މަޖިލީހަށް ކުރިމަތިލަނީ އައްޑޫގެ މަޝްރޫއުތައް ހުއްޓިފައިވާތީ ސަރުކާރު ޒިންމާދާރުކުރުވަން: ސޯބެ

2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައްޑުއަށް ގިނަ ކަންތައްތައް ކޮށްދީފައި ހުންނާނީ އޭނާގެ މަސައްކަތުން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަނީ މި ސަރުކާރުން ހުއްޓާލާފައި ހުރި ކަންކަމާ ގުޅޭގޮތުން ސުވާލުކުރަން ކަމަށް ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑާރޝިޕްގެ ބޭފުޅުންނާއެކު މިރޭ އައްޑޫ ސިޓީގައި ކުރިއަށްދާ ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަމުން ސޯބެ ވިދާޅުވީ، އޭނާ މޭޔަރުކަމުގައި ހުންނެވި 10 އަހަރު ކުރެއްވީ ކޮން ކަމެއްތޯ ވާދަވެރިން ސުވާލު އުފައްދާ ކަމަށެވެ. ސޯބެ ވިދާޅުވީ، އޭނާގެ މަސައްކަތް ހުރިހާ އެންމެނަށް ސާފުކޮށް ފެންނަން އެބަ ހުރި ކަމަށެވެ.

2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައްޑުއަށް ކޮށްފައި ހުރި ހުރިހާ މަސައްކަތަކީ އޭގެ ޕްލޭނިން މަރުހަލާއިން ފެށިގެން ތަންފީޒުކުރުމާއި ހަމައަށް، މޭޔަރުގެ ހައިސިއްޔަތުން އަދި ސްޓޭޓް މިނިސްޓަރުކަމުގެ ހައިސިއްޔަތުން ވެސް އޭނާ ކުރެއްވި މަސައްކަތް ކަމަށް ސޯބެ ވިދާޅުވިއެވެ.

މަސައްކަތްތައް ޕްލޭނިން މަރުހަލާގައި ހުއްޓާ އެ ކަންތައްތައް މިހާރު ހުއްޓުވާފައިވާ ކަމަށް ސޯބެ ވިދާުޅުވިއެވެ. އެހެންވެ، އޭނާ މަޖިލީހަށް ވަޑައިގަންނަވަނީ އެ ކަންކަމާ ގުޅޭގޮތުން ވަޒީރުންނާ ސުވާލުކުރައްވައި ޖަވާބުދާރީކުރުވައި ޒިންމާދާރުކުރުވަން ކަމަށް ވިދާޅުވިއެވެ. ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރުން ވެސް އޭނާއަށް ވޯޓު ދެއްވާނީ އެހެންވެ ކަމަށް ސޯބެ ވިދާޅުވިއެވެ.

އެމިހާރު އަލަށް ޓާފް އަޅަމުންދާ ދަނޑުގައި އެންމެ ފުރަތަމަ ޓާފް އެޅީ އޭނާގެ ދައުރުގައި ކަމަށާއި އޭރު އެކަން ކުރީ ވަރަށް ފުރިހަމައަށް ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ކުރިން އޭނާ އިސްވެ ބެހެއްޓި ޖިމް ސެޓު ނަގައި އެއްލާލާފައި، އަލުން ޖިމް ސެޓެއް މިހާރު ބަހައްޓަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

ބަލަ މި ޖިމް ސެޓު ވެސް މިހާރު އެ ބަހައްޓަނީ އަދި އައު ޓާފެއް ވެސް އެ އަޅަނީ އަޅުގަނޑު މި އިންތިހާބަށް ނުކުންނާތީއޭ. އެހެންވީމާ ހަމަ އެއީ ވެސް އަޅުގަނޑު ކުރުވާ ކަންތައް ނޫންތޯ؟

ސޯބެ ވިދާޅުވީ، އޭނާ ބޮޑުތަނުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށެވެ. ވާދަވެރި ކެންޑިޑޭޓުގެ މޫނަށް އަދި އަމަލަށް ބެލުމުން ވެސް އިންތިހާބު ކާމިޔާބުވެއްޖެކަން ކަށަވަރުކަމަށް އޭނާ ވިދާޅުވިއެވެ. ސޯބެ ވިދާޅުވި ގޮތުގައި އެ ދާއިރާގެ ޕީއެންސީގެ މެމްބަރުންގެ ގިނަ ބަޔަކު ވެސް ތިބީ އޭނާއަށް ވޯޓުދޭ ގޮތަށް ކަމަށެވެ.

އެވަރަށް މަސައްކަތް ވެސް ކުރެއްވިއްޖެ ކަމަށް ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުރިހާ ގެއެެއްގައި ޓަކި ޖަހައި، ހުރިހާ ކެފޭއަކަށް ވެދެ އަދި ވާދަވެރިންގެ ކެމްޕެއިން އޮފީސް ކައިރިއަށް ގޮސް ސަލާންކޮށް ވާހަކަ ދެއްކި ކަމަށާއި އިންތިހާބުގެ ނަތީޖާ ކަށަވަރުވެއްޖެ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. ޕާޓީގެ ޕްރައިމެރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށް ބުނެ ސިނާން ޓިކެޓު ދޫކޮށްލެއްވީ އެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ޕީއެންސީގެ ހުސް ދޫންޏަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް: އަބްދު ﷲ ޝާހިދު

ވެރިކަން ކުރާ ޕީއެންސީއަށް އައްޑޫ ސިޓިގެ ރައްޔިތުން ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކެމެޕެއިނަށް ޕާޓީގެ ލީޑާޝިޕާއި އެކު ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދޭންވީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ފެންނަން އޮތީ މާޔޫސްކަން ކަމަށެވެ.

ޝާހިދު އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫގައި ފެއްޓެވި ހަންކެޑެ ބްރިޖާއި، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއަށް މި ސަރުކާރުން ގެނައި ބަދަލުތަކަށެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެ ޕްރޮޖެކްޓުގެ ތެރެއަށް މި ސަރުކާރުން ވަދެ ހަވާ އަރުވައި އިފްތިތާހު ކުރުމަކީ ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ޝާހިދު ވިދާޅުވީ، މި މަޝްރޫއުގެ އެގްރިމެންޓްތައް ނިމިފައި ވަނިކޮށް، މި ސަރުކާރުން އެކަންކަން ހުއްޓުވައި ރައްޔިތުންނަށް މަންފާ ނުލިބޭ ގޮތަށް ކަންކަން ބަދަލުކޮށްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ޕްރޮޖެކްޓު ހަލާލު ޓޫރިޒަމްގެ ގޮތުގައި ކުރިޔަށް ގެންދަންކަމަށް ބުނެ ބަދަލު ގެނެސްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށެވެ. އެގޮތުން މާލޭގެ ހޮޓަލަކުން ތިން ފަތުރުވެރިއަކު ގެނެސް ތަނެއް ހުޅުވި ނަމަވެސް، މިއަދު އެތަނުގައި ޖިންނި ޝައިތާނުން ފިޔަވައި އެހެން ބަޔަކު ނެތް ކަމަށާއި، މިއީ ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ތިން މަސް ތެރޭގައި ބަންކަރިން ފަށައި އަހަރަކު 400 މިލިއަން ރުފިޔާ ލިބޭނެކަމަށް ބުނެ ވެސް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލީ ކަމަށެވެ. އެއަށް ފަހު އަމިއްލަ ކުންފުންޏަކުން ބައުޒަރެއް ގެނެސް ބޯޓަކަށް ތެޔޮ އެޅިކަމަށް ހަދައި، އެމްޕީއެލް މެދުވެރިކޮށް ބިލްތައް ހެދި ނަމަވެސް ސަރުކާރުން ބުނި 400 މިލިއަން ވީތަނެއް އެނގޭ މީހަކު ނެތްކަމަށް ވިދާޅުވި އެވެ.

މިއީތޯ ޕީއެންސީއަށް ވޯޓު ދޭންޖެހޭ ސަބަބަކީ؟ އައްޑޫ ސިޓީގެ ރައްޔިތުން މި ސަރުކާރަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ.. ސިފަ ނޭނގޭ ދޫންޏަކަށް، ބުޅަލަކަށް، ރުކަކަށް ނުވަތަ ދެން އެނޫންވެސް ހިތުހުރި އެއްޗަކަށް އޭގެ ޙަޤީޤީ ސިފަވެސް ނޭނގޭ އެއްޗަކަށް ވޯޓް ދޭނީތޯ. ނޫން، އޮޅުވައިނުލައްވާ..

ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީ ކުރުވުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ކުރި މަސައްކަތަކީ އެ ޒިންމާ އަދާކުރުން ކަމަށެވެ. ނަމަވެސް މިހާރު ޕީއެންސީގެ މެންބަރުންގެ މިނިވަންކަމެއްނެތް ކަމަށާއި، އެބޭފުޅުންގެ ”ރިމޯޓް“ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތުގައިކަމަށް ޝާހިދު ވިދާޅުވި އެވެ.

ޕީއެންސީގެ މެމްބަރުންކީ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނުމުގެ އެއްވެސް ގާބިލުކަމެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ ޕާލިމަންޓްރީ ގުރޫޕަށް އޮތީ ސަރުކާރުން ފޮނުވާހާ ބިލުތައް އިތުރު ސުވާލެއް ކުރުމެއް ނެތި ފާސްކުރުން ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތި އަމަލުކުރަމުންދާ ކަމަށާއި، އައްޑޫގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއް ހުއްޓިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ކޮށްދީފައިވާ މަސައްކަތްތަކާއި، ޕީއެންސީގެ ފަރާތުން ފެންނަ ތަފާތު ރައްޔިތުންނަށް ސާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިއުން އަމާޒު ކުރައްވައި ޝަހިދު ވިދާޅުވީ، ޕީއެންސީ ބުނާ ސިފަ ނޭނގޭ ދޫންޏަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ހާއްސަކޮށް އައްޑޫ ރައްޔިތުންގެ ތާއީދެއް މި ސަރުކާރަށް އެއްވެސް މިންވަރަކަށް ނެތްކަން ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ވެސް އެނގިގެން ގޮސްފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ޒަކާތު ސްކޮލާޝިޕް:އިތުރުން ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު

މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މަތީ ތައުލީމަށް ހުޅުވާލާފައިވާ ސްކޮލާޝިޕް ޕްރޮގްރާމުގެ ދާއިރާތައް ފުޅާކޮށް، ކަނޑައެޅިފައިވާ ދާއިރާތަކުގެ ބޭރުންވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެެވެ.

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލި މި ފުރުސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ދޭ ރަނުގެ ފުރުސަތެކެވެ.

ޒަކާތު ހައުސްއިން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • އިސްލާމީ ޝަރީޢާ އާއި ފިޤުހު
  • އިސްލާމީ ތަރުބިއްޔަތު އަދި ދިރާސާތައް
  • އިސްލާމީ ނޫސްވެރިކަން
  • އަޤީދާ އާއި އުސޫލުލް ފިޤުހު
  • އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް

ލިސްޓުގައި ނުހިމެނޭ ދާއިރާއަކުން ކިޔަވަން ބޭނުންވާ ފަރާތްތަކަށްވެސް މިހާރު ވަނީ އެ ފުރުސަތު ފަހިކޮށްދީފައެވެ. އެގޮތުން، އެ މީހަކު އިހްތިޔާރުކުރާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމައުގެ ތަރައްގީއަށާއި ލާބައަށް މަންފާކުރާނެ ކަމެއްކަން ޕްރޮޕޯސަލެއްގެ އެހީގައި ސާބިތުކޮށްދެވޭނަމަ، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމަށް ބޭނުންވާ ޕްރޮޕޯސަލް ޓެމްޕްލޭޓް މިހާރު ވަނީ ޒަކާތު ހައުސްގެ އިއުލާނާއެކު އާންމުކޮށްފައެވެ.

ޖުމްލަ 30 ފުރުސަތު ހިމެނޭ މި ސްކީމްގެ ދަށުން ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތު ލިބިގެންދާއިރު، ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުސަތު ލިބޭނެއެވެ. މީގެ ތެރެއިން 5 ފުރުސަތަކީ މިސްރު އަދި ސައުދީ އަރަބިއްޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ސްކޮލާޝިޕެވެ. އަނެއް 5 ފުރުސަތު ހާއްސަ ކޮށްފައިވަނީ އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށެވެ.

މި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ޖުލައިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ޒަކާތު ސްކޮލާޝިޕް 2026 – އިއުލާން: https://zakathouse.gov.mv/documents/17863

ޒަކާތު ސްކޮލާޝިޕް 2026 – އެޕްލިކޭޝަން ފޯމު: https://zakathouse.gov.mv/documents/17868

އޮސްޓްރޭލިއާއިން ހަދިޔާކުރި މަނަވަރު މި މަހު ރާއްޖެ ގެންނަނީ

އޮސްޓްރޭލިއާއިން ހަދިޔާކުރި ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ނުވަތަ މަނަވަރު އެމްއެންޑީއެފް ކްރޫއިންނާއެކު، މި މަހު ރާއްޖެ ގެނައުމަށް ނިންމައިފިއެވެ.

“އިމާދުއްދީން”ގެ ނަން ދީފައިވާ އެ މަނަވަރު ރާއްޖެއާ ރަސްމީކޮށް ހަވާލުކުރީ، މިދިޔަ އޭޕްރީލް މަހުގެ 19ގައެވެ. މިއީ އޮސްޓްރޭލިއާގައި ބަނދެގެން ގެންނަ މުޅިން އައު ބޯޓެކެވެ.
މި ބޯޓު ހަވާލުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވިކަން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

“ހަވާސާ” އަށް އެނގިފައިވާ ގޮތުގައި އެ ބޯޓު ރާއްޖެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ކްރޫއިންނާއެކު، އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން، ރާއްޖެއާ ހަމައަށް އާދެވޭނީ މި މަހު، 15 ނުވަތަ 17ގައި ކަމަށް ލަފާކުރެއެވެ.

މި އުޅަނދު ލިބުމާ ގުޅިގެން އެމްއެންޑީއެފުން އޭރު ބުނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރި ކުރުމަށާއި ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށެވެ.

އެ އުޅަނދު ރާއްޖެއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިއާއިން މި ބޯޓު ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން އިިއުލާނުކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި މިދިޔަ އަހަރުގެ ޖޫން މަހެވެ.

ތުރުކީއިން ވެސް މިދިޔަ އަހަރު ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާ ކޮށްފައެވެ. އެ އުޅަނދު ރާއްޖެ ގެނެސް، އޮޕަރޭޓު ކުރުމަށް، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުކޮށްފައިވެއެވެ.

އެ އުޅަނދުގެ ތަފުސީލަށް ބަލާއިރު، އެއީ ތުރުކީ ނޭވީއަށް 1981ވަނަ އަހަރުގެ މޭ މަހު ޚިދުމަތަށް ނެރުނު ބޯޓެކެވެ. މި ބޯޓަށް މިދިޔަ އަހަރު 43 އަހަރު ވުމާއެކު ވަނީ ޓެސްޓުތައް ހެދުމަށާއި، ޓްރެއިނިންތަކަށް ބޭނުންކުރާ އުޅަނދަކަށް ބަދަލުކޮށްފައެވެ.

ހައްޖުގެ އަޅުކަމަށް ފަހު، ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެދިއްޖެ

ހައްޖުގެ އަޅުކަމަށް ފަހު، އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އެދިއްޖެއެވެ.

މިއަހަރު ހައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ މާދަމާ އާއި އާދިއްތަ ދުވަހާއި ހޯމަ ދުވަހު އަދި އަންގާރަ ދުވަހުގެ ފްލައިޓްތަކުންނެވެ.

ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1،019 މީހުން ބައިވެރިވެއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ހައްޖު ނުވަތަ އުމްރާއިން އެނބުރި އައުމަށް ފަހު، ބަލިތަކުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފައެވެ. އެއީ:

  • އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
  • ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް ފަހު ރައްކާތެރިގޮތުގައި ނައްތާލުން
  • ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން
  • ދަތުރުމައްޗާއި ހައްޖު/އުމްރާ އަޅުކަމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން
  • ރޯގާޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ނުދިއުން
  • ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެ ކުދިން އުރާ ނުހެދުން
  • އަޅުކަމަށް ފަހު އެނބުރި ގައުމަށް އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުމާއި ކެއްސުމާއި ނޭވާލާން އުނދަގޫވުމާއި މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
  • ޑޮކްޓަރަށް ދައްކާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގައި މައުލޫމާތު ދިނުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތައް:

  • ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ހުންގަދަ ނަމަ ގައިގައި ފެން ހޭކުން
  • ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން

ފެނަކައިގެ އޮފީސްތަކުގެ ކުއްޔަށް އަހަރަކު 16 މިލިއަނެއްހާ ރުފިޔާ ޚަރަދުވޭ

ފެނަކައިގެ އޮފީސްތައް މާލެ ސަރަހައްދުގައި ހިންގުމަށް އަހަރަކު ގާތްގަނޑަކަށް 16 މިލިއަނެއްހާ ރުފިޔާ ޚަރަދުވާ ކަމަށާއި އެ ކަން ހައްލުވާނީ ހެޑު އޮފީހެއް އެޅިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން މިރޭ ވިދާޅުވެއްޖެއެވެ.

މީގެ އަހަރުތަކެއް ކުރިން އުފެދުނު ފެނަކަ މިހާތަނަށް ހިންގަމުން އަންނަނީ ކުލި ދައްކައިގެން އިމާރަތްތަކުގައެވެ.

އެ ކަމަށް އިޝާރަތްކުރައްވައި ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި އަފީފު ވިދާޅުވީ، ކުއްޔަށް ހިފާފައި ހުންނަ އިމާރާތްތަކަށް މަހަކު 1.2 މިލިއަނެއްހާ ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށެވެ.

އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، ގާތްގަނޑަކަށް 15 ނުވަތަ 16 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ޚަރަދު ހުއްޓުވުމަށް މާލޭގައި ހެޑު އޮފީހެއް ހުންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަފީފު ވިދާޅުވިއެވެ.

މި ގޮތުން، އެ ކަމަށް ހައްލެއް ގެނައުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރެވުނު މަސައްކަތުން ހުޅުމާލޭން ހެޑު އޮފީސް އަޅާނެ ބިމެއް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވީމަ އެ އޮފީސް ގާއިމުކުރުމުގެ މަސައްކަތް ފެށޭތޯ އަޅުގަނޑުމެން މި ދަނީ ބަލަމުން. އޮފީސް ގާއިމުކުރެވުނީމަ އަޅުގަނޑުމެނަށް އަމިއްލަ އިމާރާތެއް ހަމަޖެހިގެން ދިޔައީ. ހިލޭ ކުންފުނީގެ މުވައްޒަފުންނަށް އޮފީހުގައި މަސައްކަތް ކުރެވޭނެއެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން

އެ ކުންފުނީގެ އެކި ބޭނުންތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި، މިނިމަމް ސްޓޮކެއް ކޮންމެ ސަރަހައްދެއްގައި ބަހައްޓަން ޖެހޭކަން ފާހަގަކުރައްވައި، އޭނާ ވަނީ އެ އޮފީހުގެ ގްރައުންޑް ފްލޯ ޚާއްސަ ކުރާނީ އެ ކަމަށް ކަމަށް ވިދާޅުވެފައެވެ. އަދި، ކ. ތިލަފުށިގައި އެ ކުންފުނީގެ ތަކެތި ރައްކާކުރުމަށް ބިމެއް ހޯދައި، ވެއާހައުސެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވެއެވެ. އެގޮތުން، އިންތިޚާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ.

އިއްޔެ، 8،000 އެއްހާ މުވައްޒަފުން ތިބި ފެނަކައިން، ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ކެނޑުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ދައުލަތުގެ ކުންފުނިތަކަށް ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަމުން އަންނައިރު، ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ، ސަރުކާރު ކުންފުނިތަކުން 33 މުވައްޒަފުން މަދުކުރަން އަންގަން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފައެވެ.

އޭގެ ފަހުން ކުންފުނިތަކުން މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށް، ތިން މީހަކަށް ލިއުމުން އިންޒާރު ދީފި އެވެ.

ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ފްލެޓްތައް އުސޫލާ ހިލާފަށް ބޭނުންކުރާ ފަރާތްތަކާ މެދު އެފްޑީސީން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި ހައުސިން ޔުނިޓުތައް ގަވާއިދާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރާ މައްސަލަތަކެއް ފާހަގަކުރެވިގެން މިދިޔަ މެއި މަހު ވަނީ އެކަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ތިން މީހަކަށް ރަސްމީކޮށް ލިޔުމުން އިންޒާރުދީފަ އެވެ. އަދި މިފަދަ އިތުރު ދެ މައްސަލައެއްގެ ތަހުގީގު ވެސް މިހާރު ހިނގަމުންދާ ކަމަށް އެފްޑީސީން ބުންޏެވެ.

މީގެ ކުރިން މިދިޔަ ފެބްރުވަރީ މަހު ވެސް ފްލެޓެއްގެ ތެރޭގައި ‘ލޭބާ ކުއާޓަރެއް’ ހަދައިގެން ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއްގައި މީހަކު ވަނީ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެތަނުން ބިދޭސީން ނެރެފަ އެވެ. މީގެއިތުރުން ފަހި ޓަވަރުގެ މާހައުލު ހަޑިވާ ގޮތަށް ކުނި އެޅި މައްސަލައެއްގައި ވެސް ދެ މީހަކު ވަނީ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ހަގީގަތުގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ސޯޝަލް ފްލެޓްތައް ހޯދުމަށްފަހު، އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން ނާޖާއިޒު މާލީ މަންފާ ހޯދުމަކީ މުޖުތަމައުގައި ބޮޑުވެފައިވާ ބޮޑު މައްސަލައެކެވެ. ފަހި ފުލެޓުތަކުގެ ތަޅުދަނޑި ވެރި ފަރާތްތަކާ ހަވާލުކޮށް ނުނިމެނީސް ވެސް، ސޯޝަލް މީޑިއާގައި ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޭން އިޝްތިހާރު ކުރި މައްސަލަތަކެއް ފެންމަތިވެ، އާންމުންގެ ބޮޑު ފާޑުކިޔުމެއް ވަނީ އަމާޒުވެފަ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މީގެ ކުރިން ވިދާޅުވެފައި ވަނީ ސޯޝަލް ސްކީމްތަކުގެ މަގްސަދު ގެއްލޭ ގޮތަށް ފްލެޓްތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެކަން މަނާކުރައްވާނެ ކަމަށެވެ. ނަމަވެސް އަދި އަދަށް ވެސް އެކަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

މިފަދަ މައްސަލަތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ބިނާކުރި ހިޔާ ފްލެޓްތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ތަކުރާރުވަމުންދާ ކަމެކެވެ. ހިޔާ ސަރަހައްދުގައި ފްލެޓްތައް ކުއްޔަށް ދިނުމުގެ އިތުރުން، ސަރުކާރަށް ދައްކަންޖެހޭ މަހު ކުލި ނުދެއްކުމުގެ މައްސަލަ ވެސް އޮތީ އިންތިހާއަށެވެ. އާންމުން އެންމެ ބޮޑަށް ފާޑުކިޔަނީ ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ ބޭނުމަށްޓަކައި މިފަދަ ފްލެޓްތަކުގެ ކުލި ދަށްކޮށް ލުއިތައް ދެމުންދާއިރު، ފްލެޓްގެ ވެރިން އާންމު ނިކަމެތި ރައްޔިތުންނަށް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދެމުންނެވެ.

މެންބަރުން ހަމަނުވުމުން ‘ދަ ޑިމޮކްރެޓްސް’ އުވާލައިފި

މޯލްޑިވްސް ލޭބަރު އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ދަ ޑިމޮކްރެޓްސް އުވާލައި އެ ޕާޓީތައް ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީން ވިދާޅުވީ، އެ ދެ ޕާޓީ އުވާލާފައި ވަނީ ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3،000 މެންބަރުން ހަމަވެފައިނުވާތީ ކަމަށެވެ.

ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ސަޕޯޓް ކުރާ ބޭފުޅުން އިސްކޮށް ތިބެ އުފެއްދި ޕާޓީއެކެވެ. މި ޕާޓީ އުފެދިފައިވަނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ބޭފުޅުން ޕާޓީން ވަކިވުމަށް ފަހެވެ.

ޑިމޮކްރެޓްސްއަށް މިހާތަނަށް އިންތިޚާބުތަކުގައި މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން ޕާޓީގެ އިސް މެންބަރުންތަކެއް އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެމްއެންޔޫ ޖޮބް ފެސްޓިވަލް 2026 ކުޅުދުއްފުށީ ކެމްޕަހުގައި ރަސްމީކޮށް ހުޅުވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ “އެމްއެންޔޫ ޖޮބް ފެސްޓިވަލް 2026” ކުޅުދުއްފުށީ ކެމްޕަހުގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.

އެމްއެންޔޫއިން ބުނީ މި ފެސްޓިވަލަކީ ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާއި ޖަމިއްޔާތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުވުމަށް ބާއްވާ ހަރަކާތެއްކަމަށެވެ.

މި ފެސްޓިވަލް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ (ރޯޒޭ)އެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސްވެރިންނާއި، ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޔޫއިން ބުނިގޮތުގައި މި ފެސްޓިވަލަކީ މުސްތަގުބަލުގައި ކިޔަވާނެ ދާއިރާތައް އިޚްތިޔާރު ކުރުމަށާއި، ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މީގެ އިތުރުން، އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު މި ފެސްޓިވަލްގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ 2026 ޖޫން 3 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 22:00 އާ ހަމައަށެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރަމުންދާއިރު، އެމްއެންޔޫގެ ފަރާތުން ކުރިއަށް އޮތް ސެމެސްޓާތަކުގައި ހުޅުވާލެވޭ ކޯސްތަކާ ބެހޭ މައުލޫމާތުވެސް ލިބެން ހުންނާނެއެވެ. އެހެންކަމުން، ހުރިހާ ދަރިވަރުންނާއި ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފުމަކީ އެމްއެންޔޫގެ ވަރަށް ބޮޑު އެދުމެކެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އެއް ދަރަޖަ މަތިކޮށްފި

ނިމިދިޔަ ސަރުކާރުން ނަގާފައިވާ ސުކޫކު އަނބުރާ ދެއްކުމުން، ރާއްޖޭގެ ދަރަނީގެ ހާލަތަށް ލިބިފައިވާ ލުޔަށް ބަލައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައި އޮތް ރޭޓިން އެއް ދަރަޖަ މަތިކޮށްފިއެވެ.

ފިޗުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ ރާއްޖޭގެ ‘ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން’ ‘ސީސީ’ އިން ‘ސީސީސީ-‘ އަށް ބަދަލުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖޭގެ ރޭޓިން ‘ސީސީ’ ގައި ހުރި ނަމަވެސް، މި ބަދަލު ގެނައުމަށް ނިންމީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދެއްކުމާ ގުޅިގެންނެވެ. ފިޗުން ފާހަގަކުރި ގޮތުގައި، މި ދަރަނި ދައްކައި ނިންމުމުން ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، “މި ރޭޓިން އަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް” ކަމަށެވެ.

ރޭޓިން މަތިކުރި ނަމަވެސް، ރާއްޖެއަށް ކުރިމަތިވެފައިވާ ފިސްކަލް ގޮންޖެހުންތައް އަދިވެސް ބޮޑުކަން ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމް އާމްދަނީއަށް ހީނަރުކަން އައުމާއި، ރާއްޖޭގެ ގްރޮސް ރިޒާވްގައި އެންމެ މަހެއްގެ އިމްޕޯޓަށް ދައްކަންޖެހޭ ފައިސާވެސް ނެތް ކަމަށް އެ އެޖެންސީން ލަފާކުރެއެވެ.

މީގެ އިތުރުން، ކަރަންޓު އެކައުންޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން މިދިޔަ އަހަރު ހުރި 8.4 ޕަސެންޓުން މި އަހަރު 17.5 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބާޒާރުގައި ދިވެހި ރުފިޔާ އިތުރުވުމުގެ ސަބަބުން ޑޮލަރުގެ ތާށިކަން އިތުރަށް ގޯސްވެ، އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށްވެސް ފިޗުން ބުނެއެވެ.

ފިޗްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ފިސްކަލް ޑެފިސިޓް މި އަހަރުގެ ތެރޭގައި 14.6 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. މިއީ ސަރުކާރުން މި އަހަރަށް ކަނޑައެޅި 7.1 ޕަސެންޓުގެ އަމާޒަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުވި ނަމަވެސް، މާލީ އިސްލާހީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭކަން އެ އެޖެންސީން ވަނީ ހަނދާންކޮށްދީފައެވެ.

ރިޔާސީ އިންތިހާބުގައި އަޅުގަނޑު ވާދަ ނުކުރާނަން: ރައީސް ނަޝީދު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރަށްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަށްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ށ. ފޭދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުވެސް އަދާކުރައްވައިފި ކަމަށެވެ. އެހެންކަމުން، މިހާރުގެ ޒުވާން ޖީލަށް ފުރުސަތު ދެއްވައި، ޕާޓީގެ މުގުލުގައި ހުންނަވައިގެން އެ ބޭފުޅުންނަށް އެއްބާރުލުން ދެއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފައްޔާޒް އިސްމާއީލް ފަދަ ޒުވާން ލީޑަރުންނަށް ފުރުސަތު ދެއްވުމުގެ މުހިންމުކަން ފާހަގަކުރަށްވަމުން، ރައީސް ނަޝީދު ވަނީ ފައްޔާޒުގެ ކެންޑިޑަސީއަށް ތާއީދުކުރަށްވާކަން މީގެ ކުރިން ހާމަކުރަށްވާފައެވެ. ނަމަވެސް، ރައީސް ނަޝީދުގެ ސަޕޯޓަރުން އަދިވެސް ދަނީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބާރުއަޅަމުންނެވެ.

މީގެއިތުރުން، ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ރައީސް ނަޝީދާއި ފައްޔާޒު އިސްވެ ތިއްބަވައި ހުށަހެޅުއްވި “ބޮޑު ބަދަލު” ގެ ހުށަހެޅުމުގައި، ދައުލަތުގެ ވެރިޔާއާއި ސަރުކާރު ހިންގާ ފަރާތަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.

އެ ހުށަހެޅުމަށް ރައްޔިތުންގެ ތާއީދު ލިބިއްޖެނަމަ، ދައުލަތުގެ ވެރިޔާގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރައްވާފައިވެއެވެ.

އަންނަ އަހަރުގެ ތެރޭގައި ބާއްވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ފައްޔާޒުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޕާޓީގެ ރައީސް އަބްދުالله ޝާހިދު ވާދަކުރަށްވާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ތާރީހަށް ބަލާއިރު، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކި އިންތިހާބުތަކުގައި ވާދަކުރެއްވި ރައީސް ނަޝީދު ވަނީ 2005 އިން 2008 އަށް ޗެއާޕާސަންކަމާއި، 2014 އިން 2023 އަށް ޕާޓީގެ ރައީސްކަންވެސް ކުރަށްވާފައެވެ.

މިއަހަރުގެ ފުރަތަމަ ތިންމަހު ތެޔޮ އެތެރެކުރަން 3.7 ބިލިއަން ރުފިޔާ ހޭދަކޮށްފި

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް 240 މިލިއަން ޑޮލަރު (3.7 ބިލިއަން ރުފިޔާ) ދަޢުލަތުން ހޭދަކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 160 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ތެޔޮ އެތެރެކުރުމަށް ހޭދަކޮށްފައިވަނީ 161 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އެވެ. ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް ކުރި ހޭދަ މިހާ ބޮޑަށް އުފުލިގެންދިޔައީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ

ތެލުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑީސަލް އިމްޕޯޓު ކުރުމަށެވެ. އެގޮތުން ޑީސަލަށް 171 މިލިއަން ޑޮލަރު ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 47 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑީސަލަށް ހޭދަވީ 116 މިލިއަން ޑޮލަރެވެ.

ޕެޓްރޯލް އިމްޕޯޓަށް 48 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 22 މިލިއަން ޑޮލަރާ އަޅާބަލާއިރު 118 އިންސައްތައިގެ އިތުރުވުމެކެވެ. ޖެޓް ފިއުލް އެތެރެކުރުމަށް ހޭދަވީ 12 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށެވެ. މީގެ އިތުރުން ވިލާ އަދި ހޯކްސް ފަދަ އަމިއްލަ ކުންފުނިތަކުންވެސް ރާއްޖެއަށް ތެޔޮ އެތެރެކުރެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 25 ރުފިޔާ އާއި 30 ރުފިޔާއާއި ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.