ޓިކްޓޮކްއަކީ މުޅިދުނިޔޭގައި އެންމެ މަޤްބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ. ރާއްޖޭގައިވެސް ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތާމެދު ގިނަ ފާޑުކިޔުންތައް އަޑުއިވެމުންދެއެވެ.
ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ގޮތަށް ބަލާއިރު، ގިނަ ފަހަރަށް ފެންނަނީ ހިތާމަހުރި މަންޒަރުތަކެކެވެ. ޒުވާބުކުރުމާއި، ހަޑިހުތުރު ބަހުން ވާހަކަދެއްކުމާއި، އެކަކު އަނެކަކަށް މަލާމާތްކުރުން ފަދަ ކަންކަން ޓިކްޓޮކްގައި އާންމުވެފައިވާ މަންޒަރު ފެނެއެވެ. ގިނަ ފަހަރަށް ޓިކްޓޮކްގައި ކޮމެންޓް ސެކްޝަނަށް ވަދެލާއިރު ފެންނަނީ ދިވެހިންގެ މެދުގައި ހިނގަމުންދާ ބޮޑެތި ޒުވާބުތަކެވެ. އަދި ވީޑިއޯތަކުގައިވެސް އެކަކު އަނެކަކަށް ރައްދުދީ ހަދަމުންދާ މަންޒަރު ފެނެއެވެ.
އިހަކަށްދުވަހު ޓިކްޓޮކްގައި ވައިރަލްވި އެއް ވީޑިއޯގައި ޒުވާން އަންހެނަކު އޭނާގެ ކުރީގެ ލޯބިވެރިޔާއާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަދައްކަމުން ދިޔަ މަންޒަރު ފެނުނެވެ. މި ވީޑިއޯއަށް ނުވަސްތޭކައަށްވުރެ ގިނަ ކޮމެންޓް ލިބި، އެއިން ގިނަ ކޮމެންޓްތަކުގައި އެ އަންހެން ކުއްޖާއަށް ތާއީދުކޮށް އަދި ތާއީދު ނުކޮށް ލިޔެފައިވާ މަންޒަރު ފެނުނެވެ. މިއީ ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތުގެ ހިތާމަވެރި ނަމޫނާއެކެވެ.
ވައިރަލްވި މިފަދަ އެހެން ވީޑިއޯއަކުން ދިވެއްސަކު އަމިއްލައަށް ދަންޖެހެން މަސައްކަތް ކުރާ މަންޒަރުވެސް ފެނުނެވެ. ދުވާލަކު މިފަދަ އެތައް މަނަޒަރުތަކެއް ޓިކްޓޮކް އިން ފެނެއެވެ.
ޓިކްޓޮކްއިން މިފަދަ ވީޑިއޯތައް ފެނުނަސް ޓިކްޓޮކްއަކީ ހަމައެކަނި ނޭދެވޭ ކަންކަމަށް ބޭނުންކުރެވޭ އެޕެއް ނޫނެވެ. ޓިކްޓޮކްއަކީ ރަނގަޅަށް ބޭނުންކޮށްފިނަމަ ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ޕްލެޓްފޯމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓިކްޓޮކް ބޭނުންކުރަނީ ތަފާތު ޢިލްމީ، އުނގެނުމުގެ، އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހިއްސާކުރުމަށެވެ.
މިސާލަކަށް:
– ތަފާތު ރެސިޕީތައް ދަސްކޮށްދިނުން
– ޓިއުޓޯރިއަލްތައް ހިއްސާކުރުން
– ޞިއްޙީ މަޢުލޫމާތު ފެތުރުން
– އަމިއްލަ ހުނަރުތައް ދައްކައިދިނުން
– ވިޔަފާރިތައް ޕްރޮމޯޓްކުރުން
ރާއްޖޭގައިވެސް ޓިކްޓޮކް ބޭނުންކޮށްގެން ފައިދާހުރި ކޮންޓެންޓް އުފައްދާ ފަރާތްތައް އެބަތިބެއެވެ. ރާއްޖޭގެ ބައެއް ކޮންޓެންޓް ކްރިއޭޓާސް ދިވެހި ބަހުގެ ޅެންތައް ކިޔައިދީ، ދިވެހި ބަހަށް ލޯބިޖެއްސުމަށް މަސައްކަތްކުރަމުން ގެންދެއެވެ. އަދި ބައެއް ފަރާތްތަކުން ރާއްޖޭގެ ރީތި މަންޒަރުތައް ދައްކައިދީ، ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރެއެވެ.
ޓިކްޓޮކްއަކީ އެކި އުމުރުފުރައިގެ މީހުން ބޭނުންކުރާ އެޕެކެވެ. ކުޑަ ކުދިންނާއި، ޒުވާނުންނާއި، މުސްކުޅިންވެސް ޓިކްޓޮކް ބޭނުންކުރާ މަންޒަރު ފެނެއެވެ. ނަމަވެސް މިއީ ބައެއް ފަހަރު މައްސަލަތައް އުފެދޭ ކަމަކަށްވެސް ވެފައިވެއެވެ. ސަބަބަކީ އެކި އުމުރުފުރައިގެ މީހުންނަށް އެކަށީގެންވާ ކޮންޓެންޓް ތަފާތުވެދާނެތީއެވެ.
ބައެއް ފަހަރު ކުޑަކުދިން ޓިކްޓޮކްގައި ހަޑިހުތުރު ބަސްތައް ބޭނުންކުރާ ވީޑިއޯތަކާއި، އެކުދިންނަށް ނުފެންނަންވީ ކޮންޓެންޓް ފެނިގެންދެއެވެ. މިއީ މައިންބަފައިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. އެހެންކަމުން، ކޮންމެ ކޮންޓެންޓް ކްރިއޭޓާ އެއްވެސް ބޭއަދަބީ ބަސްތަކައީ ޒުވާބުކުރުން ހުއްޓާލަން ޖެހެއެވެ.
ރަނގަޅު ގޮތުގައި ޓިކްޓޮކް ބޭނުންކުރާނެ ގޮތް
ޓިކްޓޮކް ރަނގަޅު ގޮތުގައި ބޭނުންކުރުމަށް އަޅުގަނޑުމެން އެންމެން ސަމާލުކަން ދޭންޖެހެއެވެ:
1. އިޙްތިރާމާއެކު މުޢާމަލާތްކުރުން: ކޮމެންޓްތަކުގައި އަދި ވީޑިއޯތަކުގައި އެހެން މީހުންނަށް އިޙްތިރާމްކޮށް، ހަޑިހުތުރު ބަހުން ވާހަކަނުދެއްކުން.
2. ފައިދާހުރި ކޮންޓެންޓް އުފެއްދުން: ޢިލްމީ، އުނގެނުމުގެ، ނުވަތަ މުނިފޫހިފިލުވުމުގެ ރަނގަޅު ކޮންޓެންޓް އުފެއްދުމަށް އިސްކަންދިނުން.
3. ޕްރައިވެސީއަށް ސަމާލުވުން: އަމިއްލަ އަދި އެހެން މީހުންގެ ޕްރައިވެސީއަށް ހުރުމަތްތެރިކޮށް ހިތުން.
4. ކުޑަކުދިންނަށް ބެލެހެއްޓުން: މައިންބަފައިން ކުޑަކުދިން ޓިކްޓޮކް ބޭނުންކުރާ ގޮތް ބަލަހައްޓައި، ޕޭރެންޓަލް ކޮންޓްރޯލްތައް ބޭނުންކުރުން.
5. ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުން: ޤާނޫނާއި ގަވާއިދާ ޚިލާފު ކޮންޓެންޓް ނުއުފެއްދުމާއި، އެފަދަ ކޮންޓެންޓް ރިޕޯޓްކުރުން.
ޓިކްޓޮކްއަކީ ރަނގަޅަށް ބޭނުންކޮށްފިނަމަ ވަރަށް ފައިދާހުރި ޕްލެޓްފޯމެކެވެ. ނަމަވެސް، ރާއްޖޭގައި ގިނަ ފަހަރަށް ޓިކްޓޮކް ބޭނުންކުރެވެނީ ޒުވާބުކުރުމަށާއި ހަޑިހުތުރު ބަހުން ވާހަކަދެއްކުމަށެވެ. މިކަން ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރަން ޖެހެއެވެ. ޓިކްޓޮކްގައި ފައިދާހުރި، މަޢުލޫމާތު ދޭ، އަދި މުނިފޫހިފިލުވައިދޭ ކޮންޓެންޓް އުފައްދައި، ރަނގަޅު ނަމޫނާއެއް ދެއްކުމަކީ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު