ތައިލެންޑާއި ކެމްބޯޑިއާގެ ހަމަނުޖެހުމުގައި، 12 މީހުން މަރުވެއްޖެ

ތައިލެންޑާއި ކެމްބޯޑިއާ ބޯޑަރުގައި ހަމަނުޖެހުން ހިނގައި 12 މީހަކު މަރުވެއްޖެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި ދެފަރާތުގެ ހަތިޔާރު އެޅި ސިފައިން ބަޑިޖަހައި 12 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަމަލާ ބަދަލުކުރުން ވަރުގަދަވާން ފަށާފައިވާ އިރު، ކެމްބޯޑިއާ ސިފައިން ވަނީ ތައިލެންޑަށް ރޮކެޓު ފޮނުވައި ހަމަލާދީފައެވެ. އަދި ތައިލެންޑުގެ ޖެޓުތަކުން ބޯޑަރު ސަރަހައްދުގެ ކެމްބޯޑިއާއަށް ދެ ބޮން ވައްޓާލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގެ ހަމަނުޖެހުން ބޮޑުވެފައި މިވަނީ، މިދިޔަ ބުދަ ދުވަހު ތައިލެންޑަށް ނިސްބަރްވާ ސިފައިންގެ މީހަކަށް ބޯޑަރު ސަރަހައްދުން މައިނަކަށް އެރި އެ ގޮވުމުގެ ސަބަބުން އެމީހާގެ އެއް ފައި ބުރިވި މައްސަލައިގެ ސަބަބުންނެވެ.

ދެގައުމުން ބަދަލުކުރަމުން އަންނަ ހަމަލާ ބަދަލުކުރުންތަކުގައި މަރުވެފައިވާ 12 މީހުންނަކީ ތައިލެންޑުގެ ތިން ޕްރޮވިންސަކަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރުވި 12 މީހުންގެ ތެރޭގައި އާންމުންގެ 11 މީހަކު ހިމެނެއެވެ.

ހަމަލާތަކުގައި ތައިލެންޑުން މިހާތަނަށް 31 މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާ ކަމަށްވެސް އެގައުމުން ބުނެއެވެ.

ތައިލެންޑާއި ކެމްބޯޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގެ ހަމަނުޖެހުންތަކުގައި ކެމްބޯޑިއާ ފަޅިިން މަރުވި އަދި އަނިޔާވި މީހުންގެ ތަފްސީލެއް އެގައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ މިންވަރު ފަސް ޕަސަންޓަށް ދަށްކޮށްފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ބޭރު ފައިސާގެ ޑިޕޮސިޓުތަކަށް މިނިމަން ރިޒާވް ރިކުއަޔަމަންޓް (އެމްއާރުއާރު)ގެ ގޮތުގައި ބޭންކުތަކުން ބަހައްޓަން ޖެހޭ ބޭރު ފައިސާގެ މިންވަރު ފަސް ޕަސަންޓަށް ދަށްކޮށްފިއެވެ.

އެ ބަދަލު މިއަދުން ފެށިގެން ގެނެސްފައިވާ އިރު، ކުރިން އެމްއާރުއާރުގެ ގޮތުގައި ބަހައްޓަން ޖެހޭ ފައިސާގެ އަދަދަކީ 7.5 ޕަސަންޓެވެ.

އެމްއެމްއޭ އިން މިއަދު ބުނީ އެ ބަދަލު ގެނެސްފައިވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެކަނި ކަމަށާއި އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު ގައި އެމްއެމްއޭ އިން އެފަދަ ލިކުއިޑިޓީގެ ދަތި ކަމަކަށް ހައްލު ހޯދުމަށް އެމްއާރުއާރު 10 ޕަސަންޓުން 7.5 ދަށްކުރުމަށްފަހު، ބޭރު ފައިސާގެ އެމްއާރުއާރުއަށް ގެނެވުނު ފުރަތަމަ ބަދަލު ކަމަށެވެ.

އެ ބަދަލު ގެނައި ނަމަވެސް، ރުފިޔާގެ ރިޒާވް ރިކުއަޔަމަންޓަށް ބަދަލެއް ނުގެނެސް 10 ޕަސަންޓުގައި ހިފަހައްޓާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއާރުއާރު އަކީ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ލިކުއިޑިޓީ މެނޭޖްކުރުމަށް މަރުކަޒީ ބޭންކުތަކުގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގެންގުޅޭ ވަސީލަތެކެވެ. އެގޮތުން ހުރިހާ ވިޔަފާރި ބޭންކުތަކުން މަރުކަޒީ ބޭންކުގައި ކަނޑައެޅިފައިވާ މިންވަރެއް ރިޒާވްގެ ގޮތުގައި ބަހައްޓަން ޖެހެއެވެ.

އެމްއާރުއާރު އަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި އެ ބޭންކެއްގެ ޖުމުލަ ދިވެހި ރުފިޔާ އަދި، ބޭރު ފައިސާގެ ޑިޕޮސިޓްތަކުގެ ތެރެއިން، ރިޒާވްގެ ގޮތުގައި ބަހައްޓަންޖެހޭ ވަކި މިންވަރެކެވެ. އަދި އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް އެމްއާރުއާރުގެ ގޮތުގައި ބަހައްޓަން ޖެހޭ ނިސްބަތް ބަދަލުކުރެއެވެ.

އެމްއެމްއޭ އިން ބުނީ ބޭރު ފައިސާގެ އެމްއާރުއާރު ދަށްކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށާއި އޭގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އިގުތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމަށާއި އެ ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށްޓަކައި ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލުކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. އޭގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާކޭޓަށް އަސަރުކުރުވުން ހިމެނެއެވެ.

ގޭތެރޭގެ މަސައްކަތްތަކަކީ އަންހެނުން އެކަނި ކުރަން ޖެހޭ ކަމެއްތޯ؟

އެއްދުވަހަކު، ތާބިޢީ ބޭކަލަކު، ރަސޫލާ ﷺ ގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ އަރިހުން އެކަލޭގެފާނުގެ ގޭތެރޭގެ އުޅުއްވުމާ ބެހޭ ގޮތުން ސުވާލުކުރެއްވިއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ”އެކަލޭގެފާނު އުޅުއްވަނީ އެކަލޭގެފާނުގެ ޢާއިލާގެ ޚިދުމަތުގައެވެ. ދެން ނަމާދު ވަގުތު ޖެހުމުން ނަމާދަށް ނުކުންނަވައެވެ.“

رواه البخاري (676)

އެހެން ރިވާޔަތެއްގައި ހަމަ ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ”ގޭތެރޭގައި އެކަލޭގެފާނު އުޅުއްވީ ހަމަ އެހެންވެސް މީހުން އުޅޭ ގޮތަށެވެ. އެކަލޭގެފާނުގެ ހެދުންކޮޅު ދޮންނަވައެވެ. އަދި ބަކަރިން ކިރުފެއްލަވައެވެ. އަދި އަމިއްލަފުޅު ކަންކަން އަމިއްލައަށް ކުރައްވައެވެ.“

رواه أحمد (26194) ، وصححه الألباني في ”الصحيحة“ (671)

އެހެން ރިވާޔަތެއްގައި ވަނީ، ”އެކަލޭގެފާނު ހެދުންކޮޅު ފައްސަވައެވެ. ފައިވާންކޯޑުކޮޅު މަރާމާތުކުރައްވައެވެ. އަދި އެހެން ފިރިހެނުންވެސް ގޭތެރޭގެ މަސައްކަތްކުރާ ފަދައިން މަސައްކަތްކުރައްވައެވެ.“

رواه أحمد (24903) وصححه الألباني في ”صحيح الجامع“ (4937)

މިދުނިޔެމައްޗަށް ފޮނުއްވި އެންމެ މާތް އިންސާނާ އަމިއްލަފުޅު ކަންކަން ކުރައްވާ، ގޭގެ އެހެން އަހުލުންނަށް ޚިދުމަތް ކުރެއްވި އިރު، އަދި އެންމެ މާތް ޤަރުނުގެ ފިރިހެންތަކުން އެފަދައިން ޢަމަލުކުރެއްވިއިރު، އަހަރެމެން މީ މިކަންކަން ނުކުރަން މާ ޤަދަރުވެރި ބަޔަކީ ހެއްޔެވެ؟

ސުންނަތަަށް ޢަމަލުކުރާނަމަ، މިސުންނަތުގެ ވާހަކަ ނުދައްކަންވީ ކީއްވެ ހެއްޔެވެ؟

ވިޔަފާރީގައި ކާމިޔާބު ހޯދާނެ ފޯމިއުލާ – ކީރިތި ޤުރުއާނުގެ އަލީގައި

ވިޔަފާރީގައި ކާމިޔާބު ވުމަށްޓަކައި ބޭނުންވާ އަނެއް ކަމަކީ ޙިކުމަތްތެރިކަމާއެކު، ތިމާއަށް ލިބޭ އާމްދަނީއިން ހޭދަކުރުމެވެ.

(يؤتي الحكمت من يشاء ومن يؤت الحكمت فقد اوتي خيرا ومايذكر الا اولوا الالباب)

سورةالبقرة 269

” އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޙިކުމަތް ދެއްވައެވެ. އަދި އެމީހަކަށް ޙިކުމަތް ދެއްވެވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ އަހުލުވެރީން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.

ޙިކުމަތްތެރިކަމާއެކު އާމްދަނީއިން ހޭދަކުރުމާ ބެހޭ 5 ޤަވާޢިދެއް ވެއެވެ. ސޫރަތުލް ޤަޞަޞްގެ 76 ވަނަ އާޔަތާއި 77 ވަނަ އާޔަތުގައި މި ފަސް ޤަވާޢިދު ޖަމަޢަކުރެވިފައި ވެއެވެ.

1- القاعدة الأولى ފުރަތަމަ ޤާޢިދާ

(إذ قَالَ لَهُ قَوْمُهُ لَا تَفْرَحْ ۖ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ)

 

” އޭނާގެ ޤައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. ( ކިބުރުވެރިވުމުގެ ގޮތުން ) އުފާ ނުކުރާށެވެ. ހަމަކަށަވަރުން ބޮޑާވެގަތުމުގެ ގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. ”

ތިބާއަށް ވިޔަފާރީގައި ބޮޑު ފައިދާއެއް ލިބުނުކަމުގައި ވިޔަސް، އެކަމާ މާބޮޑަށް ފަޚްރުވެރިނުވާށެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅައަށެވެ. އެއް އަހަރު ބޮޑު ފައިދާއެއް ލިބިފައި އަނެއް އަހަރު އެވިޔަފާރިން ބޮޑު ގެއްލުމެއް ވެސް ލިބިދާނެއެވެ.

2- القاعدة الثانية ދެވަނަ ޤާޢިދާ

(وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ )

” އަދި ތިބާއަށް ﷲ ދެއްވި ތަކެތިން ( ހެޔޮގޮތުގައި ހޭދަކުރުމުން ) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ. ”

އުޚްރަވީ ޘަވާބު އެދިގެން މާތް ﷲ ގެ މަގުގައި ހޭދަކުރާނަމަ، ޤިޔާމަތް ދުވަހުން އޭނާއަށް ސަދަޤާތުގެ ދޮރުކޮޅުން ސުވަރުގެ ވަނުމަށް ގޮވާލެވޭނެއެވެ. އެހެން ނަބަވީ އިރުޝާދުތަކުން އެނގޭ ގޮތުގައި، ފެނުން އަލިފާން ނިވޭ ފަދައިން ސަދަޤާތުގެ ސަބަބުން ތިބާގެ ކުށްފާފަތައް ފުހެވިގެން ދެއެވެ. އެހެން ކަމުން ތިބާ އެންމެ އިސކަންދޭ އެއްކަމަކީ އުޚްރަވީ ޘަވާބު އެދިގެން ﷲ ގެ މަގުގައި ހޭދަކުރުން ކަމުގައި ހަދާށެވެ.

3- القاعدة الثالثة ތިންވަނަ ޤާޢިދާ

ولا تنس نصيبك من الدنيا

(އަދި ދުނިޔެއިން ތިބާޔަށް ލިބެންވީ ބައި ހަަނދާން ނައްތާނުލާށެވެ.)

ތިބާއަށް ދެއްވާފައިވާ ތަނަވަސްކަމުން، ޝަރީޢަތް ހުއްދަކުރާ ދުނިޔެވީ އުފާތައް ހޯދުމަކީ އިސްލާމްދީން ހިތްވަރުދޭ ކަމެކެވެ. އެކަމަކު، މިކަމުގައި ހައްދު ފަހަނައަޅައިދިޔުމަކީ ހުއްދަކަމެއްނޫނެވެ.

4- القاعدة الرابعة ހަތަރުވަނަ ޤާޢިދާ

و أحسن كما أحسن الله إليك

” އަދި ﷲ ތިބާއަށް އިޙުސާންތެރިވެ ވޮޑިގެން ފަދައިން ތިބާ ވެސް ( ﷲ ގެ އަޅުތަކުންނަށް ) އިޙުސާންތެރިވާށެވެ. ”

ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވައި އޯގާތެރިވެވޮޑިގެން ފަދައިން، ވިޔަފާރިވެރިޔާ ވެސް އެއިލާހުގެ އަޅުތަކުންނަށް އޯގާތެރިވުންހުއްޓެވެ. އެއިލާހު ދެއްވި އަޅުތަކުންނަށް ހެޔޮ ފޯރުވުންވަނީ؛ އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ތެރެއިންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

(وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ)

سورة إبراهيم 7

” އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ( ޝުކުރުނުކޮށް ) ކާފިރުވެއްޖެނަމަ ( ދަންނާށެވެ. ) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވާކަން ކަށަވަރެވެ. ”

ނިޢުމަތްތަކަށް ޝުކުރުކޮށް، ﷲ ގެ މަގުގައި ގިނަގިނައިން ހޭދަކުރާނަމަ، ތިބާގެ ވިޔަފާރިއާއި މުދަލުގައި ބަރަކާތްލެއްވި ، ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އިސްވެދިޔަ އާޔަތަކީ އިލާހީ ވަޢުދުފުޅެކެވެ. އަދި ޝުކުރުވެރިވާ އަޅުތަކުންނަށް އޮތް އުފާވެރި ޚަބަރެކެވެ.

ﷲ ގެ މަގުގައި ހޭދަކުރާ މީހާއަށް، އުޚްރަވީ ޘަވާބު ލިބުމުގެ ކުރިން، ދުނިޔެމަތީގައި ވެސް އެކަމުގެ ހެޔޮ ޖަޒާ ލިބިގެން ދެއެވެ.

5- القاعدة الخامسة ފަސްވަނަ ޤާޢިދާ

وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ

” އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދި ނޫޅޭށެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ. ”

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.

لَا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ : عَنْ عُمُرِهِ ، فِيمَ أَفْنَاهُ ♤ وعَنْ شَبَابِهِ ، فِيمَ أَبْلَاهُ ♤ وَعَنْ مَالِهِ ، مِنْ أَيْنَ ♤ وَفِيمَ أَنْفَقَهُ ♤ وَعَنْ عِلْمِهِ ، مَاذَا عَمِلَ فِيهِ ♤

”ހަތަރުކަމަކާއިމެދު ސުވާލުކުރެވުމަށްފަހުގައި މެނުވީ އަޅާގެ ފައި ހުރިތަނުން ގުޑާވެސް ނުލާނެއެވެ. (އެއީ)އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންތޯއާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުން ތޯއާއި، އަދި މުދާ ހޯދީ ކިހިނަކުންތޯއާއި، އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި، އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާއިމެދުގައެވެ. ”

ތެދުވެރިކަމަކީ ހުރިހާ ހާލަތެއްގައިވެސް ހިފަހައްޓަންޖެހޭ އިސްލާމީ ރިވެތި އަޚްލާޤެކެވެ. އަޅުކަމުގައި އަދި މުޢާމަލާތުގައިވެސް ތެދުވެރިވާންޖެހެއެވެ. ތެދުވެރިކަން ޢިލްމުވެރިން 3 ބަޔަކަށް ބައްސަވައެވެ. އެއީ އަޅާ ﷲ އަށް ތެދުވެރިވުމާއި އަޅާ އޭނާގެ ނަފްސަށް ތެދުވެރިވުމާއި އަދި އަޅާ އެހެނިހެން މީސްތަކުންނާމެދު ތެދުވެރިވުމެވެ.

އިންޑިއާއަކީ ރާއްޖޭގެ އިޚްލާސްތެރި ހަޤީގީ ރަހުމަތްތެރިއެއްކަން މި ސަރުކާރުން ގަބޫލުކޮށްފި: ޝާހިދު

އިންޑިއާއަކީ އިޚްލާސްތެރި ހަގީގީ ރަހުމަތްތެރިއެއްކަން މި ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

އިންޑިއާގެ ނޫސްތަކަކަށް ދެއްވި އިންޓަވިއުތަކެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ އަވަށްޓެރި ޤައުމުތަކާމެދު ރަނގަޅަށް މަސައްކަތްކުރާ ޤައުމެއްކަމަށެވެ. އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ސަރުކާރުން ޤަބޫލުކުރާކަން، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު އެރުވުމުން ހާމަވެގެންދާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މޯދީގެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިއީ އާ ފެށުމަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

“އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމުގެ ބޭނުން ހިފުމަކީ ރާއްޖެއަށް މުހިންމު ކަމެއް. ދެގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ހީނަރުވުމުގެ ސަބަބުން ދިވެހިރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށްވެފައިވުމީ ހިތާމަ ކުރާ ކަމެއް. އެހެންނަމަވެސް، ބޮޑުވަަޒީރު މޯދީގެ ޒިޔާރަތުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން.” ޝާހިދު ވިދާޅުވިއެވެ.

ޤައުމުތަކާއެކު ރަހުމަތްތެރިކަން ބޭއްވޭނީ، ވަގުތީ ސިޔާސީ ބޭނުމަށް އަވަށްޓެރި ގައުމުތަކާ ޖެހިގަތުން ހުއްޓާލައިގެންކަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ގަބޫލުކުރަން ޖެހޭކަން ފާހަގަކުރަމުން ޝާހިދު ވިދާޅުވީ ޤައުމުތަކާއެކު މަސައްކަތްކުރެވޭނީ އިޚްލާސްތެރިކަމާއެކު ގުޅުން ބާއްވައިގެންކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް އެހީވަނީ ރާއްޖޭގެ ސަރުކާރުގައި އޮންނަ ޕާޓީގެ ކުލައަށް ބަލައިގެން ނޫންކަމަށާއި، ހުއްޓުމެއް ނެތި ތަރައްޤީއަށް އެހީވަނީ ދިވެހިންނާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ނިންމައި، ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަވަށްޓެރިންގެ ގޮތުގައި އޮތް އިންޑިޔާއަކީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށާއި އެގައުމުގެ އިޤްތިޞާދަށް އަންނަ ކުރިއެރުމުގެ ފައިދާ ރާއްޖެއަށް ހޯދެން ޖެހޭނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކައި މިއަދުގެ ސަރުކާރުގައި ތިބި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެ ގައުމުގެ ގުޅުން ބޮޑުތަނުން ހީނަރުވެގެން ދިޔަކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށެވެ.

މިނިވަން ދުވަހުގެ ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަކި ގަޑިތަކެއްގައި މަނާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމީ 2025 ޖުލައި 25، 26 އަދި 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފައިވެއެވެ.

މި ނިންމުމުގެ ދަށުން، ޖުލައި 25 ވަނަ ދުވަހު މެންދުރުފަހު 1 އިން 6 އަށް ބަރު އުޅަނދުފަހަރުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ. އަދި 26 ވަނަ ދުވަހު ހަވީރު 3 އިން ރޭގަނޑު 6:30 އަށް ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ. މީގެއިތުރުން 27 ވަނަ ދުވަހުގެ ހަވީރު 6 އިން މެންދަމު 12 އަށް ބަރު އުޅަނދުފަހަރުގެ ތެރެއިން C0، C2، D، E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުން މަނާކުރެވޭނެއެވެ.

ނަމަވެސް، ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް މި މަނާކުރުމުން އިސްތިސްނާ ކޮށްފައިވެއެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް ސަރުކާރުން ވަނީ އަންގާފައެވެ. މި ނިންމުމަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (2009/5) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަންފީޒުކުރެވޭ ނިންމުމެކެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި، ސެކިއުރިޓީ މަސައްކަތްތައް ފަސޭހަކުރުމަށް މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މާދަމާ އެމްޑީޕީން މަޖިދީ މަގުގައި ބާއްވަން އުޅުނު ދުވުން ފަސްކޮށްފި

އެމްޑީޕީ ގެ 20 ވަނަ އަހަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވަން އުޅުނު ”ރަން ރީނދޫ“ ދުވުމަށް ހުޅުމާލެ ސެންޓްރަލް ޕަކް ސަރަހައްދު ނުދިންކަމަށްބުނެ މާދަމާ ހަވީރު މަޖީދީ މަގުގައި ބާއްވަން އުޅުނު ދުން މިހާރު ކެންސަލްކޮށްފައިވާކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބުނީ މާދަމާ ބާއްވަން އުޅުނު ދުވުން ކެންސަލް ކުރި ސަބަބައެއް ކަމަށް އެ ޕާޓީން ބުނީ އަންނަ މަހުގެ 1 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ވަށައިގެން އޮންނަ މަގުގައި ދުވުން ބާއްވަން މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދީފައިވާތީ ކަމަށެވެ.

މީގެ ކުރިން އެމްޑީޕީން ވަނީ މި މަހުގެ 18 ގައި ދުވުން ބައްވަން އެޗްޑީސީން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދު ނުދިން ކަމަށް ބުނެ މާލޭގައި ދުވުމަށް ނިންމާފައެވެ. އަދި އެ ޕާޓީން ބުނީ މި ދުވުމަކީ އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެއް ކަމަށެވެ.

ލ. އިސްދޫގައި އޭޒޯން ލައިސަންސް ދޫކުރަންފަށައިފި


ލ. އިސްދޫގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މީގެ އިތުރުން އިސްރައްވެހިންނަށް ޚާއްސަ ލައިސަންސް ދޫކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މި ޚިދުމަތް ފެށުމާއެކު، އިސްދޫގައި ދިރިއުޅޭ ރައްޔިތުންނަށް، އުޅަނދު ދުއްވުމަށް ބޭނުންވާ އޭޒޯން ލައިސަންސް ހޯދުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ. އަދި ޚާއްސަކޮށް، އުމުރުން ދުވަސްވީ އިސްރައްވެހިންނަށް ޚާއްސަ ލައިސަންސް ދޫކުރުމުގެ ކަންކަން ވެސް ވަނީ ފަށާފައެވެ. މިއީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ، މިއީ އިސްދޫގެ ރައްޔިތުން ވަރަށް ގިނަދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. “މިހާރު ލައިސަންސް ނެގުމަށް އިސްދޫ ރައްޔިތުން ކުރިން އުފުލަމުންދިޔަ ތަކުލީފު އުފުލަން ނުޖެހޭނެ،” އޭނާ ވިދާޅުވިއެވެ. ކުރިން ލައިސަންސް ނެގުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަންޖެހުމުގެ ސަބަބުން ވަގުތާއި ފައިސާގެ ގޮތުން ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވެފައިވާ ކަމަށް ވެސް ހަލީލް ފާހަގަކުރެއްވިއެވެ.

މިކަން އިފްތިތާހު ކުރުމުގެ ޚާއްސަ ހަފްލާ ބާއްވާފައިވަނީ އިސްދޫ ކައުންސިލް އިދާރާގައެވެ. މި ޖަލްސާގައި ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވަނީ، މިކަން އިސްދޫގައި ކުރަން އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ޖަލްސާގައި، އިސްދޫ އިން އަލަށް ލައިސެންސް ނެގި ފަރާތްތަކަށް ވަނީ އެމީހުންގެ ލައިސެންސް ހަވާލުކޮށްފައެވެ.

މި ޚިދުމަތް ފެށުމާއެކު، އިސްދޫގެ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް އަންނާނެއެވެ.

ބައެއް ހިޔާ ޓަވަރުތަކުން މިރޭ ދަންވަރު ފެން ކެނޑޭނެ: އެމްޑަބްލިއުއެސްސީ

ހިޔާ ފްލެޓުގެ 3 ޓަވަރަކުން މިރޭ ދަންވަރުގެ އެކި ގަޑި ގަނޑިތަކުގައި ފެންކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކުރިން ހަމަޖެހިފައިވާ މަރާމާތު މަސައްކަތްތަކެއް ކުރުމަށްޓަކައި މިރޭ ދަންވަރުގެ ބައެއް ގަޑިތަކުގައި ހިޔަ ޓަވަރު 2 އާއި ހިޔާ ޓަވަރު 7 އާއި ހިޔަ ޓަވަރު 15 އިގެ ބައެއް ފަންގިފިލާތަކުން ފެނުގެ ޚިދުމަތް މެދު ކެނެޑޭނެ ކަމަށެވެ.

އެގޮތުން ފެނުގެ ޚިދުމަތް ކެނޑޭނެ ޓަވަރުތަކާއި ފަންގިފިލާ ތަކާއި ގަޑިތަކަކީ:

  • ހިޔާ ޓަވަރު 2 ގެ 8 ވަނަ ފަންގިފިލާ އިން 16 ވަނަ ފަންގިފިލާ އަށް ދަންވަރު 00:30 އިން 01:00 އަށް
  • ‎ހިޔާ ޓަވަރު 7 ގެ ގްރައުންޑްފްލޯރ އިން 24 ވަނަ ފަންގިފިލާ އަށް ދަންވަރު 02:30 އިން 04:00 އަށް
  • ހިޔާ ޓަވަރު 15 ގެ ގްރައުންޑް ފްލޯރ އިން 8 ވަނަ ފަންގިފިލާ އަށް، އަދި 16 ވަނަ ފަންގިފިލާ އިން 24 ވަނަ ފަންގިފިލާ އަށް ދަންވަރު 01:00 އިން 02:30 އަށް

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

މާލޭ މަގުތަކުގައި އުޅޭ ބުޅާތަކަށް އަނިޔާނުކުރުމަށް އިލްތިމާސްކޮށްފި

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާނިކަކޮށް އެސޮރުމެން ނުމެރުމަށް ޖަނަވާރުންނާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް މާލޭގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް ހާނިކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

އެއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު އަމަލަކަށްވާތީ އެކަން ނުކުރުމަށް އިލްތިމާސްކުރާކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަހްފޫމަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ ޖަނަވާރަށް ލިބިގެންދާ ފަސް މިނިވަންކަމެކެވެ. އެއީ:

 

  • ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން
  • ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުގެ މިންޖުވުގެ މިނިވަންކަން
  • ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން
  • ވޭނާއި، ހާނިކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އޭޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން

އެ ވުޒާރާއިން ވިދާޅުވެފައިވަނީ ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާކަމަށެވެ. އަދި ދަނޑުވެރިކަމަށާއި މުނިފޫހިފިލުވުމަށާއި އެ ނޫން ވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި ދުޅަހެޔޮކަން ކަށަވަރުކުރަން ޖެހޭކަމަށެވެ.

” އޮޅުކޮށް އެކުގައި ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާދީގެން އާދަވެގެން ޖަނަވާރު އުޅުމުގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކޮށްގެން އަޅައިލުމާއި ލޯބި ދީގެން ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށްވާތީ މަގުމައްޗަށް ދޫކޮށްލުމުން އެ ސޮރުމެންނަށް ލިބެމުންދިޔަ އަޅައިލުމާއި ލޯބިން މަހުރޫމްވޭ. އޭގެ ނަތީޖާއަކަށްވަނީ ކަންބޮޑުވުމާއި ހިތްދަތިކަން އިހުސާސްކުރަން ޖެހުމުގެ އިތުރުން އާދަވެގެން ކަމުންދިޔަ ކާނާ ނުލިބުމާއި އުޅެމުންދިޔަ އަމާން އަރާމު ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ، ގާތުގައި އުޅުން،” ޖަނަވާރުންނާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ވުޒާރާއިން ވިދާޅުވީ އެފަދަ ޖަނަވާރަކީ އިންސާނުންނާއެކު އެމީހުންގެ ވެށީގައި ދިރިއުޅޭ، ބުއްދިއެއްނުވާ އެއްޗަކަށްވާތީ ވަރަށް ގިނަ ފަހަރު އެސޮރުމެންގެ ކިބައިން އިންސާނުންނަށް އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެސޮރުމެންނަށް ހާނިއްކަކުރުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

ދުނިޔެއަކީ އިންސާނުންނާއި ޖަނަވާރުންނަށް ވެސް އުޅެން އޮތް ތަނަކަށްވާއިރު ހުރިހާ ޖަނަވާރަކަށް ވެސް ރައްކާތެރި، ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އަޅާ ކަމެއް ކަމަށް ޖަނަވާރުންނާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

 

މާލެގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލެގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ދެންމެ ބުނީ ‏ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.

އަދި މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.

ކަރަންޓް ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެދިފައިވެއެވެ.

ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް ޗެއާޕާސަން ފައްޔާޒު!

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތައްޔާރުވުމުގެ މަސައްކަތް ފަށައި، އެ ކެމްޕެއިނުގެ ކެމްޕެއިން މެނޭޖަރަކަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހަމަޖެހިފައިވާކަމުގެ ޙަބަރު “ހަވާސާ” ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒު ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސީ، ފައްޔާޒާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާ އެކު ރޭ ބޭއްވި ޚާއްސަ ބައްދަލުވުމަކުންނެވެ.

އޯޓީޕީ ރެސްޓޯރެންޓުގައި ބޭއްވި މި ބައްދަލުވުމަކީ، ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރު ވުމުގެ މަސައްކަތްތައް ފެށުމަށް ބޭއްވި ބައްދަލުވުމެއްކަން ވަނީ އެނގިފައެވެ. އާންމުންނަށް ހުޅުވާނުލައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި 150 އާއި 200 އާ ދެމެދުގެ އަދަދަކަށް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ މެންބަރުން ބައިވެރިވެފައިވެއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ދެ ބޭފުޅުން ކަމަށްވާ ފައްޔާޒާއި ނަޝީދު، ޕާޓީގެ ކެމްޕެއިނެއްގައި އެކުގައި މަސައްކަތްކުރައްވަން ނުކުމެވަޑައިގަތުމަކީ، އެތެރޭގެ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ޕާޓީގެ މަސްލަހަތު އިސްކުރައްވާނެ ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކައުންސިލް އިންތިޚާބުގެ ކަންކަމުގެ އިތުރުން، މި ބައްދަލުވުމުގައި ވެރިކަން ހިންގުމުގެ ނިޒާމާއި، ޕްރިފެރެންޝަލް ވޯޓިންގ ސިސްޓަމެއް ގެންގުޅުމާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

ފައްޔާޒާއި ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޝާހިދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

މިހާރު ގާނާގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު މާލެ ވަޑައިގެންނެވީ މިރޭގެ ބައްދަލުވުމަށް ޚާއްސަކޮށެވެ. އެމަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ، ޕާޓީން ވަކިވެވަޑައިގެން ދެ އަހަރު ހުންނެވުމަށްފަހު، މިދިޔަ ޖޫން މަހުގެ 23ގައެވެ.