Advertisement

ރާއްޖޭގެ މިނިވަން ކަމަށާއި އަމިއްލަވަންތަ ކަމައް އިހްތިރާމް ކުރުމަށް ދުންޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫން، އިންޑިޔާގެ މީޑިޔާއަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިޔާއަކީ ރާއްޖެއަށް ވަރަށް މުހިންމު އަވައްޓެރި ޤައުމެއް ކަމަށާއި ރާއްޖޭގެ މިހާރުގެ ސަރުކާރުން އެޤައުމާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ދަނެގަތުމަކީ މުސްތަގްބަލަށް ފަހިކަމެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެންއައީ އިންޑިޔާ އަކީ ރާއްޖޭގެ ހަތުރެއް ކަމަށް ދެކެވި، “އިންޑިޔާ އައުޓް” ކެމްޕޭނެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޢީސް މުޢިއްޒުގެ ދައުވަތަކަށް ވަޑައިގަތުމުން ދޭހަވަނީ، ކުރިން ރައީސް މުޢިއްޒު ގެންގުޅުއްވި ވިސްނުން ދޫކުރައްވައި، އިންޑިޔާއަކީ ރާއްޖެއަށް ކިހާ މުހިންމު އަވައްޓެރިޔެއްކަން އެމަނިކުފާނަށް ވިސްނިވަޑައިގަތްކަން ކަމަށް ދުންޔާ ފާހަގަކުރެއްވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ވަރަށް މުހިންމު ހިސާބެއްގައި އުފެދިފައިވާ ޤައުމަކަށް ވުމުން، ރާއްޖެއަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށެވެ. މިކަމާ ރާއްޖޭގެ ސަރުކާރުންނާއި ރާއްޖޭގެ ރައްޔިތުން ސަމާލުވުމަށްވެސް ދުންޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމަށް ކަމުން، ރާއްޖެއިން ހުރިހާ ޤައުމަކާ އެކުވެސް ހަމަހަމަ ގުޅުމެއް ގެންގުޅުމީ ވަރަށް މުހިންމު ކަމެއްކަން ދުންޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަކީ ފަގީރު ޤައުމެއް ނޫން ކަމަށާއި، ރާއްޖޭގައި ކިޔަވައިގެން ތިބި މޮޅެތި މީހުންވެސް އެބަތިބި ކަމަށް ދުންޔާ ވިދާޅުވިއެވެ. އެކަމަނާ ވަނީ ރާއްޖެއިން އެއްވެސް ޤައުމަކަށް ބަރޯސާވުމީ މުސްތަގްބަލުގައި ރާއްޖެއިން ހިތާމަ ކުރަން ޖެހޭނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް