ދިވެހި ބަހާއި އަދަބިއްޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ މަޤްޞަދުގައި، ގ.ވޭރު އަލްމަރުޙޫމް މުޙައްމަދު ފާއިޒް (ދަނބުމާ ފާއިޒު) ގެ އަތުލިޔުއްވުންތައް ނަކަލުކޮށްގެން އުފައްދައި ނެރުނު “ދަނބުމާ ފޮންޓު” ދައްކައިލުމުގެ ޚާއްޞަ މައުރަޒަށް، ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޒިޔާރަތްކުރައްވައިފިއެވެ. މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދަނބުމާ ފާއިޒުގެ ދިވެހި އަތުލިޔުއްވުން ދިރާސާކޮށް، އެ އަކުރުތައް ޑިޖިޓަލް ފޮންޓެއްގެ ގޮތުގައި އާންމުކޮށް، ދިވެހި ބަހަށް ޚިދުމަތް ކުރުމެވެ.
މައުރަޒަށް ޒިޔާރަތްކުރެއްވުމަށްފަހު، އަބްދުﷲ ޝާހިދު ވަނީ އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި، މި ފޮންޓާއި މެދު ތަޢުރީފުކުރައްވާފައެވެ. ޝާހިދު ވިދާޅުވެފައިވަނީ، މަރުޙޫމް ފާއިޒު އަތުން ލިޔުއްވާފައިވާ ފޮތްތަކުން އެމަނިކުފާނަށް ފެނިވަޑައިގަތީ ވަރަށް ސާފު، ސާދާ، ރީތި އަތުލިޔުއްވުމެއް ކަމުގައެވެ. އަދި މިފަދަ ފޮންޓުތަކަކީ ދިވެހި އަދަބިއްޔާތަށް ރޫޙު ގެނުވައިދޭ، އަގުނުކުރެވޭ ފަރުމާއެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ގ.ވޭރު އަލްމަރުޙޫމް މުޙައްމަދު ފާއިޒް (ދަނބުމާ ފާއިޒު) ގެ އަތުލިޔުއްވުން ނަކަލުކޮށްގެން އުފައްދައި ނެރުނު "ދަނބުމާ ފޮންޓު" ދައްކައިލުމުގެ މައުރަޒަށް، މިރޭ އަޅުގަނޑު ޒިޔާރަތްކުރީމެވެ. މަރުޙޫމް ފާއިޒު، އަތުން ލިޔުއްވާފައިވާ ފޮތްތަކުން އަޅުގަނޑުދުށީ ވަރަށް ސާފު، ސާދާ، ރީތި… pic.twitter.com/rvUHPqb5VF
— Abdulla Shahid (@abdulla_shahid) August 11, 2025
ފަންނާނުންގެ ތެރޭގައި ތާނަ ފޮންޓުތައް ބޭނުންކުރުން އިތުރުވެފައިވާ މި ދުވަސްވަރުގައި، ދަނބުމާ ފޮންޓަކީ ދިވެހި ބަހަށާއި ތާނަ އަކުރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މި ރީތި ފޮންޓު އާއްމުންނާއި ހަމަޔަށް ގެނެސްދެއްވީތީ، ފާއިޒުގެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، މިފަދަ ހިތްގައިމު ފޮންޓްތަކާއެކު ދިވެހި ބަހާއި، ތާނަ އަކުރަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، ދިވެހި އަދަބިއްޔާތަށް ކުރިއެރުން ލިބިގެން ދާނެކަން ޔަޤީން ކަމަށެވެ.
އެމަނިކުފާނުގެ ޓްވީޓް ނިންމަވާލައްވަމުން، ޝާހިދު ވަނީ އަލްމަރުޙޫމް މުޙައްމަދު ފާއިޒަށާއި، ފާއިޒުގެ ދަރިކަލުން ބޮބީގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު