔާޒް އިސްމާޢީލަކީ އެމްޑީޕީގެ އެތެރޭގައި ނުފޫޒުގަދަ ބޭފުޅެއް ކަމުގައި ވިޔަސް، އާންމު ރައްޔިތުންނާއި ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފައްޔާޒް އިސްމާޢީލަށް މާބޮޑު ތާޢީދެއް ނެތްކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ. އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ގެންގުޅުއްވި ބައެއް ހަރުކަށި ސިޔާސަތުތަކާއި، ޕާޓީގެ ޗެއަރޕާސަންކަމުގައި ހުންނެވިއިރު ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުން، ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

ފައްޔާޒަށް ތާޢީދު ކުޑަވުމުގެ މައިގަނޑު ސަބަބަކީ، އޭނާއަކީ ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިޔާސީ ޖާދޫ އަދި މީހުން ޝައުޤުވެރިކުރުވުމުގެ ހުނަރު އޭނާގެ ކިބައިގައި ނެތްކަމަށް ގިނަ ބަޔަކު ދެކޭތީއެވެ. ޚާއްޞަކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަންޖެހޭ އެއް ބޭފުޅަކީ ފައްޔާޒް ކަމަށް ޕާޓީގެ ގިނަ މެމްބަރުން ތުހުމަތުކުރެއެވެ.

މިއާ ޚިލާފަށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ފައްޔާޒަށްވުރެ ތާޢީދު ބޮޑުކަން ފާހަގަކުރެވެއެވެ. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަކީ އާންމު ރައްޔިތުންނާ ގުޅޭ، ހިތްތިރި އަދި އެއްވެސް ކަހަލަ ކޮރަޕްޝަންގެ ތުހުމަތެއް ނެތް ސާފު ސިޔާސީ މާޟީއެއް އޮތް ބޭފުޅަކަށް ވުމާއެކު، އެމްޑީޕީގެ ގިނަ އާންމު މެމްބަރުންގެ ލޯބި ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ. އެމަނިކުފާނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިޖުތިމާޢީ މަސައްކަތްތައް ކުރައްވާފައިވާ، އަދި ރައްޔިތުންގެ ތެރެއިން އައިސްފައިވާ ބޭފުޅަކަށް ވުމުން އާންމުންގެ އިތުބާރު ވަރަށް ބޮޑެވެ. އަދި ފައިސަލް ގެންދަވަނީ ހިމޭން ކެމްޕެއިނެއްވެސް ކުރައްވަމުންނެވެ.

އެމްޑީޕީގެ އެތެރޭގައި ބާއްވާ ޕްރައިމަރީއެއްގައި ކުރީގެ ނައިބު ރައީސް ވާދަކުރައްވައިފިނަމަ، ފައްޔާޒަށްވުރެ މާ ބޮޑު ތަފާތަކުން ކުރީގެ ނައިބު ރައީސް ކުރިހޯއްދަވާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ލަފާކުރައްވައެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ އާބާދީ ބޮޑެތި ރަށްރަށުގައި ކުރީގެ ނައިބު ރައީސަށް އޮތް ތާޢީދު ވަރަށް ބޮޑެވެ. މިއީ ފައްޔާޒަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

އެމްޑީޕީ ފަދަ ޑިމޮކްރެޓިކް އުޞޫލުތަކަށް އިސްކަންދޭ ޕާޓީއެއްގައި، ކެންޑިޑޭޓެއްގެ އެންމެ ބޮޑު ރައުސްމާލަކީ އާންމު މެމްބަރުންގެ ތާޢީދެވެ. ފައްޔާޒަށް ޕާޓީގެ އިސް ސަފުގެ ބައެއް ބޭފުޅުންގެ ތާޢީދު އޮތް ނަމަވެސް، ޕާޓީގެ އާންމު މެމްބަރުންގެ ތާޢީދު ނެތުމަކީ ރިޔާސީ ޕްރައިމަރީއެއް ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. ސިޔާސީ މައިދާނުގައި ނަތީޖާ ނެރެވޭނީ ރައްޔިތުންގެ ވޯޓުން ކަމަށްވާއިރު، ތާޢީދު ނެތް ކެންޑިޑޭޓަކު ނެރެގެން އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެކަން ފައްޔާޒަށާއި ރައީސް ނަޝީދަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.

ސިޔާސީ އުކުޅެއްގެ ގޮތުން ފައްޔާޒް ފަހަތަށް ޖެހިވަޑައިގަތުމުގެ ފުރުޞަތު
މިހާރުގެ މަސްރަޙަށް ބަލާއިރު، ފައްޔާޒަށް ތާޢީދު ނެތޭ ވިދާޅުވެ، ފަހު ވަގުތު ފައްޔާޒް ފަހަތަށް ޖެހުން ވަރަށް ގާތް ކަމަށް ފެނެއެވެ. ސިޔާސީ ކުޅިބައި އެތުރެމުންދާ ގޮތަށް ބަލާއިރު، މިއީ ކުރީބައިގައި ރޭވިގެން ހިނގަމުންދާ ކުޅިގަނޑެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ފައްޔާޒް ޕްރައިމަރީއަށް ނުކުމެވަޑައިގަތުމަށްފަހު، ކެމްޕެއިންގެ ތެރެއިން އާންމުންގެ ތާޢީދު ނެތްކަން އިޙުސާސްކުރެއްވުމުން، ނުވަތަ އެފަދަ ބަހަނާއެއް ދެއްކެވުމަށްފަހު ފަހަތަށް ޖެހިވަޑައިގަތުމަކީ ސިޔާސީ ގޮތުން އެންމެ ރައްކާތެރި ގޮތް ކަމުގައި އޭނާ ނިންމެވުން ގާތެވެ.

ޕްރައިމަރީގައި ވާދަކުރައްވައި ބޮޑު ތަފާތަކުން ބަލިވުމަކީ ފައްޔާޒްގެ ސިޔާސީ މުސްތަޤުބަލަށް އެޅޭނެ ވަރަށް ކަޅު ހިޔަނިއަކަށް ވާނެއެވެ. އެހެންކަމުން، ބަލިވުމުގެ ކުރިން އަމިއްލަފުޅަށް ނަން އަނބުރާ ގެންދެވުމަކީ ސިޔާސީ ގޮތުން ލިބޭނެ ގެއްލުން ކުޑަކުރެވޭނެ ގޮތެކެވެ. ސިޔާސީ މައިދާނުގައި ފަހަތަށް ޖެހުމަކީ ބަލިގަބޫލުކުރުން ކަމުގައި އަބަދުވެސް ނުވެއެވެ. ބައެއް ފަހަރު އެއީ ކުރިއަށް އޮތް ބޮޑު މަންޒަރަށް ވިސްނައި އަޅާ ޙިކުމަތްތެރި ފިޔަވަޅެކެވެ.

މީގެ އިތުރުން، ފައްޔާޒް ފަހަތަށް ޖެހިވަޑައިގަންނަވާނީ ހަމައެކަނި ތާޢީދު ނެތިގެންނެއް ނޫނެވެ. އެއީ ރައީސް ނަޝީދަށް ޖާގަ ދެއްވުމަށްޓަކައި ގަސްތުގައި ކުރައްވާނެ ކަމެއް ކަމަށްވެސް ޤަބޫލުކުރެވެއެވެ. ޕާޓީގެ މަސްލަޙަތާއި އެއްބައިވަންތަކަން ހިފެހެއްޓުމުގެ ނަމުގައި ފައްޔާޒް ފަހަތަށް ޖެހިވަޑައިގަތުމުން، އޭނާއަށް ޕާޓީގެ އެތެރޭގައި އިޙުތިރާމް ލިބިގެންދާނެއެވެ. މިއީ ފައްޔާޒަށް ޕާޓީގެ ތެރޭގައި ގުރުބާންވި ލީޑަރެއްގެ ލަޤަބު ލިބި، ކުރިއަށް އޮތްތާނގައި ސިޔާސީ ގޮތުން އިތުރު ފައިދާތަކެއް ލިބުމުގެ މަގު ފަހިވެގެންދާނެ ކަމެކެވެ.

މި މަންޒަރު ކުރެހިގެންދާނީ ވަރަށް ފުރިހަމަ ސިޔާސީ ކުޅިވަރެއްގެ ގޮތުގައެވެ. ފައްޔާޒް ކެމްޕެއިން ކުރައްވާނެއެވެ. ނަމަވެސް އެތެރޭގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ނަތީޖާއާ ޙަވާލާދީ، ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ ތާޢީދު ބޮޑު އެހެން ކެންޑިޑޭޓަކަށް ފުރުޞަތު ދިނުންކަމަށް އިޢުލާންކުރައްވާނެ ކަމަށް ބެލެވެއެެވެ. މިގޮތަށް ފަހަތަށް ޖެހުމުން، ފައްޔާޒަށް ރައީސް ނަޝީދުގެ ސަރުކާރެއްގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރުކަން ލިބުމުގެ ޔަޤީންކަން އޮންނާނެއެވެ.

ނަޝީދު ރިޔާސީ ޓިކެޓް ހޯއްދެވުމަށް ނުކުމެވަޑައިގަތުން ގާތްވުން
ފައްޔާޒް ފަހަތަށް ޖެހިވަޑައިގަތުމާއެކު ދެން ފެނިގެންދާނީ ރައީސް ނަޝީދު ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރައްވާ މަންޒަރެވެ. މިކަން ވުން ވަރަށް ގާތް ކަމަށް ސިޔާސީ މުޙައްލިލުން ދެކެއެވެ. ފައްޔާޒް މައިދާނުން ދުރަށް ޖެހިވަޑައިގަތުމުން، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރާނެ ވަރުގަދަ ކެންޑިޑޭޓަކަށް ދެން ހުންނަވާނީ ކުރީގެ ނައިބު ރައީސެވެ. ނަމަވެސް، ރައީސް ނަޝީދުގެ ފަޅިން ބޭނުންވާނީ އެމީހުންގެ ކޮންޓްރޯލް އޮންނަ ބޭފުޅަކު ޓިކެޓް ހޯއްދެވުމަށެވެ.

ފައްޔާޒް މައިދާނުން ދުރަށް ޖެހިވަޑައިގަތުމާއެކު، ޕާޓީއަށް މާޔޫސްކަން ކުރިމަތިވެދާނެކަމުގެ ބިރު ދައްކައި، ޕާޓީ ސަލާމަތްކުރުމުގެ ނަމުގައި ރައީސް ނަޝީދު މައިދާނަށް ނުކުމެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ. ރައީސް ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅަކަށް ވުމުން، ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ވިދާޅުވެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިޢުލާންކުރައްވާނެއެވެ. މިއީ އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ ވަރަށް ކާމިޔާބު ސިޔާސީ އުކުޅެކެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ އާންމު މެމްބަރުންގެ މެދުގައި އޮތް ތާޢީދަކީ ދުވަހަކުވެސް ފަނޑުވެގެންދާނެ އެއްޗެއް ނޫންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. ކުރީގެ ނައިބު ރައީސް ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް، ރައީސް ނަޝީދު ނުކުމެވަޑައިގެންފިނަމަ މުޅި އިންތިޚާބުގެ މިސްރާބު ބަދަލުވެގެންދާނެއެވެ. ނަޝީދުގެ ކެރިވަޑައިގަތުމާއި، ވާހަކަފުޅުދެއްކެވުމުގެ ހުނަރާއި، މީހުން އަމިއްލަ ފިކުރަށް ލެންބުވުމުގެ ޤާބިލުކަމަކީ އެމްޑީޕީގެ އެހެން އެއްވެސް ލީޑަރެއްގެ ކިބައިގައި ހުރި ސިފަތަކެއް ނޫނެވެ.

ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވައިގެން 2028 ގެ އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ކުރިންވެސް ފާހަގަކުރެވުނު ފަދައިން ބަރުލަމާނީ ނިޒާމަކަށް ޤައުމު ފުރޮޅާލުމެވެ. އެމަނިކުފާނު ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނުއަސާސީއަށް ބަދަލުގެނެސް، ބޮޑުވަޒީރުކަމުގެ މަޤާމު އުފައްދަވައި، އެ މަޤާމަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ މައިގަނޑު ރޭވުމަށް ވުން އެކަށީގެންވެއެވެ.

އެމްޑީޕީގެ މުސްތަޤުބަލާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރާނެ އަސަރު
މިފަދަ ބޮޑު ސިޔާސީ ބަދަލުތަކެއް އެމްޑީޕީގެ އެތެރޭގައި ހިނގައިފިނަމަ، ޕާޓީގެ މުސްތަޤުބަލަށް ކުރާނެ އަސަރުތަކާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. އެއްކޮޅުން، ރައީސް ނަޝީދު އަލުން ޕާޓީގެ އެންމެ އިސް ސަފަށް ވަޑައިގަތުމަކީ ޕާޓީގެ އަސްލު ފިކުރުގެ މެމްބަރުންނަށް ލިބިގެންދާނެ ބޮޑު އުފަލަކާއި ހިތްވަރަކަށް ވެއެެވެ. ނަމަވެސް އަނެއްކޮޅުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނަށް ތާޢީދުކުރާ ފަޅިން މިކަމާ ދެކޮޅު ހެދުމަކީ ވަރަށް ގާތް ކަމެކެވެ. މީގެ ސަބަބުން ޕާޓީގެ އެތެރޭގައި އަނެއްކާވެސް ބޮޑު ބައިބައިވުމެއް އުފެދުން އެކަށީގެންވެއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވަރަށް މުހިންމު އިންތިޚާބަކަށް ވާނެއެވެ. އެމްޑީޕީން ނެރޭ ކެންޑިޑޭޓަކީ މުޅި ޕާޓީ އެއްބައިވަންތަކޮށް، އާންމު ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ބޭފުޅަކަށް ވާންޖެހެއެވެ. ފައްޔާޒް ފަހަތަށް ޖެހިވަޑައިގެން ނަޝީދު ނުކުމެވަޑައިގަންނަވާ ޙާލަތެއްގައި، އެމްޑީޕީއަށް ޖެހޭނީ އާންމު ރައްޔިތުންނަށް މި ބަދަލު ގެނައި ސަބަބު ވަރަށް ސާފުކޮށް ކިޔައިދޭށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ގެންދިއުމަށް ދިވެހި ރައްޔިތުން ރުހޭކަން ނުވަތަ ނޫންކަންވެސް މިއިންތިޚާބުން ސާފުވެގެންދާނެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގަތުމަށް ނިންމަވާފައިވީ ނަމަވެސް، އޭނާއަށް އޮތް ތާޢީދު ކުޑަވުމާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ މަޤްބޫލު ބޭފުޅުންގެ ތާޢީދު ބޮޑުވުމުގެ ސަބަބުން، ފަހު ވަގުތު ފައްޔާޒް ފަހަތަށް ޖެހިވަޑައިގަތުމަކީ ވަރަށް ގާތް ކަމެކެވެ. އަދި މީގެ ފައިދާ ނަންގަވައި، ރައީސް ނަޝީދު ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވުމަކީ ސިޔާސީ ގޮތުން ބަލާއިރު އެންމެ ވުމުގެ ފުރުޞަތު ބޮޑު އެއް މަންޒަރެވެ. މިފަދައިން ކަންކަން ހިނގައިފިނަމަ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އަނެއްކާވެސް ބޮޑެތި ލޮޅުންތަކެއް އައިސް، ރައީސް ނަޝީދުގެ ބޮޑުވަޒީރުކަމުގެ ހުވަފެންފުޅު ޙަޤީޤަތަކަށް ވުމުގެ މަގު ފަހިވެގެންދާނެއެވެ.

ލަންކާގައި ދިވެހިންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ބަލަން ހައިކޮމިޝަނަށް އަންގައިފިން: މުންދު

ލަންކާގައި ދިރިއުޅޭ ސަރުކާރަށް ފާޑުކިޔާ ދިވެހިންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލަ ބަލަން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

“އެބަ ބަލަން، ޔެސް އެބަ ބަލަން، އަޅުގަނޑުމެން ހައިކޮމިޝަންގައިވެސް ދަންނަވައިފިން އެކަން ބަލަން،” މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި އެ މައްސަލައިގެ މަޢުލޫމާތު އޭނާއަށް ލިބެން ފެށީ ރައީސް މުޢިއްޒު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމީ ޙަފްލާ ކުރިއަށް ދިޔަ ވަގުތުގައެވެ. އަދި އެ މަޢުލޫމާތު ލިބުމާއެކު، އެތަނުގައި ހުންނެވި ދިވެހި ހައިކޮމިޝަނަރާ ސުވާލުކުރެއްވި ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ހިނގިކަމަށް ހައިކޮމިޝަނަރު އިންކާރު ކުރެއްވި ކަމަށް މުންދު ފާހަގަކުރެއްވިއެވެ.

“ވަގުތުން އެތަނުގައި ހައިކޮމިޝަނަރު ހުންނެވި، އެމަނިކުފާނަށް އަޅުގަނޑު ދެންނެވިން މިއީ ކިހިނެއް ހިނގާ ކަމެއްތޯއޭ، ވިދާޅުވި ހަމަ ކަނޑައެޅިގެން ދޮގެކޭ. ތިބޭފުޅުންނަށް އެނގިލައްވާނެ އެބޭފުޅާއަށް ގުޅުއްވާލައްވަން، ގުޅުއްވީމަ ޖަވާބުދާރީވާނެކަމަށް އަޅުގަނޑުމެން މި ބަލަނީ،” މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ރައީސްގެ ބައްދަލުވުމަށް އައުމަށް ހުރަސްއެޅުމަކީ ސަރުކާރުން ނުވަތަ ރައީސް އަންގަވައިގެން ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް މުންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ އެއްވެސް މަސައްކަތެއް ސަރުކާރުގެ ފަރާތުން ކޮށްފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ޗެއާޕާސަނަކު ހޮވައިފި ނަމަ، ޕާޓީ ބައިބައިވެ 2028 ގެއްލިދާނެ: މީކާއިލް

ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ޗެއާޕާސަނަކު ހޮވައިފި ނަމަ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވުމުގެ ފުރުސަތު އެބައޮތްކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލްގެ އިތުރުން ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު މީގެކުރިންވެސް އަދާކުރައްވާފައިވާ، ކުރީގެ ރައީސް، ކުރީގެ މަަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާކަން ނަޝީދުވަނީ ހާމަކުރައްވައިފައެވެ.

މީކާއީލްގެ “އިތުބާރު” ކެމްޕެއިންގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ މައިގަނޑު އަމާޒަކީ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދީ، އެމްޑީޕީ އެކަތިގަނޑަކަށް ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރާގޮތުގައި، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއިދުކޮށްގެން ހުރި ކެންޑިޑޭޓަކު އިންތިހާބު ވެއްޖެ ނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑު،” މީކާއިލް ވިދާޅުވިއެވެ.

އެ ސިޓީގައި މީކާއީލް ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ނަތީޖާއާއެކު މެންބަރުން މާޔޫސްވެފައިވާކަން ގަބޫލުކުރައްވާފައެވެ. އަދި ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެ، ބައިބައިވުންތައް އުފެދި، ލީޑަރުން އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ކަންބޮޑުވުން މެންބަރުންގެ ތެރޭގައި އޮތްކަން މީކާއިލް ފާހަގަކުރެއްވިއެވެ.

އޭގެ ސަބަބުން އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރަން ދަތިވެ، މެންބަރުންގެ ހިތްވަރަށް ނޭދެވޭ އަސަރު ކޮށްފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، އެއީ އެމްޑީޕީ އެކަތިގަނޑަކަށްވެއްޖެ ނަމަ، ހާސިލުކުރެވޭނެ ކަންކަން ހާމަވި ކަމެއް ކަމަށެވެ.

ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެ ނަމަ، ޕާޓީގެ ސަފުތައް ބަދަހިކޮށް، ވަގުތުން 2028 އަށް ތައްޔާރުވާން ފަށާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

އޭނާގެ ލީޑާޝިޕްގައި 2028 ގެ ކާމިޔާބީއާ ހަމައަށް އެމްޑީޕީ ގެންގޮސްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް މީކާއިލް ވިދާޅުވިއެވެ.