ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުގައި 31 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ނަވީން ރިޓަޔަކުރެއްވީ އިއްޔެއެވެ. ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން، ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވަނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ.
އިސްމާއީލް ނަވީން ސީޕީގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެވުނީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އަލީ ޝުޖާއު މަގާމުން ވަކިވުމާ ގުޅިގެން ސީޕީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި، ނަވީންގެ އިތުރުން މިހާރު އިދާރާ ހިންގުމާ ހަވާލުވެވަޑައިގަތް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިކަން ފާހަގަކޮށްލެވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އުފުލާ މުއައްސަސާ ކަމަށްވާއިރު، މި ބަދަލާއެކު މުއައްސަސާގެ ހިންގުމުގެ ދުވެލި މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު