ރާއްޖޭގެ މިނިވަން ކަމަށާއި އަމިއްލަވަންތަ ކަމައް އިހްތިރާމް ކުރުމަށް ދުންޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫން، އިންޑިޔާގެ މީޑިޔާއަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިޔާއަކީ ރާއްޖެއަށް ވަރަށް މުހިންމު އަވައްޓެރި ޤައުމެއް ކަމަށާއި ރާއްޖޭގެ މިހާރުގެ ސަރުކާރުން އެޤައުމާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދަނެގަތުމަކީ މުސްތަގްބަލަށް ފަހިކަމެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެންއައީ އިންޑިޔާ އަކީ ރާއްޖޭގެ ހަތުރެއް ކަމަށް ދެކެވި، “އިންޑިޔާ އައުޓް” ކެމްޕޭނެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޢީސް މުޢިއްޒުގެ ދައުވަތަކަށް ވަޑައިގަތުމުން ދޭހަވަނީ، ކުރިން ރައީސް މުޢިއްޒު ގެންގުޅުއްވި ވިސްނުން ދޫކުރައްވައި، އިންޑިޔާއަކީ ރާއްޖެއަށް ކިހާ މުހިންމު އަވައްޓެރިޔެއްކަން އެމަނިކުފާނަށް ވިސްނިވަޑައިގަތްކަން ކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ވަރަށް މުހިންމު ހިސާބެއްގައި އުފެދިފައިވާ ޤައުމަކަށް ވުމުން، ރާއްޖެއަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށެވެ. މިކަމާ ރާއްޖޭގެ ސަރުކާރުންނާއި ރާއްޖޭގެ ރައްޔިތުން ސަމާލުވުމަށްވެސް ދުންޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމަށް ކަމުން، ރާއްޖެއިން ހުރިހާ ޤައުމަކާ އެކުވެސް ހަމަހަމަ ގުޅުމެއް ގެންގުޅުމީ ވަރަށް މުހިންމު ކަމެއްކަން ދުންޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަކީ ފަގީރު ޤައުމެއް ނޫން ކަމަށާއި، ރާއްޖޭގައި ކިޔަވައިގެން ތިބި މޮޅެތި މީހުންވެސް އެބަތިބި ކަމަށް ދުންޔާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ރާއްޖެއިން އެއްވެސް ޤައުމަކަށް ބަރޯސާވުމީ މުސްތަގްބަލުގައި ރާއްޖެއިން ހިތާމަ ކުރަން ޖެހޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް އިން އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ.

މި ނިންމުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެއީ ފަހުރެއް ކަމަށެވެ.

“ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން.”

އަދި ވިދާޅުވީ 2024 ވަނަ އަހަރު އޮކްޓޫބަރު މަހު ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ  މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ.”

އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިން ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ހައްލުތަކާއެކު، ބޭންކް އޮފް މޯލްޑީވްސް އަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާއެވެ.

އިންޑިއާގެ އެހީގައި އެޅި 4000 ހައުސިން ޔުނިޓް ސަރުކާރާ ހަވާލުކޮށްފި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 4000 ޔުނިޓު ނިންމައި “ރަމްޒީ ތަޅުދަނޑި” އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކުރައްވައިފިއެވެ.

މި މަޝްރޫއު ނިންމައި ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލު ކުރެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް މިހާރު ކުރަށްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ތަރައްޤީކުރި 4000 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު ކުރީގެ ރައީސް ސާލިޙްގެ ވެރިކަމުގައެވެ. މި މަޝްރޫޢުގެ އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މި ވަގުތު ދަނީ ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުޙަލާ އެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1200 ޔުނިޓާއި ތިން ކޮޓަރީގެ 2800 ޔުނިޓެވެ.

ސަރުކާރުން ބުނީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފްލެޓުތައް ޙަވާލުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ރައީސް މަޢުމޫން އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވައިފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާއްސަބަތުގައި ރާއްޖެއަށް ވަޑައިގެންނެވި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މަޢުމޫން އަބްދުލް ގަައްޔޫމް މަރުހަބާ ކިޔުއްވައިފިއެވެ.

ރައީސް މަޢުމޫން މަރުހަބާ ދެންނެވީ އެމަނުކުފާނު ގެ ޓްވިޓަރއަށް ކުރެއްވި ޓްވީޓެއްގައެވެ. މިޓްވީޓްގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ވެސް ލިޔުއްވާފައިވެއެވެ.

ރައީސް މަޢުމޫން އަކީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުނުވެ ރަނގަޅަށް ދެމެހެއްޓެމުގައި ހިމެނޭ މައިތަނބެކެވެ.

ވިލުފުށީގައި އައިޑީކާޑުގެ ޚިދުމަތް އިފްތިތާޙުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވިލުފުށީގައި އިފްތިތާޙުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން ހާމަކޮށްފައިވާ ގޮތުގައި، އައިޑީ ކާޑުގެ ޚިދުމަތް މިހާރު ތ. ވިލުފުށީގައި ތިބެގެން ރައްޔިތުންނަށް ހޯދޭނެއެވެ.

އައިޑީ ކާޑު ޗާޕުކުރުމުގެ ޚިދުމަތް ވިލުފުށީގައި ފަށާފައިވާއިރު، މިއީ އެ އަތޮޅުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދޭން ފެށި ދެވަނަ ރަށެވެ.

ޓްވިޓަރގައި ކުރި ޕޯސްޓެއްގައި ޑީއެންއާރުން ހާމަކޮށްފައިވާ ގޮތުގައި މިހާރު 27 ރަށެއްގައި މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

ޑީއެންއާރުން އެހެން ހާމަކޮށްފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި ވަޢުދު ފުއްދެވުމުގެ މަސައްކަތް ވަނީ ސަރުކާރުން ފަށާފައެވެ.

މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޑީއެންއާރުން ހާމަކުރެއެވެ. މި ޚިދުމަތް ރާއްޖެއިން ބޭރުން އަދި ހަމައެކަނި ދެމުން އަންނަނީ މެލޭޝިއަގައެވެ.

ފާރިސް މައުމޫން، ލަންކާގައި ބޭއްވި މިނިވަން ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފި

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައި މައުމޫން ފައުންޑޭޝަންގެ ވައިސް ޗެއަރމަން އަޙްމަދު ފާރިޝް މަޢުމޫން، ބައިވެރިވެ ވަޑައިގެންފިއެވެ.

މި ހަފްލާއަށް ފާރިޝް ވަޑައިގެންނެވީ ރާއްޖެެިން ސްރީލަންކާއަށް ހަމަޖައްސަވާފައި ހުންނަ ސަފީރު މައްސޫދު އިބްރާހިމްގެ ދައުވަތަކަށެވެ. 2025 ޖުލައި 22 ވީ އަންގާރަ ދުވަހު ކޮލަމްބޯގައި ބޭއްވުނު މި ހަފްލާގައި، ފާރިސް މައުމޫންގެ އިތުރުން ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، މައުމޫން ފައުންޑޭޝަންގެ އެހެން ބައެއް މެންބަރުން ވެސް މި ހަފްލާގައި ބައިވެރިވެފައިވެއެވެ.

މި ހަފްލާ ބޭއްވުމުގެ ބޭނުމަކީ، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ރާއްޖޭގެ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގައި ސްރީލަންކާއިން ބައިވެރިވުމެވެ.
Continue reading “ފާރިސް މައުމޫން، ލަންކާގައި ބޭއްވި މިނިވަން ދުވަހުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފި”

މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މާލެއިން ރަސްމީ އިއްޒަތުގައި ދެންމެ މަރުހަބާ ދަންނަވައިފިއެވެ.

މޯދީއަށް މާލެއިން އިސްވެ މަރުހަބާ ދެންނެވީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާއި ދިވެހި ސަރުކާރުގެ އެހެން އިސްވެރިން ވަނީ މޯދީއަށް މަރުހަބާ ވިދާޅުވުމަށް ޖުމްހޫރީ މައިދާނަށް ވަޑައިގެންފައެވެ.

އެ އަށް ފަހު މޯދީ ވަނީ ރައީސް މުއިއްޒާ އެކު، ސްކޫލްތަކުގެ ދަރިވަރުން ހުށަހަޅައިދިން އައިޓަމެއް ޖުމްހޫރީ މައިދާނުގައި ބައްލަވާލައްވައިފަ އެވެ. އަދި ދިވެހި އަސްކަރިއްޔާއިން ވަނީ މޯދީގެ އިއްޒަތުގައި ޝަރަފުގެ ބަޑި ޖަހައިފަ އެވެ. އެ އަށް ފަހު، ސިފައިންގެ ބޭންޑުން ވަނީ ދެ ގައުމުގެ ގައުމީ ސަލާން ހުށަހަޅައިދީފައެވެ.

މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން އޮތީ ވަރަށް ބޮޑަށް ޒީނަތްތެރި ވެސް ކޮށްފަ އެވެ. އެ ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފައެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަހު، މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް މޯދީ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގަ އެވެ.

ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަކަށް މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު އެވެ. މޯދީއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ރައީސް މުއިއްޒެވެ.

ރައީސް އޮފީހަށް ވަޑައިގެން ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

ރާއްޖޭގައި ޓިކްޓޮކް ބޭނުން ކުރަނީ ރަނގަޅަށްތަ؟

ޓިކްޓޮކްއަކީ މުޅިދުނިޔޭގައި އެންމެ މަޤްބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. ރާއްޖޭގައިވެސް ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތާމެދު ގިނަ ފާޑުކިޔުންތައް އަޑުއިވެމުންދެއެވެ.

ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ގޮތަށް ބަލާއިރު، ގިނަ ފަހަރަށް ފެންނަނީ ހިތާމަހުރި މަންޒަރުތަކެކެވެ. ޒުވާބުކުރުމާއި، ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި، އެކަކު އަނެކަކަށް މަލާމާތްކުރުން ފަދަ ކަންކަން ޓިކްޓޮކްގައި އާންމުވެފައިވާ މަންޒަރު ފެނެއެވެ. ގިނަ ފަހަރަށް ޓިކްޓޮކްގައި ކޮމެންޓް ސެކްޝަނަށް ވަދެލާއިރު ފެންނަނީ ދިވެހިންގެ މެދުގައި ހިނގަމުންދާ ބޮޑެތި ޒުވާބުތަކެވެ. އަދި ވީޑިއޯތަކުގައިވެސް އެކަކު އަނެކަކަށް ރައްދުދީ ހަދަމުންދާ މަންޒަރު ފެނެއެވެ.

އިހަކަށްދުވަހު ޓިކްޓޮކްގައި ވައިރަލްވި އެއް ވީޑިއޯގައި ޒުވާން އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާއާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަދައްކަމުން ދިޔަ މަންޒަރު ފެނުނެވެ. މި ވީޑިއޯއަށް ނުވަސްތޭކައަށްވުރެ ގިނަ ކޮމެންޓް ލިބި، އެއިން ގިނަ ކޮމެންޓްތަކުގައި އެ އަންހެން ކުއްޖާއަށް ތާއީދުކޮށް އަދި ތާއީދު ނުކޮށް ލިޔެފައިވާ މަންޒަރު ފެނުނެވެ. މިއީ ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތުގެ ހިތާމަވެރި ނަމޫނާއެކެވެ.

ވައިރަލްވި މިފަދަ އެހެން ވީޑިއޯއަކުން ދިވެއްސަކު އަމިއްލައަށް ދަންޖެހެން މަސައްކަތް ކުރާ މަންޒަރުވެސް ފެނުނެވެ. ދުވާލަކު މިފަދަ އެތައް މަނަޒަރުތަކެއް ޓިކްޓޮކް އިން ފެނެއެވެ.

ޓިކްޓޮކްއިން މިފަދަ ވީޑިއޯތައް ފެނުނަސް ޓިކްޓޮކްއަކީ ހަމައެކަނި ނޭދެވޭ ކަންކަމަށް ބޭނުންކުރެވޭ އެޕެއް ނޫނެވެ. ޓިކްޓޮކްއަކީ ރަނގަޅަށް ބޭނުންކޮށްފިނަމަ ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ޕްލެޓްފޯމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިކްޓޮކް ބޭނުންކުރަނީ ތަފާތު ޢިލްމީ، އުނގެނުމުގެ، އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހިއްސާކުރުމަށެވެ.

މިސާލަކަށް:
– ތަފާތު ރެސިޕީތައް ދަސްކޮށްދިނުން
– ޓިއުޓޯރިއަލްތައް ހިއްސާކުރުން
– ޞިއްޙީ މަޢުލޫމާތު ފެތުރުން
– އަމިއްލަ ހުނަރުތައް ދައްކައިދިނުން
– ވިޔަފާރިތައް ޕްރޮމޯޓްކުރުން

ރާއްޖޭގައިވެސް ޓިކްޓޮކް ބޭނުންކޮށްގެން ފައިދާހުރި ކޮންޓެންޓް އުފައްދާ ފަރާތްތައް އެބަތިބެއެވެ. ރާއްޖޭގެ ބައެއް ކޮންޓެންޓް ކްރިއޭޓާސް ދިވެހި ބަހުގެ ޅެންތައް ކިޔައިދީ، ދިވެހި ބަހަށް ލޯބިޖެއްސުމަށް މަސައްކަތްކުރަމުން ގެންދެއެވެ. އަދި ބައެއް ފަރާތްތަކުން ރާއްޖޭގެ ރީތި މަންޒަރުތައް ދައްކައިދީ، ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރެއެވެ.

ޓިކްޓޮކްއަކީ އެކި އުމުރުފުރައިގެ މީހުން ބޭނުންކުރާ އެޕެކެވެ. ކުޑަ ކުދިންނާއި، ޒުވާނުންނާއި، މުސްކުޅިންވެސް ޓިކްޓޮކް ބޭނުންކުރާ މަންޒަރު ފެނެއެވެ. ނަމަވެސް މިއީ ބައެއް ފަހަރު މައްސަލަތައް އުފެދޭ ކަމަކަށްވެސް ވެފައިވެއެވެ. ސަބަބަކީ އެކި އުމުރުފުރައިގެ މީހުންނަށް އެކަށީގެންވާ ކޮންޓެންޓް ތަފާތުވެދާނެތީއެވެ.

ބައެއް ފަހަރު ކުޑަކުދިން ޓިކްޓޮކްގައި ހަޑިހުތުރު ބަސްތައް ބޭނުންކުރާ ވީޑިއޯތަކާއި، އެކުދިންނަށް ނުފެންނަންވީ ކޮންޓެންޓް ފެނިގެންދެއެވެ. މިއީ މައިންބަފައިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން، ކޮންމެ ކޮންޓެންޓް ކްރިއޭޓާ އެއްވެސް ބޭއަދަބީ ބަސްތަކައީ ޒުވާބުކުރުން ހުއްޓާލަން ޖެހެއެވެ.

ރަނގަޅު ގޮތުގައި ޓިކްޓޮކް ބޭނުންކުރާނެ ގޮތް

ޓިކްޓޮކް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް އަޅުގަނޑުމެން އެންމެން ސަމާލުކަން ދޭންޖެހެއެވެ:

1. އިޙްތިރާމާއެކު މުޢާމަލާތްކުރުން: ކޮމެންޓްތަކުގައި އަދި ވީޑިއޯތަކުގައި އެހެން މީހުންނަށް އިޙްތިރާމްކޮށް، ހަޑިހުތުރު ބަހުން ވާހަކަނުދެއްކުން.

2. ފައިދާހުރި ކޮންޓެންޓް އުފެއްދުން: ޢިލްމީ، އުނގެނުމުގެ، ނުވަތަ މުނިފޫހިފިލުވުމުގެ ރަނގަޅު ކޮންޓެންޓް އުފެއްދުމަށް އިސްކަންދިނުން.

3. ޕްރައިވެސީއަށް ސަމާލުވުން: އަމިއްލަ އަދި އެހެން މީހުންގެ ޕްރައިވެސީއަށް ހުރުމަތްތެރިކޮށް ހިތުން.

4. ކުޑަކުދިންނަށް ބެލެހެއްޓުން: މައިންބަފައިން ކުޑަކުދިން ޓިކްޓޮކް ބޭނުންކުރާ ގޮތް ބަލަހައްޓައި، ޕޭރެންޓަލް ކޮންޓްރޯލްތައް ބޭނުންކުރުން.

5. ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން: ޤާނޫނާއި ގަވާއިދާ ޚިލާފު ކޮންޓެންޓް ނުއުފެއްދުމާއި، އެފަދަ ކޮންޓެންޓް ރިޕޯޓްކުރުން.

ޓިކްޓޮކްއަކީ ރަނގަޅަށް ބޭނުންކޮށްފިނަމަ ވަރަށް ފައިދާހުރި ޕްލެޓްފޯމެކެވެ. ނަމަވެސް، ރާއްޖޭގައި ގިނަ ފަހަރަށް ޓިކްޓޮކް ބޭނުންކުރެވެނީ ޒުވާބުކުރުމަށާއި ހަޑިހުތުރު ބަހުން ވާހަކަދެއްކުމަށެވެ. މިކަން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރަން ޖެހެއެވެ. ޓިކްޓޮކްގައި ފައިދާހުރި، މަޢުލޫމާތު ދޭ، އަދި މުނިފޫހިފިލުވައިދޭ ކޮންޓެންޓް އުފައްދައި، ރަނގަޅު ނަމޫނާއެއް ދެއްކުމަކީ މުހިންމު ކަމެކެވެ.

ރައީސް މުއިޒުއަށް މޯދީގެ ޝުކުރު

ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ދަންނަވައިފައެވެ. މޯދީ ވަނީ ފުލައިޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވައި ރާއްޖެއާއި އިންޑިއާއާ ދެެމެދު އޮތް ގާތް ގުޅުން ހާމަކޮށްދެއްވައިފައެވެ. ރާއްޖެ ވަޑައިގެންނެވުމަށްފަހު ދިވެހި ބަހުން އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ވަޑައިގެންނެވިއްޖެ ކަމަށާއި މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.

“އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށްއޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން،” އެ މަނިކުފާނު ވިދާޅުވިއެވެ.

މޯދީއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25 އިން 26 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ މޯދީގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ މައްސަލަތަކާއި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރެއްވުމާއި އިތުރު މެމޮރަންޑަން އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިއަދު މެންދުރަށް ބޯމްބޭ ބިރިޔާނި ކިހިނެއްވާނެ؟

ބިރިޔާންޔަކީ ދިވެހިންގެ މެދުގައި ބަރަށް މަގުބޫލް ކެއުމެކެވެ. އެހެނަކަމަން މި ހުކުރު ދުވަހު ” ހަވާސާ ” ބަދިގެއިން މިގެންސްދެނީ ބޮމްބޭ ބިރިޔާނި ހަދާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 2.5 ޖޯޑު ފެން
  • 1 ސައިސަމުސާ ލޮނު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ½ ޖޯޑު ތެޔޮ
  • 26 ގްރާމް ހިކިމޭބިސްކަދުރު
  • 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ
  • 35 ކެޝޫނަޓް
  • 5 ފެނުކެއްކި ބިސް (ހަތަރު ބަޔަށް ފަޅިކޮށްފައި)
  • ½ ޖޯޑު ތެޔޮ
  • 1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ
  • 800 ގްރާމް ކުކުޅު ފައި (ހަން ނޮޅާފައި)
  • 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
  • 1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯ
  • 1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި
  • 1/3 ޖޯޑު ޝާން ސްޕެޝަލް ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް
  • ½ ޖޯޑު ޕްލެއިން ޔޯގަޓް
  • ¼ ސައިސަމުސާ ލޮނު
  • ¼ ޖޯޑު ފެން
  • 3 ތޮޅި މިރުސް (މެދުން ފަޅިކޮށްފައި)

ހަދާނެ ގޮތް:

އެންމެ ފުރަތަމަ، ބަތް ކެއްކުމަށްޓަކައި 2 ޖޯޑު ބާސްމަތީ ހަނޑޫ ރަނގަޅަށް ދޮވުމަށް ފަހު ފެން ފުރާނާލާށެވެ. ދެން ދޮވެފައި ހުރި ހަނޑޫ ތެއްޔަކަށް އަޅާލުމަށް ފަހު، އެއަށް 2.5 ޖޯޑު ފެނާއި 1 ސައިސަމުސާ ލޮނު، އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ. ދެން ގަދަގިނީގައި 8 ނުވަތަ 10 މިނެޓު ވަންދެން ނުވަތަ ހަނޑޫ ހުރި މިނަށް ފެންފޮދު ތިރިވަންދެން ކައްކާލާށެވެ.

ދެން، ތެލީގެ މަތި ޖަހާފައި ގިނި މަޑުކޮށްލުމަށް ފަހު އިތުރު 5 މިނެޓަށް ނުވަތަ ބަތް ކުޑަކޮށް ހަރުވަންދެން ކައްކާލާށެވެ. އަދި އުނދުން ނިވާލުމަށް ފަހު، އިތުރަށް ތެލީގައި ފެން ހުރިނަމަ އެ ފެން ފުރާނާލާށެވެ. އަދި ބަތްކޮޅު ވަކިން ބަހައްޓާށެވެ. މިހާރު ބަތް ފުށްތައް ހުންނާނީ ކުޑަކޮށް ހަރުކޮށެވެ.

އެއަށް ފަހު، ބިރިޔާނީގެ މައްޗަށް އަޅާ ތަކެތި ތައްޔާރުކުރާށެވެ. މިކަމަށް ½ ޖޯޑު ތެޔޮ ތެއްޔަކަށް އަޅާލުމަށް ފަހު 2 މިނެޓު ވަންދެން މަޑުގިނީގައި ހޫނުކޮށްލާށެވެ. ތެޔޮކޮޅު ހޫނުވުމުން އުނދުނުގެ ގިނި ގަދަކޮށްލުމަށް ފަހު ތެއްޔަށް 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ އަޅާލާށެވެ. އަދި 8 މިނެޓު ވަންދެން ނުވަތަ ރަން މުށިކުލައެއް އަރަންދެން ފިޔާކޮޅު ތެއްލާށެވެ. ދެން ތެލުން ނަގާލުމަށް ފަހު ޓިޝޫ އަޅާފައި ހުރި ތަށްޓަކަށް އަޅާލާށެވެ.

ދެން، ހަމަ އެތެޔޮގަނޑަށް 26 ގްރާމް ހިކިމޭބިސްކަދުރު އަޅާލުމަށް ފަހު ގަދަގިނީގައި 1 މިނެޓު ވަންދެން ނުވަތަ ހިކިމޭބިސްކަދުރުކޮޅު ފުފެންދެން ތެއްލާށެވެ. އެއަށް ފަހު، ތެލުން ނަގާފައި ތެއްލި ފިޔާ ހުރި ތަށްޓަށް އަޅާލާށެވެ.

ދެން، އަނެއްކާވެސް ތެޔޮގަނޑު ތެރެއަށް 35 ކެޝޫނަޓް އަޅާލުމަށް ފަހު، ގަދަގިނީގައި 2 މިނެޓު ވަންދެން ނުވަތަ މަޑު މުށިކުލައެއް އަރަންދެން ތެއްލާށެވެ. އަދި ފިޔާކޮޅާއި ހިކިމޭބިސްކަދުރު ހުރި ތަށްޓަށް އަޅާލާށެވެ.

އެއަށް ފަހު، އެހެން ތެއްޔަކަށް ½ ޖޯޑު ތެޔޮ އަޅާފައި ގަދަގިނީގައި 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ދެން، އެއަށް 1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ އަޅާލުމަށް ފަހު 8 މިނެޓު ވަންދެން ހަލަމުން، ފިޔާކޮޅަށް ރަން މުށިކުލައެއް އަރަންދެން ކައްކާށެވެ.

ދެން، 800 ގްރާމް ހަން ނޮޅާފައި ހުރި ކުކުޅު ފައި ތެއްޔަށް އަޅާލާށެވެ. އަދި 1 މިނެޓު ވަންދެން ހަލަމުން ފިޔާކޮޅާއި އެއްކޮށްލާށެވެ. ދެން 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް އަޅާފައި އިތުރު 2 މިނެޓަށް ހަލަމުން ކައްކާށެވެ.

1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯއާއި 1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި އަޅާފައި 1 މިނެޓު ވަންދެން އެއްކޮށްލަމުން ހަލާލާށެވެ.

1/3 ޖޯޑު ޝާން ސްޕެޝަލް ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް އަޅާލުމަށް ފަހު އިތުރު 1 މިނެޓަށް ނުވަތަ ޓޮމާޓޯކޮޅު މަޑުވަންދެން ހަލަމުން ކައްކާށެވެ. އަދި ½ ޖޯޑު ޕްލެއިން ޔޯގަޓް އަދި ¼ ސައިސަމުސާ ލޮނު އަޅާލާފައި 6 މިނެޓަށް ނުވަތަ ސޯސްގަނޑުން ތެޔޮ ވަކިވަންދެން ކައްކާލާށެވެ.

އެއަށް ފަހު، ތެއްޔަށް ¼ ޖޯޑު ފެން އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހުރިހާ އެއްޗެއް އެއްކޮށް ހަލާލާށެވެ. އަދި އެއަށް 3 މެދުން ފަޅިކޮށްފައި ހުރި ތޮޅި މިރުސް އަޅާލުމަށް ފަހު، ތެލީގެ މަތި ޖަހާފައި 5 މިނެޓު ވަންދެން ނުވަތަ ކުކުޅު ރޯފިލަންދެން ކައްކާލާށެވެ. ކުކުޅު ރަނގަޅަށް ރޯފިލިތޯ ބެލުމަށް ކުޑަ ކުކުޅުކޮޅެއް ތެލިން ނަގާފައި ކޮށާލުމަށް ފަހު އެތެރެ ބަލާލާށެވެ. ހުދު ކުލައިގައި ހުރި ނަމަ މިހާރު ކުކުޅު އެހުރީ ރޯފިލާފައެވެ. ފިޔާތޮށި ކުލައިގައި ހުރި ނަމަ، ހުދު ކުލަ އަރަންދެން ކައްކާލާށެވެ.

ތެލީގެ މަތި ނަގާފައި ކުރިން ކައްކާލި ބަތް، ކުކުޅު ފައިތަކުގެ މައްޗަށް އަޅާލާށެވެ. މިހެން އަޅާއިރު ހުރިހާ ކުކުޅުތައް ފޮރުވޭހެން، އެއްވަރަށް އަޅާލާށެވެ. ދެން ތެލިގެ މަތި ޖަހާފައި 18 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. މިހާރު ބަތްކޮޅު ހުންނާނީ ތެލީގެ ތެރޭގައި އުފެދޭ އާވިން އެއްކޮށް ކެކި، ބަތް ފުށްތައް މަޑުވެފައެވެ.

އަނެއްކާ ވެސް ތެލީގެ މަތި ނަގާލުމަށް ފަހު ކުރިން ތެއްލި ހިކިމޭބިސްކަދުރުކޮޅާއި، ފިޔާ، އަދި ކެޝޫނަޓް ބަތްގަނޑުގެ މަތީގައި އަތުރާލާށެވެ. އަދި އިތުރު 2 މިނެޓަށް މަތި ޖަހާލުމަށް ފަހު ކައްކާށެވެ.

އުނދުން ނިވާލުމަށް ފަހު، ހަތަރު ބަޔަށް ފަޅިކޮށްފައި ހުރި 5 ފެނުކެއްކި ބިސް ތެއްޔަށް ލުމަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު ބޮމްބޭ ބިރިޔާނީ މިހިރީ ކައްކާ ނިމިފައެވެ.

ގައިމުވެސް ” ހަވާސާ ” ގެ ޓީމުން ބުނީ ބިރިޔާނި ވަރަށް ފައްކާކަމަށެވެ. ތިބޭފޫޅުންގެ އަޖުމަބަލާލުމަށްފަހު ބޮމްބޭ ބިރިޔާނި ކިހިނެއްތޯ ކޮމެންޓް ކޮއްލާށެވެ.

ސްރީލަންކާގެ ރައީސް ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށެވެ.

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަގެ މިދަތުރުފުޅަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. ހަމައެއާއިއެކު ދެ ޤައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 26 ޖުލައި 1965 ގައެވެ. އަދި މިއަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ މުހިންމު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފި

ރައްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ އެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ. ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ބޭރުގައުމެއްގެ ވެރިއަކު ރައްޖެއާއަށް ކުރައްވާ ފުރަތަމަ ދަތރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގެންނެވުމުން އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާ އެއްކިޔައި ސިފައިންގެ ގާޑް އޮފް އޮނާރ އެއް އަރުވާފައެވެ.

 

ރައީސް އޮފީހުން ބުނީ އިންޑިއާގެ ބޮޑުވަޒީރަށް ރަސްމީ ކޮށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދު ފަހު ކަމަށާއި އެއަށްފަހު ދެގައުމުގެ ދެމެދުގައި ވެވޭ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރައްވައި ރަސްމީ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވުމާއި، މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ މިނިވަންދުވަހުގެ ކުޅިވަރު ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުން ހިމެނެއެވެ.