ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކައިރިން މޮޅުވެއްޖެއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޓީސީން ޔުނައިޓެޑް ވިކްޓްރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާއެކު ޓީސީއަށް ވަނީ ފުލުން ކުރިއަށް ޖެހިލަން ފުރުސަތު ލިބިފައެވެ. އެޓީމުން ނުވަ ވަނައިގައި އޮވެފައި ހަތް ވަނައަށް ޖެހިލީ 12 މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
ޔުނައިޓެޑް ވިކްޓްރީން މިވަގުތު އޮތީ، އަށް ވަނައިގައެވެ. އެއީ ހަތް ޕޮއިންޓާއެކުގައެވެ.

މިއަދު މެޗުގެ 40 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ގާނާގެ ޕްރިންސް ބޯޑޫއެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ، އަލީ އާދެލް އަތުގައި ޖެހިފައި ނުކުތުމުންވެސް ބޯޑޫ ވަނީ ދެވަނަ ފަހަރަށް އެ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ދެ ވަނަ ހާފު ފެށިގެން 15 މިިނިޓް ތެރޭ ލިބުނު ފުރުސަތެއްގައި ޕްރިންސް ވަނީ ދެ ވަނަ ގޯލެއް ޖަހައި ޓީސީގެ ލީޑުފުޅާކޮށްދީފައެވެ.
މެޗު ނިމެން 15 މިިނިޓަށް ވެފައި ވަނިކޮށް ޓީސީން ތިންވަނަ ގޯލެއްވެސް ޖެހިއެވެ. ދެވަނަ ގޯލެކޭ އެއްގޮތަށް ތިންވަނަ ގޯލް ޖެހީވެސް ކޯނަރެއްގައެވެ. އެ ގޯލް ޖަހައިދިނީ ހުސެއިން ޝަރީފް (ހުސީ) އެވެ.
ޔުނައިޓެޑް ވިކްޓަރީން މެޗުގައި ޖެހި ހަމައެކަނި ގޯލް ކާމިޔާބުކުރީ 87 ވަނަ މިނިޓްގައެވެ.އެ ގޯލް ޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސާމިރެވެ.


ކިޔުންތެރިންގެ ހިޔާލު