ވެރިކަން ކުރާ ޕީއެންސީއަށް އައްޑޫ ސިޓިގެ ރައްޔިތުން ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ކެމެޕެއިނަށް ޕާޓީގެ ލީޑާޝިޕާއި އެކު ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ދޭންވީ ކީއްވެގެންތޯ ސުވާލުކޮށްލުމުން ފެންނަން އޮތީ މާޔޫސްކަން ކަމަށެވެ.
ޝާހިދު އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫގައި ފެއްޓެވި ހަންކެޑެ ބްރިޖާއި، އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއަށް މި ސަރުކާރުން ގެނައި ބަދަލުތަކަށެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެ ޕްރޮޖެކްޓުގެ ތެރެއަށް މި ސަރުކާރުން ވަދެ ހަވާ އަރުވައި އިފްތިތާހު ކުރުމަކީ ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ޝާހިދު ވިދާޅުވީ، މި މަޝްރޫއުގެ އެގްރިމެންޓްތައް ނިމިފައި ވަނިކޮށް، މި ސަރުކާރުން އެކަންކަން ހުއްޓުވައި ރައްޔިތުންނަށް މަންފާ ނުލިބޭ ގޮތަށް ކަންކަން ބަދަލުކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ޕްރޮޖެކްޓު ހަލާލު ޓޫރިޒަމްގެ ގޮތުގައި ކުރިޔަށް ގެންދަންކަމަށް ބުނެ ބަދަލު ގެނެސްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށެވެ. އެގޮތުން މާލޭގެ ހޮޓަލަކުން ތިން ފަތުރުވެރިއަކު ގެނެސް ތަނެއް ހުޅުވި ނަމަވެސް، މިއަދު އެތަނުގައި ޖިންނި ޝައިތާނުން ފިޔަވައި އެހެން ބަޔަކު ނެތް ކަމަށާއި، މިއީ ރައްޔިތުންނަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއްކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ތިން މަސް ތެރޭގައި ބަންކަރިން ފަށައި އަހަރަކު 400 މިލިއަން ރުފިޔާ ލިބޭނެކަމަށް ބުނެ ވެސް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލީ ކަމަށެވެ. އެއަށް ފަހު އަމިއްލަ ކުންފުންޏަކުން ބައުޒަރެއް ގެނެސް ބޯޓަކަށް ތެޔޮ އެޅިކަމަށް ހަދައި، އެމްޕީއެލް މެދުވެރިކޮށް ބިލްތައް ހެދި ނަމަވެސް ސަރުކާރުން ބުނި 400 މިލިއަން ވީތަނެއް އެނގޭ މީހަކު ނެތްކަމަށް ވިދާޅުވި އެވެ.
މިއީތޯ ޕީއެންސީއަށް ވޯޓު ދޭންޖެހޭ ސަބަބަކީ؟ އައްޑޫ ސިޓީގެ ރައްޔިތުން މި ސަރުކާރަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ.. ސިފަ ނޭނގޭ ދޫންޏަކަށް، ބުޅަލަކަށް، ރުކަކަށް ނުވަތަ ދެން އެނޫންވެސް ހިތުހުރި އެއްޗަކަށް އޭގެ ޙަޤީޤީ ސިފަވެސް ނޭނގޭ އެއްޗަކަށް ވޯޓް ދޭނީތޯ. ނޫން، އޮޅުވައިނުލައްވާ..
ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީ ކުރުވުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ކުރި މަސައްކަތަކީ އެ ޒިންމާ އަދާކުރުން ކަމަށެވެ. ނަމަވެސް މިހާރު ޕީއެންސީގެ މެންބަރުންގެ މިނިވަންކަމެއްނެތް ކަމަށާއި، އެބޭފުޅުންގެ ”ރިމޯޓް“ އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތުގައިކަމަށް ޝާހިދު ވިދާޅުވި އެވެ.
ޕީއެންސީގެ މެމްބަރުންކީ ރައްޔިތުންގެ ހައްގުގައި ބަހެއް ބުނުމުގެ އެއްވެސް ގާބިލުކަމެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ ޕާލިމަންޓްރީ ގުރޫޕަށް އޮތީ ސަރުކާރުން ފޮނުވާހާ ބިލުތައް އިތުރު ސުވާލެއް ކުރުމެއް ނެތި ފާސްކުރުން ކަމަށެވެ.
ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތި އަމަލުކުރަމުންދާ ކަމަށާއި، އައްޑޫގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތަކެއް ހުއްޓިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެކަން އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީން ކޮށްދީފައިވާ މަސައްކަތްތަކާއި، ޕީއެންސީގެ ފަރާތުން ފެންނަ ތަފާތު ރައްޔިތުންނަށް ސާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުކިއުން އަމާޒު ކުރައްވައި ޝަހިދު ވިދާޅުވީ، ޕީއެންސީ ބުނާ ސިފަ ނޭނގޭ ދޫންޏަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ހާއްސަކޮށް އައްޑޫ ރައްޔިތުންގެ ތާއީދެއް މި ސަރުކާރަށް އެއްވެސް މިންވަރަކަށް ނެތްކަން ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ވެސް އެނގިގެން ގޮސްފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު