Advertisement

މިއަދު މެންދުރަށް ބޯމްބޭ ބިރިޔާނި ކިހިނެއްވާނެ؟

ބިރިޔާންޔަކީ ދިވެހިންގެ މެދުގައި ބަރަށް މަގުބޫލް ކެއުމެކެވެ. އެހެނަކަމަން މި ހުކުރު ދުވަހު ” ހަވާސާ ” ބަދިގެއިން މިގެންސްދެނީ ބޮމްބޭ ބިރިޔާނި ހަދާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:

Advertisement

  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 2.5 ޖޯޑު ފެން
  • 1 ސައިސަމުސާ ލޮނު
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ½ ޖޯޑު ތެޔޮ
  • 26 ގްރާމް ހިކިމޭބިސްކަދުރު
  • 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ
  • 35 ކެޝޫނަޓް
  • 5 ފެނުކެއްކި ބިސް (ހަތަރު ބަޔަށް ފަޅިކޮށްފައި)
  • ½ ޖޯޑު ތެޔޮ
  • 1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ
  • 800 ގްރާމް ކުކުޅު ފައި (ހަން ނޮޅާފައި)
  • 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް
  • 1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯ
  • 1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި
  • 1/3 ޖޯޑު ޝާން ސްޕެޝަލް ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް
  • ½ ޖޯޑު ޕްލެއިން ޔޯގަޓް
  • ¼ ސައިސަމުސާ ލޮނު
  • ¼ ޖޯޑު ފެން
  • 3 ތޮޅި މިރުސް (މެދުން ފަޅިކޮށްފައި)

ހަދާނެ ގޮތް:

އެންމެ ފުރަތަމަ، ބަތް ކެއްކުމަށްޓަކައި 2 ޖޯޑު ބާސްމަތީ ހަނޑޫ ރަނގަޅަށް ދޮވުމަށް ފަހު ފެން ފުރާނާލާށެވެ. ދެން ދޮވެފައި ހުރި ހަނޑޫ ތެއްޔަކަށް އަޅާލުމަށް ފަހު، އެއަށް 2.5 ޖޯޑު ފެނާއި 1 ސައިސަމުސާ ލޮނު، އަދި 2 މޭޒުމަތީ ސަމުސާ ތެޔޮ އަޅާލާށެވެ. ދެން ގަދަގިނީގައި 8 ނުވަތަ 10 މިނެޓު ވަންދެން ނުވަތަ ހަނޑޫ ހުރި މިނަށް ފެންފޮދު ތިރިވަންދެން ކައްކާލާށެވެ.

ދެން، ތެލީގެ މަތި ޖަހާފައި ގިނި މަޑުކޮށްލުމަށް ފަހު އިތުރު 5 މިނެޓަށް ނުވަތަ ބަތް ކުޑަކޮށް ހަރުވަންދެން ކައްކާލާށެވެ. އަދި އުނދުން ނިވާލުމަށް ފަހު، އިތުރަށް ތެލީގައި ފެން ހުރިނަމަ އެ ފެން ފުރާނާލާށެވެ. އަދި ބަތްކޮޅު ވަކިން ބަހައްޓާށެވެ. މިހާރު ބަތް ފުށްތައް ހުންނާނީ ކުޑަކޮށް ހަރުކޮށެވެ.

އެއަށް ފަހު، ބިރިޔާނީގެ މައްޗަށް އަޅާ ތަކެތި ތައްޔާރުކުރާށެވެ. މިކަމަށް ½ ޖޯޑު ތެޔޮ ތެއްޔަކަށް އަޅާލުމަށް ފަހު 2 މިނެޓު ވަންދެން މަޑުގިނީގައި ހޫނުކޮށްލާށެވެ. ތެޔޮކޮޅު ހޫނުވުމުން އުނދުނުގެ ގިނި ގަދަކޮށްލުމަށް ފަހު ތެއްޔަށް 1 ޖޯޑު ތުނިކޮށް ކޮށާފައި ހުރި ފިޔާ އަޅާލާށެވެ. އަދި 8 މިނެޓު ވަންދެން ނުވަތަ ރަން މުށިކުލައެއް އަރަންދެން ފިޔާކޮޅު ތެއްލާށެވެ. ދެން ތެލުން ނަގާލުމަށް ފަހު ޓިޝޫ އަޅާފައި ހުރި ތަށްޓަކަށް އަޅާލާށެވެ.

ދެން، ހަމަ އެތެޔޮގަނޑަށް 26 ގްރާމް ހިކިމޭބިސްކަދުރު އަޅާލުމަށް ފަހު ގަދަގިނީގައި 1 މިނެޓު ވަންދެން ނުވަތަ ހިކިމޭބިސްކަދުރުކޮޅު ފުފެންދެން ތެއްލާށެވެ. އެއަށް ފަހު، ތެލުން ނަގާފައި ތެއްލި ފިޔާ ހުރި ތަށްޓަށް އަޅާލާށެވެ.

ދެން، އަނެއްކާވެސް ތެޔޮގަނޑު ތެރެއަށް 35 ކެޝޫނަޓް އަޅާލުމަށް ފަހު، ގަދަގިނީގައި 2 މިނެޓު ވަންދެން ނުވަތަ މަޑު މުށިކުލައެއް އަރަންދެން ތެއްލާށެވެ. އަދި ފިޔާކޮޅާއި ހިކިމޭބިސްކަދުރު ހުރި ތަށްޓަށް އަޅާލާށެވެ.

އެއަށް ފަހު، އެހެން ތެއްޔަކަށް ½ ޖޯޑު ތެޔޮ އަޅާފައި ގަދަގިނީގައި 1 މިނެޓު ވަންދެން ހޫނުކޮށްލާށެވެ. ދެން، އެއަށް 1 ޖޯޑު މެދުމިނަކަށް ތުނިކޮށް ކޮށާފައި ހުރި ފިޔާ އަޅާލުމަށް ފަހު 8 މިނެޓު ވަންދެން ހަލަމުން، ފިޔާކޮޅަށް ރަން މުށިކުލައެއް އަރަންދެން ކައްކާށެވެ.

ދެން، 800 ގްރާމް ހަން ނޮޅާފައި ހުރި ކުކުޅު ފައި ތެއްޔަށް އަޅާލާށެވެ. އަދި 1 މިނެޓު ވަންދެން ހަލަމުން ފިޔާކޮޅާއި އެއްކޮށްލާށެވެ. ދެން 2 މޭޒުމަތީ ސަމުސާ ޖިންޖަރ ގާލިކް ޕޭސްޓް އަޅާފައި އިތުރު 2 މިނެޓަށް ހަލަމުން ކައްކާށެވެ.

1 ޖޯޑު ގޮޅިކޮށް ކޮށާފައި ހުރި ޓޮމާޓޯއާއި 1 ޖޯޑު މެދުމިނަކަށް ކުދިކޮށް ކޮށާފައި ހުރި އަލުވި އަޅާފައި 1 މިނެޓު ވަންދެން އެއްކޮށްލަމުން ހަލާލާށެވެ.

1/3 ޖޯޑު ޝާން ސްޕެޝަލް ބޮމްބޭ ބިރިޔާނީ މަސާލާ މިކްސް އަޅާލުމަށް ފަހު އިތުރު 1 މިނެޓަށް ނުވަތަ ޓޮމާޓޯކޮޅު މަޑުވަންދެން ހަލަމުން ކައްކާށެވެ. އަދި ½ ޖޯޑު ޕްލެއިން ޔޯގަޓް އަދި ¼ ސައިސަމުސާ ލޮނު އަޅާލާފައި 6 މިނެޓަށް ނުވަތަ ސޯސްގަނޑުން ތެޔޮ ވަކިވަންދެން ކައްކާލާށެވެ.

އެއަށް ފަހު، ތެއްޔަށް ¼ ޖޯޑު ފެން އަޅާލުމަށް ފަހު 1 މިނެޓު ވަންދެން ހުރިހާ އެއްޗެއް އެއްކޮށް ހަލާލާށެވެ. އަދި އެއަށް 3 މެދުން ފަޅިކޮށްފައި ހުރި ތޮޅި މިރުސް އަޅާލުމަށް ފަހު، ތެލީގެ މަތި ޖަހާފައި 5 މިނެޓު ވަންދެން ނުވަތަ ކުކުޅު ރޯފިލަންދެން ކައްކާލާށެވެ. ކުކުޅު ރަނގަޅަށް ރޯފިލިތޯ ބެލުމަށް ކުޑަ ކުކުޅުކޮޅެއް ތެލިން ނަގާފައި ކޮށާލުމަށް ފަހު އެތެރެ ބަލާލާށެވެ. ހުދު ކުލައިގައި ހުރި ނަމަ މިހާރު ކުކުޅު އެހުރީ ރޯފިލާފައެވެ. ފިޔާތޮށި ކުލައިގައި ހުރި ނަމަ، ހުދު ކުލަ އަރަންދެން ކައްކާލާށެވެ.

ތެލީގެ މަތި ނަގާފައި ކުރިން ކައްކާލި ބަތް، ކުކުޅު ފައިތަކުގެ މައްޗަށް އަޅާލާށެވެ. މިހެން އަޅާއިރު ހުރިހާ ކުކުޅުތައް ފޮރުވޭހެން، އެއްވަރަށް އަޅާލާށެވެ. ދެން ތެލިގެ މަތި ޖަހާފައި 18 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. މިހާރު ބަތްކޮޅު ހުންނާނީ ތެލީގެ ތެރޭގައި އުފެދޭ އާވިން އެއްކޮށް ކެކި، ބަތް ފުށްތައް މަޑުވެފައެވެ.

އަނެއްކާ ވެސް ތެލީގެ މަތި ނަގާލުމަށް ފަހު ކުރިން ތެއްލި ހިކިމޭބިސްކަދުރުކޮޅާއި، ފިޔާ، އަދި ކެޝޫނަޓް ބަތްގަނޑުގެ މަތީގައި އަތުރާލާށެވެ. އަދި އިތުރު 2 މިނެޓަށް މަތި ޖަހާލުމަށް ފަހު ކައްކާށެވެ.

އުނދުން ނިވާލުމަށް ފަހު، ހަތަރު ބަޔަށް ފަޅިކޮށްފައި ހުރި 5 ފެނުކެއްކި ބިސް ތެއްޔަށް ލުމަށް ފަހު ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. މިހާރު ބޮމްބޭ ބިރިޔާނީ މިހިރީ ކައްކާ ނިމިފައެވެ.

ގައިމުވެސް ” ހަވާސާ ” ގެ ޓީމުން ބުނީ ބިރިޔާނި ވަރަށް ފައްކާކަމަށެވެ. ތިބޭފޫޅުންގެ އަޖުމަބަލާލުމަށްފަހު ބޮމްބޭ ބިރިޔާނި ކިހިނެއްތޯ ކޮމެންޓް ކޮއްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް