ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަަން އިސްކުރުމުގެ މުހިންމުކަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާ ދުވަސް ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމުގެ އިތުރުން ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް ވެސް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީ ބަދަހި ގައުމެއް ބިނާކުރުމުގެ މުހިންމުކަން ކަމަށެވެ.
“ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ އަޅުގަނޑުމެންގެ ދަރީން. އަޅުގަނޑުމެންގެ އާއިލީ މެންބަރުން. އެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާ އަދި މަސްއޫލިއްޔަތު،” ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށާއި މީހުންނަށް މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ފަށައިފައެވެ.
މީގެ އިތުރުން މާލޭގައި ހުރި ތެލެސީމިއާ ސެންޓަރުގެ އިމާރާތް ބާވެ، ޖާގަ ކުޑަވުމުން ހިދުމަތް ދިނުމަށް ދަތިވުމުގެ ސަބަބުން އެކަން ހައްލުކުރުމަށް ހުޅުމާލެ އޮރެޖެންޖު ހިޔާއަށް އެ ސެންޓަރު މިދިޔަ އަހަރު ސަރުކާރުންވަނީ ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު