މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން މަތީ ތައުލީމަށް ހުޅުވާލާފައިވާ ސްކޮލާޝިޕް ޕްރޮގްރާމުގެ ދާއިރާތައް ފުޅާކޮށް، ކަނޑައެޅިފައިވާ ދާއިރާތަކުގެ ބޭރުންވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެެވެ.
މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލި މި ފުރުސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10) އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ދޭ ރަނުގެ ފުރުސަތެކެވެ.
ޒަކާތު ހައުސްއިން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- އިސްލާމީ ޝަރީޢާ އާއި ފިޤުހު
- އިސްލާމީ ތަރުބިއްޔަތު އަދި ދިރާސާތައް
- އިސްލާމީ ނޫސްވެރިކަން
- އަޤީދާ އާއި އުސޫލުލް ފިޤުހު
- އިސްލާމީ ލީޑާޝިޕް އެންޑް މެނޭޖްމަންޓް
ލިސްޓުގައި ނުހިމެނޭ ދާއިރާއަކުން ކިޔަވަން ބޭނުންވާ ފަރާތްތަކަށްވެސް މިހާރު ވަނީ އެ ފުރުސަތު ފަހިކޮށްދީފައެވެ. އެގޮތުން، އެ މީހަކު އިހްތިޔާރުކުރާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމައުގެ ތަރައްގީއަށާއި ލާބައަށް މަންފާކުރާނެ ކަމެއްކަން ޕްރޮޕޯސަލެއްގެ އެހީގައި ސާބިތުކޮށްދެވޭނަމަ، އެ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމަށް ބޭނުންވާ ޕްރޮޕޯސަލް ޓެމްޕްލޭޓް މިހާރު ވަނީ ޒަކާތު ހައުސްގެ އިއުލާނާއެކު އާންމުކޮށްފައެވެ.
ޖުމްލަ 30 ފުރުސަތު ހިމެނޭ މި ސްކީމްގެ ދަށުން ރާއްޖޭގައި ކިޔެވުމަށް 10 ފުރުސަތު ލިބިގެންދާއިރު، ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުސަތު ލިބޭނެއެވެ. މީގެ ތެރެއިން 5 ފުރުސަތަކީ މިސްރު އަދި ސައުދީ އަރަބިއްޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ސްކޮލާޝިޕެވެ. އަނެއް 5 ފުރުސަތު ހާއްސަ ކޮށްފައިވަނީ އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށެވެ.
މި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ޖުލައިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ޒަކާތު ސްކޮލާޝިޕް 2026 – އިއުލާން: https://zakathouse.gov.mv/documents/17863
ޒަކާތު ސްކޮލާޝިޕް 2026 – އެޕްލިކޭޝަން ފޯމު: https://zakathouse.gov.mv/documents/17868


ކިޔުންތެރިންގެ ހިޔާލު