24 މީހުންގެ ހަށިގަނޑު ލެވޭ ވަރުގެ މޯޗަރީއެއް ހުޅުމާލޭގައި ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދީފި ކަމުގައި މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ކައުންސިލުން ބުނީ މިއީ މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ޖާގަ މާ ބޮޑަށް ކުޑަވުމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެޗްޑީސީން ދީފައިވާ ހުއްދައެއް ކަމަށެވެ.
ހުޅުމާލެއަށް ގަލޮޅު މޯޗަރީ ބަދަލުކުރުމަށް ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ވެސް ވަނީ ފާސްކޮށްފައެވެ. މިހާރު ބޭނުން ކުރަމުންއަންނަ ގަލޮޅު މޯޗަރީގެ ކެޕޭސިޓީއަކީ 12 ޖާގައެވެ. އެ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، ވީރާނަވާން ފަށާފައެވެ.
ހުޅުމާލެ ސަހަރާގެ ދެކުނު ފަރާތުގެ ބޮޑުމަގުން، އެމްބިއުލާންސަށް ވަދެވޭގޮތަށް ތަރައްގީކުރާ މި މޯޗަރީގެ ބޮޑުމިނަނީ 2000 އަކަފޫޓެވެ. އަދި މޯޗަރީ ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލުމަށް އަންނަ ހަފްތާ އިއުލާން ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން މި އައު މޯޗަރީ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ދެ މުވައްޒަފުންނަށް ދިރިއުޅެވޭނެ އެކޮމޮޑޭޝަނަކާ ވެސް އެކުގައި ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރޮޅު ލީ ގޮނޑީގައި ވަދެވޭގޮތަށް ކަމަށެވެ.
މީގެއިތުރުން މި އިމާރާތުގައި އޮފީހަކާއި ވެއިޓިންގ އޭރިއާއަކާއި ފާހާނާ ބަރިއެއް ވެސް ތަރައްގީކުރާނެކަަމަށް މޭޔަރު ވިދާޅުވިއެވެ.
ގަލޮޅު ސަހަރާގައި 1975 ވަނަ އަހަރު ހިންގަން ފެށި މި މޯޗަރީއަކީ މިހާރު 50 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ތަނެކެވެ.


ކިޔުންތެރިންގެ ހިޔާލު