ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ ޖުމްލަ އަދަދު 61،430 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ރިޕޯޓެއްގައި ވިދާޅުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި 61 މީހުންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދުމުގެ ތެރެއިން ޝަހީދުވި 35 މީހުން ހިމެނޭ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހީ ހޯދުމުގެ ތެރެއިން ޒަހަމްވި 304 މީހުން ހިމެނޭ ގޮތަށް އިތުރު 363 މީހުން ޒަހަމްވެފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.
މިއާއެކު އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އައިއިރު، ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 61،430 އަށް އަރައިފައެވެ. އަދި ނިރުބަވެރިންގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 153،213 އަށް އަރައިފައެވެ.
މި މަހުގެ 8 ވަނަ ދުވަހު ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް ނިރުބަވެރި އިސްރާއީލުގެ ސަލާމަތީ ވަޒީރުންގެ މަޖިލީހުން ރުހުން ވަނީ ދީފައެވެ. އެ ޕްލޭނަކީ އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މިދިޔަ ހަފްތާގެ ތެރޭގައި ސަލާމަތީ މަޖިލީހަށް ހުށަހަަޅާފައިވާ ޕްލޭނެއް ކަމަށް އެ ރިޕޯޓްތައް ބުނެއެވެ.
އެ ޕްލޭނާއެކު ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލާ، ދުނިޔޭގެ އެތައް ގައުމަކުން ވަނީ އިސްރާއީލާ ދެކޮޅަށް ތެދުވެފައެވެ.
މީގެ ތެރޭގައި ޑެންމާކް، ނެދަލެންޑްސް، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި ރާއްޖެ ވެސް ހިމެނެއެވެ.
މިކަމާ ގުޅިގެން ޣައްޒާގައި ހިފަހައްޓާފައިވާ ރަހީނުންގެ އާއިލާތަކުން ވެސް ވަނީ އިސްރާއީލު ސަރުކާރުން އެ ސަރަހައްދު “ކޮންޓްރޯލް” ކުރަން ރާވާފައިވާ ރޭވުމާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މުޒާހަރާކޮށްފައެވެ. އޭގެ ބަދަލުގައި ގަތުލުއާންމު ހުއްޓާލައި ރަހީނުކޮށްފައި ތިބި ހުރިހާ މީހުން ދޫކޮށްލުމަށް އެ މުޒާހަރާގައި ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު